2 އޮފް އަސް ބޭންޑު.

މިއުޒިކް

2 އޮފް އަސް ރޫޅިއްޖެ: މިހާރު އިވެނީ މަކަރާއި ހީލަތާއި 1 މޭން ޝޯއެއްގެ އަޑު

ބޭންޑުން ވަކިވީ ޝަހީދު، ނަސޫހު އަދި ޖަޝީމްގެ އިތުރުން އެ ބޭންޑުގެ މެނޭޖަރެއްގެ ގޮތުގައި ފެނުނު ހިސާމް. އެ މީހުންގެ ކަންބޮޑުވުންތަކުގެ ތެރޭގައި ފައިސާއަށް ވާނުވާ ނޭނގުން، ބަރާބަރަށް ފައިސާ ނުދިނުން، އިހުތިރާމް ނުކުރުން އަދި އަމިއްލަ، އާ އުފެއްދުންތައް ނުއުފެއްދުން ހިމެނޭ

މަކަރާއި ހީލަތާއި ލިބޭ ފައިސާއަށް ވާނުވާ ނޭނގޭ ކަމަށް ތުހުމަތުކޮށް، '2 އޮފް އަސް' ބޭންޑުގެ ގިނަ އަދަދެއްގެ މެމްބަރުން އެ ބޭންޑާ ވަކިވެއްޖެ އެވެ.

ވީ ކިހިނެއް؟ - 2 އޮފް އަސްއިން އިއްޔެ ވަކިވި މެމްބަރުން އެކަން އިއުލާންކުރީ ސޯޝަލް މީޑިއާއަށް ދޫކޮށްލި ބަޔާންތަކެއްގަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • އަހްމަދު ޝަހީދު (ޝަހީދު ލެގަސީ)

  • އަހްމަދު ޖަޝީމް

  • މުހައްމަދު ހިސާމް

ޝަހީދު ބަޔާން ނެރުނީ ވަކިންނެވެ. އަދި ޖަޝީމް އާއި މުހައްމަދު ހިސާމް ބަޔާން ނެރުނީ މިދިޔަ އޮކްޓޫބަރުގެ ތެރޭގައި އެ ބޭންޑުން ވަކިވިކަން އިއުލާންކުރި މުހައްމަދު ނަސޫހުއާ ވެސް ގުޅިގެންނެވެ.

ޝަހީދުގެ ބަސް:

ޝަހީދު ބުނީ އުނދަގޫ ނިންމުމަކަށް ފަހު 2 އޮފް އަސްއިން ވަކިވާން އޭނާ ނިންމީ ސަޕޯޓަރުންނަށް އެނގެން ޖެހޭ އަދި މުޅި މިއުޒިކް ކޮމިއުނިޓީއަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރާ މައްސަލަތަކެއް ހުރުމުން ކަމަށެވެ.

އެ ބޭންޑާ އެކު ފެށި އުންމީދީ ދަތުރު ނޭދެވޭ ކަންކަމުގައި ތާށިވެ، އެ މައްސަލަތައް އަޅާނުލައި ދޫކޮށްލައިގެން ހުރެވޭ ވަރަށްވުރެ މައްސަލަތައް ބޮޑުވެ، ބޭންޑުން ވަކިވީ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ޝަހީދު ފާހަގަކުރި މައިގަނޑު މައްސަލަތަކަކީ:

  • އާޓިސްޓިކް އަދި ޕްރޮފެޝަނަލް ކުރިއެރުމެއް ނެތުން

  • އެކަކު އަނެކަކަށް ދޭންޖެހޭ އިހުތިރާމް ނެތުން

  • އޭނާގެ އަމިއްލަ ސްޓައިލާއި ކްރިއޭޓިވް އައިޑެންޓިޓީއާ ބޭންޑުގެ މިއުޒިކީ މިސްރާބު ދިމާނުވުން

  • އެއްވެސް އާ ލަވައެއް އުފެއްދިފައި ނެތުން

  • ބޭންޑުގެ އޮނިގަނޑު 1 މޭން ޝޯއެއްގެ ގޮތުގައި އޮތުން

"އެންމެ ބޮޑަށް މާޔޫސްވީ މިއުޒިކީ ދާއިރާގައި އަހަރެންގެ 25 އަހަރުގެ ތަޖުރިބާ ބަލައިނުގަތުމާއި އިހުތިރާމް ވެސް ނުކުރުން. އެއީ އަހަރެން ހެޔޮހިތުން އަދި ޕްރޮފެޝަނަލީ މި ޕްރޮޖެކްޓަށް ގެނެސްދިން އެއްޗެއް،" އެ ބަޔާނުގައި ޝަހީދު ބުނެފައިވެ އެވެ.

ނަމަވެސް 2 އޮފް އަސްއާ އެކު ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލްގައި ބައިވެރިވުމުގެ ފުރުސަތު ލިބުމާއި އެ މުބާރާތުން ލިބުނު ކާމިޔާބީއާ މެދު ފަހުރުވެރިވާ ކަމަށް ޝަހީދު ބުންޏެވެ.

ޖަޝީމް، ހިސާމް އަދި ނަސޫހުގެ ބަސް:

މި ބަޔާނުގައި ވެސް މައިގަނޑު ގޮތެއްގައި ހިމެނެނީ ޝަހީދު ފާހަގަކުރި ފަދަ މައްސަލަތަކެވެ. ބޭންޑެއްގެ ރޫހާ ހިލާފަށް އެކަކު ހިންގާ އޮޕަރޭޝަނެއްގެ ގޮތުގައި އޮނިގަނޑު އޮތުމާއި އިހުތިރާމް ކުރުން ނެތުމާއި އަމިއްލަ އުފެއްދުންތަކެއް ނެތް މައްސަލަ އެވެ.

އޭގެ އިތުރުން ފައިސާގެ މުއާމަލާތްތަކުގެ ވާނުވާ ނޭނގުމާއި ބޭންޑުގެ މެމްބަރުންނަށް ބަރާބަރަށް ފައިސާ ނުދޭ ވާހަކަ ވެސް އެ ތިން މީހުންގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލްގައި ފެނުނު 2 އޮފް އަސްގެ ލައިންއަޕްގައި ހިމެނޭ ފަސް މެމްބަރުންގެ ތެރެއިން ތިން މެމްބަރުން ވަކިވެގެންދިޔައިރު މިހާރު ބާކީ ތިބީ އަހްމަދު އަދުހަމް އާއި އަބްދުﷲ ޝަމްރޫހު އެކަންޏެވެ.

އޭގެ ތެރެއިން އަދުހަމް ފައިސާއަށް ހިޔާނާތްތެރިވާ ކަމާއި ކުރާ މަސައްކަތުގެ އަގު ނުދޭކަމަށް ތުހުމަތުކުރާ މައްސަލަތަކެއް މީގެ ކުރިން ވެސް ސޯޝަލް މީޑިއާގައި ވަނީ ފެންމަތިވެފަ އެވެ.

ކޮމެންޓް (1)

ވަން އޮފްއަސް

18 ޖެނުއަރީ 2026
ބައްޔެއްނު، އަދިކިރިޔާނު 2 އޮފް އަސް އަށްތިޔަވީ، ދިހަ ބާރަމީހުންނަކަށް 2 އޮފް އަސް،އެއް ނުކިޔޭނެ، 2 އޮފް އޭޝް ކިޔަންވީނު ދެން. އަމިއްލަ ލަވަޔެއް ނުހެދުނޯ އަމިއްލަޔަށް ހެދީމަނު ހެދޭނީ. ހުރިހާ ހާސަރެއްގެ ބޭނުމެއްނެތް، މައްސަލަ އަކީ ފައިސާ
15 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް