ވާހަކަ: ގަބުރުސްތާނު

ވާހަކަ

ވާހަކަ: ގަބުރުސްތާނު - ތޭރަވަނަ ބައި

'މަށަށް ހެޔޮ ކަލޭމެން އެކަކު ގަބޫލު ނުކުރިޔަސް. މަގޭ ޝިފާޒް މަރެއް ނުވޭ. އޭނަ މި ދުނިޔޭގައި އެބަ އުޅޭ.'
13 މާރިޗު 2025

އެޕިސޯޑް 13

"އެއީ ކިހިނެއްވީ ކަމެއް؟" ޔަޒްދާ ހައިރާންވެފައި ޝިފާޒް ކައިރީ އަހައިލި އެވެ.

"ނޭނގެ. ގުދުރަތީ ގޮތުން ކޮންމެ ކަމެއް ވެސް ވެދާނެއެއްނު ދޯ؟" ޔަޒްދާގެ ބޮލުގައި ފިރުމާލަމުން ޝިފާޒް ބުންޏެވެ. އަސްލު އެކަން ކުރީ އޭނަ އެވެ.

"ކާކުތަ ޝިފާޒް މަރާލަން އުޅުނީ؟" ބިންމަތީ އިށީންނަމުން ޔަޒްދާ އަހާލި އެވެ. "ދެން މި ދިޔަ ދުވަސްތަކުގައި ޝިފާޒް އުޅުނީ ކޮންތާކު؟"

"ޔަޒޫ މިހާރު ހާދަ ސުވާލު ގިނައޭ ދޯ. އަހަރެން މަރާލަން އުޅުނީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ. އަހަރެންނަށް ރަނގަޅީ ޔަޒޫ ދެން ބުޝްރީއާ ވާހަކަ ނުދެއްކިއްޔާ،" ޔަޒްދާ ގާތުގައި އިށީންނަމުން ޝިފާޒް ބުންޏެވެ.

"ބުޝްރީއޭ؟ އެކަމަކު އެއީ ކީއްވެ؟" ޔަޒްދާ އަހާލި އެވެ.

"އަހަރެން ވަކިން ބިޒްނަސް ފަށަން އުޅޭތީ އޭނާ ހަސަދަވެރިވީ،" ޝިފާޒް ބުންޏެވެ.

"އެކަމަކު..."

"ދެން ތިހާ ސުވާލު ނުކޮށްބަލަ،" ޔަޒްދާގެ އަތުގައި ހިފާލަމުން ޝިފާޒް ބުންޏެވެ.

"އެހެންވިއްޔާ ހިނގާ ގެއަށް ދާން،" ޔަޒްދާ އެދުނެވެ.

"ގެއަށޭ؟ އެ ކީއްކުރަން؟ މިތަން ކިހާ ހިތްގައިމު؟" ވަށައިގެން ބަލާލަމުން ޝިފާޒް ބުންޏެވެ.

"މިތާ ތިއްބައި މީހަކަށް ފެނިދާނެ. މިއީ މީހުން ތިބޭ ކަހަލަ ތަންތަނެއް ނޫނޭ. އަހަރެން މިތަނަށް އައީ ޝިފާޒް މަތިން ވަރަށް ހަނދާންވާ ވަރުން،" ޔަޒްދާ ބުނެދިނެވެ. "ހިނގާ ދާން."

ޔަޒްދާ ތެދުވެ ވެލި ފޮޅާލި އެވެ. އަދި އެ ތަނުން ދިޔުމަށް ހިނގައިގަތެވެ. ފަހަތަށް ނުބަލައި ގޮސް ގަބުރުސްތާނުން ނުކުތެވެ. ދެން ފަހަތް ބަލާލި އެވެ. އެއްވެސް މީހަކު އެތަނަކު ނެތެވެ. ޔަޒްދާގެ ހިތަށް އެރި އެވެ. ޝިފާޒް ދިޔައީ ކޮންތާކަށް ހެއްޔެވެ؟ ދެންމެއާ ޖެހެންދެން ހުރީ ޔަޒްދާ ގާތުގަ އެވެ. ޔަޒްދާ ވަށައިގެން ހޯދާލި އެވެ. ޝިފާޒެއް ނުފެނުނެވެ. ހަމަގައިމު ވެސް އެއީ ޔަޒްދާއަށް ހީވި ގޮތެއް ނޫނެވެ. ނުވަތަ ހުވަފެނެއް ނޫނެވެ. ޝިފާޒްއާ ވާހަކަ ދައްކާ ހެދި އެވެ. އެއީ ހަމަ ޝިފާޒެވެ. ޔަޒްދާ އިސްޖަހާލި އެވެ. އަދި ގެއަށް ދިޔުމަށް ހިނގައިގަތެވެ. ޔަޒްދާއަށް އެރޭ ނިދުނީ ފަތިސްވީ ފަހުންނެވެ.

"އެކަމަކު ތިއީ ގަބޫލު ކުރަން ހާދަ އުނދަގޫ ކަމެކޭ،" ބަދޫރާ އާއި ޔަޒްދާ ތިބީ ޖޯލިފަތީގަ އެވެ. ޔަޒްދާ އިނީ މަސްކޮޅެއް ކޮށާށެވެ.

"މިއީ ތެދެކޭ. ގަބޫލުކޮށްބަލަ. ޝިފާޒް އެބަ އުޅޭ މި ރަށުގައި،" ޔަގީންކަމާ އެކު ޔަޒްދާ ބުންޏެވެ.

"ޔަޒްދާއަށް ކިހިނެއްތަ އެނގެނީ؟"

"އަޖައިބެއްނު. މި ބުނީނު އަހަރެން ގާތަށް ރޭގައި އައޭ. އަހަރުމެން ދެ މީހުން ބައްދަލުވިއޭ،" ޔަޒްދާ ބުންޏެވެ. އެކަމަކު ގަބުރުސްތާނަށް ދިޔަ ވާހަކައެއް ނުބުނެ އެވެ. ބައްދަލުވީ އެތަނުންނޭ ވެސް ނުބުނެ އެވެ.

"ޔަޒޫ. ތި ވެދާނެ ފެނުނު ހުވަފެނަކަށް ވެސް. ޔަޒޫ މާ ބޮޑަށް ބަލިވެ އުޅުނީމަ މައިންޑް ތި ހުންނަނީ އަނެއް އަތަށް އެނބުރިފައި. އެ ކަމާ މާ ގިނައިން ތި ވިސްނެނީ. އެހެންވެ އެ ކަހަލަ ކަންކަން ތި ހީވަނީ. ހިނގާބަލަ މަޖާ ކަމެއް ރާވާލަން،" ބަދޫރާ ބުންޏެވެ.

"އަހަރެންނަށް އޭރު ވެސް އެނގޭ ބަދޫމެން ގަބޫލެއް ނުކުރާނެކަން. އެހެންވެ އަހަރެން ހުރިހާ އެއްޗެއް ނުކިޔަނީ. އަހަރެން މި ބުނަނީ އަހަރެން އޭނަ ދުށީމޭ، ވާހަކަ ދެއްކީމޭ. ދެން މިހާ ވަރަށް ބުނީމަ ގަބޫލު ކުރަންވީނު؟" ހިތްހަމަނުޖެހިފައި ޔަޒްދާ ބުންޏެވެ.

"އެކަމަކު ޔަޒޫ. ކިހިނެއްތަ ގަބޫލު ކުރަނީ؟ އަހަރެން ދެ ލޮލުން ދުށީމޭ އޭނަގެ ފުރާނަ ނެތް މަސްގަނޑު. އޭނައަށް ކޮށްލާފައި އޮތް ވަރު ވެސް އަހަރެންނަށް ފެނުނު. ދެން ކިހިނެއް ތި ދައްކާ ވާހަކަ އަހަރެން ގަބޫލު ކުރާނީ؟" ބަދޫރާ ބުންޏެވެ.

"މަށަށް ހެޔޮ ކަލޭމެން އެކަކު ގަބޫލު ނުކުރިޔަސް. މަގޭ ޝިފާޒް މަރެއް ނުވޭ. އޭނަ މި ދުނިޔޭގައި އެބަ އުޅޭ،" އަޑަށް ބާރު ލާފައި ޔަޒްދާ ބުންޏެވެ.

"އެންމެ ރަނގަޅު. އަހަރެން ގަބޫލުކޮށްފިން. ކޮބާތަ ދެން ޝިފާޒު؟ ނިދާފައިތަ؟" ބަދޫރާ އަހައިލި އެވެ.

"ނޫން. މި ގަޑީގައި ނޫޅޭ. އޭނަ އަންނާނެ ކޮންމެވެސް އިރަކުން،" ޔަޒްދާއަށް ވެސް ޔަގީން ނުވެ އިނދެ ބުންޏެވެ.

"އައީމަ އަހަރެން ގާތު ބުނާތި. އޭރުން އަހަރެން ވެސް އަންނާނަން ބައްދަލު ކޮށްލަން،" ބަދޫރާ އެހެން ބުނީ ޔަޒްދާ ހިތްހަމަޖައްސައިދޭށެވެ. އެއްގޮތަކަށްވެސް އެކަން ގަބޫލުކޮށްގެންނެއް ނޫނެވެ.

"ޔަގީންތާ! އޭނައާ ބައްދަލު ވީމަ ބަދޫ ވެސް ގަބޫލު ކުރާނެ،" ހިތްހަމަޖެހިލާފައި ޔަޒްދާ ބުންޏެވެ. ޔަޒްދާ ހިތްހަމަޖެހިފައި އިން މަންޒަރު ފެނުމުން ބަދޫރާގެ މޫނުމައްޗަށް ހިނިތުންވުން ގެނުވި އެވެ. އެކަމަކު ޔަޒްދާ ގާތުގައި އިންނަ އިރު އަބަދުވެސް އޭނައަށް ޔަޒްދާގެ ފަހަތަށް ބެލެ އެވެ. އެއީ ނަސީފް ދެއްކި ވާހަކައިންނެވެ. ނަސީފް ދެއްކި ހުރިހާ ވާހަކައެއް ބަދޫރާ ގަބޫލު ކުރި އެވެ.

"ބަދޫއަށް އެނގޭތަ ޝިފާޒް މަރާލަން އުޅުނީ ކާކުކަން؟" ހަނދާން ވެގެން ޔަޒްދާ ބުންޏެވެ.

"ކާކު؟" ހައިރާންވެފައި ބަދޫރާ އަހައިލި އެވެ.

"ބުޝްރީ. ޝިފާޒް ބުނީ ބުޝްރީއާ ދެން ވާހަކަ ނުދަކައްޗޭ. މި ގެއަށް ވެސް އޭނަ ނުވައްދައްޗޭ."

"އޭނ؟ އެކަމަކު ބުޝްރީއަކީ ޝިފާޒްގެ ކިހާ ގާތް މީހެއް. އޭނަ އެ ކަހަލަ ކަމެއް ކުރާނީ ކީއް ކުރަން؟" ބަދޫރާ ސިއްސައިގެން ދިޔަ އެވެ.

"އެންމެ ގާތް މީހުން ތިމާ ފުރަގަސް ދިނީމާ ވަޅި ޖަހާނީ ވެސް. ޝިފާޒް އެހެން ބުނީމަ އަހަރެން ހިތަށް އެރި ދެން ދުވަހަކު ވެސް ބުޝްރީއާ ވާހަކައެއް ނުދައްކާނަމޭ،" ޔަޒްދާ ބުނެލި އެވެ.

"ޔަޒޫއަށް އެކަން އެހާ ފަސޭހައިން ގަބޫލު ކުރެވުނީތަ؟"

"ޝިފާޒް އަހަރެންނަކަށް ދޮގެއް ނުހަދާނެ،" ޔަގީންކަމާއެކު ޔަޒްދާ ބުންޏެވެ. ބަދޫރާ އިތުރަކަށް އެއްޗެކޭ ނުބުންޏެވެ.

ގެއަށް ދިޔަ މަގުމަތީ ބަދޫރާ ވިސްނަމުން ދިޔައީ ޔަޒްދާ ދެއްކި ވާހަކަތަކާ މެދުގަ އެވެ. އެއީ ކިހާ ވަރެއްގެ ހަގީގަތެއްބާވަ އެވެ؟ ޝިފާޒް އެނބުރި އައީ ކިހިނެއް ހެއްޔެވެ؟ އެހެންވެއްޖެ ނަމަ ބަދޫރާމެންނަށް ފެނުނީ ކާކުގެ ހަށިގަނޑެއް ހެއްޔެވެ؟ ވަކި ހިސާބަކަށް ދިޔުމަށް ފަހު އޭނާގެ ހިޔާލު ބަދަލުވި އެވެ. އަދި ޖެހިގެން އޮތް ގޯޅިއަށް އެޅި އެވެ. ހިނގަމުން ގޮސް ނަސީފް އުޅޭ ގެއާ ހިސާބަށް ދެވުމުން ހުއްޓުނެވެ. ދެ ހިޔާލުގައި ހުރެފައި އެ ގެއަށް ވަނެވެ. ނަސީފްއާ ބައްދަލު ނުވަނީސް ނުކުމެގެން ބޭރުގައި ހުއްޓެވެ. އަވި ގަދަ ގަޑިއެކެވެ. ގަހެއްގެ ހިޔަލުގައި ބަދޫރާ ހުއްޓި ހުރި އިރު މަގުގެ އަނެއް ކޮޅުގައި މީހަކު ހުއްޓެވެ. ބަދޫރާގެ ހަރަކާތްތަކަށް ނިކަން ރަނގަޅަށް ފާރަލައިގެންނެވެ. ބަދޫރާއަށް އޭނާ ފެނުނީ އިރުކޮޅެއް ފަހުންނެވެ. ބަދޫރާއަކީ ދުރު ނުސާފު މީހެކެވެ. ވުމާއެކު އެއީ ކާކު ކަމެއް ނޭނގެ އެވެ. އެކަމަކު އޭނާ ހުރީ މަގު މެދުގަ އެވެ. ބަދޫރާއާ ދިމާލަށް ބަލަހައްޓައިގެންނެވެ. އެކަން އޭނައަށް ޔަގީނެވެ. ހިތުގައި ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ހިނގާލި އެވެ. އެތަނުން ހިނގައިގަންނަން ހިތަށް އެރި އެވެ. އެ ވަގުތު ނަސީފް ގެއިން ނުކުތެވެ.

"ބަދޫރާ؟ މިތާ ކީއް ތި ކުރަނީ؟" ބަދޫރާ ކައިރިއަށް ހުއްޓިފައި ނަސީފް އެހި އެވެ.

"ނަސީފްއާ ބައްދަލުކޮށްލަން އައީ. އެކަމަކު... ފެނޭތަ އެކޮޅުގައި އެހެރަ މީހެއް؟" އެ ދިމާލަށް އެނބުރިލި އިރު އެތާކު އެއްވެސް މީހަކު ނެތެވެ. މި ވަގުތަކީ އަވި ގަދަކަމުން މީހުން ނުކުމެ އުޅޭ ގަޑިއެއް ނޫނެވެ.

"ކޮބާތަ؟ ކާކު؟" މަގުގެ އެކި ދިމާލަށް ބަލަމުން ނަސީފް އަހައިލި އެވެ.

"މީހެއް ނޫން. އަހަރެންނަށް ހީވި ގޮތް ކަންނޭނގެ."

"ހިނގާ އެތެރެއަށް. ކޮން ވާހަކައެއް ދައްކާލަން ތި އައީ؟" ނަސީފް އަހައިލި އެވެ.

"ނަސީފް ބުނީމެއްނު ޔަޒޫއާ ޖިންނި އަވަލާފައޭ؟"

"އާނ. ބުނިން. އެއީ ހަމަ ތެދެއް،" ޔަގީންކަމާ އެކު ނަސީފް ބުންޏެވެ.

"އަހަރެންނަށް އެކަން ގަބޫލު ކުރެވިއްޖެ،" ބަދޫރާ ބުންޏެވެ.

"އަހަރެން ބުނި އިރު ގަބޫލެއް ނުކުރަންތަ؟ މިހާރު ކޮން ކަމެއް ވެގެން ގަބޫލު ކުރެވުނީ؟" ނަސީފް އަހާލި އެވެ.

"ޔަޒޫ ބުނީ ޝިފާޒް މަރެއް ނުވެއޭ. އޭނައާ ރޭގައި ޝިފާޒް ދިމާވިޔޯ. ވާހަކަ ވެސް ދެއްކީމޯ. އަދި ބުނި ޝިފާޒް މަރާލަން އުޅެނީ ބުޝްރީއޭ،" ފަހު ޖުމްލަ ބަދޫރާ ބުނީ ވަރަށް މަޑުމަޑުންނެވެ. ނަސީފް ބޯޖަހާލި އެވެ. އަދި ގޭތެރެއަށް ވަދެ ތަވީދެއް ދިނެވެ.

"މީތި އޭނަ ހަށިގަނޑުގައި އެޅުވޭތޯ ބަލާ. އޭރުން ތި ޖިންނިއަށް އޭނައަށް ގޯނާއެއް ނުކުރެވޭނެ،" ނަސީފް އެ ދިއްކޮށްލަމުން ބުންޏެވެ. ބަދޫރާ ނުހިފަން އިނދެފައި ހިފި އެވެ.

"ބިރު ނުގަނޭ. މި ކަމުން ބަދޫރާއަށް އެއްވެސް ކަމެއް ވިޔަ ނުދޭނަން،" ނަސީފް ބުންޏެވެ.

"އެކަމަކު އަހަރެން ކީކޭ ކިޔާފައި މީތި އޭނަގެ ހަށިގަނޑުގައި އަޅުވާނީ؟" ބަދޫރާ ސުވާލު ކުރި އެވެ. ނަސީފް ވިސްނާލި އެވެ.

-ނުނިމޭ-

އިތުރު އާޓިކަލް

އިތުރު އާޓިކަލް