ވާހަކަ: ގަބުރުސްތާނު

ވާހަކަ

ވާހަކަ: ގަބުރުސްތާނު - ބައްތިރީސްވަނަ ބައި

'އަހަރެން ބޭނުންވަނީ ދަރިފުޅު. ދެން ބޭނުންވަނީ ކަލޭ އަހަރެންގެ ހަޔާތުން މުޅި އުމުރަށް ގެއްލިގެން ދާން. އެކަން ކަލެއަށް ވާނެތަ؟' ޔަޒްދާ ސުވާލު ކުރި އެވެ.
14 އޭޕްރީލު 2025

އެޕިސޯޑް 32

"އަހަރެންނަކީ ޝައިތާނެއްކަން ދައްކާލަންވީތަ؟"

"އަހަރެން ނޫޅެން ކަލޭގެ ތި ވާހަކަތައް އަޑުއަހާކަށް. މަގޭ ދަރި ގެންނާށޭ،" ޔަޒްދާ ބުންޏެވެ.

"ބުނެބަލަ ޔަޒްދާ ދޫކޮށްލާފައި ދާށޭ،" މުދިންބެ އެދުނެވެ.

"އަހަރެން ޔަޒްދާ ދޫކޮށްފައި ދާނީ ޝަރުތެއްގެ މަތިން،" އަހުމަރު ބުންޏެވެ.

"ކަލޭގެ އެއްވެސް ޝަރުތަކަށް އަހަރެން އެއްބަހެއް ނުވާނަން،" ޔަޒްދާ ބުންޏެވެ.

"ކީއްވެތަ އަހަރެން ދެކެ ތިހާ ރުޅިއެއް ތި އަންނަނީ؟ އަހަރެން ޔަޒްދާ ދެކެ ހާދަ ލޯބިވެއޭ. އަހަރެންނަށް ގެއްލުން ނުދީބަލަ. ތިހެން ހިތުހުރި އެއްޗެއް ނުގޮވާބަލަ،" އަހުމަރު ބުންޏެވެ.

"ބަލަ ކަލޭ ކީއްވެގެންތަ އިންސާނަކަށް ގެއްލުންދިނީ؟ ކީއްވެތަ އަހަރެންގެ މުޅި ދިރިއުޅުން ހަލާކުކޮށްލީ؟ ކަލޭމެންގެ ދަރިފަސްކޮޅުގައި ވެސް މީހުން ތިބޭނެ. އެ މީހުން ގާތަށް ދޭބަލަ،" ރުޅިއައިސްފައި ޔަޒްދާ ބުންޏެވެ.

"ޔަޒްދާ. އަހަރެން މިހާ ލޯބިން ވާހަކަ ދައްކާ އިރު ވެސް ކީއްވެތަ ތިހެން ތި ކަންތައް ކުރަނީ؟ އަހަރެން ވަރަށް ކެތްކޮށްފިން. އެކަމަކު އަދިވެސް ކެތްތެރިވާނަން. ތިޔަ ލޯބީގެ ހައްގުގައި،" އާދޭހާއެކު އަހުމަރު ބުންޏެވެ.

"ޔަޒްދާ! ކީކޭތަ އޭނަ ކިޔަނީ؟" މުދިންބެ އަހާލި އެވެ. އަހުމަރު ފެންނަނީ ޔަޒްދާއަށް އެކަންޏެވެ. އެކަމަކު ޔަޒްދާ ކިޔާ ހުރިހާ އެއްޗެއް މުދިންބެ އާއި ހަމީދާއަށް އަޑުއިވެމުން ދިޔަ އެވެ.

"އޭނަ އެ ހުންނަނީ މޮޔަ ވެފައި،" ޔަޒްދާގެ ރުޅި މަޑެއް ނުވެ އެވެ.

"އަހަރެން ދެކެ ޔަޒްދާ ކިތަންމެ ރުޅިއަޔަސް، ކިތަންމެ ފޫހިވިޔަސް އަހަރެން ވާނީ ލޯބި. އަދި މި ލޯތްބަށް ބަދަލެއް ނާންނާނެ،" އަހުމަރު ބުންޏެވެ.

"އަހަރެން ބޭނުމެއް ނޫން ކަލޭ ދައްކާ އެއްވެސް ވާހަކައެއް އަޑުއަހާކަށް. މިތަނުން ދާން އުޅޭ،" ޔަޒްދާ ބުންޏެވެ. "އެކަމަކު އަހަރެންގެ ދަރިފުޅު ގެނެސްދޭން ޖެހޭނެ."

"ބުނެފީމެއްނު ތިޔަ ކަމެއް ނުވާނޭ. އެއީ އަހަރެންގެ ނަސްލުގެ ކުއްޖެއް. އޭނާ ހެދިބޮޑުވާނީ ވެސް އެހެން. އޭނަގެ އުޅުން ހުންނާނީ ވެސް ހަމަ އެހެން. ޔަޒްދާއަކަށް އޭނައެއް ނުބެލޭނެ. ވަކި އުމުރަކަށް ދިޔައިމަ އޭނަ އުޅޭނެ އަހަރެން ހޯދަން. އޭނަގެ އަސްލު އާއިލާ ގާތަށް އޭނަ ދާން ބޭނުންވާނެ. އެ ދުވަހަކުން އޭނަ ދާއިރު ޔަޒްދާ މާ ބޮޑަށް ދެރަވާނެ. އަހަރެން ބޭނުމެއް ނޫން އެ ދުވަސް ދެކޭކަށް. އަހަރެންނަށް ވެސް އެނގޭ މަޔަކާއި ދަރިއަކާ ވަކި ކުރުމަކީ ވަރަށް ނުބައި ކަމެއްކަން. އެކަމަކު މިއަދު އެ ނޫން ގޮތެއް ނެތް. އަހަރެންނަށް މަޖުބޫރުވީ. ޔަޒޫ ހާސް ނުވެބަލަ. ޔަޒޫ ބޭނުން އިރަކު ދަރިފުޅު ދެކެލަން އަހަރެން ގެނެސްދޭނަން. އެކަމަކު އަހަރެންނަށް އެއްވެސް ގެއްލުމެއް ދޭން މަސައްކަތް ކޮށްގެން ނުވާނެ. އޭރުން އަހަރެން ޖެހޭނީ ހަނގުރާމައަށް ނުކުންނަން. އެހެން ވެއްޖެ ނަމަ ޔަޒްދާ ވެސް ފަހުން ދެރަވާނެ،" އަހުމަރު ދެއްކި ވާހަކަ ޔަޒްދާއަށް ކޮންމެވެސް ވަރަކަށް ގަބޫލު ކުރެވުނެވެ. ނަމަވެސް މުދިންބެ އާއި ހަމީދާއަށް އެއިން އެއްވެސް ވާހަކައެއް ކިޔައެއް ނުދެ އެވެ. އެ މީހުންނަށް އެކަންކަން ގަބޫލު ކުރަން އުނދަގޫ ވެދާނެތީ އެވެ.

"އަހަރެން ހައްޔަރުކޮށް، އަހަރެންނަށް އަނިޔާކޮށް، ގެއްލުންދީ ހަދަން ނުވިސްނާތި. އޭރުން މާ ގޯސްވެދާނެ. އަހަރެންނަށް ޖެހޭނީ ދެވަނަ ދަރިފުޅު ވެސް އަހަރެންނާ އެކު ގެންދަން. ޔަޒްދާ ބޭނުންވަނީ އެ ގޮތްތަ؟" އަހުމަރު ބުންޏެވެ.

"ކަލޭ އަހަރެންނަށް ބިރުދައްކަނީތަ؟ ތިހެން އެއްޗެއް ބުންޏަސް އަހަރެންނެއް ބިރެއް ނުގަނޭ. އަދި ތި ދައްކާ ވާހަކަތައް އަހަރެން ގަބޫލެއް ވެސް ނުކުރަން. ކޮންމެ ގޮތެއް ވިޔަސް އަހަރެންގެ މި ދަރިފުޅު ގައިގައި ކަލޭގެ އިނގިލި ކުރި ޖެއްސިޔަ ވެސް ނުދޭނަން،" ޔަޒްދާ ހިތްހަމަނުޖެހިފައި ބުންޏެވެ.

"ޔަޒްދާ ތިހެން ބުނާ އިރު ވެސް އެނގޭނެ ދަރިފުޅު ގެންދިޔުމަކީ އަހަރެންނަށް މާ އުނދަގޫ ކަމެއް ނޫންކަން. އެހެންވީމަ ތި ކަހަލަ އެއްޗެހި ނުކިޔާ. އަހަރެން ބޭނުންވަނީ ޔަޒްދާގެ ވެސް ރުހުމުގައި ކަންކަން ކުރަން. އެކަމަކު އަހަރެން ބުނާ އެއްވެސް ގޮތެއް ޔަޒްދާއަކަށް ކަމަކުނުދޭ. އެ ކީއްވެތަ؟" އަހުމަރު ބުންޏެވެ.

"ހަގީގަތް އެނގޭ އިރު ވެސް ކީއްވެތަ އެއްވެސް ކަމެއް ނޭނގޭ ކަމަށް ތި ހަދަނީ؟" ޔަޒްދާ ސުވާލު ކުރި އެވެ. އަހުމަރު އެއްވެސް އެއްޗެއް ނުބުންޏެވެ.

"ކީކޭތަ އޭނަ އެ ކިޔަނީ؟" މުދިންބެ ސުވާލު ކުރި އެވެ. އަހުމަރު ކީ އެއްޗެހި ޔަޒްދާ ކިޔައިދިނެވެ.

"ބުނޭ އޭނާ ބޭނުންހާ ގޮތަކަށް ކަންކަމެއް ނުވާނޭ،" މުދިންބެ ބުންޏެވެ.

"އޭނަ އެ ކިޔާހާ އެއްޗެއް އަހަރެން ގާތު ކިޔާނެ ކަމެއް ނެތް. އަހަރެން ކަންތައް ކުރަން ބޭނުން ވަނީ ޔަޒްދާ ބޭނުންވާ ގޮތަށް. އެންމެ ރަނގަޅެއްނު؟" އަހުމަރު ބުންޏެވެ.

"އަހަރެން ބޭނުންވަނީ ދަރިފުޅު. ދެން ބޭނުންވަނީ ކަލޭ އަހަރެންގެ ހަޔާތުން މުޅި އުމުރަށް ގެއްލިގެން ދާން. އެކަން ކަލެއަށް ވާނެތަ؟" ޔަޒްދާ ސުވާލު ކުރިއެވެ.

"އާނ. އަހަރެން ހިނގައިދާނަން. އެކަމަކު ދަރިފުޅެއް ދެން ނުދެވޭނެ. ޔަޒްދާއަށް ވެސް އެބަ އޮތް ދަރިއެއް. ހަމަހަމަވާން ޖެހޭނެ،" އަހުމަރު ބުންޏެވެ.

ޔަޒްދާ ވިސްނާލި އެވެ. ޝިފާއަކީ ޔަޒްދާ ވެސް ކުޑަކޮށް ޖެހިލުންވާ ސިފަތަކެއް ހުންނަ ކުއްޖެކެވެ. އެކަމަކު ދަރިއަކު ވާނީ ދަރިއަކަށެވެ. ޔަޒްދާއަކީ މަންމަ އެވެ. ހިތަށް ތަދުވާނެ އެވެ. ދަރިފުޅު ބޭނުން ވެސް ވާނެ އެވެ. ދަރިފުޅަށް މަންމަގެ ލޯބި މުހިންމު ވާނެ އެވެ. ނަމަވެސް އެ ގޮތް ޔަޒްދާ ކިތަންމެ ބޭނުންވިޔަސް ތަގުދީރުގައި އެކަން ލިޔެވިފައި ނެތިއްޔާ އެކަމެއް ނުވާނެ އެވެ.

ކުއްލިއަކަށް މުދިންބެ ޖީބުން ކަރުދާސް ބޮނޑިއެއް ނެގި އެވެ. އަދި އޭތި ހުޅުވާލާފައި އަޅިކޮޅެއް ނަގާފައި އަހުމަރު ހުރި ދިމާލަށް އުކާލި އެވެ. ވަގުތުން އަހުމަރު ވެއްޓުނެވެ. އެ މަންޒަރު ޔަޒްދާއަށް ފެނުނެވެ. އަހުމަރަށް އިތުރު ކަމެއް ކުރެވޭނެ ފުރުސަތެއް މުދިންބެ ނުދިނެވެ. ކިޔަވާފައި ހުރި ފެން އެއްޗެއް އެ ދިމާލަށް އުކަމުން ދިޔަ އެވެ. އަހުމަރުގެ ހަށިގަނޑުން ލޮނދިތަކެއް ނުކުންނަމުން ދިޔަ އެވެ.

"މަށަށް ތިހެން ނުހަދާ. ޔަޒްދާ އޭނަ ހުއްޓުވާ،" ހޭރެމުން އަހުމަރު ކިޔަން ފެށި އެވެ. މުދިންބެ ވެސް ހަދައިގެން އައީ ސިހުރެކެވެ. އޭގެ ބާރު އަހުމަރަށް އިހުސާސް ކުރެވެމުން ދިޔަ އެވެ. ކުއްލިއަކަށް އަހުމަރުގެ އަނގައިން ފޮނުތަކެއް ނުކުންނަމުން ދިޔަ އެވެ. މުދިންބެ ގެނައި ކުޑަ ވަޅި މޭޒު މަތީގައި ޖެހި އެވެ. އެ ވަގުތު އަހުމަރުގެ މެއިން ހޯސްލާފައި ލޭ ނުކުންނަން ފެށި އެވެ. އެ މަންޒަރު ބަލަން ޔަޒްދާއަށް ކެތެއް ނުކުރެވުނެވެ. އަނެއް ފަރާތަށް މޫނު އަނބުރާލި އެވެެ. އެ ހިތަށް ކޮންމެވެސް ވަރެއްގެ އަސަރެއް ކުރީ އެވެ. ބުނެދޭން ނޭނގުނަސް ކުރެވުނު އިހުސާސް ހިތްދައްޗެވެ.

"ޔަޒްދާ ޕްލީޒް. އަހަރެންގެ ފުރާނަ ދުއްވާލަން އޭނަ އެ އުޅެނީ. ހުއްޓުވާ އޭނަ. އެހެން ނޫނީ އަހަރެންގެ ދަރިފުޅު އަންނާނެ ބަދަލުހިފަން. އެކަމަށް ތައްޔާރު ވެގެން ކަލޭމެން ތިބޭތި،" ހޭރެމުން، އަހުމަރު ގޮވަމުން ދިޔައެވެ. ޔަޒްދާ އަޑުއިވޭ ކަމަށް ވެސް ނުހަދަ އެވެ. އެ ގޮވުންތަކަށް ދިނީ ބީރު ކަންފަތެކެވެ. މުދިންބެއާ ދިމާލަށް ޔަޒްދާ ބަލާލި އެވެ. ކުރިއަށް ގެންދާށޭ ބުނާ އުސޫލުންނެވެ. މުދިންބެ އަޑު ހަރުކޮށް ކިޔަވަން ފެށި އެވެ. ހިނދުކޮޅެއްގެ ތެރޭގައި އަހުމަރުގެ އަޑު ކެނޑުނެވެ. އަދި ބިމުތެރެއަށް ހަށިގަނޑު ވަދެގެން ދިޔަ އެވެ.

މުދިންބެ ވަކި ހިސާބަކަށް ކިޔެވުން ކުރިއަށް ގެންދިޔަ އެވެ. ވަހީދާ އާއި ޔަޒްދާ އެއްވެސް އެއްޗެއް ނުބުނެ ތިއްބެވެ. މުދިންބެ ކިޔެވުން ނިމުމުން ވާހަކަ ދައްކަން ފެށި އެވެ.

"ޔަޒްދާ، ކީކޭ އޭނަ އެންމެ ފަހުން ބުނީ؟" މުދިންބެ އަހާލި އެވެ. އަހުމަރު ބުނި ފަހު ޖުމްލަ މުދިންބެ ގާތުގައި ޔަޒްދާ ބުންޏެވެ. މުދިންބެ ވިސްނާލިއެވެ. އެއީ ތެދެކެވެ. ދަރިފުޅު އަދި އަންނާނެ އެވެ. ބަދަލުހިފާނެ އެވެ. އެއީ ޖިންނިންގެ ތެރޭގައި އާންމު ކަމެކެވެ.

"އެހެން ބުނާނެ. ޔަޒްދާ އެކަމާ ޖެހިލުންނުވާތި. ތިޔަ ދަރިފުޅު ގޮވައިގެން ރީތިކޮށް އުޅެވޭތޯ ބަލާ،" މުދިންބެ ބުންޏެވެ.

އޭގެ ފަހުން އަހަރެއް ވީ އެވެ. ޔަޒްދާ ކައިވެންޏެއް ކުރި އެވެ. ފިރިމީހާގެ ނަމަކީ އަފްރާހު އެވެ. އޭނައަކީ ރަށު ކައުންސިލުގައި ވަޒިފާ އަދާ ކުރާ މީހެކެވެ. މަޑުމައިތިރި، އަހުލާގު ރަނގަޅު މީހެކެވެ. ޔަޒްދާ ހިތަށް އެރި އެވެ. އެ ފަދަ މީހެއް ލިބުމަކީ ޔަޒްދާގެ ވެސް އަދި ދަރިފުޅުގެ ވެސް ނަސީބެވެ. ޝައްފާން ދެކެ އަފްރާހު ވަރަށް ލޯބިވެ އެވެ. ހީވަނީ އެއީ އޭނަގެ އަސްލު ދަރިއެއް ހެންނެވެ. ޔަޒްދާ އިންތިޒާރު ކުރަމުން ދިޔައީ ޝިފާއަށެވެ. ކޮންމެ ވަގުތެއްގައި ވެސް ޖިންނިންގެ ހަމަލާއެއް ޔަޒްދާއަށް އަތުވެދާނެ އެވެ. ނުވަތަ ދަރިފުޅަށް ލިބިދާނެ އެވެ. ނަމަވެސް ޔަޒްދާގެ އުޅުން ވަރަށް ބޮޑަށް ބަދަލު ކުރި އެވެ. ވަގުތުން ވަގުތަށް ނަމާދު ކުރުމާއި އަޅުކަމުގައި ދުވަސްތައް ހޭދަ ކުރި އެވެ. ހެނދުނާއި ހަވީރުގެ ޒިކުރުތައް ކިޔަވައި ގުރުއާން ކިޔެވުން ގިނަ ކުރި އެވެ. ހެއްދެވި ފަރާތަށް އޮތް އިތުބާރު ބޮޑު ކުރި އެވެ. ނަމަވެސް ހިތުގެ އެއް ކަނުގައި އަބަދުވެސް ބިރުވެރިކަމެއް އިނދެ އެވެ. އެކަން ފިލައިދާނީ ކޮން ދުވަހަކުން ކަމެއް ނޭނގެ އެވެ.

-ނިމުނީ-

އިތުރު އާޓިކަލް

އިތުރު އާޓިކަލް