ފިލްމް ކަމަނާގެ ޕްރިމިއާގެ ތެރެއިން
'ކަމަނާ'އިން އޮލިމްޕަހަށް ގެނެސްދިނީ 'ބަހާރެއް'
ދިވެހި ފިލްމް 'ކަމަނާ'ގެ ހުރިހާ ޝޯއެއް ހައުސްފުލްވެ އޮލިމްޕަހަށް 'ބަހާރު މޫސުމެއް' އަތުވެއްޖެ އެވެ.
ކިޑް ޕްރޮޑަކްޝަން އާއި ސެޓާން ސްޓޫޑިއޯ ގުޅިގެން އުފެއްދި ފިލްމު އޮލިމްޕިކްސްގައި ދައްކަނީ 27 އޯގަސްޓްއިން ފެށިގެން 14 ސެޕްޓެމްބަރުގެ ނިޔަލަށެވެ. އެކަމަކު ފިލްމުގެ 27 ޝޯ ވަނީ ހައުސްފުލްވެފައި ކަމަށް، ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެ އެވެ.
ގެވެށި އަނިޔާގެ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމުގެ ލީޑް ތަރިންނަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި މަރިޔަމް އައްޒަ އެވެ.
ދިވެހި ފިލްމަށް ތަރުހީބެއް ނެތޭ، ފެންވަރު ރަނގަޅު އުފެއްދުންތަކެއް ދެން ނުހެދޭނެއޭ އަދި ފިލްމު ބަލަން މީހުން ނުދާނެޔޭ ފަދަ ބަސްތަކަކީ އިންޑަސްޓްރީގައި މަސައްކަތް ކުރާ މީހުންނަށް އެންމެ ގިނައިން އަމާޒުވާ ފާޑުކިޔުންތަކެވެ.
ނަމަވެސް ހިތްވަރު އެލުވާނުލައި އަދި ލިބެން ހުރި ވަސީލަތްތަކާއި ހުނަރުތައް ބޭނުންކޮށްގެން ފެންވަރު ރަނގަޅު އުފެއްދުންތަކާ އެކު ދިވެހި ސިނަމާއަށް ދިރުން ގެންނަން އެތައް ފަންނާނުނެއް އަންނަނީ މަސައްކަތްކުރަމުންނެވެ.
ބުރަ މަސައްކަތްތަކަކާ އެކު ފިލްމެއް ފުރިހަމަކޮށްފައި ދޫކޮށްލާ އިރު ވެސް ބޮޑު ތަރުހީބެއް ލިބިދާނެއޭ ލަފާކޮށްލަން ޕްރޮޑިއުސަރުންނަށް ދައްޗެވެ. އޯޑިއަންސް ބަލައިގަންނާނީ ކިހާ ވަރަކަށްކަން ބުނެދޭން ނޭނގެނީ އެވެ.
ކަމަނާ އެޅުވުމާ އެކު ފިލްމުގެ ގިނަ ޝޯތައް ފުރުނެވެ. ބެލުންތެރިންގެ ޑިމާންޑަށް ކޭޓަރު ކުރުމުގެ ގޮތުން، ދަންވަރު އިތުރު ޝޯތައް ބޭއްވުމުގެ އިންތިޒާމް ވެސް ހަމަޖެއްސި އެވެ. އެ ޝޯތައް ވެސް ފުރުނީ އެވެ.
ފިލްމުގެ ބަތަލާ މަރިޔަމް އައްޒަ 'ދައުރު'އަށް ދިން އިންޓަވިއުގައި ބުނީ މިއީ ބެލުންތެރިން ދިން ބޮޑު ސަޕްރައިޒްއެއް ކަމަށެވެ. މި ފަހުގެ ތާރީހެއްގައި އޮލިމްޕަހުގައި އެޅުވި ދިވެހި ފިލްމަކަށް ނުލިބޭހާ ބޮޑު ތަރުހީބެއް 'ކަމަނަ'ށް ލިބޭތީ ފިލްމުގެ ބައިވެރިންނަށް އެކަން ގަބޫލުކުރަން ދައްޗެވެ.
"ބެލުންތެރިން މިފަހަރު ހަމަ އަސްލަށް ވެސް އަޅުގަނޑުމެން ކޮސްކޮށްލައިފި. އަޅުގަނޑުމެންގެ ހިތްތައް މިތިބީ ހަމަ އުފަލުން ފޮޅިފައި. އަޅުގަނޑުމެންގެ ފޯނުތައް ވައިބްރޭޓްވުން ނުކެނޑޭ. ފޯނު ކޯލްތައް އަންނަނީ ޓިކެޓް ނުލިބިގެން،" އަައްޒަ ބުންޏެވެ.
ފިލްމުގައި އުޅެނީ ތަޖުރިބާހުރި ތަރިންނެވެ. 'ކަމަނާ'ގެ އިތުރު ތަރިންގެ ގޮތުގައި މުހައްމަދު ރަޝީދު (ދަރާ)، މުހައްމަދު މަނިކު، ނަތާޝާ ޖަލީލް އަދި އާމިނަތު ރަޝްފާ (އާޝާ) ފެންނާނެ އެވެ.
ހަގީގީ ހާދިސާއަކަށް ވެފައި އަދި ފިލްމު ފުރިހަމަކުރަން ކޮށްފައިވާ މަސައްކަަތަށް ބަލާ ނަމަ، ލީޑް ތަރި އައްޒަ ވަނީ ފިލްމުގައި އޭނާގެ ޝަހުސިއްޔަތު ރަނގަޅަށް ދައްކަން ހަށިގަނޑަށް ވެސް ބޮޑު ބަދަލެއް ގެނެސްފަ އެވެ. މިއީ ވެސް ބެލުންތެރިން ޝަައުގުވެރިވި އެއް ސަބަބު ކަމަށް ބެލެވެ އެވެ.
އައްޒަ ބުނާ ގޮތުން މިވަރުގެ ޕްރޮޖެކްޓެއް މިހާ ކާމިޔާބުކަމާ އެކީ ނިންމާލެވުނީ ފިލްމްގެ މުޅި ޓީމުގެ މަސައްކަތުންނެވެ.
"ވަރަށް ވަރުގަދަ ޓީމެއް. މި ކާމިޔާބީއަކީ މުޅި ޓީމުގެ މަސައްކަތެއް،" އައްޒަ ބުންޏެވެ.
ރިޝްފާ އަބްދުލް ސަމަދު ލިއެފައިވާ ހަގީގީ ހާދިސާއަށް 'ކަމަނަ'ގެ ސްކްރީންޕްލޭ ތައްޔާރުކުރީ ތަޖުރިބާކާރު މަހުދީ އަހުމަދު އެވެ. އަލީ ޝާނީޒް ޕްރޮޑިއުސްކޮށް އަދި ހުސެއިން މުނައްވަރު ޑައިރެކްޓްކޮށްފައިވާ 'ކަމަނާ' މާލޭގެ އިތުރުން، ރަށްރަށުގައި އަޅުވަން ވެސް ވަނީ ނިންމައިފަ އެވެ.
"އަދިވެސް ފިލްމު ބަލަން ބޭނުންވެފައި ތިބި ބެލުންތެރިން އެބަ ތިބި،" އަައްޒަ ބުންޏެވެ.