ވާހަކަ: ވިގަނި

ވާހަކަ

ވާހަކަ: ވިގަނި - ނަވަތިރީސްވަނަ ބައި

18 އޭޕްރީލު 2024

އެޕިސޯޑް 39

"ކަލޭމެން އެއްބަސް ވަންޏާ މަށަށް ވެސް މޮޅު، ކަލޭމެންނަށް ވެސް މޮޅު،" ހިނިތުންވެލަމުން ޖޫލިއަސް ބުންޏެވެ.

"އަހަރުމެންނަކީ ޝައިތާނުންނާ ޑީލް ހަދާ ބައެއް ނޫން. އަހަރުމެންނަކީ މުސްލިމުން،" ފިރާގު ބުންޏެވެ.

"އިހަށް އަޑުއަހާބަލަ. ދެނޭ ގޮތެއް ނިންމާނީ،" ޖޫލިއަސް ބުންޏެވެ.

ޖޫލިއަސް ދެއްކި ވާހަކަ އެންމެންނަށް އަޑުއިވުނެވެ. އެންމެންނަށް ވެސް ހައިރާންކަން ލިބުނެވެ. އެކަކު އަނެކަކަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.

"ބުނެބަލަ. މިކަމަށް އެއްބަސްތަ؟" ޖޫލިއަސްގެ މޫނުމަތީގައި ވަނީ އުފާވެރިކަމެވެ. "ވިސްނާލާފައި ޖަވާބެއް ދީ."

"ރަހޫ. ރަހޫއަށް ހީވޭތަ އެ ޖިންނި އެ ދެއްކީ ތެދު ވާހަކައެއް ހެން؟" އެނދުގައި އޮތް ޒިލާލު އަހާލީ ރަހުމާ ގާތުގަ އެވެ. ރަހުމާ ހުރީ ކޮނޑެއްގައި ހެދުމެއް އަޅުވަން އަލަމާރި ކައިރީގަ އެވެ.

"ގަބޫލުކުރަން މަށަށް ވަރަށް އުނދަގޫ،" ފުންކޮށް ވިސްނާލަމުން ޒިލާލު ބުންޏެވެ.

"އަހަރެންނަކަށް ވެސް ގަބޫލެއް ނުކުރެވޭ،" އެނދުގައި އޮށޯވެލަމުން ރަހުމާ ބުންޏެވެ. "އެކަމަކު އެއީ ތެދަކަށް ވެއްޖިއްޔާޔޯ؟"

ޒިލާލު ބަލާލީ ރަހުމާއާ ދިމާލަށެވެ. ޒިލާލު ހިތަށް އެރި އެވެ. ޖިންނިޝައިތާނުން ދައްކާ ނުވަދިހަ ޕަސެންޓަކީ ދޮގެވެ. އަނެއް ދިހަ ޕަސެންޓަށް އިތުބާރު ކުރަންވީ ހެއްޔެވެ؟ ގަބޫލު ކުރަން ދަތި ވިޔަސް ބައެއް ކަހަލަ ހަގީގަތްތަކަކީ ހިތި އެއްޗެކެވެ. އޭގެ ރަހަ ކަރުބުޑުގައި ލާ އިރު ހިންދިރުވަން ވެސް މީހާއަށް އުނދަގޫވެ އެވެ.

ޖުމާހު އިނި މާޒީގެ ހިޔާލުތަކަށް ގެއްލިފަ އެވެ. ލަމިޔާއާ އެކު ވީ އުފާވެރި ދުވަސްތައް ބޭނުންވީ ހަނދާނުން ފުހެލާށެވެ. އެއީ ހަޔާތުގައި ނާންނަ ދުވަސްތަކެއް ކަމުގައި ހަދާށެވެ. ތުނޑިމަތީގައި ހޭދަކުރި ފޮނި ހަނދާންތަކަކީ ބިލާހެއް ކަމުގައި ހީކުރާށެވެ. ވީ ވައުދުތަކާއި ކުރި އަހުދު ހުވާތަކަކީ ދޮގެއް ކަމުގައި ހަދާށެވެ. ނަމަވެސް ވަގުތު ފާއިތު ވެއްޖެ އެވެ. އެއީ ނުވާ ކަމެއް ކަމުގައި ގަބޫލުކުރަން ކިތަންމެ ބޭނުން ވިޔަސް އެ ވެސް ޖުމާހުގެ ހަޔާތުގެ އެއް ބައި ކަމުގައި ވަނީ ވެފަ އެވެ. އެ ގުޅުމުން ލިބުނު ނިޝާނަކީ ޖުމާހަށް ބައްޕަ ކިޔާނެ "ދަރިއެއް" ކަމަށް ވަނީ ވެފަ އެވެ.

ވިސްނި ވަރަކަށް ޖުމާހުގެ ބޮލުގައި ރިހުން ދިޔައީ ގަދަ ވަމުންނެވެ. ހިޔާލުގެ ކަނޑުގައި ގެނބެމުންދާ އިރު ސަލާމަތްކުރަން އަތެއް ދިއްކޮށްލާނެ މީހަކު ހަތަރު އުދަރެހުން ވެސް ފެންނާކަށް ނެތެވެ. ހިކިފަސް މަންޒިލެއް ހޯދަން ފަތަމުން ގޮސް މީހާ ވަނީ ލޮޑުވެފަ އެވެ. ހަށިގަނޑުގެ ވަރުބަލިކަން ސިކުނޑިއާ ހިސާބަށް ވާސިލުވާން ނެގީ މަދު ހިނދުކޮޅެކެވެ.

ޖުމާހަކީ ކެތްތެރި މީހެކެވެ. ހަޔާާތުގައި މިހާތަނަށް ދިމާވި ކޮންމެ އިމްތިހާނަކުން ވެސް ވަނީ އެންމެ މޮޅަށް ފާސްވެފަ އެވެ. ނަމަވެސް މިހާރު ކުރިމަތި ވެގެން މި އުޅޭ ކަމަކީ ޖުމާހުގެ ސިކުނޑި ސުމަކަށް ދާ ވަރުގެ ކަމެކެވެ. ބަރުދާސްތު ކުރުމުގައި ހައްދެއް އޮންނަން ވާނެ އެވެ. ޖުމާހު ހިތަށް އެރި އެވެ. ލަމިޔާއަކީ ހާދަ އަމިއްލަ އެދުން ބޮޑު މީހެކެވެ. ތިމާގެ އުފަލަށްޓަކައި އަނެކާގެ މުޅި ހަޔާތް ވޭތުކުރަން މި ޖެހުނީ ކޮން ފަދަ ނިކަމެތި ހާލެއްގައި ހެއްޔެވެ؟ އެންމެ ފަހަރަކު ވެސް ޖުމާހުގެ ހާލަތާ މެދު ހަމްދަރުދީ ވާނެ ނަމަ އެވެ. ނަމަވެސް ޝައިތާނެއްގެ ފަރާތުން އެފަދަ އުންމީދެއް ކުރުމަކީ ފޫނެތް ފާޔަށް ފެންފުރުން ފަދަ ކަމެކެވެ.

"ކީކޭ ތި ހިތަށް އަރަނީ؟" ފަހަތުން އިވުނީ އެއް އިރެއްގައި ޖުމާހަށް އެންމެ ކަމުދާ އަޑެވެ. އެ އަޑެއް އަހައިއަހައި ފޫހި ނުވި އަޑެކެވެ. ނަމަވެސް މިހާރު އެންމެ ފޫހިވާ، ރުޅިއަންނަ އަޑެވެ. ޖުމާހު އަނގައިން ވެސް ނުބުނެ އެވެ.

"ޖުމާ. އަހަންނަށް މައާފު..."

"ދުވަހަކު ވެސް ނުކުރާނަން" ލަމިޔާ ބުނަން އުޅުނު އެއްޗެއް ޖުމާހަށް ވިސްނުނެވެ.

"އެ ކީއްވެ؟" މަޑުމައިތިރިކަމާ އެކު ލަމިޔާ އަހާލި އެވެ.

"ކަލެއަށް ހަމަ ރަނގަޅަށް އެނގޭނެ ކީއްވެކަން،" ރުޅިއައިސްފައި ޖުމާހު ބުންޏެވެ. "ކަލޭ ހީކުރީތަ ކަލޭ ބޭނުންވާ ކޮންމެ ފަހަރަކު އަހަރެންގެ ވިސްނުމަށް ބާރު ފޯރުވޭނޭ؟ ނިކަން މޮޅަށް އަހަރެންނަށް އޮޅުވާލެވޭނޭ؟"

ޖުމާހުއާ ގާތަށް ލަމިޔާ ކައިރިވެލި އެވެ. ހަމަ އެ ވަގުތު އެތަނުން ޖުމާހު ތެދުވި އެވެ. އަދި ތަންކޮޅެއް ދުރަށް ޖެހިލި އެވެ. ލަމިޔާގެ މޫނުމަތިން ކުޑަ ނަމަވެސް ރުޅިވެރިކަމެއް ނުފެނެ އެވެ.

"އަހަރެން ވަރަށް ގިނަ ކަންތައް ހީކުރިން، އުންމީދު ކުރިން،" ލަމިޔާ ބުންޏެވެ. "އަހަރެންނަށް އެނގޭ އެއްވެސް މީހަކު ބޭނުންވާ ހުރިހާ ކަމެއް ހާސިލެއް ނުވާނެކަން. އެކަމަކު އަހަރެން ހީކުރީ ޖުމާ އަހަރެން ދެކެ ވަރަށް ވަރަށް ލޯބިވާ ކަމަށް. މިހާރު ވެސް ޖުމާއަށްޓަކައި އަހަރެންގެ މުޅި އާއިލާއާ ދެކޮޅަށް އަރައި މި ހުންނަނީ. އަހަރެން ހީކުރީ އެކަން ވެސް ޖުމާ ބަލައިގަންނާނެ ކަމަށް. ޖުމާއަށްޓަކައި އަހަރެން ނުކުރަނީ ކޮން ކަމެއް؟ އަހަރެން އެންމެ ލޯބިވި މީހަކީ ތިއީ ކަމަށް ގަބޫލުކުރާނެ ކަމަށް ވެސް އަހަރެން ހީކުރިން. މިހެން ގޮސް ލައްކަ ގިނަ ހީތައް އަހަރެންނަށް ކުރެވުނު."

ޖުމާހު އެއްވެސް އެއްޗެއް ނުބުންޏެވެ. ލަމިޔާ ހީކުރީ ޖުމާހަށް އެއްޗެއް ވިސްނުނީ ކަމަށެވެ. އަދި ޖުމާހުގެ ވިސްނުން ބަދަލުވާނެ ކަމަށެވެ.

"ކަލޭ ބޭނުންހާ ގޮތެއް އަހަރެންނަކަށް ނުހެދޭނެ. އޭރު އަހަރެންގެ ސިކުނޑިއާ ކުޅެވުނަސް މިހާރު ތަފާތުވާނެ. ކަލޭ އަހަރެންނަށް ހުރިހާ ކަމެއް އޮޅުވާލީ. ތިއީ އަހަރުމެން ތެރެއަށް ނިސްބަތްވާ މަހުލޫގެއް ނޫން. އެކަން ވެސް އޮޅުވާލައި މަކަރު ހެދީ. އެހެން ދަރިއެއް ހުންނަކަން ސިއްރުކޮށް އެތައް ދޮގުތަކެއް ހެދީ. މީހުން މަރައި، މީހުންނަށް ގެއްލުންދީ ހެދީ،" ޖުމާހު އެއްފައްޗަކަށް އަމުނާލި އެވެ. ލަމިޔާގެ ހިތުގައި ޖެހުނެވެ. ގުޅުން ކޮންމެ ގޮތަކަށް ފެށުނު ނަމަވެސް ޖުމާހު ދެކެ ލަމިޔާ މިހާރު ވަނީ ހަގީގީ ލޯތްބެވެ.

"ދެން ހަމަ އަހަރެންނަށް މައާފު ކުރުމެއް ނޯންނާނެތަ؟"

"މި ބުނީއެއްނު ނުކުރާނަމޭ. ކަލޭ ޖެހޭނީ ތެޅިތެޅި ހުންނަން. އަހަރެން މިތަނުގައި ބަންދުކޮށްގެން ކިތަންމެ ދުވަހަކު ގެންގުޅުނަސް އަހަރެން ފަރާތުން ކަލެއަށް ލިބޭނީ އެންމެ އެއްޗެއް. އެއީ ހިތާމަ. ލޯތްބާއި އޯގާތެރިކަމެއް ނުލިބޭނެ. އަހަރެންގެ އެހީތެރިކަމާއި ރަހުމާއި ކުލުނެއް ނުލިބޭނެ. އެކަން ހަނދާން ބަހައްޓާތި. ބޮޑު ވަރަކަށް ވެސް އަހަރެން މަރައެއްނު ލާނީ. މި ދިރިއުޅުމަށް ވުރެ އެ ގޮތް ވެސް އަހަރެންނަށް މާ ރަނގަޅު" ޖުމާހު ބުންޏެވެ.

"އެންމެ ރަނގަޅޭ. އަހަރެން މިއީ މީހުން މަރާ ގާތިލެއް. ނުބައި ނުލަފާ އިފުރީތެއް. އަހަރެންގެ ހިތެއް ފިތެއް ނޯންނާނެ. އިހުސާސެއް ވެސް ނުހުންނާނެ،" ލަމިޔާ ބުންޏެވެ. "އެކަމަކު ބުނަން. އަހަރެންނާއި ޖުމާހުގެ ދެމެދަށް ވަންނަ ކޮންމެ މީހެއްގެ ދުވަސް ދުއްވާލާނަން. އެންމެ މީހެއް ދެ މީހެއް ކިޔާނެ ކަމެއް ނެތް. އެއް ހާސް މީހުން ވިޔަސް އެއް ލައްކަ މީހުން ވިޔަސް ވަރިހަމަ."

"މަންމާ!" ފަހަތުން އިވުނީ ޖޫލިއަސްގެ އަޑެވެ. "އިންސާނުން ދޭނީ ކެހި. އޭނައަށްޓަކައި މަންމަ ނުކުރަނީ ކޮން ކަމެއް؟ އުޑުން ތަރި ބާލައިދިން. ކަނޑުން މުތާއި ޖަވާހިރު ގެނެސްދިން. އެކަމަކު އޭނަ އެކަމެއް ބަލައެއް ނުގަތެއްނު."

"ކަލެއަކަށް ނުވިސްނޭނެ،" ލަމިޔާ ބުންޏެވެ.

ޖުމާހު އެ ދެމައިންނަށް ބަލާލި އެވެ.

"އަދިވެސް އަހަރެން މި ބުނަނީ މި ދޭތެރެއަށް މީހަކު ވަންނަން އުޅެފިއްޔާ މަރާލާނަން. އިންސާނެއް ވިޔަސް ޖަނަވާރެއް ވިޔަސް. އަދި ޖިންނިއެއް ވިޔަސް،" ލަމިޔާ އެހެން ބުނުމުން ޖޫލިއަސް ކުޑަކޮށް ޖެހިލުންވި އެވެ.

"މަންމާ..." ޖޫލިއަސް ގޮވާލުމުން ލަމިޔާ ހިނގައިގަތެވެ.

"މި ބުނީއެއްނު ނުވިސްނޭނޭ،" ލަމިޔާ ބުންޏެވެ.

"މަށަށްތަ އަދިވެސް ނުވިސްނިގެން މި އުޅެނީ؟" ލަމިޔާ ހިނގައިގަތުމުން މަޑުމަޑުން ޖޫލިއަސް ބުންޏެވެ. ޖޫލިއަސް ހިތުން އެ އަޑެއް ލަމިޔާއަކަށް ނީވޭނެ އެވެ. ނަމަވެސް ލަމިޔާއަށް އަޑުއިވުނެވެ.

ފިރާގުމެން އިންތިޒާރުކުރަމުން ދިޔަ ގަޑި ފަހަނައަޅައި ދިޔަ އެވެ. ކިޔަވާތާ ދެ ގަޑި އިރު ވީ އިރު ވެސް ޖޫލިއަސްގެ އެއްވެސް ހިލަމެއް ނުވި އެވެ. ނަމަވެސް ފިރާގު އުންމީދު ކަނޑައެއް ނުލަ އެވެ. އެއީ އާންމުކޮށް ވާ ކަމެކެވެ. ކިޔަވާ ނިންމަން އުޅެނިކޮށް ވެސް ބައެއް ފަހަރު ޖިންނިން އާދެ އެވެ. މިރޭ މިއީ ފަހުގެ ނިންމުން ނިންމާ ރޭ ކަމަށް ފިރާގު އުންމީދު ކުރެ އެވެ. ނަމަވެސް އެ ވާހަކައެއް ރަހުމާމެން ގާތުގައެއް ނުބުނެ އެވެ.

ކުއްލިއަކަށް ތަނަށް ފަނޑު އަނދިރިކަމެއް ވެރިވި އެވެ. ދިއްލާފައި ހުރި ބޮކިތައް ކަނިކަނިލާން ފެށި އެވެ. އޭރު ގަޑިން ބަރާބަރު އެގާރަ ޖެހީ އެވެ. ގެއަށް ވަންނަ ދޮރުމަތީ ހުރީ އިންސާނެއް ކަމާ މެދު ޝައްކެވެ. ރަހުމާއަށް ދެ ލޯ ކުޑަކޮށްލެވުނެވެ. ދެވަނަ ސިކުންތުގައި ދެ ލޯ ބޮޑުކޮށްލެވުނެވެ. އަދި "އޭނަ"އާ ދިމާލަށް ދުއްވައިގަތެވެ. ހުޝިޔާރުކަމާ އެކު ފިރާގު އައިސް ރަހުމާ ހިފެހެއްޓި އެވެ.

"އަހަރެން ދޫކޮށްލަބަލަ. އެއީ... އެހެރީ..." ރަހުމާއަށް ބުނެވުނެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް