ވާހަކަ: ގަބުރުސްތާނު

ވާހަކަ

ވާހަކަ: ގަބުރުސްތާނު - ދިހަވަނަ ބައި

'އެ ނަސީފް މިގެއަށް ދެން ނުގެންނާތި،' ފިރިހެން ދެ އަޑު އެއްވުމުން އަންނަ ކަހަލަ އަޑެއް ޝިފާޒްގެ އަރު ތެރެއިން ނުކުތެވެ.
10 މާރިޗު 2025

އެޕިސޯޑް 10 

"ކޮން ކަހަލަ ސުވާލެއް؟" ހަމަޖެހެން މަސައްކަތް ކުރަމުން ޝިފާޒް ބުންޏެވެ. 

"އަހަރެން ކިޔަވާލާނަން ބައެއް އާޔަތްތައް. އުނދަގޫ ވަންޏާ ބުނާތި،" ނަސީފް ބުންޏެވެ. އެހެން ކިޔާފައި ނަސީފް ކިޔަވަން ފެށި އެވެ. ކިޔެވުމުގެ ވަކި ހިސާބަކުން ޝިފާޒް ވައްތަރުތަކެއް ޖައްސަން ފެށި އެވެ. ދެލޯ ބޮޑުވި އެވެ. އަތްތިލައިގެ އިނގިލިތައް ބަޅު ވާން ފެށި އެވެ. އެ މަންޒަރު ބަލަން ޔަޒްދާއަށް ހުރީ ކެތްކުރަން އުނދަގޫވެފަ އެވެ. 

"ކަލޭ ތީ ކާކު؟" ކިޔެވުން މެދުކަނޑާލާފައި ނަސީފް އަހައިލި އެވެ. ޝިފާޒް ޖަވާބެއް ނުދިނެވެ. އަނެއްކާވެސް އެ ސުވާލު ނަސީފް ތަކުރާރު ކުރި އެވެ. ދެން ވެސް ޝިފާޒްގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. އިރުކޮޅެއް ނުވެ ބަންގީގެ އަޑު އިވުނެވެ. އެއާއެކު ޝިފާޒް ހަމަހިމޭންވި އެވެ. 

"ދެން އޭނައަށް ފެން ދީ،" އެހެން ކިޔާފައި ނަސީފް ކޮޓަރިން ނުކުތެވެ. ފަހަތުން ބުޝްރީ ވެސް ނުކުތެވެ. 

"ކިހިނެއް އެ ވީ؟" ކަންބޮޑުވެފައި ބުޝްރީ އަހާލި އެވެ. 

"އޭނަގެ ހަށިގަނޑަށް ޖިންނި ވަދެފައި ބަންގީގެ އަޑަށް އެ ސޮރު އެ ދިޔައީ. އާދައިގެ ކަމެއް ހެންނެއް ހިއެއް ނުވޭ. މުޅި މީހާ ހީވަނީ ކަށިގަނޑެއް ހެން،" ދެ ފަރާތަށް ބޯ ހޫރާލަމުން ނަސީފް ބުންޏެވެ. 

"ކަލޭމެން އެ ހުރާގަނޑަށް ގޮސް އެއްވެސް އެއްޗަކަށް ގޯނާއެއް ކުރިންތަ؟" ނަސީފް އަހައިލި އެވެ. 

"އެނގުމަކުން ނުކުރަން،" އަވަސް އަވަހަށް ބުޝްރީ ބުންޏެވެ. 

"ކުރިން ވެސް އަހަރެން ބުނިހެން އެ ސޮރު އަޅައިގަނެފައި ހުރީ ޔަޒްދާއާ." 

ބޯ ކޮށް ވާރޭ ވެހެމުން ދިޔަ އެވެ. ޔަޒްދާ ހުރީ ކާ ކޮޓަރީގަ އެވެ. އެތަނުގައި ހުންނަ އިރު ކުޑަދޮރުން ފެންނަން އޮންނަނީ ބޯ ގަސްތަކެކެވެ. ކުއްލިއަކަށް ކުޑަ ދޮރު މަޑުމަޑުން ލެއްޕުނެވެ. ޔަޒްދާއަކަށް އެ މަންޒަރެއް ނުފެނުނެވެ. ދެން ކުޑަދޮރު ހުޅުވުނެވެ. ހުޅުވާ އިރު ދޮރުގެ ހުޅުފަތުން ތޫލި އަޑެއް ގޮވަ އެވެ. އެ އަޑު އިވުމާއެކު ޔަޒްދާ އެ ދިމާއަށް ބަލައިލި އެވެ. އަތުގައި އޮތް ތަށި ވެއްޓުނެވެ. އަދި ތަޅައިގެން ދިޔަ އެވެ. ކާ ކޮޓަރި ތެރޭގައި ހިޔަންޏެއް ފެންނަން ހުއްޓެވެ. ކާކު ކަމެއް ނޭނގެ އެވެ. ހުރީ އަނދިރި ކޮށެވެ. ޔަޒްދާ ދެ ލޯ ބޮޑުވެގެން އަނގައިން އަޑު ވެސް ނުނިކުތެވެ. ލޮލުން ކަރުނަތައް ފައިބައިގަތެވެ. އޭނާއަށް ބިރުން ރޮވެން ފެށި އެވެ. ދުވެފައި އެތަނުން ނުކުތެވެ. އަދި ކޮޓަރިއަށް ވަދެ ދޮރު ތަންޑު އެޅުވި އެވެ. ޝިފާޒަށް ގޮވި އެވެ. އެތައް އިރަކު ގޮވުމުން ވެސް ޝިފާޒެއް ލޮލެއް ނުހުޅުވި އެވެ. ޔަޒްދާގެ ބިރު އިތުރުވި އެވެ. ހިތަށް އެރީ ފިރިމީހާ މަރުވީ ކަމަށެވެ. އެތައް އިރަކު ގޮވުމުން ޝިފާޒް ކުއްލިއަކަށް ލޯ ހުޅުވާލި އެވެ. އަދި ޔަޒްދާގެ އަތުގައި ހިފެހެއްޓި އެވެ. ވަރަށް ބާރަށެވެ. މޫނުމަތި ހުރީ ވަރަށް ބޮޑަށް ކަޅުވެފަ އެވެ. ޝިފާޒްގެ ސިފަ ހުރީ ވަރަށް ބޮޑަށް ބަދަލު ވެފަ އެވެ. ދެ ލޮލުގެ ކަޅި ވެސް ހުރީ މަޑު ފެހި ކުލައަށް ބަދަލުވެފަ އެވެ. 

"އެ ނަސީފް މި ގެއަށް ދެން ނުގެންނާތި،" ފިރިހެން ދެ އަޑު އެއްވުމުން އަންނަ ކަހަލަ އަޑެއް ޝިފާޒްގެ އަރު ތެރެއިން ނުކުތެވެ. ''އަހަރެން ބުނާ ގޮތް ނުހަދަންޏާ ކަލޭގެ ފިރިމީހާއެއް ނުލިބޭނެ އިނގޭ." 

ޔަޒްދާއަށް އަނގަ ހުޅުވުނު ގޮތަށް ލައްޕަން ވެސް ނޭނގުނެވެ. ބިރުން މީހާ ތުރުތުރު އަޅަނީ އެވެ. އަނގައިން އެންމެ ބަހެއް ވެސް ނުނިކުތެވެ. 

"އަޑު އިވިއްޖެތަ؟" ވަރަށް އަޑުގަދަކޮށް "ޝިފާޒް" ބުންޏެވެ. އާނއެކޭ ބުނުމުގެ ގޮތުން ޔަޒްދާ ބޯޖަހައިލި އެވެ. "ޝިފާޒް" މަޑުމަޑުން އެނދުގައި އޮށޯތެވެ. އަދި ދެ ލޯ މަރައިލި އެވެ. ޔަޒްދާ ކޮޓަރިން ނުކުތެވެ. އޭނާ ހުރީ ހަރަކާތްކޮށްލަން ވެސް ނޭނގިފަ އެވެ. 

ހިނގައިދިޔަ ކަންތައް ޔަޒްދާ، ބުޝްރީއަށް ކިޔައިދިނެވެ. ދެ މީހުން ތިބީ އަތިރިމަތީގައި ހުރި ޖޯލިފައްޗެއްގަ އެވެ. ބުޝްރީގެ ހިތުގައި ޔަޒްދާއާ ދޭތެރޭ ހަމްދަރުދީގެ އިތުރުން އެހެން އިހުސާސެއް ވިންދު ޖަހަމުން ދިޔަ އެވެ. އެ ވިންދުގެ މާނައެއް އޭނައަކަށް ފަހުމެއް ނުވި އެވެ. ނަމަވެސް ޔަޒްދާ ފެނުމުން އޭނާއަށް ހިތްހަމަޖެހުން ލިބެން ފެށި އެވެ. ތުންފަތަށް ހިނިތުންވުން ގެނުވަ އެވެ. ބޮލަށް ލުއި ލިބެން ފެށި އެވެ. ބުނެދޭން ނޭނގޭ ކަހަލަ އިހުސާސެއް ހަށިގަނޑުގެ އެންމެ ހިމަ ނާރާ ހިސާބަށް ކުރުވަ އެވެ. ޔަޒްދާގެ އެންމެ ކަމުދާ ސިފައަކީ އޭނަގެ ދިގު އިސްތަށިގަނޑެވެ. ޔަޒްދާއަކީ ޒަމާނަށް ލޯބި ކުރާ ފެޝަން މީހެކެވެ. ކުރިން ވެސް އޭނައަކީ އެހެން އުޅޭ މީހެކެވެ. ބުޝްރީއަށް އެކަން ކުރިން ވެސް އެނގޭނެެ އެވެ. ކުރިއަކުން މި ކަހަލަ އެއްވެސް އިހުސާސެއް ނުވެ އެވެ. ބުޝްރީ ބޭނުންވީ އެކަން މީހަކާ ހިއްސާ ކުރާށެވެ. އެކަމަކު ކާކާ ހެއްޔެވެ؟ 

"އަހަރެން ސުވާލެއް ކޮށްލަން؟" ބުޝްރީ އަހައިލި އެވެ. 

"އާނ. ކޮށްބަލަ،" އޮއްސެމުން ދިޔަ އިރާ ދިމާއަށް ބަލަހައްޓައިގެން އިނދެ ޔަޒްދާ ބުންޏެވެ. 

"ތި ދިރިއުޅުން މަތިން ފޫއްސެއް ނުވޭތަ؟ ތި ކަމަކަށް ހައްލެއް ނުލިބުނެއްނު؟" ބުޝްރީ ބުންޏެވެ. 

"ކީއްވެ ކުއްލިއަކަށް ތިހެން ތި ބުނީ؟" ބުޝްރީއާ ދިމާއަށް އެނބުރިފައި ޔަޒްދާ އަހައިލި އެވެ. 

"މާ ބޮޑު ކަމެއް ނުވޭ. އެއީ ހަމަ ހިތަށް އެރި ސުވާލެއް. ބުނެބަލަ." 

"ފޫއްސެއް ނުވޭ،" ޔަޒްދާ ދޮގު ހެދި އެވެ. ޝިފާޒްއާ ޔަޒްދާ ކައިވެނި ކުރީ މި ކަހަލަ ދިރިއުޅުމެއް ބޭނުން ވެގެންނެއް ނޫނެވެ. "އެކަމަކު އެއީ އަހަރެންގެ ފިރިމީހާ. އޭނައަށް އަޅާލާން ޖެހޭނެ. އެއީ އަހަރެންގެ ވާޖިބެއް. އަހަރެންނަށް އެ ކަހަލަ ކަމެއް ދިމާވި ނަމަވެސް ޝިފާޒް ހުންނާނެ އަހަރެންނަށް އެހީތެރިވާން." 

"ޔަގީންތަ؟" ބުޝްރީ ސުވާލު ކުރި އެވެ. 

"ކަމެއް ވީތަ؟ ބުޝްރީ މިއަދު ވާހަކަ ތި ދައްކަނީ މުޅިން އެހެން ގޮތަކަށް،" ޔަޒްދާ ބުންޏެވެ. 

"ކަމެއް ނުވޭ. ހަމަ އަހާލީ." 

"ހަމަ ނާހާނެ. ކޮންމެވެސް ކަމެއް ވީމަ އަހާނީ. ދެން ބުނެބަލަ،" ޔަޒްދާ އެދުނެވެ. 

"މިހާރު މާ ލަސް ވެއްޖެ. ހިނގާ ގެއަށް ދާން،" ބުޝްރީ ބުންޏެވެ. 

"ނަސީފް މިރޭ އަންނާނެތަ؟ އޭނާ ކުރާ ކަމަކުން ޝިފާޒަށް ލުޔެއް ލިބޭނެތަ؟" ޔަޒްދާ އަހާލި އެވެ. 

"ތިއީ އަހަރެންނަށް ވެސް ނޭނގޭ ކަމެއް. ހިނގާ ބަލަމާ. ކަމެއް ނުކޮށް ތިބެގެން ރަނގަޅެއް ނުވާނެއްނު،" ހިނގައިގަންނަމުން ބުޝްރީ ބުންޏެވެ. 

"އޭނާ ބުންޏެއްނު ހުވަނދުމާ ކޮޅެއް ހޯދައްޗޭ. އޭތި ލިބުނުތަ؟" ޔަޒްދާ އަހާލި އެވެ. 

"އާނ. ހުންނާނެ ގޭގައި. މިރޭ ދާ އިރު ހިފައިގެން ދާނަން." 

ދެ މީހުން ދެއްކި ވާހަކަ އަޑުއަހަން އުނިމާ ގަހުގައި އެލިގަނެގެން އޮތީ ޔަޒްދާއާ އަޅައިގަނެގެން އުޅޭ އިފްރީތެވެ. ރުޅި އައިސް ރަތް ވެފަ އެވެ. އޭނާ ބޭނުން ނަމަ މިހާރު ވެސް އެ ތަނުން މީހެއްގެ ދުވަސް ދުއްވާލަންވީ އެވެ. ނަމަވެސް އޭނާ ބޭނުންވަނީ އޭނާގެ މަގުސަދު ހާސިލް ކުރާށެވެ. އެއަށް ފަހު އެހެން ކަމަކާ ވިސްނާނީ އެވެ. ގަހުގައި އޮވެފައި ދެ ފިޔަގަނޑު ހުޅުވާލާފައި އުދުހިގަތެވެ. އަދި ކަނޑާ ދިމާއަށް އުދުހެމުން ދިޔަ އެވެ. ސީނު ކަރައިގެ ކަނޑުތައް ހުރަސް ކުރަން ނެގީ މަދު ހިނދުކޮޅެކެވެ. އިރުކޮޅެއްގެ ތެރޭގައި ހުރީ އޭނާ ބޭނުންވާ މަންޒިލަށް ވާސިލުވެފަ އެވެ. އެއްގަމުގައި އުޅޭ މި އިފްރީތުގެ ނަމަކީ އަހުމަރު އެވެ. މާނައަކީ ރަތްކުލަ އެވެ. އަހުމަރު އުޅޭ ތަންތަނަކީ މީހުން ވަޅުލާފައިވާ ދުވަސްވީ ގަބުރުސްތާނުތަކެވެ. އޭނާގެ އެތައް ގެއެއް ވެ އެވެ. އެތަނުން އެއް ގެއަކީ ޔަޒްދާ ދިރިއުޅޭ ގެ ކައިރީ އޮންނަ ގަބުރުސްތާނެވެ. އެ ތަނަކީ އެތައް ސަތޭކަ އަހަރެއް ވެފައިވާ ތަނެކެވެ. އަދި އަހުމަރު ދިރިއުޅޭތާ ވެސް ވަނީ އެތައް އަހަރެއް ވެފަ އެވެ. އެ ތަނުގައި މަރުވެފައި ތިބޭ މީހުންގެ ކަށިތައް އިފްރީތުން ބޭނުން ކުރެ އެވެ. ބޭނުން ކުރަނީ ސިހުރު ހެދުމަށެވެ. އަހުމަރުގެ ދަރިފަސްކޮޅުގައި ވެސް ސިހުރު ހަދާ ދުވަސްވީ ޖިންނިން އުޅެ އެވެ. 

ޔަޒްދާ ގޮސް ގެއަށް ވަދެފައި ފެންވަރަން ވަނެވެ. ފެންވަރައި ނިމިގެން ނުކުމެ ރީތި ވެލި އެވެ. ޝިފާޒަށް އެންމެ ރީތި ހެދުން ލި އެވެ. ޝިފާޒަށް އެންމެ މީރު ވަސް ދުވާ ސެންޓް ވެސް ޖެހި އެވެ. ޔަޒްދާ ގަޑިއަށް ބަލާލިއެވެ. ގަޑިން 7:12 އެވެ. ޔަޒްދާ ގޮސް ޝިފާޒަށް ގޮވާލި އެވެ. ޝިފާޒް ލޮލެއް ނުހުޅުވި އެވެ. އެއީ އާދަ އެވެ. އެހެންޏާ ވެސް ޝިފާޒަށް ހޭލެވެނީ އެތައް ފަހަރަކު ގޮވައިގެންނެވެ. ގައިމަތީ އަޅާފައި އޮތީ ކަޅު ބެޑްޝީޓެކެވެ. އޭގައި ހުރި ލެޔެއް ޔަޒްދާގެ ލޮލަކު އަޅައެއް ނުގަނެ އެވެ. ޔަޒްދާ އެނދުގައި އިށީނދެލި އެވެ. އަދި ޝިފާޒްގެ އަތުގެ މުލައްދަނޑީގައި މަޑުމަޑުން ފިރުމާލި އެވެ. އަތްތިލަ އޮތީ ބެޑްޝީޓް ތެރޭގަ އެވެ. އަތް ނެރުނެވެ. ޔަޒްދާއަށް ހަޅޭއްލަވައިގަނެވުނެވެ. 

-ނުނިމޭ-

އިތުރު އާޓިކަލް

އިތުރު އާޓިކަލް