ވާހަކަ: އިހްތިޔާރު

ވާހަކަ

ވާހަކަ: އިހުތިޔާރު - 16 ވަނަ ބައި

އެޕިސޯޑް 16

"ކަލޭ އެއްޗެއް ބުނެބަލަ. މަށަށް ކީކޭ ބުނެވިގެން ތިހެން ތި އިންނަނީ؟" އެންމެ ފަހުން މާހިދު އެހި އެވެ.

"ކަލެއަކަށް ނޭނގޭތަ އެއީ ކޮން ކަހަލަ ކުއްޖެއް ކަމެއް؟" ކާމިލް އެހި އެވެ.

"އެއީ އަންހެންކުއްޖެއް. ވަރަށް ރީތީ، މަށަށް ވަރަށް ކަމުދާ ސިފަތަކެއް ހުރި ކުއްޖެއް،" ސަމާސާ ރާގެއްގައި މާހިދު ބުންޏެވެ. ކާމިލް ޗޮކެއް ކަނޑައިލި އެވެ.

"އޭނަ ހުރޭ ދަރިއެއް ވެސް. ކުރިން ކައިވެންޏެއް ކުރި. އެކަމަކު މީހަކު ބުނި އަޑު އެހިން އެއީ އެ ފިރިހެން މީހާގެ ދަރިއެއް ނޫނޭ. ކައިވެނި ކުރި އިރު ވެސް އިނީ ބަލިވެއޭ. މިއީ މަށަށް އިވުނު ގޮތް. ހަގީގަތެއް ކަމެއް ނޭނގެ،" ކާމިލް އިނީ މޫދާ ދިމާލަށް ބަލަހައްޓައިގެންނެވެ. މާހިދު އެއްޗެއް ނުބުނެ އިރުކޮޅަކު އިނެވެ.

"މީހުން ކިޔާފާނެ ކޮންމެ އެއްޗެއް ވެސް. މަށޭ ކިޔައިގެން އެ ދައްކަނީ ކޮންހާ ވާހަކަތަކެއް؟ މަ މީ މީހުން މަރާ މީހެކޭ. ސިހުރު ހަދާ މީހެކޭ. ސުންޕާ މީހެކޭ. ދެން އެ ވޭތަ ތެދަކަށް؟ އަހަރެން ނުކުރާނަން ގަބޫލެއް. ދެން ތި ބުނީ ދަރިއަކު ހުންނަ ވާހަކަ. އަހަރެންގެ އެއްވެސް މައްސަލައެއް ނެތް. އަހަރެންގެ އަމިއްލަ ދަރިއެއްހެން އެ ކުއްޖާ ބަލާފާނަން. ކުޑަކުދިން ދެކެ އަހަރެން ނުލާހިކު ލޯބިވޭ." މާހިދު އިނީ ވަރަށް ހިތްހަމަޖެހިފަ އެވެ. "ބަލާބެލުމަށް އެއީ ނުލާހިކު މަޑުމައިތިރި ކުއްޖެއް."

"ނުމޮށޭ ގުރާ ބާރަށް ދައިގަންނާނެ،" ކާމިލް ހަނދާންކޮށްދިނެވެ.

އެއް ދުވަހެއްގެ ހެނދުނެވެ. ނައީމާ ފިހާރައަށް ދިޔައީ އެކަންޏެވެ. އެއީ ނައީމާ ގަސްދުގައި ކުރި ކަމެކެވެ. މާހިދަށް ވާގޮތެއް ބަލާލުމަށެވެ. މާހިދު އިނީ ދޮރާ ދިމާލަށް ބަލަހައްޓައިގެންނެވެ. ނައީމާ ނަގާފައި ހުރި އެއްޗެއްސަށް ފައިސާ ކަނޑަން ވެސް ހަނދާނެއް ނެތެވެ. ނައީމާ ދެތިން ފަހަރު މޭޒުމަތީގައި ޖަހާލި އެވެ. މާހިދު ސިއްސައިގެން ދިޔަ އެވެ.

"ކޮބާ މިއަދު މައިޝާ؟" އެންމެ ފަހުން ކެތް ނުކުރެވިގެން މާހިދު އަހާލި އެވެ.

"އޭނަ ކުޑަކޮށް ބަލިވެ އުޅެނީ،" އެއީ ވެސް ދޮގެކެވެ. ނައީމާ ބޭނުންވީ މާހިދު އެ ގެއަށް ގެންދާށެވެ. ރައްޓެހިކަން ބަދަހިވެ އެއަށް ވުރެ މަތީ ގުޅުމަކަށް އެ ދެ މީހުން ގެންދާށެވެ. މައިޝާގެ ހަގީގަތް ކިޔައިދޭނީ އޭގެ ފަހުންނެވެ. ނައީމާއަށް ނޭނގޭ ކަމަކީ ހަގީގަތުގެ އެއް ބައި މާހިދަށް އެނގިފައި އޮތް ކަމެވެ.

"މެންދުރަށް ފިހާރަ ބަންދު ކޮށްލާފައި ތިގެއަށް ގޮސްލާނަން،" އެއްވެސް ޖެހިލުމެއްނެތި މާހިދު ބުންޏެވެ. ނައީމާ ހިނިތުންވެލި އެވެ. ހިތުގައި އުފާވެރިކަން ކެކެމުންދިޔަ އެވެ. އަވަސް އަވަހަށް ގޮސް އަރޫޝާއަށް އެ ހަބަރު ދިނެވެ. އަރޫޝާ ވެސް އުފަލުން ފުރުނެވެ.

މީހަކު ސަލާން ގޮވާލި އަޑަށް މައިޝާ ސަލާން ބަލައިގަތެވެ. އެއީ ބޭއިހުތިޔާރުގައި ކުރެވުނު ކަމެކެވެ. މައިޝާ އޮތީ ޖޯލީގަ އެވެ. މާހިދު ފެނުމުން ޖޯލީގައި އިށީނދެ ހަމަޖެހިލި އެވެ. ނައީމާއަށް ގޮވާލި އެވެ.

"އަހަރެން މި އައީ މައިޝާގެ ހާލު ބަލާލަން. އެންމެ ރަނގަޅުތަ މިތާ އިށީނަސް؟" މައިޝާއާ ޖެހިގެން އިން ޖޯއްޔަށް އިޝާރާތް ކޮށްލަމުން މާހިދު ބުންޏެވެ. ނައީމާ ހުރީ ދޮރު ކައިރީގައި ބަލަހައްޓައިގެންނެވެ. ހިތްހަމަޖެހިފަ އެވެ. ދެ މީހުންނަށް ވަގުތު ދީފައި ގޭތެރެއަށް ވަނެވެ. މާހިދަށް ކުރެވޭހާ ވެސް ކަމަކީ މައިޝާއާ ދިމާލަށް ބެލުމެވެ. މައިޝާއަށް އުނދަގޫ ވާ ގޮތްވި އެވެ. ތެދުވެގެން ދާން ހިނގައިގަތެވެ. އެ ވަގުތު މާހިދު މައިޝާގެ އަތުގައި ހިފެހެއްޓި އެވެ. ވަގުތުން މާހިދުގެ އަތް ފޮޅުވާލާފައި މައިޝާ ދުވަމުން ކަހަލަ ގޮތަކަށް ގޭތެރެއަށް ވަނެވެ. ކުރެވުނު ކަންތަކުން މާހިދު ދެރަވި އެވެ. ފުރަތަމަވެސް މި ކުރެވުނީ މައިޝާ ހިތްހަމަނުޖެހޭ ކަމެއް ކަމުގައި ވިސްނުނެވެ. ޖޯލިން ތެދުވެ ގެއިން ނުކުންނަން ހިނގައިގަތެވެ.

"އަސްލު ކޮބާ މައްސަލައަކީ؟" މާހިދު ސުވާލު ކުރީ ނައީމާއާ އެވެ.

"މި ބުނީއެއްނު. އޭނަގެ ފުރަތަމަ ކައިވެނި ކުރިއަކަށް ނުދިޔަ. ދެން އެކަމާ އޭނަ ވަރަށް މާޔޫސްވެފައި ހުންނަނީ. އަނެއްކޮޅުން އޭނަ ބައްޕަ ވެސް ނިޔާވި ދުވަސްވަރު އެ ކައިވެނި ކުރީ. އެކަހަލަ އެކި ކަންކަމާ ފިކުރު ބޮޑުވެފައި އެ ހުންނަނީ،" ނައީމާ އަދިވެސް ހަގީގަތް ފޮރުވި އެވެ. މާހިދު އެކަން ގަބޫލު ކުރީ ނައީމާ ދޮގު ނުހަދާނެކަން ކަށަވަރު ކުރަމުންނެވެ. އެއީ ވެދާނެ ކަންކަމެވެ.

މާހިދު އެތައް ދުވަހެއް ވަންދެން މައިޝާއާ ވާހަކަ ދެއްކޭތޯ މަސައްކަތް ކުރި އެވެ. މަޑުމަޑުން މައިޝާގެ އިތުބާރާއި ގާތްކަން ހޯދި އެވެ. މައިޝާގެ މޫނުމައްޗަށް ހިނިތުންވުން ވެރިވާން ފެށި އެވެ. މިލާމޯޅިވަމުން އައި މޫނުމަތީގައި ތާޒާކަން ފާޅުވާން ފެށި އެވެ. ހިކި އަނަރޫފަ ވެފައިވާ ހަށިގަނޑު ދުޅަހެޔޮ ވަމުން އަ އެވެ. މޫނުގައި ފުށްޖަހައި ރީތި ގޮތްގޮތަށް ފުނާ އަޅަން ފެށި އެވެ. ރީތި ކުލަކުލައިގެ ހެދުންތައް ލާން ފެށި އެވެ. އެންމެ ކަމަކަށްޓަކަ އެވެ. މައިޝާއަށް މާހިދު ކަމުދާން ފެށުމުންނެވެ. ނައީމާ ބަރާބަރަށް ހުރހާ ކަމެއް އަރޫޝާއަށް ކިޔައިދެމުން ދިޔަ އެވެ. އަރޫޝާ ގަބޫލު ކުރިގޮތުގައި އެކަމުގެ ހުރިހާ ޝުކުރެއް ވެސް ހައްގު ވަނީ ނައީމާއަށާއި މާހިދުއަށެވެ.

"ފަހުން ވަރަށް ދެރަވާނެ،" މައިޝާ އިނީ މާހިދުއާ ޖެހިގެންނެވެ. ހަނދުވަރުދޭ ރީތި ހިތްގައިމު ރެއެކެވެ. ރަށުގެ ފުށްޓަރު ފަރާތުގައި ދެ މީހުން ތިބި އިރު ރާޅު ޖަހާ އަޑު ފިޔަވައި އެއްވެސް އަޑެއް ނީވެ އެވެ. ކިރު ކަކުނިތައް މިނިވަންކަމާ އެކު އެ ސޮރުމެންގެ ހޮރުތަކުން ނުކުމެގެން ދުވެ އެވެ. ސާދަވިލޭރޭގެ ފުރިހަމަ ހަނދު އިނީ މޫދާ ދިމާލަށް އަލިކޮށްލައިގެންނެވެ.

"އަހަރެން ރަނގަޅަށް ނުވެސް ދަންނަމެއްނު،" އަނެއްކާވެސް މައިޝާ ބުންޏެވެ.

"އެނގިފައި އޮތް މިންވަރުން ފުއްދާލާނީ،" މާހިދު ޖެހިލުމެއްނެތި ބުންޏެވެ.

"އެކަމަކު..." މައިޝާއަށް ބުނެވުނީ އެ ހިސާބަށެވެ. މާހިދު މައިޝާގެ އަނގަމަތީގައި އަތް އެޅި އެވެ.

"ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ވެފައި އޮތަސް އެއީ މާޒީ. އެކަމެއް ބަދަލެއް ނުކުރެވޭނެ. އެކަމަކު ކުރެވޭނެ ކަމެއް އެބަ އޮތް. އެއީ ވެދިޔަ ކަންތަކާ މެދު ނުވިސްނުން. ވިސްނައިގެން ކުރާނެ ފައިދާއެއް އެބަ އޮތްތަ؟" މާހިދު ވިސްނާލަމުން އެހި އެވެ.

މާހިދު މައިޝާއަށް ކައިވެންޏަށް ހުށައެޅި އެވެ. މައިޝާ އެކަމާ ޖެހިލުންވީ އެންމެ ކަމަކާ އެވެ. ކަފުންކޮށްފައި އޮތް ސިއްރު ކޮނެގެން ނަގަން ޖެހޭނެތީ އެވެ. ހަގީގަތް ފޮރުވާފައި ބާއްވާކަށް މައިޝާ ބޭނުމެއްނުވި އެވެ. ކޮންމެ ގޮތެއް ވިޔަސް މާހިދަށް އެއްވެސް ކަމެއް ސިއްރު ކުރާކަށް ވެސް ބޭނުމެއް ނުވި އެވެ.

މައިޝާ އެއްވެސް ޖެހިލުމެއްނެތި މާހިދަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އަލިފުން ޔާ އަށެވެ. އޮޅުވާލުމެއް ސިއްރު ކުރުމެއްނެތި އެވެ. މާހިދު އެއްވެސް އެއްޗެއް ނުބުންޏެވެ. ފުން ނޭވައެއް ބޭރު ކޮށްލާފައި ގެއިން ނުކުމެގެން ދިޔަ އެވެ. މައިޝާ ހައިރާނެއް ނުވެ އެވެ. މައިޝާ އުންމީދު ކުރީ ވެސް ކަންތައް ވެގެންދާނީ އެހެން ކަމަށެވެ. ކޮންމެ މީހަކަށް ނަމަވެސް ވާނީ އެހެންނެވެ.

ދެ ދުވަސް ފަހެވެ. މާހިދު ގެއަށް ވަދެގެން ދިޔަ ގޮތަށް މައިޝާގެ ކޮޓަރީގައި ޓަކި ޖެހި އެވެ.

"އޭނަ ނޫޅޭ،" ނައީމާ ބުންޏެވެ.

"ކޮންތާކަށް ދިޔައީ؟ އަތިރީގައިތަ؟" މާހިދު އަހާލި އެވެ.

"ރޭގައި މާލެ ދާން ފުރައިފި. މިހާރު ނޭނގެ މާލެ ނުދެވޭ ކަމެއް ވެސް..." ނައީމާ ބުންޏެވެ.

- ނުނިމޭ -

އިތުރު އާޓިކަލް

އިތުރު އާޓިކަލް