ހިންތާގެ ޕޯސްޓަރެއް.

މީޑިއާނެޓް

'ހިންތާ' ސީރީޒްގެ ޓްރެއިލާ ދައްކާލައިފި

މީޑިއާނެޓުގެ ވީޑިއޯކްލަބް ހިދުމަތުން 'ހިންތާ' ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހު؛ މިއީ 10 އެޕިސޯޑުގެ ސީރީޒެއް
26 ޖެނުއަރީ 2025
1

ބެލުންތެރިންނާ ހަމައަށް ގެނެސްދޭ 'ހިންތާ' ސީރީޒްގެ ޓްރެއިލާ އިއްޔެ ދައްކާލައިފި އެވެ.

މިދިޔަ 23 ނޮވެމްބަރުގައި އެ ސީރީޒްގެ ޓީޒާ އާންމުކުރި އިރު، އެ ޓީޒާ އިން ފެންނަނީ ރާޒުވާ ކުޅިގަނޑަކާއި ލިޔެކިޔުންތަކަކާއި ދަންފުޅިއެއް އަދި ސިއްކައެކެވެ. ސީރީޒްގައި ވަނީ ކިހިނެއްކަން ޓީޒާ އިން މާ ބޮޑަށް ސާފެއް ނުވެ އެވެ.

އެކަމަކު އިއްޔެ އާންމު ކުރި ޓްރެއިލާއާ އެކު ސީރީޒްގެ ބައެއް މަންޒަރުތައް ވަނީ މިހާރު ބެލުންތެރިންނަށް ފެނިފަ އެވެ. ޓްރެއިލާ ރިލީޒްކުރުމާ އެކު ގިނަ ބައެއްގެ ތައުރީފު އަންނަނީ ލިބެމުންނެވެ.

ހިންތާ އަކީ ކޯޕަރޭޓް ތްރިލާ އެކެވެ. މި ސީރީޒްގައި ފެނިގެންދާނީ ޔުމްނާ އާއި ޝިޔާޒްގެ ވާހަކަ އެވެ. އެ ދެ މީހުންނަކީ ކާމިޔާބު ދެ ވިޔަފާރިވެރިންނެވެ. އުފާވެރި ކައިވެންޏެއްގައި ދިރިއުޅެމުން އަންނަ ދެމަފިރިންނެވެ. ވިޔަފާރީގެ މާހައުލުގައި ދިމާވާ ހާދިސާތަކާ އެކު މި ދެމަފިރިންގެ ކައިވެނީގެ ހަޔާތުގައި ދިމާވާ ތަފާތު އެކިއެކި ކަންކަން މި ސީރީޒް އިން ފެންނާނެ އެވެ.

 ސީރީޒްގެ ލީޑު ރޯލުން ފެނިގެންދާނީ:

  • ޔުމްނާގެ ރޯލުން އާއިޝަތު ރާއިޝާ (ރާއި)

  •  ޝިޔާޒްގެ ރޯލުން ސާމީ ހުސެއިން

މިއީ ރާއިޝާ ވީޑިއޯކްލަބްގެ ސީރީޒްއަކުން ފެނިގެންދާ ފުރަތަމަ ފަހަރެވެ. ސީރީޒްގެ ޓްރެއިލާއަށް ފަހު ގިނަ ބައެއްގެ ލޯތައް އޭނާއަށް ވަނީ ހުއްޓިފަ އެވެ. އޭނާގެ އެކްޓިންގެ ނެޗުރަލް ކަމަށާ އަދި ރީތި ކަމަށް އަންނަނީ ތައުރީފްކުރަމުންނެވެ. 

ސީރީޒްގައި ޝިޔާޒްގެ ރޯލުން ފެނިގެންދާ ސާމީ ލީޑް ރޯލަކުން ފެނިގެންދާ މިއީ ފުރަތަމަ ފަހަރު ވެސްމެ އެވެ.

މީގެ އިތުރުން، ފިލްމީ ދާއިރާގައި މަޝްހޫރު ނަންތައް ކަމުގައިވާ ހަސަން މަނިކު، މުހައްމަދު މަނިކު، އިފްނާޒް ފިރާގް، ރަޝްފާ ފާރޫގް އަދި ތާތި އާދަމް ވެސް ހިންތާގެ އެކި ރޯލުތަކުން ފެނިގެންދާނެ އެވެ.

މީޑިއާނެޓުގެ 'އެމް އޮރިޖިނަލްސް' ބެނާގެ ދަށުން ތައްޔާރުކުރާ މި ސީރީޒްއަކީ 'އެއްކާފް'ގެ ޕްރޮޑަކްޝަނެކެވެ. ވީޑިއޯކްލަބުން ފެނިގެންދިޔަ ކާމިޔާބު އަދި މަގްބޫލު ސީރީޒް 'ގަރީނާ' އަދި ފިލްމު 'މަރިޔަމް' އަކީ އެއްކާފްގެ ޕްރޮޑަކްޝަނެވެ.

ހިންތާ ސީރީޒް ޑައިރެކްޓްކުރަނީ ރަވީ ފާރޫގެވެ. މިއީ އެމް އޮރިޖިނަލްސް ބެނާގެ ދަށުން ތައްޔާރުކުރާ ސީރީޒެއްގައި ރަވީގެ ފުރަތަމަ ޑައިރެކްޝަނެވެ.

މި ސީރީޒްގެ ވާހަކަ ތައްޔާރުކޮށްފައިވަނީ 'މަރިޔަމް'، 'ގަރީނާ' އަދި 'ބީވީމާ' ފަދަ ފުރިހަމަ ސްކްރީންޕްލޭތައް ލިޔެފައިވާ ލިޔުންތެރިޔާ އަހްމަދު ޒަރީރެވެ.

'ހިންތާ' މީޑިއާނެޓުގެ ވީޑިއޯކްލަބް ހިދުމަތަށް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހު އެވެ. މިއީ 10 އެޕިސޯޑުގެ ސީރީޒެކެވެ.

މީޑިއާނެޓުގެ ކަސްޓަމަރުންނަށް އެމްޓީވީ ހިދުމަތް މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެ މި ސީރީޒްގެ އެޕިސޯޑުތައް ބަލާލެވޭނެ އެވެ. އަދި 'އެމްއެސް ގްލޯބަލް' އާއި 'އެމްއެސް ޑިޖިޓަލް ގްލޯބަލް' މެދުވެރިކޮށް ރާއްޖޭން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް ވެސް މި ސީރީޒް ބަލާލެވޭނެ އެވެ.

'ރޯލީމޭ' ސީރީޒްއާ އެކު މިދިޔަ އަހަރު ނިންމާލުމަށް ފަހު، މި އަހަރު ވީޑިއޯކްލަބުން ގެނެސްދޭ ފުރަތަމަ ސީރީޒަކަށް ވެގެންދާނީ 'ހިންތާ' އެވެ.

މީގެ އިތުރުން ވެސް މުޅިން އާ ދިވެހި ފިލްމާއި ޑްރާމާ އަދި އެހެން ގައުމުތަކުގެ ފިލްމާއި ސީރީޒް މި އަހަރު ތެރޭ ވީޑިއޯކްލަބް ހިދުމަތުން ބެލުންތެރިންނާ ހަމައަށް ގެނެސްދޭން ވަނީ ނިންމައިފަ އެވެ.

ކޮމެންޓް (1)

އެލީ

26 ޖެނުއަރީ 2025
މަހީކުރީ ބިންމާގެ ހިންތާ ވާހަކަ ކަމަށް. ވޯސް އެކްސައިޓެޑް ފޯ އަ މިނެޓް 😭. އެނީވެއިސް ދެން މި ހިންތާާ ބަލާނީތާ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް