ސްކައިރޮކް، ޑިޓިއުން އަދި ރެވިއޯ ޕާފޯމްކުރާ ހާއްސަ ޝޯއެއް އަންނަ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލޭ ފޭސް 2ގައި އޮންނާނެ.

މިއުޒިކް

ސްކައިރޮކް، ޑިޓިއުން، ރެވިއޯ: ބޮޑު 3 ބޭންޑު 1 ސްޓޭޖަކަށް

މި ތިން ބޭންޑު އެއް ސްޓޭޖަކަށް ގެނެސްދެނީ ސަމަން ޓްރޭޑިންގްއިން ހުޅުމާލެ ފޭސް 2ގައި އާ ސުޕަމާކެޓް ހުޅުވަން ކުރިއަށްގެންދާ ހާއްސަ ހަރަކާތްތަކުގެ ތެރެއިން ބާއްވާ މިއުޒިކް ޝޯގައި
23 ޖެނުއަރީ 2025

ސްކައިރޮކް، ޑިޓިއުން އަދި ރެވިއޯ ބޭންޑަކީ ދިވެހި މިއުޒިކީ ސްޓޭޖުގައި މިހާރު އެންމެ ނަގާކިޔޭ ބޭންޑުތަކުގެ ތެރެއިން އެންމެ ކުރީގައި ހިމެނޭ ތިން ބޭންޑެވެ. މި ތިން ބޭންޑު އެއް ސްޓޭޖަކުން އެއް ހަފްލާއެއްގެ ތެރޭގައި ފެނުމަކީ މިއުޒިކަށް ލޯބިކުރާ މީހުން އެދިއެދި ތިބޭ ކަމެއް ނަމަވެސް، ވަރަށް މަދު ފަހަރެއްގައި ނޫނީ ނުވާ ކަމެކެވެ.

އަންނަ ހޮނިހިރު ދުވަހުގެ ރޭ އެކަން ހަގީގަތަކަށް ވާނެ އެވެ. ސަމަން ޓްރޭޑިންގް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލެ ފޭސް ދޭއްގައި އާ ސުޕަމާކެޓް ހުޅުވުމުގެ ގޮތުން ބާއްވާ ހާއްސަ ހަރަކާތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތަކީ މި ތިން ބޭންޑު ލައިވްކޮށް ޕާފޯމްކުރާ ހާއްސަ ޝޯއެކެވެ.

ހުޅުމާލެ ފޭސް 2ގައި ސަމަންއިން ހުޅުވާ ސުޕަމާކެޓު. (ފޮޓޯ/ސަމަން)

ސްކައިރޮކް

މިއީ ދިވެހިވަންތަ ލަވަތައް ޒަމާނީ ފީލްއެއްގައި ގެނެސްދޭ ބޭންޑެކެވެ. ކާމިޔާބު ސިންގަލް ލަވަތަކަކުން އާންމުންގެ މެދުގައި މަޝްހޫރުވި ސްކައިރޮކްގެ ފުރަތަމަ އަލްބަމް 'ސަމުގާ' ނެރުނީ އޮގަސްޓު 2024ގަ އެވެ.

އެ އަލްބަމުގައި ހިމެނޭ މަގުބޫލު ލަވަތަކުގެ ތެރޭގައި 'ރޭވަ' އާއި އަބްދުﷲ އީސާފުޅުގެ ޅެމަކަށް ދިރުން ގެނެސްދީފައި 'ސަމުގާ' އަދި 'ހޭވައްލާ ތައްޔާރު' ހިމެނެ އެވެ.

ސްކައިރޮކްއިން މިދިޔަ އަހަރު ބޭއްވި ޝޯއެއް. (ފޮޓޯ/ސްކައިރޮކް ފޭސްބުކް)

ބޭންޑުގެ ލައިންއަޕް:

  • އިންޝާ އަހްމަދު – ލީޑް ވޯކަލިސްޓް

  • އިނާން އާދިލް – ބޭސިސްޓް

  • އަހްމަދު ފައިޒަން – ޑްރަމަރު

  • ހުސައިން ތައުފީގު – ކީބޯޑިސްޓް

  • އަބްދުﷲ ފަރުހާން (ފައްފު) – ވޯކަލިސްޓް، ރިދަމް ގިޓަރިސްޓް

  • ޒަޔާން ފައިސަލް – ލީޑް ގިޓަރިސްޓް

ސްކައިރޮކް ބޭންޑު. (ފޮޓޯ/ސްކައިރޮކް)

ސްކައިރޮކްގެ ކުރިއަށް ހުރި ޝޯތަކާއި ކުރީގެ ޕާފޮމެންސްތަކާއި އިތުރު މައުލޫމާތު ބަލައިލުމަށް:

ޑިޓިއުން

ޑިޓިއުންއަކީ އާދައިގެ ބައެއް ނޫންކަން ބުނެދޭ ތާރީހީ ކަމެއް ބުނެފާނަމެވެ. މިއީ މުނިފޫހިފިލުވުމުގެ ދާއިރާއިން ގައުމީ އިނާމު ލިބުނު އެންމެ ފުރަތަމަ ބޭންޑެވެ. ޑިޓިއުން ހާއްސަވާ ވަކި ޖޮންރާއެއް ނެތެވެ. މި ބޭންޑުގެ އަމިއްލަ އުފެއްދުންތައް، ޖޭޒް، ބްލޫސް އަދި ރޮކް މިއުޒިކަށް ވެސް ފައްތާލަނީ އެހާމެ ފުރިހަމައަށެވެ. ޑިޓިއުން ބޭންޑުގެ ސައުންޑާ ނުލައި މިހާރު ގިނަ އިވެންޓުތަކާއި ޕާޓީތައް ފުރިހަމަނުވެ އެވެ.

ޑިޓިއުން ބޭންޑުން މިދިޔަ އަހަރު ދިން ޝޯއެއް. (ފޮޓޯ/ޑިޓިއުން ބޭންޑް ފޭސްބުކް)

ޕާފޮމެންސްގެ ބޮޑު ބައި ޑިޓިއުންއިން ވެސް ހޭދަކުރަނީ ރިސޯޓު މިއުޒިކުގައި، ފަތުރުވެރިން ހިތްހަމަޖައްސައިދިނުމުގަ އެވެ. ނަމަވެސް ރިސޯޓު މިއުޒިކުން ބްރޭކެއް ނަގައިގެން ޑިޓިއުންއިން ވަނީ ދިވެއްސާއި އިނގިރޭސި ލަވަތަކަކާ އެކު 'ވަން ޑައުން'ގެ ނަމުގައި އަޑުއަހާލަން އަރާމު އަލްބަމެއް ގެނެސްދީފަ އެވެ. އެ އަލްބަމްގައި ހިމެނޭ އުފާވެރި ފީލްއެއްގެ 'ނަށާލާ'، މަޖާޒީ ބަސްތައް ގަތާލާފައިވާ ދިވެހިވަންތަ 'ހިޔަމަ' އަދި މަޖާ ވައިބެއް ގެނެސްދޭ 'ވައި ސޯންގް'އަކީ އަދިވެސް ދިވެހި މިއުޒިކަށް ލޯބިކުރާ މީހުންގެ ޕްލޭލިސްޓުން ޖާގަ ލިބޭ ލަވަތަކެވެ.

ބޭންޑުގެ ލައިންއަޕް:

  • ފާތިމަތު ފެޒްލީން (ފެޒޫ) – ވޯކަލިސްޓް، ސޯންގް ރައިޓާ، ގިޓަރިސްޓް

  • އަހްމަދު އާސިފް (އައްމަޑޭ) – ޑްރަމަރު، ހާމަނީ ވޯކަލިސްޓް، ޕާކަޝަނިސްޓް

  • ހަސަން ފާތިހު (ފާތި) – ލީޑް ގިޓަރިސްޓް، ހާމަނީ ވޯކަލިސްޓް

  • އަހްމަދު ފުރުގާން (ފުޖީ) – ލީޑް ވޯކަލިސްޓް، ސޯންގް ރައިޓާ، ކީބޯޑިސްޓް

  • އަލީ ޝާފިއު (އައްޔަ) – ބޭސް ގިޓަރިސްޓް، ހާމަނީ ވޯކަލިސްޓް

ޑިޓިއުން ބޭންޑް. އެ ބޭންޑަށް 29،000 ޑޮލަރު ދައްކަން ރެސިޑެންސީ މޯލްޑިވްސްއަށް ވަނީ ހުކުމްކޮށްފައި. (ފޮޓޯ/ ޑިޓިއުން)

ޑިޓިއުން ބޭންޑުގެ ކުރިއަށް ހުރި ޝޯތަކާއި ކުރީގެ ޕާފޮމެންސްތަކާއި އިތުރު މައުލޫމާތު ބަލައިލުމަށް:

ރެވިއޯ

ރެވިއޯއަކީ ޒުވާނުންގެ މެދުގައި މަގުބޫލު ބޭންޑެކެވެ. އަމިއްލަ، ދިވެހި ޅެންތައް ގެނެސްދެނީ ހުޅަނގުގެ ޕޮޕް ރޮކް އަދި 'ފިއުޗަރިސްޓިކް' ވައިބަކަށް ގަތާލައިގެންނެވެ. ޒުވާނުންގެ ހިތް ދަމައިގަންނަ ހުރިހާ ފީލްއެއް ލަވަތަކުގައި ހިމެނެ އެވެ.

މީގެ 9 އަހަރު ކުރިން ވުޖޫދުވި ރެވިއޯ ވަނީ މިހާތަނަށް އަމިއްލަ ދެ އަލްބަމެއް ނެރެފަ އެވެ. އެއީ 2022ގައި ނެރުނު 'ކުރެހުން' އާއި މިދިޔަ އަހަރު ނެރުނު 'ޑީއެންވީއާރު' އެވެ.

މީގެ ކުރިން ބޭއްވި ޝޯއެއްގައި ރެވިއޯ ޕާފޯމް ކުރަނީ. (ފޮޓޯ/ރެވިއޯ ފޭސްބުކް)

ބޭންޑުގެ ލައިންއަޕް:

  • އަހްމަދު ހުމާމް (ޒޯލޯ) – ލީޑް ވޯކަލިސްޓް

  • ޖީމް ނިޔާޒު – ޑްރަމަރު

  • ހުސައިން ހިސާން – ކީބޯޑިސްޓް

  • ޒަޔާން ފައިސަލް – ލީޑް ގިޓަރިސްޓް

  • އިނާން އާދިލް - ބޭސިސްޓް

ރެވިއޯ

ރެވިއޯގެ ކުރިއަށް ހުރި ޝޯތަކާއި ކުރީގެ ޕާފޮމެންސްތަކާއި އިތުރު މައުލޫމާތު ބަލައިލުމަށް:

ދިވެހި މިއުޒިކްގެ އުދަރެހުގެ އެންމެ އުހުގައި މިވަގުތު ރަސްކަން ކުރަމުން އަންނަ މި ވަރުގަދަ ތިން ބޭންޑު އެއް ސްޓޭޖަކަށް ގެނެސްދޭ މިއުޒިކް ޝޯ އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 8:30ގައި، ވިނަރެސް ޓަވަރު 4އާ ޖެހިގެން އިރަށް އޮންނަ ހުސް ބިމުގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް