ވާހަކަ: އިހްތިޔާރު

ވާހަކަ

ވާހަކަ: އިހުތިޔާރު - 12 ވަނަ ބައި

25 އޭޕްރީލު 2024

އެޕިސޯޑް 12

ނޭވާ ހިފަހައްޓާލައިގެން މައިޝާ ހުއްޓެވެ.

"މައިޝާ ވަރިކޮށްފި، އަހަރެން މިއީ ހެކިވެރިއެއް،" އެ މީހާއަށް ވެސް އެހެން ބުނެވުނީ ވަރަށް މަސައްކަތުންކަން އެނގުނެވެ.

މައިޝާ ހައިރާނެއް ނުވި އެވެ. ސުވާލެއް ވެސް ނުއުފެދުނެވެ. އެއީ ނުވެ ނުދާނެ ކަމެއްކަން އެނގުނެވެ. ނަމަވެސް ހިތުގައި ޖެހުނެވެ. ވަރަށް ދެރަވި އެވެ. ލޯ މަރާލެވުނީ ފައިބަން ތައްޔާރު ވެފައިވާ ކަރުނަތައް ހިންދާލުމަށް މަސައްކަތް ކުރަމުންނެވެ. އެ މީހާ އިންތިޒާރު ކުރީ މައިޝާ އެއްޗެއް ބުނާނެ ކަމަށެވެ. ނަމަވެސް އިތުރު އެއްޗެއް ނުބުނުމުން ނުކުމެގެން ދިޔަ އެވެ. މައިޝާ ހިނގައިގަތީ ގޭތެރެއަށް ވަންނާށެވެ. މަޑުމޮޅިކަމާ އެކު ވަރުދެރަކޮށް ހިނގަމުން ގޮސް ގެއަށް ވަންނަ ދޮރާ ހިސާބަށް ދެވުނެވެ. ކުރިމަތީގައި ހުރީ އަރޫޝާ އެވެ. ދެއްކި ހުރިހާ ވާހަކައެއް އަރޫޝާއަށް އަޑު އިވުނީ ކަމުގައި މައިޝާ ލަފާކޮށްލި އެވެ. މޫނުމަތީގައި ހުރީ ރުޅިވެރިކަމެވެ. ސުވާލު ކުރަން އަނގަ ހުޅުވާލި އެވެ. މައިޝާ ހުއްޓުމެއްނެތި ގޭތެރެއަށް ވަދެގެން ދިޔަ އެވެ. އަރޫޝާ ފުން ނޭވާއެއް ބޭރު ކޮށްލި އެވެ. މައިޝާގެ އުޅުން ހުންނަ ގޮތުން އަރޫޝާ ހުންނަނީ ދަތްކުނޑިވިކައިގެންނެވެ.

ކައިވެންޏަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މައިޝާ ވަރިކުރީ ކީއްވެގެން ހެއްޔެވެ؟ އަވައްޓެރިންނާއި އާއިލާގެ އެކި ހިސާބުގެ މީހުންގެ ހިތުގައި އުފެދުނު ސުވާލަކީ އެއީ އެވެ. އަރޫޝާއާ އެ ސުވާލު ކުރީ މަދު މީހެކެވެ. އަރޫޝާއަކީ ރުންކުރު ޒީލަގަދަ މީހެއް ކަމުން ގިނަ މީހުން އޭނައަށް އަޑު އިވޭ ހިސާބުގައި އެ ވާހަކަ ދައްކަން ވެސް ބޭނުން ނުވަނީ އެވެ. ކަމުގެ އެންމެ ބޮޑު ހަގީގަތެއް އެނގޭ އެކަކީ ނައީމާ އެވެ. ނަމަވެސް ނައީމާއަށް އެނގެނީ ކިހާ މިންވަރަކަށް ހެއްޔެވެ؟

"މައިޝާއަށް އަސްލު އެންމެ ރަނގަޅު ގޮތަކީ ފާއިޒްއާ އިނދެގެން އުޅުން. ކައިވެނި ރުޖޫއަކުރަން ބުނަންވީނު،" ނައީމާއަށް ނުހުރެވިގެން ބުންޏެވެ.

"ނައީމާއަށް ވެސް ގޯސްވާނީ އަހަރެން. އަހަރެން ކިތައް ފަހަރު އެހީ މައްސަލައަކީ ކޮބާތޯ. މައްސަލަ އެ އުޅެނީ މައިޝާގެ. އެހެންވެ ހައްލު ނުވެގެން އެ އުޅެނީ. ނައީމާއަށް ހީވަނީތަ އަހަރެން މައިޝާއާ ދޭތެރޭގައި ނުވިސްނަނީއޭ. އަހަރެން މިއީ އޭނަގެ މަންމައޭ. އަހަރެން ނުވިސްނާ ވަރަކަށް ކާކު ވިސްނާނީ؟" އަރޫޝާ ދެއްކި ވާހަކައިގެ ހަގީގަތް އެންމެ ގާތުން އެނގޭ އެކަކީ ވެސް ނައީމާ އެވެ. ކިހާ އަޅާލާ އޯގާތެރި މަންމައެއްކަން ނައީމާއަށް ވަރަށް ރަނގަޅަށް އެނގެ އެވެ. ނަމަވެސް އެކަމާ ވިއްދާފައި ނައީމާ އެއްޗެކޭ ނުބުނެ އެވެ.

"އެހެން ނޫނަސް އޭނަ އެ ހުންނަނީ ބައްޕަ ނިޔާވީމަ މީހާ މާޔޫސްވެފައި. މީހާ ހީވަނީ ކާޑު ބައްޔަށް ގޮސްފައި ހުންނަހެން. އެހާ އަނަރޫފަ ވެފަ. ސިނގު ބަނޑެއް ވެސް ލާން ފަށައިފި. މޫނުމަތި ވެސް ހީވަނީ ވާ ބޮއިފައި ހުންނަހެން. އެ ކަހަލަ ސިފައެއް ޖަހާ މީހަކާ އެއްކޮށް އެއްވެސް މީހަކަށް ނޫޅެވޭނެ. މިހާރު ހީވަނީ ފެން ވެސް ނުވަރާހެން އުޅެނީ. ކައިރީގައި އުޅެން ވެސް ފަކުރުގަނޭ،" އަރޫޝާގެ ދުލުން އެފަދަ ބަސްތަކެއް އަމިއްލަ ދަރިއާ މެދު ބޭރު ކުރާކަށް އެއްވެސް ޖެހިލުމެއް ނުވެ އެވެ. ނައީމާ ވަރަށް ހިތުގައިޖެހުނެވެ. މައި ކުލުނުގެ ކަންފުޅެއް ވެސް އަރޫޝާގެ ހިތުގައި ނެތެވެ.

މީހަކު ހޮޑުލާ އަޑަށް ނައީމާ ދުވަމުން ކަހަލަ ގޮތަކަށް ނުކުތެވެ. ހޮޑު ލަނީ މައިޝާ އެވެ. ނައީމާ މޭގައި އަތް އަޅާލި އެވެ. މައިޝާގެ ލޮލުން ކަރުނަ ފާއްދާލި އެވެ. ދުވެފައި ގޮސް ނައީމާގެ ގައިގައި ބައްދާލި އެވެ.

"ކީއްވެ ނުބުނެ ތި އުޅެނީ؟ ފާއިޒަށް..." މައިޝާ ބޯ ހޫރުވާލުމުން ނައީމާގެ ވާހަކަ މެދު ކެނޑުނެވެ. އެ ވަގުތު ގެއިން ނުކުތީ އަރޫޝާ އެވެ. ހާމިދާއި ވާފިރު ވެސް ނުކުތެވެ. އެންމެން ވެސް ތިބީ ހައިރާން ވެފަ އެވެ.

"ދެން ތި ވާހަކަ ފާއިޒް ކައިރީ އަވަހަށް ބުނެބަލަ،" ފޫހިވެފައި ހުރެގެން އަރޫޝާ ބުންޏެވެ. "އެހެންވެ ދޯ މީނަ ފާޑެއްގެ ބަނޑެއްލާން މި ފެށީ."

މައިޝާގެ ލޮލުން ކަރުނައެއް ނުހުއްޓުނެވެ. ގިސްލެވެން ފެށި އެވެ.

"ވާފިރު ދޭބަލަ ފާއިޒް ކައިރީ ބުނަން އަހަރެން ބުންޏޭ އައިސްބަލާށޭ. ދެން ދެ މީހުން އަނެއްކާވެސް ގުޅިގެން އުޅެވޭތޯ ބަލާބަލަ. ކަލޭގެ ވިހޭގެ ބަލަހައްޓާހާ ހިތްވަރެއް އަހަރެންގެ ނެތް. ޅަކުދިން ރޯ އަޑު އިވުނީމަ މަގޭ ބޯ ފަޅައިގެން ހިނގައިދާނެ. ދޭ ދޭ އެ ގެއަށް ދޭ!" އަރޫޝާ ތުން އަނބުރާލި އެވެ.

"މަންމާ، އެއްޗެއް ބުނުމުގެ ކުރިން ވިސްނާލާފައި ބުނާ ނަމަ ދޯ، އަހަރެން މިއީ އޭނަގެ އަތްނބެއް ނޫނޭ. މަންމަ ހަނދާން ނެތުނީތަ؟" ރޮމުން ރޮމުން މައިޝާ ބުންޏެވެ.

ފާއިޒް ލަސް ފިޔަވަޅުތަކަކާ އެކު ގޭތެރެއަށް ވަންނަ ތަން ފެނުނެވެ. ކޮންމެ މީހަކާ ދިމާލަށް ސުވާލުން ފުރިގެންވާ ނަޒަރަކުން ބަލަމުންނެވެ. ފާއިޒް އައިސް ހުއްޓުނީ މައިޝާގެ ކުރިމައްޗަށް ވާ ކަހަލަ ގޮތަކަށެވެ. ލޮލުގައި އަޅައިގަތީ ނުކުމެފައިފާ ބަނޑެވެ. ފާއިޒަށް ދެ ލޯ މަރާލެވުނެވެ. ހައިރާންވެގެން ބުނާނެ ނުބުނާނެ އެއްޗެއް ވިސްނުމަކަށް ނަ އެވެ. މައިޝާއަކީ ފާއިޒްގެ އަތްނބެއް ނޫން ކަމުގައި ވިޔަސް އެ ހިތުގައި އަދިވެސް ޖަހާ ވިންދުގެ ނަމަކީ މައިޝާ އެވެ. ވަޅު ވަދެފައިވާ ދެ ލޮލަށް ފުންކޮށް ބަލާލި އެވެ. އެ ލޮލުން ކިތަންމެ ވާހަކައެއް ބުނެދިނެވެ. ފާއިޒްގެ ލޮލުން ކަރުނަ ފާއްދާލި އެވެ. އެހީތެރިވާން ކިތަންމެ ބޭނުންވި ނަމަވެސް މިއަދު އެކަމަށް ފާއިޒް ނުކުޅެދުންތެރި އެވެ. ހިތުގައި ޖަހަމުން ދިޔަ ވިންދު ކަނިކަނި ލާން ފެށި އެވެ.

"ފާއިޒް ދެން ކީކޭ ބުނާނީ؟ މައިޝާ އެ އިނީ ކަލޭގެ ދަރިއަކަށް ބަލިވެ. އަހަރުމެންނަކަށް އެ ބުރައެއް ނުއުފުލޭނެ. އޭނައާ އަލުން ކައިވެނި ކުރޭ،" އަރޫޝާ އެހެންޏާ ނުދައްކާ ގޮތަށް ފާއިޒްއާ ވާހަކަ ދެއްކި އެވެ. ފާއިޒް ވެސް ހައިރާންވި އެވެ.

ކައިވެނީގެ ހަޔާތުގައި އެ ވީ މަދު ދުވަސްކޮޅުގެ ތެރޭގައި ހިނގާ ދިޔަ އެއްވެސް ކަމެއް އެއްވެސް މީހަކަށް ކިޔައިދޭކަށް ފާއިޒް ބޭނުމެއް ނުވި އެވެ. ނަމަވެސް މި ވަގުތަކީ ބޮޑު ސިއްރެއް ހާމަ ކުރަންވީ ވަގުތުކަން ފާއިޒަށް ވިސްނުނެވެ. އެހެނަސް އެ ވާހަކަ ބުނާނީ ކިހިނެއް ކަމެއް ނޭނގުނެވެ. މައިޝާއަށް ލިބޭނެ އަނިޔާ އާއި ހިތްދަތިކަން ހިތަށް އަރުވާލެވުނެވެ. ފާއިޒަށް މައިޝާ އޮޅުވާލިކަން ވެސް ހިތުގެ އެއް ކަނުގައި ވަކި އަޅަމުން ދިޔަ އެވެ. މައިޝާގެ ބޭވަފާތެރިކަން ފާއިޒްގެ ހިތަކުން ފިލައިގެން ނުދާނެ އެވެ. އެކަމަށް މައާފު ކުރި ނަމަވެސް ހިތުގައި އެ ޒަހަމް މުޅި އުމުރަށް ހުންނާނެ އެވެ. ކިތަންމެ އެއްޗެއް ބުނަން ފާއިޒް ބޭނުންވި އެވެ. ނަމަވެސް ވާހަކަ ފަށާނެ ކޮޅެއް ހިތަކަށް ނުގެނެވުނެވެ. މައިޝާއާ ދިމާލަށް ބަލާލެވުނީ މައާފު ކުރާށޭ ބުނަމުންނެވެ.

"މައިޝާގެ މަންމައަށް އަދި ތި އުޅެނީ އޮޅިގެން،" ވަރަށް ހިތްވަރުކޮށްފައި ފާއިޒް ވާހަކަ ދައްކަން ފެށި އެވެ.

"ކޯއްޗެއް އޮޅިގެން؟ މައިޝާ ބަލިވެއިންކަން އެނގުނީމަ ވަރިކޮށްލާފައި މި ގެއަށް ފޮނުވާލީ ކީއްކުރަން؟ ރީތި ގޮތުގައި ދެ މީހުން ވާހަކަ ދައްކައިގެން އެކަން ނިންމާލި ނަމަ. ދަރިއަކު ބޭނުން ނުވެ ތިއްބާ މާބަނޑުވީމަ އެހެން މީހުން ވެސް ހަދަނީ އެހެންނޭ،" އަރޫޝާގެ ދުލަށް އައިހާ އެއްޗެއް ކިޔަމުން ދިޔަ އެވެ. އެ ތަނުގައި ތިބި އެންމެން ތިބީ އަންތަރީސް ވާ ވަރު ވެފަ އެވެ. ފާއިޒްގެ ހިތަށް އެރި އެވެ. މިއީ މައެއް ބާވަ އެވެ؟ ހިތުގައި ރަހުމާއި ކުލުނުގެ ކަންފުޅެއް ވެސް ނެތެވެ. ވިސްނާނުލާ ކޮންމެ ފަދަ އެއްޗެއް ވެސް ކިޔަން ކެރެ އެވެ.

"ހުއްޓާލާ! އަހަރެން ބޭނުމެއް ނޫން އަޑުލާ މައިޝާގެ މަންމައާ ވާހަކަ ދައްކާކަށް. އެކަމަކު ކަން ވެގެން އުޅޭ ގޮތެއް އަދިވެސް ނޭނގޭ. އެއް ފަހަރު ވެސް މައިޝާއާ ސުވާލު ކޮށްލަބަލަ،" ފާއިޒް ކެތްތެރިކަމާ އެކުގައި ބުންޏެވެ.

"އޭނަ ގާތު ކޯއްޗެއްތަ އަހަންވީ؟ ހުރިހާ ކަމެއް ލޮލަށް ފެންނާކަށްނު މި އޮތީ،" އަރޫޝާ ގޮސް މައިޝާގެ އަތުގައި ހިފި އެވެ. "ތެދެއް، ކޯއްޗެއް މަށަށް ސިއްރު ކޮށްގެން ތި އުޅެނީ؟ އޭނ! ކޯއްޗެއްހޭ؟ ކޮން ވާހަކައެއް އެ ފާއިޒް އެ ދައްކަނީ؟"

މައިޝާއަށް ރުއިން ނޫން ކަމެއް ނުކުރެވުނެވެ. "ޖަވާބު ދީބަލަ މިހިރަ މަންމަން ކުއްޖާއާ،" އެންމެ ފަހުން މައިޝާގެ ގައިގައި ހިފައި އަރޫޝާ ތަޅުވައިގަތެވެ.

"މަންމައަށް އަޑުއަހަން ކެރޭނެތަ؟ ކެރެންޏާ އަޑުއަހާ..." މައިޝާގެ އަރު ބެދުނެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް