ވާހަކަ: އިހްތިޔާރު

ވާހަކަ

ވާހަކަ: އިހުތިޔާރު - 17 ވަނަ ބައި

އެޕިސޯޑް 17

"ރޭގައި މާލެ ދާން ފުރައިފި. މިހާރު ނޭނގެ މާލެ ނުދެވޭ ކަމެއް ވެސް..." ނައީމާ ބުންޏެވެ. މާހިދު ދެރަވި އެވެ. މައިޝާ ގާތު ދެކެވުނު އެކި ވާހަކަ ވަކިވަކިން ހަނދާން ކުރި އެވެ. ވީ ވައުދުތަކާއި ކުރި އަހުދުތަކެވެ. ކުރި ހުވާތަކާއި ދިން ހިތްވަރެވެ.

އެންމެ ދުވަހެއް ވެސް ލަސްނުކޮށް މާހިދު މާލެ ދިޔަ އެވެ. މައިޝާ އެ ދުވަހު ވާހަކަތައް ކިޔައިދިނުމުން މާހިދަށް ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫނެވެ. ނަމަވެސް ވިސްނާލަން ވަގުތު ބޭނުންވީ އެވެ. އަޅަން އުޅެނީ ބޮޑު ފިޔަވަޅެކެވެ. ދިރިއުޅުމަށް ގެންނަން ޖެހެނީ ބޮޑު ބަދަލެކެވެ. މާހިދަށް ވަގުތުކޮޅެއް ބޭނުންވީ އެވެ. ނަމަވެސް ދެރަ ކަމަކީ އެ ވާހަކަ މައިޝާ ގާތުގައި ނުބުނެވުމެވެ.

މާހިދު ފެނުމުން މައިޝާ ހައިރާންވި އެވެ. އަރޫޝާއަށް މާހިދު ފެނުމުން އުފާވި އެވެ.

"އަހަރެންނަށް މައާފު ކުރޭ!" މާހިދު މައިޝާގެ އަތުގައި ހިފާލި އެވެ.

"އަހަރެން މައާފު ކުރަން ޖެހޭ ވަރުގެ ކަމެއް މާހިދު ނުކުރޭ. އުންމީދަކީ ދުވަހަކު ވެސް ނުކުރާނެކަން،" ހިނިތުންވެލަމުން މައިޝާ ބުންޏެވެ.

ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. މައިޝާ އާއި މާހިދު ތިބީ އުނދޯލީގައެވެ. ހިނގައިދިޔަ ކަންތައް ފުލުހުންނަށް އަންގަން މާހިދު ބުންޏެވެ. މައިޝާއަށް އެކަމަށް އާނ ބަސް ބުނާކަށް ނުކެރުނެވެ. ވެދާނެ ބަދުނާމަކާއި އާއިލާއަށް ލިބޭނެ ހުތުރު ނަމެއްގެ ސަބަބުންނެވެ. އެކަމަކު މާހިދު ވަރަށް ހިތްވަރު ދިނެވެ. މައިޝާއަށް ކުރިމަތިވެދާނެ ކޮންމެ ކަމެއްގެ އެއްކޮޅުގައި ހިފަން ހުންނާނެކަމުގެ ޔަގީންކަން ދިނެވެ. އެ ވާހަކަތައް ދެއްކި އިރު ކުޑަ ދޮރު ކައިރީގައި އަރޫޝާ ހުއްޓެވެ. މައިޝާމެންނަށް ނުފެންނަ ގޮތަށެވެ. ފުލުހުންނަށް އަންގާކަށް އަރޫޝާ ބޭނުމެއް ނުވެ އެވެ. އެނގެން ނުޖެހޭ ހަގީގަތްތަކެއް މަގުމަތިވާކަށް ބޭނުމެއް ނުވެ އެވެ. އަރޫޝާ ވަރަށް ގިނަ ގޮތްގޮތަށް ވިސްނި އެވެ. މައިޝާއަށް ލިބުނު އަނިޔާ ލިބުނީ އަރޫޝާ ނަގަން ޖެހޭ ޒިންމާ ނުނެގީމަ އެވެ. ނުކުރަންވާ ކަންތައްތަކެއް ކުރެވުނީމަ އެވެ. ދަރިފުޅަށް ދޭން ޖެހޭ ސަމާލުކަމާއި ދޭން ޖެހޭ އަޅާލުން ނުދެވުނީމަ އެވެ. ނަމަވެސް އެކަން ހުއްޓުވޭނެ ގޮތެއް ނެތެވެ.

މައިޝާ އާއި މަސީހުގެ ގުޅުން ބަދަހިވަމުން ދިޔައީ ވަރަށް ހަލުވި ދުވެއްޔެއްގަ އެވެ. މައެއްގެ ފަރާތުން ދޭން ޖެހޭ ލޯތްބާއި އަޅާލުން ދޭން ފެށި އެވެ. ޒިންމާދާރު މަންމައަކަށް މައިޝާވި އެވެ. މަސީހަށް ކޮށްދޭން ޖެހޭ ހުރިހާ ކަމެއް ކުރަނީ މައިޝާ އެވެ. ފެންވަރުވައި ހުރިހާ އިރަކު ކާންދީ ހަދަ އެވެ. އެކުގައި ކުޅެ ހީސަމާސާކޮށް ހަދަން ފެށި އެވެ.

"މާހިދު. އަހަރެން އެބަ އޮތް ވާހަކައެއް ދައްކާލަން،" އަރޫޝާ ބުންޏެވެ.

"އަހަރެންނަށް އެނގޭ ދައްކަން ތި އުޅެނީ ކޮން ވާހަކައެއްކަން. މައިޝާ މަންމަ އެއްގޮތަކަށްވެސް ކަންބޮޑުނުވޭ. އަހަރެން މައިޝާ ދުލެއް ނުކޮށްލާނަން. އެކަމަކު އަހަރެން އޭނައާ ކައިވެނި ކުރާނީ އޭނަގެ ކުށްވެރިޔާއަށް އަދަބު ދިނުމަށް ފަހު،" މާހިދު ވާހަކަ ދެއްކީ މަޑުމައިތިރިކަމާ އެކުގަ އެވެ. އަރޫޝާގެ އަނގައިގައި ތަޅު އެޅުވުނެވެ. ދައްކަން އައި ވާހަކަ ނުދައްކަން ނިންމި އެވެ. އެކަމަކު އެއްވެސް މީހަކަށް ނޭނގޭ ސިއްރެއް ފަޅާ އަރާފާނެތީ އަރޫޝާ ވަރަށް ކަންތައް ބޮޑުވި އެވެ.

ފުލުހުން އައިސް ތަހުގީގު ހިންގަން ފެށި އެވެ. ފަހަރަކު މީހަކާ ސުވާލު ކުރަމުން ދިޔަ އެވެ. ކޮންމެ މީހަކު ވެސް ހަގީގަތަށް ކަން ހިނގައިދިޔަ ގޮތަށް ކިޔައިދިނެވެ. ބަޔާން ނަގަމުން ދިޔަ ފުލުސް މީހާ ފެނުމުން އަރޫޝާ ތުރުތުރުއަޅަން ފެށި އެވެ.

"އަހަރެން ނުކުރަން އެއްވެސް ކަމެއް،" ކުއްލިއަކަށް އަރޫޝާއަށް ބުނެވުނެވެ. އެންމެން އެއްފަހަރާ އަރޫޝާއަށް ބަލާލި އެވެ. ފުލުހުންގެ ތެރެއިން އެކަކު މަޑު ހިނގުމެއްގައި ގޮސް އަރޫޝާގެ ކުރިމައްޗަށް ހުއްޓުނެވެ.

އަރޫޝާ ހުރީ ވަރަށް ބިރުގަނެފަ އެވެ. މުޅި މީހާ ދާހިއްލަން ފެށި އެވެ. ނޭވާ ދަތިވާހެން ވެސް ހީވާން ފެށި އެވެ. ހާސްވެގެން ނޭވާ ހުއްޓެން އުޅޭހެން ހީވި އެވެ. މައިޝާ އައިސް މަންމަގެ މޭގަ އާއި ބުރަކަށީގައި އަތް ކާއްތަން ފެށި އެވެ. ކިހިނެއްވީހޭ އެހި އެވެ. އަރޫޝާއަށް އެއްވެސް ޖަވާބެއް ނުދެވެ އެވެ.

"އަހަރެންނެއް ނޫން އޭނަ މަރާލީ. އޭނަ އަމިއްލައަށް މަރުވީ،" އަރޫޝާއަށް އަނެއްކާވެސް ބުނެވުނެވެ. އެންމެން ސިއްސައިގެން ދިޔަ އެވެ. މައިޝާއަށް އަރޫޝާގެ ގައިން ދޫކޮށްލެވުނެވެ. އެ ދައްކަނީ ބައްޕަގެ ވާހަކަ ކަން އެނގުނެވެ. ބައްޕަ މަރުވި ރޭ ކަންތައް ހިނގައިދިޔަ ގޮތް ހަނދާނަށް ގެނަ އެވެ. މައިޝާ ގަނޑުވި ކަހަލަ އެވެ. އެކި މަންޒަރު ވަކި ވަކީން ސިފަވި އެވެ. އެރޭ އިވުނު އަޑުތަކާއި ފެނުނު މަންޒަރުތައް ހަނދާނަށް އަންނަން ފެށި އެވެ.

އެންމެން ވެސް ތިބީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ. ތަހުގީގު ކުރަން ޖެހުނީ އެންމެ މައްސަލައެއް ނޫނެވެ. އާއިލާތެރޭގައި ހިނގާފައިވާ އަޑި ނޭނގޭ ސިއްރުތައް ފެންމަތިވާން ފެށި އެވެ. އަޑުގަދަ ވެގެން ބައެއް އަވައްޓެރިން ވެސް ގެ ކައިރިއަށް ޖަމާވާން ފެށި އެވެ.

"އަހަރެން ގަސްތުގައި ކުރި ކަމެއް ނޫނޭ އެއީ. ދަރިފުޅާ، މަންމައަށް މައާފު ކުރޭ،" މައިޝާގެ އަތުގައި ހިފަމުން އަރޫޝާ ބުންޏެވެ. މައިޝާއަށް އިނީ އެއްޗެއް ބުނެވޭ ހާލަތެއްގައެއް ނޫނެވެ. އަނގައިން ބަސް ހުއްޓިފަ އެވެ. ލޮލުން ކަރުނަތައް ފައިބަމުން ދިޔަ އެވެ. މަންމަ އެފަދަ ކަމެއް ކޮށްފާނެ ކަމަށް ގަބޫލު ކުރަން ވެސް ދަތިވި އެވެ. ބައްޕައާ މެދު އެހާ ބޮޑު ނަފުރަތެއް މަންމަގެ ހިތުތެރޭގައި އޮތް ކަމެއް މައިޝާ ނުދެނެ ހުއްޓެވެ. އެފަދަ ކަމެއް މަންމަގެ ދެ އަތުން ކުރަން ކެރުނީތީ ވެސް މައިޝާ ހައިރާންވި އެވެ.

ހުރިހާ ކަމެއް ވަރަށް ސާފެވެ. އަޒީޒް މަރާލީ އަރޫޝާގެ ދެ އަތުންނެވެ. ކަރުގައި ހިފާފަ އެވެ. އަޒީޒްގެ މުދަލުގެ ދަހިވެތިކަމުގަ އެވެ. އަޒީޒް ބަލިވުމުން އެކަމުގެ އުނދަގުލާއި ހިތްހަމަނުޖެހުން އުފުލަން ޖެހޭތީ އެވެ. ޒިންމާއެއް ނުނެގި ކަމުގައި ވިޔަސް އަޒީޒް ދެކެ އަރޫޝާ އިންތިހާއަށް ފޫހިވާން ފެށުމުންނެވެ. މައިޝާ އާއި އެހެން ކުދިންނަށް ވެސް އެކަން ގަބޫލު ކުރެވުނީ އަރޫޝާގެ އަމިއްލަ ދުލުން އެކަން ކިޔައިދިނުމުންނެވެ.

މައިޝާގެ އަނިޔާވެރިޔާއަށް ވެސް އަދަބު ލިބުނެވެ. އަރޫޝާ ވެސް ހައްޔަރު ކުރި އެވެ. މައިޝާ އާއި މާހިދު ކައިވެނި ކުރި އެވެ. ލިބުނު ހިތާމައިން އަރައިގަންނަން މައިޝާއަށް ވަރަށް ވަގުތު ބޭނުންވި އެވެ. ނަފުސާނީ ގޮތުން ބަލިކަށިވެފައިވާ ސިކުނޑި ވަނީ ވަރުބަލި ވެފަ އެވެ. ނަމަވެސް މާހިދުގެ އެހީތެރިކަމާ އެކު މައިޝާ ހިތްވަރު ކުރި އެވެ.

މާހައުލު ބަދަލުކޮށްލަން މައިޝާ ދަރިފުޅު ގޮވައިގެން މާހިދުމެންގެ ރަށަށް ދިޔަ އެވެ. ގުދުރަތީ ހިތްގައިމުކަން ފެނުމުން މައިޝާގެ ހާލަތު މަޑުމަޑުން ބަދަލުވާން ފެށި އެވެ. ކައިވެންޏަށް ދެ އަހަރު ވީ އިރު މައިޝާ އިނީ ދެވަނަ ދަރިއަށް ބަލިވެ އެވެ. ކައިވެނީގެ ފޮނިމީރުކަން އިހުސާސް ކުރެވުނީ ވަގުތު ފާއިތު ވުމުގެ ކުރިންނެވެ. ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަންނަން ވަރަށް ހިތްވަރު ބޭނުންވެ އެވެ. އުންމީދުން ފުރިގެންވާ މުސްތަގުބަލް ތިބާއަށް އިންތިޒާރު ކުރާނީ ތިބާ އެކަމަށް އެދޭ ނަމަ އެވެ. މާޒީ އެއްފަރާތް ކޮށްލާފައި ތިބާ އިހުތިޔާރު ކުރާ މަގަކުންނެވެ.

-ނިމުނީ-

އިތުރު އާޓިކަލް

އިތުރު އާޓިކަލް