މުހައްމަދު މަނިކު އާއި ޝީލާ ނަޖީބު، މި ފަހުން އޮލިމްޕަސްގައި ރިލީޒްކުރި 'ކަމަނާ'ގެ ފުރަތަމަ ޝޯގައި ބައިވެރިވާން ރަތް ދޫލާގައި ހިނގާފައި އަންނަނީ (ފޮޓޯ/މިހާރު)

ދިވެހި ފިލްމު

ސައީދު ބުނި އެއްޗަކުން މަނިކު ހިތުގައި ޖެހި، ހާމަކުރީ ޝީލާގެ ލޯބި

ޝީލާ ނަޖީބާ އެކު އެކްޓަރު އަހުމަދު ސައީދު މިފަހުން ފިލްމުތަކެއް ކުޅެފައި ވާތީ ޝީލާއާ ބެހޭ ގޮތުން ބުނާނީ ކީކޭތޯ އެހުމުން ސައީދުގެ ޖަވާބަކީ ޝީލާގެ ފިރިމީހާ މުހައްމަދު މަނިކު ޝައްކުކުރާ ކަމަށް
10 ސެޕްޓެމްބަރު 2024
1

ފިލްމީ ތަރިން ކަމަށްވާ އަހުމަދު ސައީދާއި މުހައްމަދު މަނިކު ސޯޝަލް މީޑިއާގައި މިހާރު މި އޮތީ 'ފަނިވެފަ' އެވެ. ނޫނީ މިއީ ޑާކްރެއިންގެ ފަހުގެ ފިލްމު 'ބިބީ'ގެ ޕްރޮމޯޝަންގެ އުކުޅެކެވެ. ދެ މީހުން އެ އުޅެނީ އެކްޓެއްގައި ކަމެއް ނުވަތަ މަޖަލަށް ބުނި އެއްޗެއް ހަގީގަތުގައި ވެސް ފަނިވީކަމެއް ސީދާ ކަނޑައަޅަން، އަހަރެމެންނަށް އުނދަގުލެވެ.

އެކަމަކު ބިބީގެ ޕްރޮމޯޝަން ވީޑިއޯއެއްގައި ސައީދަށް ކުރި ސުވާލަކަށް އޭނާ ދިން ޖަވާބަށް ފޭސްބުކްގައި މަނިކު ދިން ރައްދު އެއައީ ވަރަށް ހިތުގައި ޖެހިގެން ކަމަށް ބަލަމާ ހިނގާށެވެ. މަނިކުގެ ވީޑިއޯގައި އޭނާ ދެރަވެފައި ހުރިކަން މޫނުމަތިން ވެސް އެނގެ އެވެ. އެކަމަކު އަނެއްކާވެސް ބުނަން ޖެހެނީ މިއީ އެކްޓަރުން ކަމެވެ.

ބިބީގައި ސައީދާ އެކު ބަތަލާއަކަށް އުޅެނީ މަނިކުގެ އަންހެނުން ޝީލާ ނަޖީބެވެ.  ޑާކްރެއިންއިން ތައްޔާރުކުރި ޕްރޮމޯޝަން ވީޑިއޯގައި ސައީދަށް ކުރި އެއް ސުވާލަކީ މި ފަހުން ޝީލާއާ އެކު ގިނަ މަސައްކަތްތަކެއް ކޮށްފައި ހުރުމުން ޝީލާއާ ބެހޭ ގޮތުން ބުނަނީ ކީކޭތޯ އެވެ. ސައީދުގެ ޖަވާބުގައި އޭނާ ބުނަނީ ޝީލާއާ އެކު ދެތިން ފިލްމެއް މި ފަހަކަށް އައިސް ކުޅެފައި އޮތުމުން "މަނިކު މިހާރު އެހާ ބޮޑަށް ވާހަކަ ނުދައްކާ" ކަމަށެވެ.

ދެން އޭނާ މަނިކަށް ބުނެލަނީ "އެއްގޮތަކަށް ވެސް ޝައްކުނުކުރާށޭ" އެވެ.

"އަހަރެމެން ޖަސްޓް އެކުޓޭކުރަނީ. މަނިކު އިތުބާރުކުރަންވާނޭ އަހަރެެމެންނަށް،" ސައީދު ބުންޏެވެ.

އެކަމަކު މަނިކަށް އެ ވާހަކަ ނެގުނީ މަޖާކޮށެއް ނޫނެވެ. އޭނާ އެންމެ ކަންބޮޑުވީ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ފޮލޯކުރަމުން އަންނަ މިނިސްޓްރީ އޮފް ޖުހާއަށް ވެސް އެ ވީޑިއޯ އެރުމާއި އެއަށް ބައެއް މީހުން ކުރި ކޮމެންޓްތަކާ ހެދި އެވެ. މަނިކާ ބެހޭ ގޮތުން ބުނި ތަންކޮޅު އެކަނި ވަކިން ނަގައިގެން ބައެއް މީހުން ސޯޝަލް މީޑިއާގައި ފަތުރާތީ އެއީ ވެސް އޭނާއަށް ލިބޭ ހިތާމައެއް ކަމަށް، ވާހަކަތަކުން އެނގެ އެވެ.

"ޕަބްލިކަށް މީހަކު އަރާ އެގޮތަށް އިންޓަވިއުއެއް ދިނީމާ ހީކުރާނެ ދޯ އެއީ ތެދު ވާހަކައެކޭ. އެކަމަކު އެއީ އެއްވެސް ހާލެއްގައި ތެދެއް ނޫން، ހަގީގަތެއް އޮތް ވާހަކައެއް ނޫން،" މަނިކު ބުންޏެވެ.

"މީހުން ކޮށްފައި ހުރި ކޮމެންޓާއި އަހަންނަށް ގުޅާފައި ގާތް ރައްޓެހިން އަހާލާ އަހާލުމާ މިހުރިހާ ކަންތައްތަކާ ހުރެ ވަރަށް ދެރަވެފައި ހަގީގަތުގައި މިއަދު މިހުރީ."

އޭނާ ހިތްހަމަނުޖެހުމުން އެ ވީޑިއޯ ނަގަން ޑާކްރެއިންއިން ނިންމަފާނެ ކަމަށް މަނިކު ބުންޏެވެ. އެކަމަކު އޭނާ ބުނީ އެކަން އޮތީ "ރިމޫވްކުރާ ހިސާބަށް ވުރެ މައްޗަށް ގޮސް" ކަމަށެވެ. އަނެއްކާވެސް ކަންބޮޑުވީ ހަމަ މިނިސްޓްރީ އޮފް ޖުހާއަށް އެ ވީޑިއޯ އެރުމުންނެވެ.

މިއީ ވެސް ހަމަ އަޖައިބެކެވެ. ސޯޝަލް މީޑިއާގައި ކާކުކަން ނޭނގޭ މީހުން ހިންގާ އެކަހަލަ އެކައުންޓްތަކާ މެދު ވެސް މަނިކުމެން ކަހަލަ ޝަހުސިއްޔަތުން އެހާ ކަންބޮޑުވެ އެ އުޅެނީ 'ހާސްވެގެން'ނެވެ.

މަނިކު ދެން ބޭނުންވީ ޝީލާ އާއި އޭނާއާ ދެމެދު އޮތް ލޯބި ބުނެދޭށެވެ.

"ހަގީގަތަކީ އަހަރެމެންގެ ދިރިއުޅުގައި ނޯންނާނެ އެއްވެސް ކަހަލަ ކުންޏެއް. ކުންޏެއް ނޫޅޭތީ 21 އަހަރު ވަންދެން އެއްކޮށް އިނދެގެން މި އުޅެވުނީ މިއަދާ ހަމައަށް،" މަނިކު ބުންޏެވެ.

"ހަގީގަތުގައި މި ދިރިއުޅުން އެއަށް ވުރެ ޕާފެކްޓް. ކުރިއަށް އޮތީ ވެސް އެހެން. އިރާދަކުރެއްވިޔާ ދާނީ ވެސް އެހެން."

ދެމަފިރިންނަށް މަރުހަބާ އެވެ.

އެކަމަކު އޭގެ ފަހުން މަނިކުގެ ވާހަކަ އެނބުރުނީ ތަންކޮޅެއް ތާޒީ ގޮތަކަށެވެ. ސައީދުގެ އަންހެނުން އަދި ފިލްމީ ތަރި ފާތިމަތު އާޒިފާ (އަޒޫ)އާ ބެހިގަނެ އެވެ. މި ލިއުމުގައި އެ ވާހަކަތައް ހިމަނާކަށް އަހަރެމެން ބޭނުމެއް ނުވެ އެވެ.

7 އޮކްޓޯބަރު 2024ގައި ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމު ބިބީގެ ޕޯސްޓަރެއް: މިއީ ބިރުވެރި މަޖާ ފިލްމެއް

ހުނަރުވެރި އަދި ރާއްޖޭގެ މަތީ ފަންތީގައި ހިމެނޭ ދެ އެކްޓަރެއްގެ ކަމަކަށް ވާތީ ބައެއް މީހުންނަށް އަދިވެސް އޮޅިދާނެ އެވެ. މިއީ އަނެއްކާވެސް 'ބިބީ'ގެ ޕްރޮމޯޝަންގެ ބައެއް ކަމަށް ހީކޮށްގެންނެވެ. ސައީދު އެހެން ބުނީ ކުރިން ރާވައިގެން ކަމެއް އަދި މަނިކުގެ ރައްދު އެ އައީ ވެސް އެ ރޭވުމުގެ ބައެއްގެ ގޮތުގައި ކަން ބުނަން، ގިނަ މީހުންނަށް އުނދަގޫވާނީ އެހެންވެގެންނެވެ. އެކަމަކު މަނިކުގެ ވީޑިއޯ ނިންމާ އިރު އާޒިފާއާ ބެހޭ ގޮތުން ބުނެލާ ވާހަކައިން އޭނާ އެހުރީ ރުޅިއައިސް އަދި ދެރަވެފައޭ ޔަގީންކުރަމާ ހިނގާށެވެ.

އަހަރެމެންގެ ނަސޭހަތަކީ މަޖާ ފަނިނުކުރުމަށެވެ. ހިތްހަމަނުޖެހިއްޖެ ނަމަ އެއަށް ވުރެ ރަނގަޅަށް އަދި ފޭނުން ވެސް އުފާވާނެ ގޮތަކަށް މައްސަލަ ހައްލުކޮށްލަދޭށެވެ.

ދެން ބުނަން ބޭނުންވަނީ 'މަނިކު އެވެ: ސޯޝަލް މީޑިއާގައި ކިތައްމެ ގިނަ ބަޔަކު ފޮލޯކުރިޔަސް ސީރިއަސްކޮށް ނަގަން ނުޖެހޭ ބައިވަރު އެކައުންޓްތައް އުޅޭނެއޭ އެވެ.

ކޮމެންޓް (1)

ޜެއިން

11 ސެޕްޓެމްބަރު 2024
ދައުރުން މީތި ލިޔުނީ މަނިކަށް ޖެއްސުމަށް
5 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް