މި ހިތުގެ ޝިފާ
(ބުދަ ދުވަހުގެ ބަޔާއި ގުޅޭ)
"ދެއާ ގޯޒް މައި ލާސްޓް ހޯޕް...." ކިޔާން އެއް އަތުން ހިތުގައި އަޅާލަމުން ބުނެލިއެވެ.
ޝިފާ ބަލަން ފެށީ ދުރެވެ. އޭނާ އިތުރަށް އެވާހަކަ ކުރިއަށް ގެންދާކަށް ގަސްތެއް ނުކުރި އެވެ.
***
ޝިފާގެ އާ ގެއަށް އެއްޗެހިތައް ގެނެސްދީފައި އެންމެން ދިޔައިރު ކޮޓަރީގައި އެކި ހިސާބުގައި ބަންދުކޮށްފައިވާ ފޮށިގަނޑުތަކެވެ. އެނދަކާއި އަލަމާރިއެއްގެ އިތުރުން ރީތިވާ މޭޒެއް ނޫނީ ފަރުނީޗަރެއް ނެތެވެ. ގަޑިން އޭރު ހެނދުނު ދިހައެއްޖަހާ ދަނީ އެވެ. ބަދިގޭގައި ކެއްކޭކަށް ވެސް ނުހުންނާނެ އެވެ. ޝިފާ އައީ ހެނދުނު ރަނގަޅަށް ނާސްތާކޮށްގެންނެވެ. އެހެންވެ ހަމައެކަނި ބުއިމަކުން ފުއްދައިލެވިދާނެ އެވެ. އާންމުކޮށް ވެސް މެންދުރު ކާކަށް އެހާ ފޯރިއެއް ނުހުރެ އެވެ. އޭނާގެ ސަމާލުކަން ހުރީ ހަށިގަނޑު ހިކިކޮށް ރީތިކޮށް ބެހެއްޓުމަށެވެ.
ފޮތިތައް އަޅާފައި ހުރި ކަމަށް "ލޭބަލް" ކޮށްފައިވާ ފޮށިގަނޑު ކަނޑާލުމަށް ފަހު އެނދުގައި ބެޑްޝީޓެއް އަޅައި ބާލީސްތަކަށް ވެސް އުރަ ލައްވާލި އެވެ. ދޮރު ކައިރީ ޕޮޓަކަށް ލާފައި ބަހައްޓާފައި ހުރި ފެހިކަން ގަދަ ރީތި ގަހަކީ އޭނާއަށް އެއްޗެހި ގެނެސްދިން މީހުން ދަމުން ހަދިޔާއަކަށޭ ކިޔާފައި ބަހައްޓާފައި ދިޔަ އެއްޗެކެވެ. ޝިފާ އެގަސް ނެރެ ބެހެއްޓީ ބެލްކަނީގަ އެވެ. ރެއިލިންގައި އަތް އަޅުވާލައިގެން ހުއްޓި ވަށައިގެން ލޯ ހިންގައިލި އެވެ. ހީވީ ވަށައިގެން ހަތަރު ފާރު އައިސް ފިއްތާލަން އުޅެނިކޮށް ސަލާމަތްވީ ހެންނެވެ. އިހްސާސްވީ ފާޑެއްގެ މިނިވަންކަމެވެ.
މިނިވަންކަން ޝިފާއަށް ފުރަތަމަ އިހްސާސްވީ މާލެ އައިސް ބޮޑުދައިތަގެ ގެއިން ނުކުމެ އެކުވެރިޔާއާ އެކު ފުރަތަމަ ދިރިއުޅެން ފެށި ދުވަސްވަރެވެ. ބޮޑުދައިތަގެ ގޭގައި އުޅުނުއިރު އެމީހުން ކިތަންމެ މިނިވަން ހިޔާލެއް ގެންގުޅުނަސް ބައްޕަމެންގެ ލޯތަކުން އެއިރު ސަލާމަތެއް ނުވެވެއެވެ. ގެއަށް އައިސް ގޮސްވެ އުޅޭ ގަޑިތަކާއި ކުރާ ހުރިހާ ކަމަކަށް ބާރު ފޯރުވައެވެ. ބޮޑުދައިތަމެން ބައެއް ފަހަރު އޭނާގެ ދިފާއުގައި ދޮގެއް ހަދާލިއަސް ޚުދު ޝިފާއަށް ވެސް އެތާ އުޅުނުއިރު ބޭނުން ގޮތަކަށް އުޅޭކަށް ނުކެރެއެވެ.
ސަމާއާ އެކު އުޅެން ފެށިއިރު ބައްޕައާ އޭނާގެ ގުޅުމަށް އޮތީ ބުރޫއަރާފައެވެ. ސަމާއާ އެކު އާ ތަނަކަށް ގޮސް ޝިފާ ފުރަތަމަ ވެސް ބޭލީ ބުރުގާ އެވެ. އޭނާގެ ރީތި ދިގު އިސްތަށިގަނޑު ފޮރުވައިގެން ހާދަ ދުވަހަކު އުޅެފިއެވެ. ޝިފާގެ މި ނިންމުމާ އެކު ހުރިހާ އެކުވެރިން މަރުހަބާކިޔެވެ. ޝިފާގެ ހިތްވަރަށް ސާބަސްދީ މިހާރު މާ ރީއްޗޭ ބުނެ ތައުރީފު އޮއްސި އެވެ. ޝިފާއަށް އެނިންމުގައި ސާބިތުވެވުނީ އެހެންވެ އެވެ.
ޕާޓީތަކަށް ގޮސް ގަޓު ދައްކާލަން ސިގިރެޓް ރަހަ ބެލި ދުވަހު ޝިފާ ކޮށިއެރި އެވެ. އެކަމަކު އެކަމުގައި ވެސް ހިތްވަރުދިނީ އެކުވެރިންނެވެ. އެއީ މާ "ކޫލް" ކަމެއްގެ ގޮތުގައި އަންގައިދިނެވެ. ރިސޯޓްތަކަށް ދާއިރު އެންމެން ކުރިމަތީ ގޮސް ކިޔާންއާ އެކު ކޮޓަރިތަކަށް ވަދެ ނުކުމެވާތަން ދެކޭ އެކަކު ވެސް ސުވާލެއްނުކުރެ އެވެ. އެއީ މައްސަލައަކަށް ނުހަދަ އެވެ. އެކުވެރިންނާ އެކު ގޮސް އުޅޭ އެފަދަ ދަތުރުތަކުގައި އިސްލާމީ މުޖުތަމައުތަކާ ނުގުޅޭ ހެދުން އަޅައިގެން އުޅޭތީ ބުމަ އަރުވައިލި މީހަކު ވެސް ނެތެވެ.
އެކަމަކު އޭނާ މިއަދު، ކިޔާން ކަހަލަ ކަލަކުވާކަން ވެސް ގަބޫލުނުކުރާ މީހަކާ ވަކިވާން ނިންމީތީ އެކަން އެމީހުންނަށް މައްސަލައަކަށް ވެއްޖެއެވެ. ﷲއަށްޓަކައި ދުނިޔަވީ ލޯތްބެއް ދޫކޮށްލަން ގަސްތުކުރުމުން އޭނާއަކީ ބޭވަފާތެރިއަކަށް ހަދައިފި އެވެ. މަރުމަތިން ހަނދާން ނައްތާލައިގެން އޭނާ ހާދަ ދުވަހަކު އުޅުނެވެ. ލޯ ކުރިމަތިން ނުހަނު ގާތުން ފެނުނު އެ ހާދިސާއަށް ފަހު ހޭވެރިކަންވީތީ މިއަދު އޭނާ ޝުކުރުކުރެއެވެ. އެ ހާދިސާއަށް ފަހު އެކި ފަހަރު މަތިން އޭނާ އެކަން ހަނދާންނައްތާލަން އުޅުނެވެ. ކުރިން ވެސް އަމިއްލަ ވާޖިބުތައް ހަނދާން ނައްތައިލި ފަދައިންނެވެ. ކޮންމެ ގޯސް ކަމެއް ކުރާއިރު ހިތުން އަންނަ އަޑަށް ބީރުކަންފަތެއް ދީ ސިކުނޑި އެހެން ދިމާއަކަށް އަނބުރާލި ފަދައިންނެވެ. އެކަމަކު އެ ހާދިސާއަށް ފަހު އޭނައަކަށް އެ ހަނދާނަކާ ވަތްކެއްނުވެވުނެވެ. އެދުވަހު ދާދި ކައިރިން ދުނިޔެ ދޫކުރި އަންހެންކުއްޖާ ފަދައިން އޭނާ ވެސް ހަމަ ކުއްލިއަކަށް މަރުވެގެން ހިނގައިދާނެކަން ގަބޫލުކުރެވެން ފެށުނެވެ. އަދި ޝިފާ ހުރީ މަރަށް ހާޒިރުވާން ތައްޔާރުވެގެނެއް ނޫނެވެ. ﷲއާ އޭނާ ބައްދަލުކުރާނީ ކޮން މޫނަކައިގެން ހެއްޔެވެ؟ ކަށްވަޅުގެ އަނދިރިކަން އަލިކަމަށް ބަދަލުކޮށްލަން އޭނާގެ އަތުގައި އެކައްޗެއް ވެސް ނެތެވެ.
ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ޝިފާގެ އެކަނިވެރިކަން ބޮޑުވަމުން ދިޔައެވެ. މާލޭގައި އޭނާގެ އެކުވެރިންނަކީ ސަމާގެ އެކުވެރިންނެވެ. ނޫނީ ކިޔާންގެ އެކުވެރިންނެވެ. އޭނާ ކިޔާންއާ ދުރުވެ އަދި ސަމާއާ އޮތް ގުޅުމަށް ވެސް ހީނަރުކަން އައުމުން އެކުވެރިން ވެސް އޭނާ ދޫކޮށްލައިފި އެވެ. އޮފީހުގައި މީހަކު އަނގައިން ބުންޏަސް ބުނާނީ ކޮންމެވެސް ޖޯކެއް ޖަހާފައެވެ. ނޫނީ ޖެއްސުމަށެވެ. ރަށަށް ދާން ޝިފާގެ ހިތް އިތުރަށް އެދެން ފެށިއެވެ. ކުރިން އޭނާ އެންމެ އެކީގައި އުޅެން ބޭނުންވި މީހުންތަކާއި ދުރަށް ދާން މިހާރު އެހިތް އެދެނީ އެވެ.
ޗުއްޓީ ޗިޓް ލިބުނު އިރު ޝިފާ ހުރީ ރަށަށް ދާން ތައްޔާރުވެފައެވެ. އެކަނި ތަނަކަށް ބަދަލުވީ ފަހުން އޭނާ ފޮށިތަކުން އެއެއްޗެހި ނުވެސް ނަގައެވެ. ގިނަ ފޮށިތައް ހުރީ ނުކަނޑާ އެހުރި ގޮތަށް ބަހައްޓާފަ އެވެ. ކައި އުޅުނީ ބޭރުންނާއި އޯޑަރުކޮށްގެން ގެއަށް ގެނެސްގެންނެވެ.
ރަށަށް ފުރަން އޮތް ދުވަހުގެ ކުރީ ރޭ ޝިފާއަށް ރަނގަޅަށް ނުވެސް ނިދުނެވެ. ހިތާއި ހިތުން އޭނާ ދިޔައީ ހުރިހާ ކަމެއް ނިންމަމުންނެވެ. ރަށަށް ގޮސް އޭނާ ބައްޕަ ބޭނުންވާ ފަދަ އަޅުވެރިއަކަށް ވާނެއެވެ. މިހާރުވެސް ކުރާ ގޮތަށް ހުރިހާ ނަމާދެއް ކުރާނެއެވެ. އަދި އެވެސް އޭގެ ވަގުތުގައެވެ. ކުރަން އޮންނަ ހުރިހާ ކަމެއް ނިންމާފައި ދެނެއް ނޫނެވެ. ވަޒީފާގެ މާހައުލުގައި ލަދުން ނުކެރިގެން ގެއަށް ދެވެންދެން މަޑުކުރާހެން މަޑުކުރާކަށް ނުޖެހޭނެ އެވެ. ހަމައެއާ އެކު ސުންނަތް ނަމާދުތައް ވެސް ކުރަން ފަށާނެއެވެ. ދަމު ނަމާދުކުރަން ތެދުވަން ފޯނު ވެސް އެލާމް ކުރާނީ އެވެ.
ބައްޕަ އަބަދުވެސް ބުނާނެ އެވެ. ގުރުއާނަކީ ހިތުގެ ޝިފާއެވެ. އެކަމަކު އޭނާ ދުށީ އެއީ ލިބޭ އަދަބެއްގެ ގޮތުގަ އެވެ. ކުޅެން ދާހިތުން ކުޑަތަންވެފައި އިނދެގެން ބައްޕަ ބުނާ އަދަދު ހަމަކުރަން ޖެހުމުން އިހްސާސްވަނީ ބޮޑު އަދަބެއްގެ ގޮތުގަ އެވެ. މާނައެއް އެކައްޗެއް ވެސް ނޭނގި ހުސް ދެލިގަނޑު ކިޔަން ވުމުން ވެސް ވާނީ އެހެންތާ އެވެ.
ރަށަށް ގޮސް ވާޓަރުމައްޗަށް ނުފޭބެނީސް ޝިފާގެ ލޮލުގައި އަޅައިގަތީ ބައްޕަ އެވެ. ލޯންޗްގެ ގެގަނޑުން ނިކުތް ގޮތަށް ފައިބަން ދާން ނޭނގިފައި އެހުރި ގޮތަށް ހުރެވުނެވެ. ފަހަތުން އައި މީހަކު ޝިފާ ނުފައިބަނީހޭ ބުނި އަޑަށް ހޭވެރިކަންވެގެން އޭނާ ފައިބަން އަވަސްވެގަތެވެ.
ފުރަތަމަ އައިސް އޮޅުލައިގަތީ މަންމަ އެވެ. ޝިފާގެ ނަޒަރު އެވަގުތު ވެސް ހުރީ ބައްޕަ އަށެވެ. ލުއި ހިނިތުންވުމަކާ އެކު ބައްޕަ އޭނާ ކައިރިއަށް އައެވެ. ޝިފާ މަންމައާ ދުރުވެލުމުން ލޯތްބާ އެކު އޭނާއާ ވާހަކަދެއްކިއެވެ. ޝިފާ ހީކުރިހެން އޭނާ ލައިގެން ހުރި ހެދުމަށް ފާޑުކިޔައި ބުރުގާ ނާޅާ ހުރީތީ ސުވާލެއް ނުކުރި އެވެ.
ގޭ ދޮރުމަތިން ބިލާލް ފެނުނީ ބޮޑުބެގެ ގެއިން ނުކުތްތަނެވެ.
ޝިފާ ހަނދާންވި އެވެ. ބިލާލް އައިޝާގެ ކޮޓަރިން ނުކުތް ދުވަހުގެ ފަހުން ބައްޕަގެ އިތުބާރު އެދެބެއިންގެ މައްޗަށް ގެއްލުނެވެ. ބައްޕަ ކުރިއަށް ވުރެ ހަރުކަށިވި އެވެ. ސުކޫލުން އައިސް ހުސް ވަގުތުތަކުގައި މުނިފޫހިފިލުވަން ޓީވީ ބެލުމާއި ކުޅިވަރު ކުޅުމަކީ ކުރީގައި މަނާ ކަންކަމެއް ނޫނެވެ. އެކަމަކު އޭގެ ފަހުން އެމީހުންނަކީ ކުޅިވަރު ކުޅޭވަރަށް ވުރެ ބޮޑެތިވެއްޖެ ބައެއްކަމުގައި ބުނެ އެވަގުތުތައް ވެސް އަޅުކަމާ ގުޅުން ހުރި ކަންކަމަށް ހުސްކުރަން އަމުރު ނެރުނެވެ.
މައިންބަފައިންނަކީ ވެސް އިންސާނުންނެވެ. އަދި އެމީހުން ވެސް ދިރިއުޅެނީ އެމީހުންގެ ފުރަތަމަ ދިރިއުޅުމެވެ. ދަރިންނަށް ވުރެ އުމުރުން ދުވަސްވެފައި ހުއްޓެއްކަމަކު ބައެއް ފަހަރު ތަންކޮޅެއް ކަމުނުދާ ފަދަ ނިންމުންތައް ނިންމިފައި ހުރެއެވެ. ބައްޕަގެ އެހަރުކަށި ކަމަކީ އޭނާއަށް އަމިއްލަ މިނިވަންކަން ލިބުމުން އަޅުކަމާއި ﷲ ހަނދާން ނައްތާލަން ޖެހޭ ސަބަބެއް ނޫންކަން ޝިފާއަށް މިހާރު ގަބޫލުކުރެވެއެވެ. މައިންބަފައިންގެ އުނިކަންކަން ދަރިން މައާފުކޮށްދޭން ޖެހޭނެއެވެ. އެއީ މައިންބަފައިންނަށް ވީތީ އެވެ.
***
އައިސީޔޫގައި މަރާ ހަނގުރާމަ ކުރަމުންދިޔަ އެތަކެއް ބަލިމީހުންގެ ތެރެއިން އެކެކެވެ. ދިރިއޮތީ މެޝިންތަކުގެ އެހީގައެވެ. ހާލަތު ނާޒުކް ކަމުން އިތުރު ފަރުވާއަށް ވެސް ބޭރަށް ގެންދެވޭކަށް ނެތެވެ. ވިޒިޓިން އަވާ އައުމާ އެކު އެހެން ބަލިމީހުން ކައިރިއަށް އަންނަ ފަދައިން އެ އަންހެންކުއްޖާގެ ކައިރިއަށް ވެސް މީހުން ވަދެ ނުކުމެއެވެ. އާއިލާ މީހުންގެ ތެރޭގައި މަންމަ އާއި ބައްޕަގެ އިތުރުން ދައްތައަކާއި އެއްބަނޑު ފިރިހެންކުއްޖަކު އާދެއެވެ. ބައެއް ދުވަސްދުވަހު ތިމާގެ އެހެން މީހުން ވެސް އާދެއެވެ.
ވިޒިޓިން އަވާ ޖެހުމާ އެކު ކޮންމެ ދުވަހަކު ވެސް އެތަނަށް އަންނަ ޒުވާން ފިރިހެނެކެވެ. އެޒުވާނާ ހުންނަނީ ދުރުގައެވެ. އަންހެންކުއްޖާގެ އާއިލާއާ ބައްދަލުކުރާކަށް ނާދެއެވެ. އަދި އެތަނަށް ވަންނާކަށް ވެސް ނާދެއެވެ. ޚަބަރު ހޯދަން ފޮނުވަނީ އިތުރު އަންހެންކުއްޖެކެވެ. އެކްސިޑެންޓްވެގެން ބަލިމީހާގެ އާއިލާއަށް ގުޅީ ވެސް އެއަންހެންކުއްޖާ އެވެ. އޭގެ ފަހުން އެތަނަށް އައިސް އާންމުކޮށް ވެސް ޚަބަރު ހޯދައިގެން އެޒުވާނާއަށް ގެންގޮސްދެނީ އޭނާ އެވެ.
އަންހެންކުއްޖާ އެގޮތަށް ހާލަތު އިތުރަށް ގޯސްނުވެ އަދި ރަނގަޅު ވެސްނުވެ އެއްގޮތެއްގައި އޮންނަތާ ދެ ހަފްތާ ވަނީ އެވެ.
އެޒުވާނާ އެއް ދުވަހަކު އައިއިރު އަންހެންކުއްޖާގެ އާއިލާގެ މީހުން ރޮނީ އެވެ. ޒުވާނާ ފޯނުން ގުޅާލީ އެކުވެރިޔާއަށެވެ.
"ސަމާ ކޮން ތާކު ތިހުރީ؟ ސަމްތިން ހެޕެންޑް ހިއާ،" ކިޔާން ސަމާ ފޯނު ނެގުމާ އެކު އަވަސްއަވަހަށް ވާހަކަދެއްކިއެވެ.
"ސޮރީ ކިޔާން ވަރަށް ތާށިކޮށް މިއުޅެނީ. އިރުކޮޅަކުން ދެވޭނީ،" ސަމާ ޖަވާބުދިނެވެ.
ކިޔާންއަށް ފޯނު ތިރިކޮށްލެވުނެވެ. ސަމާ ކީ އިތުރު އެއްޗެއް އޭނާ ނާހައެވެ. ބަލަން ހުރެވުނީ އެދިމާއަށް އައި އަންހެންކުއްޖާއަށެވެ. ހީވާ ގޮތުން އެއީ ޝިފާގެ ދައްތަ އެވެ.
އައިޝާއަށް ކިޔާން އެތަނުން ފެނެއެވެ. އެކަމަކު އޭނާ މީގެ ކުރިން ފާހަގަވިކަމަކަށް ނުހަދައެވެ. އެކަމަކު މިއަދު އޭނާ އައިސް ހުއްޓުނީ ކިޔާން ކުރިމައްޗަށެވެ.
"އަހަރެންގެ ކޮއްކޮ އެހެން އޮންނަތާ ދެ ހަފްތާ ވެއްޖެ. ހީވަނީ ހުވަފެނެއް ދެކެން އޮންނަހެން. ބައެއް ފަހަރު އެލޮލުން ކަރުނަ އަންނަތަން ދެކެން. އެ ހުވަފެނުން ހޭލައިގެން އަހަރެންނާ ވާހަކަދައްކާނެ ދުވަހަކަށް އަހަރެން އިންތިޒާރު ކުރިން. އެކަމަކު ދެން އެދުވަހެއް ނާންނާނެ. އަހަރެންގެ ކޮއްކޮ މިދުނިޔެ ދޫކޮށް ހިނގައްޖެ،" އައިޝާގެ ލޮލުން ކަރުނަ އޮހިގަތެވެ.
ކިޔާންގެ ފައިދަށުން ބިންގަނޑު ދެމިގަތް ކަހަލަ އެވެ. އެހެނެއް ނުވާނެއެވެ. ޝިފާ އެގޮތަށް އޭނާ ދޫކޮށްފައެއް ނުދާނެއެވެ. އެއީ ދޮގެކެވެ. ޝިފާގެ ދައްތަ ދޮގުހަދަނީ އެވެ. އެވާނީ ޝިފާ ބައްޕަ ބުނެގެން އޭނާއާ ޝިފާ ދުރުކުރުވަން ޖަހާ މަޅިއަކަށެވެ. ޝިފާ ބައްޕަގެ ހަރުކަށިކަމުގެ ވާހަކަ ޝިފާ އޮތީ އޭނައަށް ވެސް ކިޔައިދީފަ އެވެ. ފިރިހެން އެކުވެރިއަކު ވެސް ގެންގުޅެން ހުއްދަ ނެތް ވާހަކަ ބުނެފައެވެ. ޝިފާ އެހާލުގައި އޮތްއިރު ވެސް އެތަނަށް ނުގޮސް ދުރުގައި އޭނާ ހުންނަނީ އެހެންވެ އެވެ.
އައިޝާގެ ކޮނޑުގައި ހިފާ ދުރުކޮށްލާފައި ކިޔާން ފާޑަކަށް ދުއްވައިގަތެވެ.
އެނދުގައި ޝިފާ އޮތެވެ. ކިޔާން ގޮސް އަތުގައި ހިފާލުމުން އަޅައެއްނުލި އެވެ. ގޮވާލުމުން ލޮލެއް ނުހުޅުވި އެވެ. އޭނާގެ ޝިފާ ވިއްޔާ އޭނާ ގޮވައިލާއިރަށް ހިނިތުންވެލާނެއެވެ. ލޯބިން އެދެލޯ ވިދަން ފަށާނެއެވެ. އޭނަ ފެންނައިރަށް ވެސް އުފަލުން ފޮޅޭނެ އެވެ. އެކަމަކު މިހާރު ކުރިމަތީ އެއޮތީ އޭނާގެ ޝިފާއެއް ނޫނެވެ. އެއީ ފުރާނަ ނެތް މަސްގަނޑެކެވެ.
***
ޝިފާ ވަޅުލާފައި އައި ފަހުން ކިޔާން ކޮޓަރިއަކުން ނުނިކުމެއެވެ. ސަމާ އައީ އޭނާ ކޮޓަރީގައި އިންނަތާ ދެވަނަ ދުވަހު އެވެ. ހިތްވަރު ދިނުމުގެ ގޮތުން ސަމާ ބައިވަރު ވާހަކަދެއްކި އެވެ. ޝިފާގެ އެކްސިޑެންޓް ހިނގީ ކުއްލިއަކަށެވެ. ކިޔާން ޝިފާއަށް ކައިވެނި ހުށައަޅަން ނިންމާފައި އޮތް ދުވަހުގެ ކުރީ ދުވަހެވެ. ޝިފާ އާއި އޭނާ އުޅުނީ ނުހަނު ލޯބިންނެވެ. އެދެމެދުގައި ދުވަހަކު ވެސް ދެބަސްވުމެއް ނުހިނގައެވެ. އެދެ މީހުންގެ އެތައް ހުވަފެންތަކެއްވި އެވެ. ދެ މީހުން ވެސް ތިބީ ކައިވެނިކުރަން ބޭނުންވެފައެވެ. ކިޔާން ބޭނުންވީ ޝިފާގެ އުފަންދުވަހު ކައިވެނި ހުށައަޅާށެވެ. އެކަމަކު އުފަންދުވަސް ޝިފާ ހޭދަކުރީ ހޮސްޕިޓަލުގައެވެ.
ސަމާ ދިއުމާ އެކު ކިޔާން ގޮސް އެނދު ކައިރީ ހުރި ކަބަޑު ހުޅުވާލައިފައި ނެގީ ނޫކުލައިގެ މަހުމާ ފޮށްޓެކެވެ. ހުޅުވާލިއިރު އަލިމަހުގެ އަގޮނޓިއެއް އިނެވެ. އެއީ އޭނާ ޝިފާއަށް ކައިވެނި ހުށައަޅަން ފޮރުވައިގެން ގެންގުޅޭ އަނގޮޓިއެވެ. އަނގޮޓި ހިފައިގެން އައިސް އެނދުގައި އިށީންއިރު ސަމާ އިނދެފައި ދިޔަ ތަނުގައި ފޮތެއް އޮތެވެ. ސަމާ ކީ ގިނަ އެއްޗެއް އޭނާއަށް އަޑެއްނުވެސް އިވެއެވެ. އެކަމަކު ޝިފާގެ އާއިލާ މީހުންނަށް އޭނާގެ އެއްޗެހި ހަވާލުކުރި އިރު ޝިފާގެ ޖާނަލް އެމީހުންނާ ހަވާލުކުރުން އެކަށީގެންނުވާތީ ގެނައީއޭ ބުނި އަޑު އިވުނެވެ.
ކިޔާން ޖާނަލް ހުޅުވާލި އެވެ. އޭނާއަށް ހުޅުވާލެވުނީ އޭގެ އެންމެ ފަހު ގަނޑަށެވެ. އޭގައި ޝިފާ ލިޔެފައިވާ ފަހު ޖުމްލަތަކަށެވެ.
"އަހަރެން އަދި އިސްލާހު ވާނަމެވެ. ނަމާދު ކުރާނަމެވެ. ގުރުއާން ކިޔަވާނަމެވެ. ނިވާ ވެސް ވާނަމެވެ. އަދި އަހަރެން ކޮންމެވެސް ދުވަހަކުން ކިޔާން ދޫކޮށްލާނަމެވެ. ކިޔާންއަކީ އޭތިއެސްޓެކެވެ."
ޝިފާ ލިޔެފައިވާ ފަހު ޖުމްލަތައް ފެވުނީ ކިޔާންގެ ލޮލުން ވެއްޓުނު ކަރުނަ ތިކިތަކުންނެވެ.
އެއްވެސް މީހަކު ނިމިގެންދަނީ އަމިއްލައަށް ބޭނުންވެގެނެއް ނޫނެވެ. ވަގުތު ޖެހުމުން މަރު އައިސް ބައްދަލުކުރަނީ އެވެ. ފަހުން އިސްލާހުވާން ހުއްޓާ ވަގުތު އައިސް ޖެހެނީ އެވެ. އެއްވެސް މީހަކު ދަނީ ދިރިއުޅުމުގެ ހުރިހާ އުންމީދެއް ފުރިހަމަވެ ކުރަން ހުރި ހުރިހާ ކަމެއް ނިމިގެނެއް ނޫނެވެ. ދިރިއުޅުމަކީ ފުރިހަމަވުމެއް ނެތް ވަގުތީ މަންޒިލެކެވެ. ދާއިމީ ގޮވަތި އޮތީ މަރުވުމަށް ފަހުގަ އެވެ.
(ނިމުނީ)
ކޮމެންޓް (3)
ޒާނާ
މަރީ
ކިޔުޓީ ގާރލް