ވާހަކަ: އިހްތިޔާރު

ވާހަކަ

ވާހަކަ: އިހުތިޔާރު - 14 ވަނަ ބައި

އެޕިސޯޑް 14

"އަހަރެންނަށް ވެގެން ވާ ނަމަ ކަލޭ މިއަދު ބާއްވާނީ އެކޮޅުކޮޅުން އެލުވާފައި އަލިފާންގަނޑަކާ ދިމާކޮށްފައި،" ހާމިދުގެ ކުރިމައްޗަށް ހުއްޓިފައި އަރޫޝާ ބުންޏެވެ.

"އެންމެ ފަހަރަކު ވެސް ހިތަށް ނާރާތަ އެއީ ތިމާގެ ދަރިއެއް ފަދަ ކުއްޖެކޭ؟ ހުރި ގޮތްކުޑަކަން ނިކަން ދެކިބަލަ. ސިފައިންނާ ކަލޭ ހަވާލު ނުކުރަން އަހަރެން މި އުޅެނީ މި އާއިލާއަށް ލިބިދާނެ ހުތުރަކަށް. އަހަރެންގެ ދަރިފުޅު ބަދުނާމުވާނެކަން އެނގޭ. މުޅި ދުނިޔެއަށް ފަލީހަތްވާނެކަން ވެސް އެނގޭ. އެކަމަކު އެއަށް ވުރެ ބޮޑު ލަދަކަށް ވާނެ އެކަން ކުރި މީހަކީ ކަލޭކަން މީހުންނަށް އެނގުނީމަ. އަހަރެންގެ ފިރިމީހާއަކީ މީހުންގެ ލޯތްބާއި ގަދަރާއި އިހުތިރާމް ލިބުނު މީހެއް. ހަމަ އެގޮތަށް މި އާއިލާއަކީ ވެސް މީހުން ބަލައިގަނެފައިވާ އާއިލާއެއް. އެކަމަކު މި ކަހަލަ ކަމެއް ވީމަ އަހަރެންނަށް ދެން ނުކެރޭނެ މަގެއްގެ މައްޗަށް ނުކުމެ އުޅެން ވެސް،" އަރޫޝާ ވާހަކަ ދެއްކީ މަޑުމަޑުންނެވެ. ވަށައިގެން ހުރި ފާރުތަކުގައި ވެސް ކަންފަތް ހުރެދާނެތީ އެވެ.

"ދަރިފުޅާ،" އަރޫޝާ އެހެން ގޮވާލުމުން މައިޝާއަށް ބޭއިހުތިޔާރުގައި އިސްއުފުލާލެވުނެވެ.

"އަދި އެއްފަހަރު ތިހެން ތިހާ ލޯބިން ގޮވާލަބަލަ،" މައިޝާއަށް ރޮއިގަނެވުނެވެ.

"ދަރިފުޅާ. ދަރިފުޅާ. މަގޭ ލޯބިވާ ދަރިފުޅާ،" މައިޝާ ގައިގައި ބައްދާލަމުން އަރޫޝާ ބުންޏެވެ. "މަންމައަށް މައާފު ކުރޭ."

ދެމައިންގެ އެ ވަގުތުކޮޅު ފެނުމުން ނައީމާގެ ލޮލުން ކަރުނަ އަ އެވެ. ވާފިރާއި ނައީމާއަށް ވެސް ވިސްނުނީ ދެންމެ ހިނގައިދިޔަ އެއްވެސް ވާހަކައެއް އެއްވެސް މީހެއް ގާތުގައި ނުބުނުމަށެވެ. ނަމަވެސް ސުވާލުތައް އަންނާނެ އެވެ. އެތައް ބަޔަކު އެތައް ސުވާލެއް ކުރާނެ އެވެ. އަވައްޓެރިންނާއި ރައްޓެހިންނެވެ.

އަރޫޝާ ބޭރަށް ނުކުމެ އުޅުން މަދުކޮށްލި އެވެ. ރައްޓެހިންނާއި އާއިލާ މީހުން ގާތަށް ދިޔުން އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓާލި އެވެ. ގެއަށް މީހަކު ވަނަސް އެކި ބަހަނާ ދައްކައިގެން އެ މީހަކު ގެއިން ފޮނުވާލަ އެވެ. ތުންތުންމަތިން ދެކެވޭ ވާހަކަތައް ނައީމާ މެދުވެރިކޮށް އިވެން ފެށި އެވެ. ފާއިޒްގެ އާއިލާ މީހުން ވެސް މައިޝާއަށް ދިނީ އުޅުން ނެތް ވިޔާނުދާ ކުއްޖެއްގެ ލަގަބެވެ. ނިސްބަތްވި މައިންބަފައިން ދިން ތަރުބިއްޔަތުގައި ހުރި އުނިކަމެއްގެ ސަބަބުން ކަމަށެވެ. ނަމަވެސް ފާއިޒް ވައުދުވި ގޮތަށް އޭގައި ގާއިމްވެ ހުރިކަން އެނގުނެވެ. އެހެން ނޫން ނަމަ ގޭގެ ހަތަރު ފާރު އެތެރޭގައި ދެކެވުނު ވާހަކަ މަގުމައްޗަށް ނުކުންނާކަށް ގިނަ ދުވަހެއް ނުވާނެ އެވެ.

މީހުންނާ ދުރުވެ އުޅުމުގެ ފާރު އަރޫޝާ ބިނާ ކުރީ ދަރިފުޅުގެ ހައްގުގަ އެވެ. އެހެން ދަރިންނަށް ވުރެ ވެސް މައިޝާ ދެކެ އަރޫޝާ ލޯބިވާހެން ހީވި އެވެ. ވަގުތުން ވަގުތަށް ކައިތޯ ބަލަ އެވެ. އަމިއްލަ އަތުން މީރު އެއްޗެހި ތައްޔާރުކޮށްގެން ގެނެސްދެ އެވެ. އުނގުގައި ބާއްވައިގެން އެކި ވާހަކަތައް ކިޔައިދެ އެވެ. މައިޝާ ހިތްހަމަޖެހެ އެވެ. އެކަމަކު އެހާ ވަރަށް ދެރަ ވެސް ވެ އެވެ. ބަނޑުގައިވާ ދަރިފުޅަކީ މައިޝާއަށް ވާ ބަދުނަސީބެކޭ ކިތަންމެ ފަހަރަކު ހިތަށް އަރަ އެވެ.

މާބަނޑުވުމަކީ އަންހެނެއްގެ ހަޔާތަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނުވާ ކަމެކެވެ. ކުރަން ބޭނުންވާ ކިތަންމެ ކަމެއް ނުކުރެވޭތަން އާދެ އެވެ. އަދި ބޭނުން ނުވާ ކިތަންމެ ކަމެއް ކުރަން ވެސް ޖެހެ އެވެ. ބަނޑުގައިވާ ދަރިފުޅުގެ ހައްގުގަ އެވެ. ކޮންމެކޮންމެ ގޮތަކަށް އޮށޯވެ ނުވަތަ އިށީނދެއެއް ނީނދެވެ އެވެ. ދަރިފުޅުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަމަށް ވިސްނަންޖެހެ އެވެ. ނަމަވެސް މި ކަންކަން މައިޝާގެ ހަނދާނެއްގައި ނުހުރެ އެވެ. ކޮންމެ ކަމެއް ވެސް ހަނދާންކޮށްދޭން ޖެހެނީ އަރޫޝާއަށެވެ.

މައިޝާގެ ކިބައިގައި ނަފުސާނީ ބައްޔެއް ހުންނަހެން ހީވާން ފެށި އެވެ. ކެއުމާ ދުރުވި އެވެ. ގިނަ ވަގުތު އެކަނި ހޭދަ ކުރަން ފެށި އެވެ. އަރޫޝާގެ ކަންބޮޑުވުން ދިޔައީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ. ހާމިދުގެ ގޮތްކުޑަކަމުން އެ ގެއިން ނުކުމެގެނެއް ނުދިޔަ އެވެ. ގޮތްދޫނުކޮށް އެ ގޭގައި އުޅެ އެވެ. އަރޫޝާއަށް އެކަން ވެސް ވީ ބޮލުގެރިހުމަކަށެވެ. އެ ގެއިން އޭނަ ނެރޭނެ ގޮތަކާ މެދު ވެސް ވިސްނަން މަޖުބޫރުވި އެވެ.

މައިޝާ ރުޅިގަދަވާން ފެށި އެވެ. އެއްވެސް ކަމަކާ ނުލައި އެއްޗެހި ގޮވާފާނެ އެވެ. އަބަދުވެސް ހުންނަނީ ޝަކުވާ ކޮށްލަކޮށްލަ އެވެ. ބައެއް ފަހަރު މައިޝާއަށް ކިޔޭނުކިޔޭ އެއްޗެއް ވެސް ނޭނގެ އެވެ. އަނެއްބައި ފަހަރު ވަރަށް ބާރަށް ހަޅޭއްލަވާފާނެ އެވެ. އެންމެން ވެސް ހީކުރީ އެއީ މާބަނޑުވުމުން އަންނަން ފެށި ބަދަލުތަކެއް ކަމަށެވެ. ބައެއް ފަހަރު ބަނޑުގައި ޖަހާ ވެސް ފާނެ އެވެ. އަރޫޝާ ހުންނަނީ ވަރަށް ބިރުންނެވެ. ބަނޑުގައިވާ ދަރިފުޅަށް ކަމެއް ވެދާނެތީ އެވެ. ގިނަ ވަގުތު މައިޝާ ހުންނަނީ ހަމަ ބުއްދި ފިލާފަ އެވެ. މައިޝާ ނިންދަވަނީ ވެސް އަރޫޝާ ކައިރީގަ އެވެ.

"ބައްޕަ ހުރި ނަމަ އަހަރެންނަކަށް މިކަހަލަ ކަމެއް ދިމައެއްނުވާނެ. މިއީ ކާކުގެ ކުށަކުން އަހަރެންނަށް ލިބުނު އަދަބެއްތަ މަންމާ؟" މައިޝާ އެންމެ ގިނައިން ކުރާ ސުވާލު ކުރި އެވެ. އަރޫޝާއަށް ބުނެވޭނެ މާ ބޮޑު އެއްޗެއް ނެތެވެ. މައިޝާއަށް ވިސްނައިދީދީ ވަރުބަލިވެއްޖެ އެވެ.

"ދަރިފުޅާ! ތިޔަ ލިބެން އުޅެނީ ނިއުމަތެއް. ތިއީ މާތް ﷲ ދެއްވާ ވަރަށް ބޮޑު އަމާނާތެއް. އެއަށް ހިޔާނާތްތެރިވާކަށް ނުވާނެ. ފާފަވެރިވާނެ. ތިޔަ ކަމުގައި އެ ކުޑަކުޑަ ފުރާނައިގެ ކުށަކީ ކޮބާ؟" އަރޫޝާ ވިސްނައިދެމުން ބުންޏެވެ.

"އަހަރެންގެ ކުށަކީ ކޮބާ؟ އޭނ! އަހަރެންގެ ކުށަކީ ކޮބާހޭ؟ ކީއްވެތަ އަހަރެންގެ ކުށެއްނެތި މި ވަރުގެ ކަމެއް ވާންވީ؟" މައިޝާގެ އަޑު ތުރުތުރުއަޅަ އެވެ.

"ދަރިފުޅާ. ކޮންމެ ގޮތެއް ވިޔަސް ތި ވާނީ ހަމަ ދަރިފުޅުގެ ކުއްޖަކަށް. އެއްލައެއް ނުލެވޭނެ. އެ ކުއްޖާގެ ކުށެއް ނެތި ތިހާ ވަރަށް ނަފުރަތު ކުރާކަށް ނުވާނެ. މަންމަ މި ހުރީ ދަރިފުޅު ތުއްތު އިރުއްސުރެ ކުރި ނަފުރަތުގެ ހިތި ރަހަ ލާފައި. ވީމަ ތިޔަ ދަރިއަށް އެފަދަ ދެރައެއް ދޭކަށް ނުވާނެ. އެކަން ދަރިފުޅަށް ވެސް އެނގޭނެ."

"އެނގުނަސް މި ކުއްޖާ ބަލާކަށް އަހަރެން ބޭނުމެއް ނޫން."

އެއް ރެއެއްގެ ދަންވަރު ވަގުތެވެ. މައިޝާ ވަރަށް ބާރަށް ރޮއިގަތެވެ. އަރޫޝާ ސިއްސައިގެން ގޮސް ތެދުވި އެވެ. މައިޝާ ބަނޑުގައި ރިއްސާތީ ތެޅިފޮޅެނީ އެވެ. ނައީމާއަށް ގޮވާފައި އަރޫޝާގެ އަތްމަތި އަވަސްކޮށްލި އެވެ.

މައިޝާ ވިހެއީ ލޯބިލޯބި ފިރިހެން ކުއްޖެކެވެ. ހަށިގަނޑު ރަނގަޅު ކުއްޖެކެވެ. މައިޝާއާ ވަރަށް ވައްތަރެވެ. މައިޝާ އާއި އަރޫޝާގެ ތުންފަތަށް އުފާވެރިކަމެއް ނުގެނުވި އެވެ. ހިތްދަތިކަމާއި ހިތްނުތަނަވަސްކަން ވެރިވި އެވެ. ކުޑަކުއްޖަކު ރޯލާ އަޑާ އެކު ގޭގައި އުފާވެރިކަމާއި ހިތްހަމަޖެހުން އިތުރުވެގެން ދެ އެވެ. ނަމަވެސް މައިޝާގެ ހިތަށާއި ސިކުނޑިއަށް ވެރިވެގެން ދިޔައީ ރުޅިވެރިކަމެވެ. ދަރިފުޅުގެ އަޑު އިވުނަސް މައިޝާގެ ބޮލަށް އުނދަގޫވެ އެވެ. ކުއްޖާގެ މޫނު ފެނުނަސް މައިޝާ ހިތްހަމައެއްނުޖެހެ އެވެ.

މައިޝާއަށް ވިސްނައިދެވޭތޯ އަރޫޝާ ވަރަށް މަސައްކަތްކުރި އެވެ. ނަމަވެސް ވީ ކަމެއް ނެތެވެ. ހަމަނުޖެހޭ ވާހަކަތައް ދެއްކުން އިތުރުވި އެވެ. ދަރިފުޅު ބަނޑުހައިވެގެން ކިތަންމެ އިރަކު ރުޔަސް މައިޝާއަކަށް އަޑެއް ނީވެ އެވެ. މައިޝާގެ އެއްބަނޑު ކުދިން ވެސް މައިޝާ ގާތުގައި ވާހަކަ ދައްކަމުން ދިޔަ އެވެ. ނަމަވެސް އެއްވެސް ބަދަލެއް ނާދެ އެވެ. ބައެއް ފަހަރު ގަބުވެފައި ކިތަންމެ އިރަކު ވެސް އިނދެފާނެ އެވެ. އަނެއްބައި ފަހަރު ވަރަށް ބާރަށް ހަޅޭއްލަވާފާނެ އެވެ. ކުޑަކުޑަ ދަރިފުޅު ފެނުމުން މައިޝާގެ ރުޅި އިތުރަށް ގަދަވާން ފަށަ އެވެ. އެހެންކަމުން އަރޫޝާ އެ ދަރިފުޅު ގިނައިން ގެންގުޅެން ފެށީ މައިޝާއާ ދުރުދުރުންނެވެ.

އިސާހިތަކު އެގޮތުގައި އަހަރެއް ފާއިތުވެދިޔަ އެވެ. ދަރިފުޅުގެ ނަމަކީ މަސީހެވެ. މަސީހަށް ވިސްނިފައި އޮންނަ ގޮތުގައި މަންމައަކީ އަރޫޝާ އެވެ. ގިނަ ވަގުތު އެ ސޮރު ގޮވައިގެން އުޅެނީ އަރޫޝާ އެވެ. ނުވަތަ ނައީމާ އެވެ. މައިޝާގެ ލޮލަށް މަސީހް ފެންނާނީ ހަތަރު ދުވަހުން އެއް ދުވަހު ކަހަލަ ގޮތަކަށެވެ. މައިޝާ ގިނަ ވަގުތު އުޅޭނީ ކޮޓަރީގަ އެވެ. އެނދުގެ ކަނެއްގައި ކިތަންމެ އިރަކު ވެސް އިނދެފާނެ އެވެ.

އެއް ދުވަހެއްގެ ހަވީރެވެ. މަސީހް ބޯޅައެއް ކުޅެމުން ގޮސް މައިޝާގެ ކޮޓަރިއަށް ވަދެވުނެވެ. ކޮޓަރި ދޮރު ހުރީ ހުޅުވާފަ އެވެ. މައިޝާއަށް މަސީހް ފެނުމާ އެކު އެތައް އިރަކު ބަލަހައްޓައިގެން އިނެވެ. އަދި ކުއްލިއަކަށް ތެދުވެގެން ގޮސް މަސީހް އުރާލި އެވެ. އެއީ އެ ސޮރު އުރާލި ފުރަތަމަ ފަހަރު ވެސް މެ އެވެ. މައިޝާއަށް މަސީހް ފެންނަމުން ދިޔައީ އެހެން މީހެއްގެ ސިފައިގަ އެވެ. މައިޝާގެ ދެ ލޯ ރަތް ވެގެން ކަރުނަތައް ފައިބަން ފެށި އެވެ. ރުޅިވެރިކަން އިންތިހާއަށް ގޮސްފައިވާ މައިޝާގެ ހިތަށް ޝައިތާނާ ވަސްވާސް ދިނެވެ.

-ނުނިމޭ-

އިތުރު އާޓިކަލް

އިތުރު އާޓިކަލް