ކުރުވާހަކަ: މަކާއޯ
އެހެން ދުވަސް ދުވަހެކޭ ވެސް އެއްފަދައިން އަހަރެން އިނީ އިރު އޮއްސޭ މަންޒަރު ބަލާށެވެ. އިރު އަރާ މަންޒަރާއި އޮއްސޭ މަންޒަރަކީ އަހަރެންގެ ހަޔާތަށް ފޮނި އިހުސާސްތަކެއް ގެނެސްދޭ ދެ އެއްޗެކެވެ. އޮއްސެމުން ދިޔަ އިރުން ފޮނުވި ސަލާން އައިސް ރާޅުގެ ފޮނުތަކާއެކު އަހަރެންގެ ފައިގައި ބީހިލިއެވެ. ދިޔަރެހުގައި ކުޅެ ސަމާސާ ކުރަމުން ދިޔަ ރިވެލީގެ ކުލަކުލައިގެ ތަރިތައް ވިދާބަބުޅަމުން ދާތަން ފެނުމަކީ ހިތްހަމަޖެހުމާއި އުފާވެރިކަން ގެނުވައިދޭ ކަމެކެވެ. އުޑުމަތީގައި ފެތުރިފައިވާ މަޑު އޮރެންޖުކުލައިގެ ސާލު މަތިން އުނދުހެމުން ދިޔަ ދޫނިތަކުގެ އަޑުގައި ވަނީ މިނިވަންކަމެވެ. އެ މަންޒަރަކީ އަހަރެން ހަނދާން ހުންނަން ފެށީއްސުރެ ބަލަމުން ދިޔަ މަންޒަރެކެވެ. އެކުވެރިޔާއާ އެކު ކޮންމެ ދުވަހެއްގެ މި ވަގުތައް އަހަރެން އިންތިޒާރު ކުރަމުން ދަނީ މި ގުދުރަތީ ހިތްގައިމުކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިތަށް ސިފަކޮށްލުމަށެވެ.
އަހަރެންގެ އެކުވެރިޔާއަކީ އުމުރުން އެންމެ ތިން އަހަރުގެ ފްލެޕީއެވެ. ފްލެޕީއަކީ މަކާއޯއެކެވެ. އަހަރެން އެންމެ ކުރާ ހިތްވާ ކަމަކީ އެކި ވައްތަރުގެ ދޫނި ގެންގުޅުމެވެ. އެ ގޮތުން އެންމެ ގިނައިން ގެންގުޅެނީ ކޮކަޓޫއާއި އެފްރިކަން ގްރޭއާއި ބްލޫ މަކާއޯއާއި އެކްލެކްޓަސް ޕެރޮޓްއެވެ. މީގެ ތެރެއިން ކޮންމެ ދޫންޏަކަށް ވެސް އަހަރެން ނަމެއް ދިނީމެވެ. އަހަރެންގެ އެންމެ ފޭވަރިޓް ދޫންޏަކީ ފްލެޕީއެވެ. ފްލެޕީއަކީ އުމުރުން ވީ ދުވަހަށް ވުރެ ހަށިގަނޑު ބޮޑުކޮށް އިންނަ ދޫންޏެކެވެ. އެހާމެ ބަރެވެ. ފްލެޕީދެކެ އަހަރެން ވަރަށް ލޯބިވެއެވެ. ހީވެއެވެ. އަހަރެންގެ އިހުސާސްތައް އެންމެ ރަނގަޅަށް އެނގެނީ ފްލެޕީއަށެވެ. އަހަރެންގެ ހިތާމައާއި ހިތްދަތިކަމުގައި އެ ސޮރު ބައިވެރިވެއެވެ. ދިމާވާ ކޮންމެ ހިތްހަމަނުޖެހުމެއްގައި، ހިތްހަމަޖެހުން ގެނުވައިދެނީ އެ ސޮރު ދައްކާ ވާހަކަތަކުންނެވެ. ކޮންމެ ބަހުރުވައަކުން ވާހަކަ ދެއްކިޔަސް ފްލެޕީ ދައްކާ ހުރިހާ ވާހަކައެއް އަހަރެންނަށް އެނގެއެވެ. ފްލެޕީއަށް އެންމެ މީރީ ތަރުކާރީގެ ބާވަތްތަކެވެ. މީހުން ބުނެއެވެ. ދޫނި ސޫފާ ސޫފި ކާނީ އެ ސޮރުމެންނަށް ކަމުދާ ވައްތަރުގެ ބާވަތްތަކެވެ. އިންސާނުން ކައި އުޅޭ އެއްޗެއްސެއް ނުކާނެއެވެ. އެއީ އަހަރެން ގަބޫލު ކުރާ ކަމެއް ނޫނެވެ. އެންމެ ކުޑަ އިރުން ފެށިގެން އެއްޗެއްސަށް އާދަ ކުރުވީމާ އެއްޗެހި ކަމުދެއެވެ. ދަސްކޮށްދޭ ގޮތަކަށް ކަންކަން ކުރެއެވެ.
އަހަރެން ވަޒީފާ އަދާކުރަނީ އަމިއްލަ މީހެއްގެ ތަނެއްގައެވެ. އެތަނުން ލިބޭ މުސާރަ ވަރަށް ބޮޑެވެ. އަހަރެން ދިރިއުޅެނީ ހުޅުމާލޭގައެވެ. ލިބޭ މުސާރައިގެ ބޮޑު ބައެއް އަހަރެން ހޭދަ ކުރަނީ ދޫނިތަކަށެވެ. އެ ސޮރުމެންނަށް ބޭނުންވާ ކާ ތަކެތި ގަތުމާއި އެހެނިހެން ކަންކަމަށެވެ. އަހަރެން އުޅޭ ގޮތުން ރައްޓެހިން މަލާމަތް ކުރެއެވެ. މި އުމުރުގެ އެހެން ފިރިހެންކުދިން އަންހެން ކުއްޖަކަށް ވެސް ނުކުރާހާ ހަރަދު ދޫނިތަކަށް އަހަރެން ކުރާތީ އެކަމަށް ޖޯކު ޖަހަން ފެށިއެވެ. އެ ގޮތް ކަމު ނުގޮސްގެން ރައްޓެހިންތައް ބަދަލު ކުރީމެވެ. އެކުގައި ގެންގުޅެން ހިޔާލު ކުރީ ދޫނި ގެންގުޅުމަށް ލޯބި ކުރާ އެކުވެރިންނެވެ. އެ މީހުންނާއި އެ މީހުންގެ ދޫނިތަކާއެކުގައި އަހަރުމެން ގުރޫޕު ހަދާފައި އުޅެމެވެ. ކޮންމެ ދުވަހަކު ހަވީރު ސައިކަލު ދުއްވަން ދަމެވެ. އިރު އޮއްސޭ މަންޒަރު ބަލަން ދަމެވެ. ރުކާއި ގަސް ހުންނަ ތަންތަނަށް ދަމެވެ. އެއީ ދޫނިތަކަށް މިނިވަންކަމާއެކުގައި އުދުހިލާ އުޅެވޭނެ މަގު ތަނަވަސްކޮށްދޭން ވެގެންނެވެ.
އަހަރެންގެ ފްލެޕީ ވަރަށް ބާރަށް ގޮވާނެއެވެ. ކޮންމެ ގަޑިއަކު ވެސް ގޮވާލަފާނެއެވެ. ދަންވަރާއި ހެނދުނާއި ހަވީރު ވެސް ގޮވާނެއެވެ. ގޮވާލާ ކޮންމެ ފަހަރަކު އަޑު އިވޭ ހިސާބުގައި އަހަރެންނަކަށް ނުހުރެވެއެވެ. ބައެއް ފަހަރު އޮފީހުގައި އުޅެން ޖެހެއެވެ. އަނެއް ބައި ފަހަރު އާއިލީ ކަންކަންމުގައި ތަންތަނަށް ދާން ޖެހެއެވެ. އެކަން އަހަރެންނަށް އުނދަގޫވާން ފެށިއެވެ. ބޭނުންވީ ފްލެޕީ ގޮވާލާ ކޮންމެ ފަހަރަކު އެ ސޮރުގެ އަޑު އިވޭ ހިސާބުގައި ހުންނާށެވެ. އެކަމާ އަހަރެން ވަރަށް ވިސްނީމެވެ. ނަމަވެސް ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ. އެކަމަކު އޮފީހަށް ދިޔުން މަދު ކޮށްލީމެވެ. ބަދަލުގައި ގޭގައި ގިނަ މަސައްކަތް ކުރީމެވެ. ލެޕްޓޮޕް ހިފައިގެން އަހަރެން އިންނަން ފެށީ ދޫނިކޮށި ކައިރީގައެވެ. އެ ގޮތް މަންމައަށް ކަމު ނުގޮސްގެން ކުދި ކިޔަން ފެށިއެވެ. އަހަރެންގެ ބޮލަށް އުނދަގޫވާން ފެށިއެވެ. އެންމެ ފަހުން ވަކިން ދިރިއުޅެން އަހަރެން ނިންމީމެވެ.
އަހަރެންގެ ނަމަކީ އަލާއުއެވެ. އުމުރަކީ ފަންސަވީސް އަހަރެވެ. ފިރިހެން ކުއްޖަކު މި ގޮތަށް ވަކިން ތަނެއްގައި އުޅުން އެއީ މައްސަލައެއް ހެއްޔެވެ؟ އެކަން މައްސަލައަކަށް ވީ އަހަރެންގެ މަންމައަށެވެ. އަހަރެން އުޅޭ ތަނެއް ހޯދައިގެން އައިސް އެކި ޝަކުވާ ކުރަން ފެށިއެވެ. މަންމައަށް ފައިސާގެ ދަތި ވާހަކައެވެ. އަހަރެން މީހަކާ ނީނދެގެން އެ ވާހަކައެވެ. އަނެއްކާ ވެސް ބޮލަށް އުނދަގޫވާން ފެށިއެވެ. މަންމައަށް ވިސްނައިދެވޭތޯ ވަރަށް މަސައްކަތް ކުރެވުނެވެ. ނަމަވެސް ވީ ކަމެއް ނެތެވެ.
ރައްޓެހިންތެރޭގައި އުޅުނު އެކުވެރި އަންހެން ކުއްޖެކެވެ. ނަމަކީ އަލްދާއެވެ. އަލްދާއާ އެކުވެރިކަން ބަދަހިވީ އެހެން ރަހުމަތްތެރިއެއް މެދުވެރިކޮށެވެ. އެކުވެރިކަން ބަދަހިވެ ކޮފީތަކަށް އެކުގައި ދާން ފެށީމެވެ. ގިނަ ވަގުތު އެކުގައި ހޭދަ ކުރަން ފެށުމުން އެ ގުޅުން އެހެން ހަރުފަތަކަށް ދާން މާ ގިނަ ދުވަހެއް ނުނެގިއެވެ. އެއީ އަލްދާއަށް ވިސްނުނު ގޮތެވެ. ނަމަވެސް އަހަރެންގެ ހިޔާލު ތަފާތެވެ. އަލްދާއަކީ ވެސް ދޫނި ގެންގުޅޭ ކުއްޖެކެވެ. އުމުރުން ވިހި އަހަރެވެ. އަލްދާ އެންމެ ލޯބިވި ދޫނި މަރުވީ އެކްސިޑެންޓެއް ވެގެންނެވެ. އޭގެ ފަހުން އަލްދާ ގެންގުޅޭ ދޫނިތަކަށް ވަރަށް ސަމާލުކަން ދެއެވެ.
އަލްދާ ހުށައެޅި ގުޅުމަށް އަހަރެން މަރުހަބާއެއް ނުކިޔަމެވެ. އެކަމާ އަލްދާ ދެރަވާނެކަން އެނގެއެވެ. އޭނައަކީ ހުތުރު ކުއްޖެއް ނޫނެވެ. އަހުލާގު ވެސް ރަނގަޅު ކުއްޖެކެވެ. ކިޔަވައިގެން ހުރި ހީވާގި ކުއްޖެކެވެ. ނަމަވެސް އޭނަ ކިބައިން އަހަރެންނަށް ކަމުނުދާ ކޮންމެ ވެސް ސިފައެއް ފެނުނެވެ. އެއީ ކޮން ސިފައެއްކަން ސީދާ ބުނެދޭކަށް ނޭނގުނެވެ. އެކަމަކު ހީވާ އެއްޗެއް އޮވެއެވެ. ދޫނި ގެންގުޅުމަށް އަލްދާ ކިތަންމެ ލޯބި ކުރިޔަސް އަހަރެންގެ ދޫނިތަކާ މެދު އަލްދާ ދެކޭ ގޮތް ތަފާތެވެ. ގިނަ ވަގުތު ދޫނިތަކާއެކު އަހަރެން ހޭދަ ކުރާ އިރު ވަށްބަހުން ބައެއް އެއްޗެހި ބުނެލައެވެ. އަހަރެންނަށް ހީވީ އަލްދާ ހަސަދަވެރިވަނީ ހެންނެވެ. އެހެން އެކުވެރިއެއް ގާތުގައި އެ ވާހަކަ ދެއްކުމުން އެ ވަހުމަކީ ހަގީގަތެއްކަން އެނގުނެވެ. އެހެން ކަމުން އަލްދާއާ އޮތް ގުޅުން ކުޑަކޮށްލީމެވެ. އެ ގޮތް އޭނައަކަށް ކަމަކު ނުދިޔައެވެ. އަބަދު ގުޅައި އުނދަގޫ ކުރަން ފެށިއެވެ. ނަންބަރު ބްލޮކް ކޮށްލާ އިރު އެހެން ނަންބަރަކުން ގުޅައެވެ. އަހަރެން ގެއިން ނުކުންނަ ވަގުތުތަކުގައި މަގުމަތިން ދިމާ ކުރެއެވެ. އެކި ފަހަރު މަތިން އަހަރެން ނަސޭހަތް ދިނީމެވެ. އަޑެއް ނޭހިއެވެ. ގަބޫލެއް ނުކުރިއެވެ. އަލްދާގެ ނުފެންނަ ފަރާތް އަހަރެންނަށް ފެންނަން ފެށިއެވެ. އަހަރެންނަށް އެކި ކަހަލަ އިންޒާރުތައް ދޭން ފެށިއެވެ.
އަނެއްކާ ވެސް އަހަރެން އުޅޭތަން ބަދަލު ކުރީމެވެ. އޭގެ ފަހުން އަލްދާގެ އުނދަގޫ ހުއްޓުނެވެ. ލޮލަށް ވެސް ނުފެނެއެވެ. އަހަރެންގެ ބޮލަށް ލުޔެއް ލިބުނެވެ. ހިތަށް ހަމަޖެހުން ލިބުނެވެ. ކުރިއެކޭ އެއް ގޮތަށް އަހަރެންގެ ފްލެޕީއާ އެކު ވަގުތުތައް ހޭދަ ކުރަން ފެށީމެވެ. ނަމަވެސް ފްލެޕީއަށް ބަދަލުތަކެއް އައެވެ. ފްލެޕީ އިންނަން ފެށީ ވަރަށް މަޑުމަޑުންނެވެ. ހީވަނީ ބަލިވެ އުޅޭ ހެންނެވެ. ދޫނީގެ ތަޖުރިބާ ހުރި އެކި ރައްޓެހިންނަށް ފްލެޕީ ދެއްކީމެވެ. ކޮންމެ މީހަކު ވެސް ހައިރާން ވެފައި އަހަރެންނާ ދިމާލަށް ބަލަހައްޓާއިގެން ހުންނަނީއެވެ. ބައެއް ފަހަރު އަހަރެން ވަރަށް ރުޅި އަންނަ އެއްޗެހި ބުނެއެވެ. ހިތްހަމަނުޖެހޭ އެއްޗެހި ބުނެއެވެ. އަންނަ ރުޅީގައި އަހަރެން ނުކުމެގެން އަންނަނީއެވެ. އިންޓަނެޓްއިން އެކި ކަހަލަ ބޭސްތައް ގަނެގެން ފްލެޕީއަށް ދޭން ފެށީމެވެ. ރަނގަޅެއް ނުވިއެވެ. އެކަމާ އަހަރެން ވަރަށް ދެރަވިއެވެ. ހަދާނެ ގޮތެއް ވިސްނުމަކަށްނައެވެ.
އޮފީހުން ވެސް ކެނޑުނީމެވެ. ފްލެޕީއަށް ވާ ގޮތެއް ނޭނގޭތީ އެކަމާ ވަރަށް ބޮޑަށް ވިސްނެން ފެށުނެވެ. އަހަރެން ހީކުރީ ފުޑްޕޮއިޒަނެއް ވީ ކަމަށެވެ. ނަމަވެސް އެ ކަހަލަ ކަމެއްގެ އަލާމާތެއް ނެތެވެ. ދެން ހިތަށް އެރިއެވެ. އަލްދާ ކަމެއް ކުރީބާއެވެ. އޭނަގެ އެސްފީނާ ޖެހުނީ ހެއްޔެވެ؟ އަހަރެން ހިތް ބުނީ އެއީ ތެދެއް ކަމަށެވެ. ރުގްޔާ ކުރާ މީހަކު ހޯދަން އަތް ފުނާ އަޅަން ފެށީމެވެ. ކާމިޔާބު ވިއެވެ. ރަނގަޅުކަމަށް ބުނާ މީހަކު ގެއަށް އައެވެ. އަހަރެން ދެއްކި ހުރިހާ ވާހަކަތަކެއް އޭނާ ކަނުލާ އަޑުއެހިއެވެ. އަދި ގަބޫލު ކުރިއެވެ. ނަމަވެސް އެއް ކަންތައް ގަބޫލު ކުރަން އުނދަގޫވިއެވެ. އެއީ ފުރަތަމަ ފަރުވާ ކުރަންވީ އަހަރެންނަށް ކަމަށް ބުނި ހިސާބެވެ.
ރައްޓެހިން ބުނާ ގޮތުގައި ފްލެޕީ މަރުވެއްޖެއެވެ. ކުނިވެފައިވާ ފްލެޕީގެ ހަށިގަނޑު ހިފައިގެން އަހަރެން ހިނގަނީއެވެ. އެކި މީހުން ގާތުގައި މަދަދަށް އެދިގެން ދަނީ އަހަރެން ކުޑަކޮށް މޮޔަވެފައި ހުރީމައެވެ. އަނެއް ކަމަކީ އަލްދާ ފެނުމެވެ. އެ މީހުން ބުނާ ގޮތުން އަލްދާ ވެސް ވަނީ ނިޔާވެފައެވެ. އަހަރެންނަށް އަލްދާ ފެނުނީ ރައްޓެއްސެއްގެ ފޯނުގައި އިން ފޮޓޯއަކުންނެވެ. އަހަރެންނަށް އޭނަ ކަމުދިޔައީއެވެ. ލޯބިވީ ވެސް އަހަރެންނެވެ. ލޯބި ހުށަހެޅީ ވެސް އަހަރެންނެވެ. ނަމަވެސް އަހަރެން ބޭނުންވީ ކުރިން މި ކިޔައިދިންހެން ގަބޫލު ކުރާށެވެ. އެކަމަކު ކުރިން ހިނގި ކަމަށް މި ބުނި އެއްވެސް ކަމެއް ނުހިނގައެވެ. އެއީ އަހަރެންނަށް ހީވި ހީވުންތަކެކެވެ. މިއީ ރައްޓެހިންނާއި އާއިލާ މީހުން ބުނާ ގޮތެވެ. ނަމަވެސް އަހަރެން ގަބޫލެއް ނުކުރަމެވެ. އަލްދާ ވެސް އުޅުނުނެވެ. އޭނައަށް އަހަރެން ފިލީއެވެ. އަހަރެން ލޯބިވާ ފްލެޕީ ވެސް އަހަރެންނާއެކު އެބަ އުޅެއެވެ. އެ ސޮރަށް ކާން ވެސް ދެމެވެ. އެކުގައި ވަގުތު ވެސް ހޭދަ ކުރަމެވެ. އެކުގައި ގޭމް ކުޅެ ވާހަކަ ވެސް ދައްކަމެވެ. އެއީ އޭގެ ފަތެއް ކަމުގައި ވިޔަސް އަހަރެންނަށް އެންމެ ރަނގަޅެވެ.
-ނިމުނީ-