ވާހަކަ: އިހްތިޔާރު

ވާހަކަ

ވާހަކަ: އިހުތިޔާރު - 13 ވަނަ ބައި

29 އޭޕްރީލު 2024

އެޕިސޯޑް 13

"މަންމައަށް އަޑުއަހަން ކެރޭނެތަ؟ ކެރެންޏާ އަޑުއަހާ..." މައިޝާގެ އަރު ބެދުނެވެ.

ފާއިޒް ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ. މައިޝާ ބުނާނެ އެއްޗެއް އެނގޭ ކަހަލަ އެވެ. ނަމަވެސް ނޭނގޭ ހިތި ހަގީގަތެއް ވެސް އެކަމުގައި ވެ އެވެ. އެ ވަގުތު އެ ތަނުގައި ހުރި އެހެން މީހަކު ވެސް ހުރީ މައިޝާ ބުނާނެ އެއްޗަކާ މެދު ކުޑަކޮށް ބިރުގަނެފަ އެވެ.

"ދެން ތި ބުނަން އުޅޭ އެއްޗެއް ބުނެބަލަ. އަހަރުމެން މިތިބީ އަޑުއަހާށޭ،" އަނެއްކާވެސް ވާހަކަ ދެއްކީ އަރޫޝާ އެވެ.

"މިއީ ފާއިޒްގެ ދަރިއެއް ނޫން،" އަރޫޝާއަށް އެހެން ބުނެވުނީ ގައިގެ ހުރިހާ ބާރެއް ބޭނުން ކޮށްގެންނެވެ. ރޮމުން ގިސްލަމުންނެވެ. އަރޫޝާއަށް ހުރެވުނު ތަން ވެސް ނޭނގުނެވެ. ބާރު ހިނގުމުގައި އައިސް މައިޝާގެ އަތުގެ މުލައްދަނޑީގައި ހިފި އެވެ.

"އޭތް! މިހިރަ ގޮތްކުޑަ ކުއްޖާއާ! ކަލެއަށް އެނގޭތަ ތި ކިއޭ އެއްޗެއް؟ ލަދުގެ ކަންފުޅެއް ވެސް ނެތީތަ؟ ތި ބުނެވެނީ ކިހާ ވަރެއްގެ އެއްޗެއްކަން އެނގޭތަ؟" އަރޫޝާ ވާހަކަ ދެއްކި އިރު ތުރުތުރުއަޅަ އެވެ. ރުޅިއައިސްގެން މީހާ ކުދިކުދި ވަނީ އެވެ. މައިޝާ ހުރީ އިސްޖަހާލައިގެންނެވެ. ކުށްވެރިއަކީ އޭނާގެ އަމިއްލަ ނަފުސު ނޫންކަން އެނގޭތީ އެވެ. ބުނާނެ ކިތަންމެ އެއްޗެއް ހުއްޓެވެ. ޝަކުވާ ކުރަން ވެސް ބޭނުމެވެ. އެކަމަކު މިއަދު އެ އަޑު އަހާނެ އެކަކު ވެސް އެތާކު ނެތެވެ.

"ހަމަ މިހާރު މި ގެއިން ނުކުމޭ. ތިކަހަލަ ގޮތްކުޑަ މީހަކަށް މަގޭ ހިޔާވަހިކަމުން އެއްވެސް ޖާގައެއް ނުލިބޭނެ. ލަދުނުގަންނާތީއެއްނު ފާޅުގައި ތިޔަ ފަދަ އެއްޗެއް ބުނަން ކެރޭނީ ވެސް،" އަރޫޝާގެ ލޮލުގައި ބަބުޅަމުން ދިޔައީ ނަފުރަތާއި ރުޅިވެރިކަމުގެ އަލިފާނެވެ. މައިންވަންތަކަމުގެ އެހީތެރިކަން މައިޝާއަށް އެންމެ ބޭނުންވި ދުވަހު އޭނަ އެ ގެއިން ވެސް ނެރެ އެއްލާލަނީ އެވެ. މައިޝާ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލި އެވެ. އަދި ހަށިފުރާ ނޭވައެއްލި އެވެ.

"އަހަރެން ގޮތްކުޑަ ވެގެން ކީއްކުރީ؟ އަހަރެން ލަދުހަޔާތް ނެތިގެން ކޮން ކަމެއް ކުރީ؟ އަހަރެން ފުރާވަރަށް ވެސް ނާޅައޭ ނުބައި މީހެއްގެ ވަކިތަކުގައި ހައްޔަރު ވެގެން ދިޔައިރު."

އަރޫޝާގެ ދެ ލޯ ބޮޑު ވެގެން ދިޔަ އެވެ. ފާއިޒް ހުރީ ހައިރާންވެފަ އެވެ. ނައީމާ އާއި ވާފިރު އަދި ހާމިދު ވެސް ބަލަހައްޓައިގެން ތިއްބެވެ.

"މައެއްގެ އޯގާތެރި ފިރުމުންތަކާއި ލޯތްބާއި ކުލުނުން އަހަރެންގެ އުނގު ފުރާލަދޭންވީ ދުވަހު އަހަރެން އޮތީ ވިހަ ގަދަ ހަރުފައެއްގެ އަނގަތެރޭގައި. އެ ވިހަ އަދިވެސް އަހަރެންގެ އަރުގައި މި ލަނީ. މުޅި އުމުރަށް ވެސް މިކަން އޮންނާނީ މިހެން. އަންހެން ކުއްޖަކަށް ބައްޕައެއްގެ ހިމާޔަތާއި އެހީތެރިކަން އެންމެ މުހިންމުވި ދުވަހު ބައްޕަ އަހަރެންނާ ވަކިވުން ވެގެން ދިޔައީ އެ ހަރުފައިގެ ވިހަ ގަދަ ކަން އިތުރުވި ކަމަކަށް. އެ ހިސާބުން އޭނައަށް އެނގިއްޖެ އަހަރެންގެ ހިމާޔަތުގައި އެއްވެސް މީހަކު ނެތްކަން،" ލޮލުން ފައިބަމުން ދިޔަ ކަރުނަތަކަކީ އިހުތިޔާރުން ބޭރުގައި ފައިބާ އެއްޗެކެވެ.

"މަންމާ، އަހަރެން ހުރީ ދުވަހަކު ވެސް މަންމައާ މެދު ޝަކުވާއެއް ނުކުރަން. މަންމަގެ ބަދުބަސްތަކާއި މަންމަގެ ރުޅިވެރިކަމަށް ކެތްތެރިވެގެން. މަންމަގެ ފައިތިލަ ދަށުގައި ސުވަރުގެ ވާކަން އަހަރެން ގަބޫލުކުރަން. މަންމަ ރުޅިއައިސް ހިތްހަމަނުޖެހޭ އެއްވެސް ކަމެއް ދުވަހަކު ވެސް ނުކުރަން ހިތުގައި އަޒުމް ކަނޑައަޅައިގެން. އެކަމަކު އެކަމުން ވެސް އަހަރެން ފާހެއް ނުވި. މަންމަ ބުނެބަލަ. އެންމެ ފަހަރަކު ވެސް މަންމަ ހިތްހަމަޖެހޭ ގޮތަށް އަހަރެންނަށް ކަމެއް ކުރެވުނުތަ؟" ޝަހާދަތް އިނގިލި ދައްކާލަމުން މައިޝާ ބުންޏެވެ. "ނުކުރެވޭ."

"އެންމެ ކުޑަމިނުން އަހަރެންގެ ސިފަދެކެ ވެސް މަންމަ ރުޅިއާދޭ. އަހަރެން ފެނުނަސް އެ ދުވަހެއް ބަދުނަސީބު ދުވަހަކަށް ބަދަލުވެގެން ދޭ. މިއީ މަންމަ އަހަރެންނާ ދިމާލަށް ކިޔާފައި ހުރި އެއްޗެހި. އެކަމަކު އަހަރެންގެ ހިތުގައި މަންމައަށް ދެވިފައިވާ މަގާމަށް ކުޑަ ވެސް ބަދަލެއް ނާދޭ. އަހަރެން އަބަދުވެސް މަންމަ ދެކެ ލޯބިވަން. ހިތުގައި ޖެހޭ ދުވަސް ދުވަހު ތި މަންމަގެ އަތް މި ހަށިގަނޑުގައި ބީހިލަން ވަރަށް ބޭނުންވޭ. ލޯބިން ގޮވާލާ އަހަރެންގެ ގައިގައި ބައްދާލަން ނިކަން ބޭނުންވޭ. އެކަމަކު އެ ނަސީބެއް އަހަރެންނަކަށް ނުލިބުނު،" މައިޝާގެ އަރު ބެދޭ ގޮތްވި އެވެ. އެކި ދުވަސްވަރުގެ ކަންކަން އެއްފަހަރާ ކިޔައިދޭން މައިޝާ ބޭނުންވި އެވެ. ފުނިޖެހެމުން ދިޔަ ޝަކުވާތައް އަރޫޝާއަށް އަޑު އިއްވައިދޭން ބޭނުންވި އެވެ.

"އަހަރެންނަށް މިއަދު މިކަމާ ކުރިމަތިލާން ޖެހުނީ ކާކުގެ ސަބަބުން؟ އަހަރެންގެ ކޮން ކުށެއް އޮވެގެން؟ މަންމައަށް އެ ޖަވާބު ދެވޭނެތަ؟" މައިޝާ ގިސްލަމުން އެހި އެވެ. އަރޫޝާ ހުރީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ. ހަރަކާތެއް ކޮށްލަން ނޭނގުނު ތާނގައި އެސްފިޔަ ޖަހާލަން ވެސް ނޭނގިފަ އެވެ. އެ ކަންފަތުގައި އަތް އަޅަން ކިތަންމެހާ ވެސް ބޭނުމެވެ. ނަމަވެސް މައިޝާ އެ ދައްކާ ވާހަކަ އަޑުއަހަން ވެސް ބޭނުންވި އެވެ.

މަޔަކަށްޓަކައި ދަރިއެއްގެ ހިތުގައި އޮތް ލޯބި އެނގުމުން އަރޫޝާގެ ލޮލުން ފުރަތަމަ ފަހަރަށް ކަރުނަ ހިލުނެވެ. މައިޝާއަށްޓަކަ އެވެ. އަރޫޝާ ހިތަށް އެރި އެވެ. އަހަރެން އެ ދަރިއަށްޓަކައި ނަފުރަތާއި ރުޅިވެރިކަން ހިތުގައި ލައިގެން އުޅުނު ދަރިއަކީ މިއީ ހެއްޔެވެ؟ އެ ދަރިއަކަށްޓަކައި އަބަދުވެސް ބަދުބަސް ބުނެ، ދެރަ ގޮތް ވާން އެދުނު ދަރިއަކީ މިއީ ހެއްޔެވެ؟ މައިޝާގެ ގައިގައި ބައްދާލަން އަރޫޝާ ނިކަން ބޭނުންވި އެވެ. އެ މޫނުގައި ބޮސްދޭން ބޭނުންވި އެވެ. ދަރިފުޅާއޭ ކިޔާ ލޯބިން ގޮވާލަން ބޭނުންވި އެވެ. ނަމަވެސް އެކަމަށް ދޫ ހަރަކާތެއް ނުކުރި އެވެ. ވެފައި ހުރި ދެރައިންނެވެ.

"މަންމަ އެނގެން ބޭނުންތަ އަހަރެންނަށް މި ވަރުގެ ބޮޑު އަނިޔާއެއް ދިނީ ކާކު ކަން؟" މައިޝާގެ އަޑު ގަދަ އެވެ. އެންމެން ވެސް ތިބީ ނޭވާ ހިފަހައްޓާލައިގެންނެވެ. ފާއިޒްގެ ހިތް ހީވަނީ ބޭރަށް ނުކުމެދާނެ ހެންނެވެ. މި އޮތް ހުރިހާ ދުވަހު ފާއިޒް ހިތަށް އެރީ މައިޝާ ފާއިޒަށް ބޭވަފާތެރި ވީ ކަމަށެވެ. ނަމަވެސް ހަގީގަތަކީ އެއެއް ނޫކަން މިއަދު ވިސްނިއްޖެ އެވެ.

"ބޮޑުބެ،" މައިޝާގެ އަޑު ފަޅައިގެން ދިޔަ އެވެ. އަރޫޝާއަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަތްހެންނެވެ. ފާއިޒް ދިޔައީ ސިއްސައިގެންނެވެ. އެންމެންގެ މޫނުމަތިން ވެސް ފެނުނީ ހައިރާންކަމާއި ރުޅިވެރިކަމެވެ. ހާމިދު ފިޔަވަ އެވެ. ހާމިދު ހުރީ އިސްއުފުލައިގެންނެވެ. ކުރެވުނު ކަންތަކާ ލަދެއް ނުގަނެ އެވެ. ޖެހިލުމެއް ވެސް ނުވެ އެވެ. މޫނުމަތިން ފެންނަމުން ދިޔައީ ނުލަފާ ހިނިތުންވުމެކެވެ. މައިޝާއަށް ބައްޕައެއްގެ މަގާމުގައި ހުރި މީހަކު އެފަދަ ހަޑިމުޑުދާރު އަމަލެއް ކޮށްފާނެ ކަމަކަށް އެކަކު ވެސް ހިއެއް ނުކުރެ އެވެ.

ނައީމާ އެ ވަގުތު ވިސްނާލި އެވެ. އެކި ދުވަސްތައް މަތިން ހިނގާ ދިޔަ ކަންކަން ހިޔާލަށް އައެވެ. ނައީމާއަށް އޮތީ ވަހެއް ދުވާފަ އެވެ. އެކަމަކު ހިތަށް އެރީ އެއީ ވާފިރުގެ ކަމެއް ކަމަށެވެ. ހާމިދު ކަމަކަށް ކުޑަކޮށް ވެސް ހިއެއްނުކުރެ އެވެ.

ފާއިޒް އިސްޖަހާލި އެވެ. ފާއިޒްގެ ހިތުގައި މައިޝާގެ ނަން ފެވުނެވެ. ނަމަވެސް އެ ފެވުނު ކުލަ ފަނޑުވާން ނެގީ ކުޑަ ހިނދުކޮޅެކެވެ. މައިޝާއަށް އެހީތެރިވާން ފާއިޒް ކިތަންމެހާވެސް ބޭނުމެވެ. ނަމަވެސް ފާއިޒްގެ މައިންބަފައިން އެކަމަށް އެއްބަސް ނުވާނެކަން ކަށަވަރެވެ. ކަރުއެލުވާލައިގެން ގެއިން ނުކުމެގެން ދާން ހިނގައިގަތެވެ. ނަމަވެސް އަރޫޝާ ގޮސް ފާއިޒްގެ އަތުގައި ހިފި އެވެ.

"އަހަރެންނަށް ދުވަހަކުވެސް ކަމެއް ކޮށްދެންޏާ މިކަން ސިއްރުކޮށްދީ. އެއްވެސް މީހެއް ގާތުގައި މި ވާހަކަ ނުބުނާތި. ވައުދުވޭ!" އަރޫޝާގެ އަތް ދައްކާލަމުން ބުންޏެވެ. ފާއިޒް ހައިރާންވި އެވެ. ދަރިފުޅަށް އެ ވަރުގެ ދެރައެއް ދިން މީހަކު ސަލާމަތްކުރަން އަރޫޝާ ބޭނުންވާތީ އެވެ. އަދި އެފަދަ ގޮތަކަށް ފާއިޒްގެ ކިބައިން އުންމީދު ކުރީތީ އެވެ. ފާއިޒް ބަލާލީ މައިޝާއަށެވެ. މައިޝާ އިސްޖަހާލީ ލަދުންނެވެ. ދެރަވެގެންނެވެ. ފާއިޒް ވައުދުވި އެވެ. އަދި ނުކުމެގެން ދިޔަ އެވެ.

"އަހަރެންނަށް ވެގެން ވާ ނަމަ ކަލޭ މިއަދު ބާއްވާނީ އެކޮޅުކޮޅުން އެލުވާފައި އަލިފާންގަނޑަކާ ދިމާކޮށްފައި،" ހާމިދުގެ ކުރިމައްޗަށް ހުއްޓިފައި އަރޫޝާ ބުންޏެވެ.

- ނުނިމޭ -

އިތުރު އާޓިކަލް

އިތުރު އާޓިކަލް