ވާހަކަ: ވިގަނި

ވާހަކަ

ވާހަކަ: ވިގަނި - ސާޅީސްވަނަ ބައި

19 އޭޕްރީލު 2024

އެޕިސޯޑް 40

"އަހަރެން ދޫކޮށްލަބަލަ. އެއީ... އެހެރީ..." ރަހުމާއަށް ބުނެވުނެވެ.

"އެއީ ޖުމާހެއް ނޫނޭ،" ފިރާގު ބުންޏެވެ.

"ނޫން. އެއީ ދޮންބެ،" ރަހުމާ އެހެން ބުނުމާ އެކު މުޅި ތަން އަލިވެގެން ދިޔަ އެވެ. އެންމެން އެއްފަހަރާ އެ ދިމާލަށް ބަލައިލި އެވެ. އެތަނުގައި ހުރީ ޖުމާހެވެ. އޭނާ މަޑުމަޑުން ހިނގަމުން އައިސް ސޯފާގައި އިށީނެވެ. ރަހުމާއާ ދިމާލަށް ބަލާލާފައި ހިނިތުންވެލި އެވެ. އަދި ފިރާގަށް ބަލާލި އެވެ. ފިރާގުގެ ނިތްކުރީގައި ވަނީ ރޫތައް ގިނަވެފަ އެވެ. ލޮލުގައި ވަނީ ޝައްކުގެ ނަޒަރެކެވެ. ދުލުކުރިއަށް ގެންނަން ބޭނުންވެފައި ހުރި ސުވާލުތައް ގިނަ އެވެ.

"ތިއީ..." ފިރާގަށް ބުނެވުނެވެ.

"މިއީ ޖުމާހު،" ޖުމާހު ހިނިތުންވެލަމުން ބުންޏެވެ.

"ކިހިނެއް މިތަނަށް އާދެވުނީ؟" ފިރާގު ބުންޏެވެ.

"ނޭނގެ އާދެވުނު ގޮތެއް. ހަނދާނެއް ނެތް،" ޖުމާހުގެ ވާހަކަ ދެއްކުން ތަފާތުހެން ރަހުމާއަށް ހީވި އެވެ. މިހާ ގިނަ ދުވަހު އެހެން ތަނެއްގައި އުޅުމުން އެހެން ވެދާނެ ކަމަށް ރަހުމާގެ ހިތަށް އެރި އެވެ.

"ދޮންބެ ރަނގަޅުތަ؟" ޒިލާލު އަހާލި އެވެ. ޖަވާބުގައި ޖުމާހު ހިނިތުންވެލި އެވެ.

"ދޮންބޭ! މަންމަ، މަންމަ އަހަރުމެންނާ ވަކިވެއްޖެ. ދޮންބެއަށް އެކަން އެނގޭތަ؟" ރަހުމާއަށް ރޮވޭ ގޮތްވި އެވެ.

"ކޮންމެ މީހަކީ ވެސް މަރުވާނެ މީހެއް. އެއްބައި މީހުން އުމުރު ދިގު ވާނެ. އަނެއްބައި މީހުން ޅަފަތުގައި ނުވަތަ ޒުވާން އުމުރުގައި ވެސް މަރުވަނީއެއްނު،" ޖުމާހު އެހެން ބުނުމުން ރަހުމާ ހައިރާންވި އެވެ. މަންމަގެ މަރުގެ ވާހަކަ އެހާ ފަސޭހަ ގޮތަކަށް ޖުމާހު ބުނީތީ އެވެ. އެކަމާ ދެރަވުމުގެ އެއްވެސް އަސަރެއް ޖުމާހުގެ މޫނުމަތިން ފެންނާކަށް ނެތެވެ.

ރަހުމާ ބަލާލީ ފިރާގަށެވެ. ރަހުމާގެ އެ ބެލުމުގެ މާނަ ފިރާގަށް ދެނެގަނެވުނު ކަހަލަ އެވެ. ވަގުތުން ފިރާގު ކިޔަވަން ފެށި އެވެ. ޖުމާހަށް އުނދަގޫތަކެއް ވާން ފެށި އެވެ. ހަށިގަނޑުގެ އެތަން މިތަން ކަހަން ފެށި އެވެ. ހިމޭނުން ނީނދެވިގެން ކޮޅަށް ތެދުވި އެވެ. އަދި ތަންތަން ކަހަމުން ގެއިން ބޭރަށް ނުކުތެވެ. ފަހަތުން ފިރާގު އާއި ލަމިޔާ އާއި ޒިލާލު ވެސް ނުކުތެވެ. އުޑު ހާމަ ތަނަށް "ޖުމާހު" ނުކުމެ މަތި ބަލއިލި އެވެ. ހަނދު ހުރީ ވަށްބުރު ހަމަވެފަ އެވެ.

"ދެން އެންމެ ރަނގަޅޭ،" ޖޫލިއަސްގެ އަޑު ނުކުތެވެ. ގާތުގައި އެހެން ޖިންނިއެއް ވެސް ހުރިހެން ފިރާގަށް ހީވި އެވެ.

"ކަލޭ މިރޭ ޓީމް ހަދައިގެންތަ ތި އައީ؟" ފިރާގު ބުންޏެވެ.

"މިއީ ކީލް."

"ކަލޭމެންގެ ތައާރަފެއް ބޭނުމެއް ނޫން. ކުރީ ރޭގެ އެއްބަސްވުމާ އެއްގޮތަށް ކަންތައް ކުރޭ،" ހިތްހަމަނުޖެހިފައި ފިރާގު ބުންޏެވެ.

"އޭގައި ކުޑަ ކުންޏެއް ޖެހިގެން މި އުޅެނީ،" ޖޫލިއަސް ކުއްލިއަކަށް އަރިއަކަށް ޖެހުނެވެ. އެ ވަގުތު ޖުމާހުގެ ހަށިގަނޑު އަރިއަޅާލައިގެން ވެއްޓުނެވެ. ޖޫލިއަސް ހުރީ ޖުމާހުގެ ހަށިގަނޑުގެ ނިވަލުގަ އެވެ.

"ކަލޭ އޭނައަށް ކީއްކުރީ؟" ކަންބޮޑުވެފައި ފިރާގު އެހި އެވެ.

"އޭނަ އެ އޮތީ މަރުވެފައި،" ޖޫލިއަސް އެހެން ބުނުމުން އެންމެން ސިއްސައިގެން ދިޔަ އެވެ. ރަހުމާއަށް ރޮއިގަނެވުނެވެ.

"އެހެން ބުންޏަސް އަދި ގަބޫލު ނުކުރޭ. އެކަހަލަ ޝައިތާނުން ނުހަދާނެ ތެދެއް،" ފިރާގު ބުންޏެވެ.

"ހަމަ ހުވާ. ކަލޭ ބަލާބަލަ. އެއީ އެ ޖުމާހު. އޭނަގެ ފުރާނައެއް ނެތް،" ޖުމާހުގެ ހަށިގަނޑަށް އިޝާރާތް ކުރަމުން ޖޫލިއަސް ބުންޏެވެ. ފިރާގު އެ ދިމާލަށް ދުއްވައިގަތެވެ. އަދި ޖުމާހުގެ އަތުގައި އަތްލާފައި ވިންދު ހުރިތޯ ޔަގީންކޮށްލި އެވެ. މާޔޫސްވެފައި ރަހުމާއާ ދިމާލަށް ބަލާލި އެވެ.

އިތުރަށް ރަހުމާ ރޮއިގަތެވެ. ފިރާގު އަނެއްކާވެސް ޖޫލިއަސްއަށް ބަލާލި އެވެ.

"ކަލޭމެންނަކީ އިތުބާރުކުރަން ހެޔޮވާވަރުގެ ބައެއް ނޫން. ކަލޭ ޑީލް ހެދީ ކޮން ކަމަކަށް؟ މިހެން ހަދަންތަ؟" ރުޅި އައިސްފައި ފިރާގު ބުންޏެވެ.

"އަހަރެންގެ ޑީލްއަކީ ޖުމާހު އަނބުރާ ކަލޭމެންނަށް ދިނުމުން އަހަރުމެންގެ މުޅި އާއިލާއަށް ކަލޭ އެއްވެސް އުނދަގުލެއް ނުކުރާނެ ކަމަށް ހުވާ ކުރުން. މަށެއް އެއް އިރަކު ވެސް ނުބުނަން ޖުމާހު ހެޔޮ ހާލުގައި ސަލާމަތުން ގެނެސްދޭނަމެކޭ،" ޖޫލިއަސްގެ މޫނުމަތިން ފާޅުވާން ހުރީ ނުބައި ހިނިތުންވުމެކެވެ.

"ކަލެއަކަށް ނޭނގޭތަ؟ މި ޖުމާހަކާ ހެދި މަގޭ މަންމަ މަށާ ދުރުވެއްޖެ. މި ދެ މީހުންގެ ދަރިއެއް އައި ފަހުން މަގޭ މަތިން މަންމަ ހަނދާން ނައްތާލައިފި. މަށަށް އަނިޔާ ވެސް ކުރި. މަންމަގެ ބަހުގައި އަހަރުމެން މިއީ އެއްވެސް ބައެއް ނޫން. ކުރީގައި މަށާއި މާމަ ދެކެ އެންމެ ލޯބިވާނީ. އެކަމަކު އެ ޖުމާހަކާއި ޒައުބާހް އައި ފަހުން އަހަރެން މިއީ ނެތް ދަރިއެއް. އަހަރެން މަތިން އެއްކޮށް ހަނދާން ނައްތާލައިފި. އަހަރެންނަށް ވިސްނުނު ގޮތުގައި މިއީ މަންމަގެ ލޯބި ހޯދަން އެންމެ ރަނގަޅު ގޮތް. ދެން ނުޖެހޭނެއެއްނު މަންމަގެ ލޯތްބަށް އަހަރެން ސަލާން ޖަހާކަށް،" ޖޫލިއަސްގެ ހިތުގައިވާ ހުރިހާ ޝަކުވާއެއް އޮއްސާލި އެވެ. "ދެން ހުރީ އެ ޒައުބާހް."

"މަ މި ހުރީ،" ޒައުބާހްއަކީ އުމުރަށް ވުރެ ދޮށިވެފައި ހުރި ޖިންނިއެކެވެ. ޅަ އުމުރުގައި ވެސް ޖާނުން ވަރުގަދަ އެވެ. ބަސްމޮށުންތެރިކަން އެހާ ކުޅަދާނަ އެވެ.

"ކަލޭ ކީއްވެ މަގޭ ބައްޕަ ތި މަރާލީ؟ މަންމައަށް އެނގިއްޖިއްޔާ ކަލޭގެ ދުވަސް ދުއްވާލާނެ،" ޒައުބާހް ބުންޏެވެ.

"މަންމައަށް އެނގުނިއްޔާއެއްނު. މަ އޮންނާނީ އެކަމަށް ހަދަންވީ ދޮގު ވެސް ތައްޔާރުކޮށްފައި. އެހެން ނޫނަސް މިހިރަ ފިރާގު މަތި އެޅުވިޔަސް ކޮން ކަމެއް؟" ހަމަޖެހިލަމުން ޖޫލިއަސް ބުންޏެވެ.

"ކަލޭ ތިހެން ބުނެބަލަ މަންމަ ގާތު،" ޒައުބާހް ބުންޏެވެ.

"ބުނާނަމޭ. ކަލޭ ހީކުރީ މަންމަ ދެކެ މަ ވަރަށް ބިރުގަންނަ ކަމަށްތަ؟ މިހާރު މި ވަގުތު މަންމަ ފެނުނަސް މަ ބުނާނަން،" ޖެހިލުމެއްނެތި ޖޫލިއަސް ބުންޏެވެ.

"ތިހުރީ ކަލޭގެ ފަހަތުގައި. ދެން ބުނެބަލަ،" ޖޫލިއަސް ދިޔައީ ސިއްސައިގެންނެވެ. ފަހަތަށް އެނބުރޭކަށް ނުކެރުނެވެ. ލަމިޔާ ހުރެދާނެ ގޮތަކުންނެވެ.

ރަހުމާ އާއި ޒިލާލު ތިބީ ލޮލަށް ފެންނަ މަންޒަރު ގަބޫލު ކުރަން ދަތިވެފަ އެވެ. ހިތަށް ވެރިވަމުން ދިޔަ ބިރުވެރިކަން ބަޔާން ކުރަން އުނދަގޫވެފަ އެވެ. ހީވަނީ ބިރުވެރި ހުވަފެނެއް ހެންނެވެ. ރަހުމާ ބަލާލީ މަރުވެފައިވާ ޖުމާހުގެ ހަށިގަނޑަށެވެ. އެ ހަށިގަނޑުގައި އެއްވެސް ދިރުމެއް ނެތެވެ. މުޅި މީހާ ވަނީ ނޫފައިގަނެފަ އެވެ. ހީވަނީ މީހާ ތެމިފައި އޮތް ހެންނެވެ.

ވައި ރޯޅިއަކަށް ވުރެ ބާރަށް ލަމިޔާ އައިސް ޖޫލިއަސްގެ ކުރިމައްޗަށް ހުއްޓުނެވެ. މޫނުމަތީގައި ހުރީ އަލިފާން ރޯވެފަ އެވެ. ނަމަވެސް މޫނުގެ ސިފަ ވަކިވާ ވަރުވެ އެވެ. ދަތްތައް ހުރީ ހިޔަޅުގެ ދަތްޕިލާ ހެންނެވެ. ކަރު ފަލަ އެވެ. ހަށިގަނޑު ބިޔަވެފައި މުޅި ގައިގައި ހުރީ އަނގުރު އަލިފާން ހެންނެވެ. ބިންމަތީގައި ފަޔެއް ނުޖެހެ އެވެ. ލަމިޔާގެ އަތް ވަނީ ޖޫލިއަސްގެ ކަރުގައި ހިފާފަ އެވެ. އިރުކޮޅެއްގެ ތެރޭގައި ޖޫލިއަސްގެ ކަރަށް ބާރުވާން ފެށިއެވެ. ޖޫލިއަސްގެ ނޭވާ ދަތިވާ ހެން ހީވި އެވެ. އެ ވަގުތު ކީލް ދުއްވައިގަތީ ލަމިޔާއާ ދިމާލަށެވެ. ލަމިޔާގެ ދިގު ދޫ ނެރުނެވެ. އަދި ކީލްގެ ހަށިގަނޑުގައި ލަމިޔާގެ ދޫ އޮޅާލާފައި ވަރަށް ދުރަށް ހޫރާލި އެވެ. މަންމަ އެހައި ރުޅިއައިސްފައި ހުއްޓައި ޖޫލިއަސް ދުވަހަކުވެސް ނުދެކެ އެވެ.

"މަށަށް އަޑު އިވިއްޖެ ކަލޭ ކީއްވެ ކުރި ކަމެއްކަން. އެކަމަކު އޭނަ މަރާލީ ކަލޭ ކިހިނެއް ހަދާފައި؟" ލަމިޔާގެ އަޑުން މުޅި ތަން ގުގުމައިގެން ދިޔަ އެވެ.

"ގަ... ގަންބާ... ގަންބާލާފައި،" ދަތި އުނދަގުލުން ޖޫލިއަސް ބުންޏެވެ.

ދެމައިންގެ ދުވަސް ދުއްވާލުމަށް ފިރާގު ކިޔަވަން ފެށި އެވެ. ވަކި ހިސާބަކުން، ފެންއެތީގައި ހުރި މާތައް އަލިފާންގަނޑަށް އުކަން ފެށި އެވެ. ލަމިޔާގެ އަތް ޖޫލިއަސްގެ ކަރުން ދޫވި އެވެ. އަދި ތުރުތުރުއަޅަމުން ބިންމައްޗަށް ވެއްޓުނެވެ. ލަމިޔާ ގާތަށް ޒައުބާހް އާއި ޖޫލިއަސް ވެސް ތިރިވި އެވެ. ޖޫލިއަސް އިނީ ތަންކޮޅެއް ދުރުގަ އެވެ. ފިރާގު ހުއްޓުމެއްނެތި ކިޔަވަމުން މާތައް އުކަމުން ދިޔަ އެވެ. އަދި އޭގެ ތެރެއަށް ބޮކަރުތައް ވެސް އުކަން ފެށި އެވެ. ލަމިޔާގެ އަނގައިން ފެހި ކުލައިގެ ފޮނުތަކެއް ނުކުންނަން ފެށި އެވެ. ޖޫލިއަސް މަޑުމަޑުން ދުރަށް ދާން ފެށި އެވެ. އެ މަންޒަރު ލަމިޔާއަށް ފެނުނެވެ. ޖޫލިއަސްގެ ފަހަތުގައި އަލައިނާ ހުއްޓެވެ. އަލައިނާ ޖޫލިއަސްގެ އަތުގައި ހިފައި މައްޗަށް އުދުހިގަތެވެ. ފިރާގު މައްޗަށް ބަލާލި އެވެ. އަދި ޗޮކެއް ކަނޑާލި އެވެ. ލަމިޔާގެ ލޮލު ކޮޅަށް ދެމާމައިން އޮބާލަންދެން ބަލަހައްޓައިގެން އޮތެވެ. މުޅި ހަށިގަނޑު އޭރު ވެސް ތުރުތުރު އަޅަނީ އެވެ. ކައިރީގައި ޒައުބާހް ރޮއިރޮއި އިނެވެ.

"ދަރިފުޅާ! ހިތްވަރު ކުރާތި. މަންމަމެން ދުނިޔޭގައި ނެތަސް އަހަރުމެން ދެ މީހުން ދެކެ އަބަދުވެސް ލޯބިވާތި،" ލަމިޔާގެ ލޯ މެރޭ ގޮތްވި އެވެ.

"ޒައުބާހް. ދަރިފުޅުގެ ނަމުގެ މާނަ ހަނދާން ބަހައްޓާތި. ފަހުލަވާނު،" ލަމިޔާގެ ހަށިގަނޑުން ވަރު ދޫވާހެން ހީވި އެވެ. "މަންމަ އާއި ބައްޕަގެ މަރުގެ ބަދަލުހިފާތި."

ލަމިޔާގެ މުޅި ހަށިގަނޑުގެ ދިރުން ހުއްޓުނެވެ. އެންމެ ފަހުން މަންމަ ބުނި ވާހަކަ ޒައުބާހްގެ ކަންފަތުގައި މުޅި އުމުރަށް ހަރުލާފައި ހުންނާނެ އެވެ. ލޮލުން އަލިފާނުގެ ކަނިތައް ބުރަމުން ދިޔަ އެވެ. އަލައިނާ އާއި ޖޫލިއަސް އުދުހެމުން ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. އަދި އެ ދިމާލަށް އުދުހިގަތެވެ. އެއީ އާ ފެށުމެއްގެ ކޮޅުމައްޗެވެ. ދެބެންގެ ހަނގުރާމައިގައި ބަލިވާނީ ކާކު ކަމެއް މޮޅުވާނީ ކާކު ކަމެއް ނޭނގެ އެވެ. ޒައުބާހް އުދުހެމުން ދިޔަ އިރު ހޭރެމުން ދިޔަ އެވެ. ކަނޑުގެ އެންމެ އަޑީގައިވާ މަހުލޫގުންނަށް ވެސް އެ އަޑު އިވުނެވެ. ފަރުބަދަތަކާއި ބިމުއަޑީގައި ދިރިއުޅޭ ޖިންނި ޝައިތާނުންނާއި މާރިދުންނަށް ވެސް އެ އަޑު އިވުނެވެ. އެއީ ވޭންގަދަ އަޑެކެވެ. ބުނަމުން ދިޔައީ މާނަ ފުން ވާހަކަތަކެއްކަން އެ އަޑު އިވުނު ކޮންމެ މަހުލޫގަކަށް ވެސް އިހުސާސް ކުރެވޭނެ އެވެ.

-ނިމުނީ-

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް