ވާހަކަ: އިހްތިޔާރު
އެޕިސޯޑް 15
ރުޅިވެރިކަން އިންތިހާއަށް ގޮސްފައިވާ މައިޝާގެ ހިތަށް ޝައިތާނާ ވަސްވާސް ދިނެވެ. ކުރިމަތިން ފެންނަން ހުރީ މި ދުނިޔެމަތީގައި މައިޝާ އެންމެ ރުޅި އަންނަ އިންސާނާ އެވެ. މައިޝާގެ ދެ އަތް އެ ކުޑަކުޑަ ކަރުގައި ހިފައި ބާރު ކޮށްލި އެވެ. މަސީހްއަށް ނޭވާލާން ދަތިވާން ފެށި އެވެ. ރޯން ފެށި އެވެ. ނަމަވެސް އަޑެއް ނުނިކުތެވެ. މައިޝާ އިތުރަށް ބާރު ކޮށްލިއެވެ.
"މައިޝާ!" އަރޫޝާއަށް ހުރެވުނު ތަނެއް ވެސް ނޭނގުނެވެ. ދުވެފައި އައިސް މަސީހް އުރާލި އެވެ. އޭރު މަސީހް ވަނީ ރޮއިރޮއި ބަލި ވެފަ އެވެ.
"ކިހިނެއް ވެގެން ތި އުޅެނީ؟ އެއީ މައިޝާގެ ދަރިއެކޭ،" އަރޫޝާ ވަރަށް ބާރަށް ބުންޏެވެ.
"ތިއީ މަގޭ ދަރިއެއް ނޫން. މަގޭ ދަރިއެއް ތި ސިފައިގައެެއް ނުހުންނާނެ. އޭނަ ނެރޭ މިތަނުން،" މައިޝާގެ އަޑެއް މަޑެއް ނުވި އެވެ. އަރޫޝާ ކޮޓަރިން ނުކުމެގެން ދިޔަ އެވެ.
އަރޫޝާގެ ބޮލުގެރިހުން ގަދަވި އެވެ. ހަދާނެ ގޮތެއް ނޭނގިފައި އެތައް އިރަކު ވިސްނަން އިނެވެ. ނިދާފައި އޮތް މަސީހްގެ ހަށިގަނޑުގައި ފިރުމާލި އެވެ. މިއަދު ހިނގައި އެ ދިޔަ ކަންތައް ތަކުރާރު ވާނެކަން އަރޫޝާއަށް ވިސްނުނެވެ. މައިޝާ ހުރީ ދަރިއަކު ބެލޭ ފަދަ ހާލަތެއްގައެއް ނޫނެވެ. ފުރަތަމަ ކަމަކަށް އެއީ އަމިއްލަ ދަރިއެއް ކަމަކަށް ވެސް ގަބޫލެއް ނުކުރެ އެވެ.
"ގޮވާލިންތަ؟" ނައީމާ ކޮޓަރިއަށް ވަންނަމުން އެހި އެވެ.
"މިތާ އިށީނދެބަލަ،" އެނދު ދައްކާލަމުން އަރޫޝާ ބުންޏެވެ. ނައީމާ އިށީނެވެ. ހިނގައިދިޔަ ކަންތައް އަރޫޝާ ކިޔައިދިނެވެ.
"ވަރަށް ދެރަ ކަމެއް ތި ވީ،" ނައީމާ ބުންޏެވެ.
"މަށަށް އެނގެއޭ! ދެން ވިސްނަންވީ ދެން ހަދާނެ ގޮތެއް. ނައީމާ ބުނެބަލަ. އަހަރެންގެ ވިސްނުމަކަށް ނާދޭ،" އަރޫޝާ ބުންޏެވެ.
"ފާއިޒްއާ ވާހަކަ ދައްކަން ވީނު؟ އަނެއްކާ ކައިވެނި ކުރަން. އޭރުން ވެސް މައިޝާގެ އުޅުމާއި ވިސްނުން ބަދަލު ވެދާނެ،" ނައީމާ ދިނީ އަރޫޝާ ހީނުކުރާ ކަހަލަ ހިޔާލެކެވެ. ދެވަނަ ވިސްނުމަކަށް ވެސް ނުގޮސް އަރޫޝާ ކޮޓަރިން ނުކުމެގެން ދިޔަ އެވެ.
ފާއިޒްމެން ގެއަށް އަރޫޝާ ވަނީ ސަލާމް ވެސް ނުގޮވަ އެވެ. ހިތް އަވަސް ވެފައި ހުރުމުން ހަނދާން ވެސް ނެތެވެ. ވަދެގެން ދިޔަ ގޮތަށް އެންމެ އެތެރެގެއަށް ވަނެވެ. އުނދޯލީގައި ޖޫދާ އިނީ ދުފާށެވެ. އަރޫޝާ ފެނުމުން ޖޫދާ ހައިރާންވި އެވެ. އަދި މޫނުމަތިން ހިތްހަމަނުޖެހުން ފާޅު ކޮށްލި އެވެ. އެއީ ޖޫދާ ގަސްދުގައި ކުރި ކަމެކެވެ.
"ކީއްކުރަން މި ގެއަށް ތި އައީ؟" ޖޫދާ އުނދޯލިން ތެދުވަމުން ބުންޏެވެ.
"ފާއިޒް އެބަ އުޅޭތަ؟" ޖަވާބު ދިނުމުގެ ބަދަލުގައި އަރޫޝާ ވެސް ކުރީ ސުވާލެކެވެ.
"ފާއިޒް ހޯދަނީ ކީއްކުރަން؟" ޖޫދާ ވެސް ސުވާލެއް ކުރި އެވެ.
"އެއީ ވަރަށް ބޮޑު ކަމަކު. ޖޫދާއާ ވެސް އެ ވާހަކަ ދައްކާލަން ބޭނުން،" އަރޫޝާ ވާހަކަ ދެއްކީ ވަރަށް މަޑުމަޑުންނެވެ.
"ފާއިޒްއާ ވެސް އަހަރެންނާ ވެސް އަރޫޝާ ދައްކަން ޖެހޭ ވާހަކައެއް ނޯންނާނެ،" ޖޫދާ ބުންޏެވެ.
އެ ވަގުތަކީ ފާއިޒަށް ވެސް އެތަނަށް އާދެވުނު ގަޑި އެވެ. ކައިރީގައި އަންހެންކުއްޖެއް ހުއްޓެވެ. ފާއިޒްގެ އަތުގައި ހިފަހައްޓާލައިގެންނެވެ. އަރޫޝާގެ ކަރުއެލުނެވެ. ދައްކަން އައި ވާހަކައިގެ ބޭނުމެއް ނެތްކަން ވިސްނުނެވެ. ފާއިޒް ބަލަހައްޓައިގެން ހުރީ ސުވާލުން ފުރިފަ އެވެ. ހަމަހިމޭންކަމުގެ އެ ވަގުތުކޮޅު ދިޔައީ އެއްވެސް މީހަކު އަނގައިން ނުބުނެ އެވެ. އަރޫޝާ ބަލާލީ ޖޫދާއަށެވެ. ޖޫދާ ހުރީ ހިތްހަމަނުޖެހިފަ އެވެ. އަރޫޝާ ނުކުމެގެން ގެއަށް ދިޔަ އެވެ.
"މައިޝާ ގޮވައިގެން އަހަރެން ރަށަށް ދަންތަ؟" ނައީމާ އަނެއްކާވެސް ހިޔާލެއް ދިނެވެ.
އަރޫޝާ ވިސްނާލި އެވެ. އެއީ ރަނގަޅު ގޮތެކެވެ. މައިޝާ ދަންނަ މީހަކު ވެސް އެ ރަށުގައި ނޫޅޭނެ އެވެ. މީހަކު ކޮންމެ ސުވާލެއް ކުރިޔަސް ނައީމާ އެކަން ހަމަޖައްސާނެ އެވެ. މައިޝާގެ ލޯމަތިން މަސީހް ދުވަސްކޮޅަކަށް ގެއްލުމުން މައިޝާ ހަމައަކަށް އެޅިދާނެ އެވެ. ރަނގަޅު މީހަކު ފެނިއްޖެ ނަމަ މައިޝާ ކައިވެނި ވެސް ކޮށްފާނެ އެވެ. އަރޫޝާގެ ސިކުނޑީގައި އެނބުރެމުން ދިޔަ ހުރިހާ ކަމެއް ބެހެއްޓީ ސިކުނޑީގަ އެވެ. ނައީމާ ގާތު ނުބުނެ އެވެ. އުނދަގޫ ކަމަކަށް ވީ މައިޝާ އެއްބަސް ކުރުވުމެވެ. ދެ ދުވަސް މަތިން އެތައް ވާހަކައެއް ދައްކައިގެން މައިޝާ އާނ ބަސް ބުންޏެވެ.
މައިޝާ ގޮވައިގެން ނައީމާ ރަށަށް އަ އެވެ. އެ ރަށަކީ ވަރަށް ބޮޑު ރަށެކެވެ. މަލަމަތި ރީތި، ގުދަރުތަރީ ގޮތުން ފެހިކަން ލިބިފައިވާ ރަށެކެވެ. ބިން ބޮޑު ނަމަވެސް މީހުން އުޅެނީ ކުޑަ ސަރަހައްދެއްގަ އެވެ. ނައީމާގެ ދަރިން މަންމަ ފެނުމުން އުފާވި އެވެ. މައިޝާ ފެނުމުން އެ ކުދިން ސުވާލު ކުރި އެވެ. ނައީމާ ބުނީ ދުވަސްކޮޅަކު ބަހައްޓާލަން ގެނައީ ކަމުގަ އެވެ. މައިޝާއަށް އެ ރަށް ވީ ޖަލަކަށެވެ. ދަންނަ މީހަކު ނެތެވެ. ކޮޓަރިތައް ކުދި ވެފައި ހޫނު ގަދަ އެވެ. ނައީމާ ހުރި ނަމަވެސް އެކަނިވެރިކަން ވަށާލި އެވެ. މައިޝާގެ އިހުސާސްތައް ދެނެގަނެވޭވަރުގެ މީހަކު އެތާކު ވެސް ނެތެވެ.
މާހިދަކީ ވިޔަފާރިވެރިއެކެވެ. މައިޝާ ފުރަތަމަ ފަހަރަށް މާހިދަށް ފެނުނީ މާހިދުގެ ފިހާރައިގައި އިންދަ އެވެ. މައިޝާ އައީ ނައީމާއާ އެކީގަ އެވެ. ލޮލުގައި އެ ތަސްވީރު ފެވުމުން މާހިދަކަށް ކެތެއް ނުވި އެވެ. މައިޝާއާ ވާހަކަ ދައްކާލަން ބޭނުންވި އެވެ. ކިތަންމެ ގިނައިން ފިހާރައަށް އައި ނަމަވެސް މައިޝާ އަނގައިން ބުނާ އަޑު ވެސް މާހިދަކަށް ނީވެ އެވެ. ނައީމާގެ ތޫނު ދެ ލޮލަށް މާހިދުގެ ހަރަކާތްތައް ވަރަށް ރަނގަޅަށް ފެނެ އެވެ. ނައީމާ ގާތަށް ލާނެއް ހިންޏެއް ވެސް އާދެ އެވެ. މައިޝާ ގޮވައިގެން ގިނަގިނައިން އެ ފިހާރައަށް އަންނަން ފެށީ ވެސް އެކަންކަން ނައީމާއަށް ފާހަގަ ވެގެންނެވެ. އެ ވާހަކަތައް އަރޫޝާއަށް ބަރާބަރަށް އެންގި އެވެ.
މާހިދަކީ ކުރިން ދެ ކައިވެނި ކޮށްފައިވާ މީހެކެވެ. ފުރަތަމަ އަނބިމީހާ މަރުވީ ވިހެއުމުގެ ތެރޭގަ އެވެ. ދެވަނަ އަނބިމީހާ މަރުވީ ގެނބިގެންނެވެ. އެހެންކަމުން ރަށުގެ މީހުން މާހިދު ދެކެނީ ވަރަށް ސުންޕާ މީހެއް ގޮތުގަ އެވެ. އެއް ބަޔަކު ބުނާ ގޮތުން މާހިދަކީ ކޮންމެވެސް ވަރަކަށް ސިހުރުގެ ކަންކަން ކުރާ މީހެކެވެ. އެއީ ކަޅުފޮއި ރޭރޭ ތުނޑި މައްޗަށް ދާ ވާހަކަ އަޑު އިވިފައި އޮތީމަ އެވެ. ނަމަވެސް މާހިދު އެ ކަންކަމަށް އިންކާރު ކުރެ އެވެ. މާހިދުގެ މަންމަ އާއި ބައްޕަގެ ހުރި ހަމައެކަނި ދަރިއަކީ ވެސް މާހިދު އެވެ. ދިރިއުޅެނީ މައިންބަފައިން ގާތުގައެއް ނޫނެވެ. ވަކިން ގެއެއްގަ އެވެ. ދެ ބުރިއަށް ހަދާފައިވާ އެ ގެއަކީ ހިތްފަސޭހަ، ތަނަވަސް ގެއެކެވެ. މާހިދަކީ މައިޝާއަށް ވުރެ އުމުރުން 10 އަހަރު ދޮށީ މީހެކެވެ. ނަމަވެސް ބަލާ ބެލުމަށް ވަރަށް ޒުވާނެވެ. ބާމަތި ފުޅާވެފައި އިސްކޮޅުން ދިގެވެ. ބޮލުގައި އެންމެ ނުރައެއް ވެސް ނުހުރެ އެވެ. އެއް ބަޔަކު ބުނާ ގޮތުން ނަމަ މާހިދު ބޯ ކަޅު ކުރެ އެވެ.
އެކުވެރިކަމަކީ އަޖައިބެއް ކަހަލަ ގުޅުމެކެވެ. ބައެއް ފަހަރު ބޭނުން ވަނީ ހިތުގައި ހުރި ހުރިހާ ވާހަކައެއް ހިއްސާކޮށްލާށެވެ. އަނެއްބައި ފަހަރު ބޭނުން ވަނީ އެކުވެރިޔާ ދެކެފާނެ ގޮތެއް ނޭނގޭތީ ބައެއް ކަންކަން ސިއްރު ކުރާށެވެ. މާހިދުގެ އެކުވެރި ކާމިލްއަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. މައިޝާ ފުރަތަމަ ފެނުން ދުވަހުން ފެށިގެން ހިތަށް ވެރިވަމުން ދިޔަ ނުތަނަވަސްކަމާއި ހިތްހަމަޖެހުމެވެ. ކާމިލްގެ މޫނުމަތިން ފެނުނީ މާހިދު ބޭނުންވި ކަމެއް ނޫނެވެ. ކާމިލްގެ ދެބުމަ ގޮށްޖެހުނެވެ. އަނގައިން ނުބުނެ އެތައް އިރަކު އިނެވެ.
"ކަލޭ އެއްޗެއް ބުނެބަލަ. މަށަށް ކީކޭ ބުނެވިގެން ތިހެން ތި އިންނަނީ؟" އެންމެ ފަހުން މާހިދު އެހި އެވެ.
- ނުނިމޭ -