ވާހަކަ: ވިގަނި

ވާހަކަ

ވާހަކަ: ވިގަނި - އަށުތިރީސްވަނަ ބައި

17 އޭޕްރީލު 2024

އެޕިސޯޑް 38

"އެއީ؟ އަހަރެން ބުނާނީ..." ދެމާމައިން ސިއްސައިގެން ދިޔަ އެވެ.

އަލައިނާ އާއި ޖޫލިއަސްގެ ކުރިމައްޗަށް ލަމިޔާ ފާޅުވީ ކޮން ދިމާލަކުން ކަމެއް ވެސް ނޭނގުނެވެ. ފެނުނީ ދެ މީހުންގެ މެދުގައި ހުއްޓަ އެވެ. ޖޫލިއަސްގެ މޫނުމަތީގައި ވަރަށް ބާރަށް ލަމިޔާ ޖެހި އެވެ. ވީ ތަދުން ޖޫލިއަސްގެ ލޮލުން ކަރުނަ ފާއްދާލި އެވެ. އަދި ޖެހިތަނުން ލޭ ހިލުނެވެ. އެއްޗެއް ބުނަން ޖޫލިއަސް އަނގަ ހުޅުވާލި އެވެ. ޗުއްޕު ވެސް ނުބުނަން އަމުރުކުރާ ގޮތަށް، ލަމިޔާގެ ޝަހާދަތް އިނގިލި ދިއްކޮށްލި އެވެ.

"މަށަށް އިތުރު ދޮގުތަކެއް ހަދަން ނޫޅޭތި،" ރުޅިގަދަވެފައި ހުރި ލަމިޔާ ބުންޏެވެ.

"ލަމިޔާ!" އަލައިނާ ވަރަށް ބާރަށް ބުންޏެވެ. "ކީއްވެ އޭނަގެ މޫނުގައި ތި ޖެހީ؟ ޖަހާ ވަރުގެ ކަމެއް އޭނަ ނުކުރެއޭ."

"މަންމަ މިކަމުގެ ތެރެއަށް ނުވަނިއްޔާ ރަނގަޅުވާނީ."

ލަމިޔާގެ ބަސްމަގު ހުރިގޮތުން އަލައިނާ ހައިރާންވި އެވެ.

"ތިއީ ލަމިޔާ އަހަރެންނާ ވާހަކަ ދައްކައި އުޅުނު ގޮތެއް ނޫން. ހާދަ ތަފާތޭ މިހާރު،" އަލައިނާ ބުންޏެވެ.

"ހުރިހާ ކަމެއް ވެސް ތަފާތު ވެއްޖެ،" ޖޫލިއަސްއާ ދިމާލަށް އެނބުރެމުން ލަމިޔާ ބުންޏެވެ. "ކީއްކުރަން އަނެއްކާ އެ ކުޅިވަރު ތި ފެށީ؟"

ޖޫލިއަސް އެއްވެސް އެއްޗެއް ނުބުންޏެވެ. މޫނުމަތީގައި އަތް ކާއްތާލަ ކާއްތާލަ ހުރީ އެވެ. ޖޫލިއަސްގެ އަތުގެ މުލައްދަނޑީގައި ހިފާފައި ލަމިޔާ އަނެއްކާ ސުވާލު ތަކުރާރު ކުރި އެވެ.

"ކޮން ކަމެއްތަ އަހަރެން ކުރީ؟" ކުރަކި އަޑަކުން ޖޫލިއަސް ބުންޏެވެ.

"ކަލެއަށް އެނގޭނެ އަހަރެން މި ކިޔާ އެއްޗެއް. ނޭނގޭ ކަމަށް ހަދާނެ ކަމެއް ނެތް،" ލަމިޔާގެ ކެތްތެރިކަން ކޮޅުންލާހެން ލަމިޔާއަށް ހީވި އެވެ.

"އަހަރެން ބޭނުންވީ ޖުމާ އަހަރެންގެ މީހަކަށް ހަދަން. އެކަން އަހަރެންނަށް ވެއްޖެ. ދެން އެނބުރި އެ ދުނިޔެއަށް ގޮސް އެ މީހުންނަށް އުނދަގޫކޮށް، ޖެއްސުންކުރުމުގެ ބޭނުމަކީ ކޮބާ؟ ޖޫލިއަސް ނުޖެހޭނެ އެ މީހުންނަށް ބިރުދައްކާ ހަދަން ދާކަށް،" ހިތްހަމަނުޖެހިފައި ލަމިޔާ ބުންޏެވެ. "ތިހެން އުޅެނިކޮށް ބޮނޑިއެއް ލިބިދާނެ."

"އަހަރެން ހުއްޓައި ތިޔަ ކަހަލަ ކަމެއް ނުވާނެ،" ލަމިޔާގެ ކުރިމައްޗަށް އަރާފައި އަލައިނާ ބުންޏެވެ.

"މަންމައަކަށް ނޭނގޭނެ. އެ ފިރާގަކީ ނިކަން ކުޅަދާނަ މީހެއް. އަހަރުމެންގެ ދަރިފަސްކޮޅު ނެތިކޮށްލަން ވެސް އޭނައަކަށް އުނދަގުލެއް ނުވާނެ. ހަމައެކަނި ބޭނުންވާނީ އަހަރުމެންގެ ތެރެއިން އެންމެ މީހެއް ހައްޔަރު ކުރުން. އެއަށް ފަހު މި ދަރިފަސްކޮޅު ނެތިކޮށްލާކަށް އެއްވެސް ކަމެއް ނޫން،" ލަމިޔާ މަސައްކަތް ކުރީ ޖޫލިއަސްއަށް ވިސްނައިދެވޭތޯ އެވެ.

ޖޫލިއަސް އިނީ ދޮންވެލި ފިނޮޅެއްގަ އެވެ. ގަޑިން ފަތިހު ފަސްގަޑި ބައިވަނީ އެވެ. އެކަނިމާއެކަނި ޖޫލިއަސް އިނީ ހިޔާލަކަށް ގެއްލިފަ އެވެ. ކުއްލިއަކަށް މޫދުތެރެއިން ކަޅު ހިޔަންޏެއް އަންނަތަން ފެނުނެވެ. ކައިރިވި ވަރަކަށް ވައްތަރުވީ ވެލާއަކާ އެވެ. ފިނޮޅަކީ މާބޮޑު ތަނެއް ނޫންކަމުން ވެލާ އެރީ ޖޫލިއަސްއާ ބާރަ ވަރަކަށް ފޫޓް ދުރަށެވެ. ވެލިގަނޑު މައްޗަށް ވެލާ އެރުމަށް ފަހު ސިފަ ބަދަލުވާން ފެށި އެވެ. ހަތަރު މޮއްގަނޑު ޖަހާފައި އިންސާނެއްގެ ސިފައަށް ބަދަލުވި އެވެ. އަދި ކޮޅަށް ތެދުވި އެވެ. ހިނގަމުން އައިސް ޖޫލިއަސް ގާތުގައި އިށީނެވެ.

"ހޫމް. ކަލޭ ދޯ؟" ކީލް ފެނުމުން ޖޫލިއަސް ބުންޏެވެ.

"ކިހިނެއްވީ؟ ޖޫލިއަސް ހީކުރީ ކާކު ކަމަށް؟" ކީލް ކުރި ސުވާލަށް ޖަވާބު ނުދީ ޖޫލިއަސް އިނެވެ. އިރު އަރަން ތައްޔާރުވެފައިވާ ދޯދިތައް މަޑުމަޑުން އުދަރެހުން ފާޅުވާން ފެށި އެވެ. އަޅި ފުސްކުލައިގައި ހުރި ވިލާތަކަށް ރަންކުލަ އާއި އޮރެންޖު ކުލަ އަރަން ފެށި އެވެ.

"މިއޮއް ޖަހާ ރާޅުތަކާއެއް ނޫނޭ މަ މި ވާހަކަ ދައްކަނީ،" ކީލް ބުންޏެވެ. އޭނާ ހިތަށް އެރި އެވެ. ޖޫލިއަސްއަށް ކޮންމެވެސް ކަމެއް ވެއްޖެ އެވެ. އިސްވެ ސުވާލުކޮށްފި ނަމަ ޖަވާބެއް ނުދޭނެ އެވެ. އެންމެ ރަނގަޅު ގޮތަކީ އަމިއްލައަށް ފެނިގެން ކިޔައިދޭން ދެން މަޑު ކުރުމެވެ.

"މަ ނައްޓާލަނީ. ފަހުން ދިމާކޮށްލާނީ ދޯ،" ކޮޅަށް ތެދުވަމުން ކީލް ބުންޏެވެ.

"މަޑުކޮށްބަލަ. މިތާ އިށީނދެބަލަ،" މަޑުމޮޅި ގޮތަކަށް ޖޫލިއަސް ބުންޏެވެ. ކީލް އެއްވެސް އެއްޗެއް ނުބުނެ ކުރިން ވެސް އިން ތަނުގައި އިށީނެވެ.

"އަހަރެން ހިތަށް އަރާ މަންމައަށް އެ ހުންނަނީ ކިހިނެއް ވެފައި ބާއޭ. އެ ޖުމާހު ނޫން މީހެއް ނުފެނޭ. މަންމަގެ ނަޒަރުގައި އަހަރެންނާއި މާމަ މިއީ އެއްވެސް ބައެއް ނޫން. މާމައަށް ވެސް އެއްވެސް އިހުތިރާމެއް ގަދަރެއް ނުކުރޭ. މަންމަ ހަމައެކަނި ލޯބިވަނީ އެ ޖުމާހު ދެކެ. ދެން އެ ދެ މީހުންގެ ދަރިފުޅު ދެކެ،" ޖޫލިއަސް ހިތުގައި ޖެހުނެވެ. އެކަން ކީލްއަށް އިހުސާސް ކުރެވުނެވެ. ކިތަންމެ އެހީވާން ބޭނުން ނަމަވެސް ކީލް އިނީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ.

"އަހަރެން ބޭނުމެއް ނޫން އަހަރެންގެ އަމިއްލަ އަތުން މަންމަ މަރާލާކަށް،" ޖޫލިއަސް ބުނި ޖުމްލައިން ކީލް ސިއްސައިގެން ދިޔަ އެވެ.

"އޭތް! އެނގޭތަ ތި ކިޔޭ އެއްޗެއް؟" ޖޫލިއަސްގެ ދެ ކޮނޑުގައި ހިފައި ތަޅުވައިގަންނަމުން ކީލް ބުންޏެވެ.

"މަށަށް އެނގޭ މަށަށް މި ކިޔެނީ ކީކޭކަން. މަ ބޭނުންވަނީ ކޮން ކަމެއްކަން ވެސް އެނގޭ. ނޭނގެނީ މަންމައަށް،" ކީލްގެ ދެ އަތް ފޮޅުވައިލަމުން ޖޫލިއަސް ބުންޏެވެ. އަދި ކޮޅަށް ތެދުވި އެވެ. "މަންމައާ ހަނގުރާމަ ކުރުމުގެ ހިތްވަރާއި ގާބިލުކަން އަހަރެން ކިބައިގައި އެބަ ހުރި. މިކަމުގައި މާމަ އާއި ކީލް ވެސް އަހަރެންނާ ބައިއަތު ހިފާނެކަން ޔަގީން." ކީލްއާ ދިމާލަށް އެނބުރެމުން ޖޫލިއަސް ބުންޏެވެ. ކީލް އިން ތަނުން ތެދުވި އެވެ.

"އެކަމަކު މޮޅުވާނީ ކާކުކަމެއް ނޭނގެ. މަންމަ ވެސް މޮޅު ވެދާނެ. އަހަރެން މަރު ވެސް ވެދާނެ."

ޖޫލިއަސް ދައްކަމުން ދިޔަ ވާހަކަ އަޑުއަހަން ކީލްއަށް އުނދަގޫވި އެވެ. ނަމަވެސް ޖޫލިއަސް ހުރީ ކޮންފަދަ ހާލަތެއްގައިކަން ކީލްއަށް ރަނގަޅަށް ވިސްނެ އެވެ.

"އަހަރެން އުޅުނީ މިކަން ވަރަށް ފަސޭހަ ގޮތަކަށް ދުއްވާލަން. އެކަމަކު މަންމައާ ހެދި އެކަމެއް ނުވި. މަންމަ އެ އުޅެނީ މޮޔަވެގެން،" ހިތްހަމަނުޖެހިފައި ޖޫލިއަސް ބުންޏެވެ.

"އަހަންނަކަށް ނޭނގެ ތިކަމުގައި ޖޫލިއަސްއަށް ދޭނީ ކޮން ނަސޭހަތެއް ކަމެއް. އެކަމަކު އެއް ކަންތައް ހަނދާން ބަހައްޓާތި. މިހާރު ވެސް ތި ހުރީ ޔަތީމަކަށް ވެފައި. ޖޫލިއަސް މިސްކީނަކަށް ވާކަށް މަށެއް ނޭދެން. މަންމަ މަރުވެއްޖެއްޔާ މީހާ ވަރަށް ނިކަމެތިވާނެ،" އިސްޖަހާލަމުން ކީލް ބުންޏެވެ. "އަހަރެންނަށް އެކަން ތަޖުރިބާ ކުރެވޭ."

ޖޫލިއަސް ވިސްނާލި އެވެ. ކީލްގެ ހިތުން ޖޫލިއަސްގެ އެ ނިންމުން ބަދަލު ކުރާނެ އެވެ. އެކަނިވާން ވަގުތު ދިނުމުން ޖޫލިއަސްގެ ހިތަށް ރަހުމު ވަންނާނެ އެވެ. ރުޅިއަކީ މީހާއަށް ކޮންޓްރޯލް ކުރަން އުނދަގޫ އިހުސާސެކެވެ. ވަރަށް ހިތްވަރުގަދަ ވެގެން ނޫނީ ރުޅީގެ މައްޗަށް ބާރެއް ނުފޯރުވޭނެ އެވެ. ރުޅިއަންނަ ވަގުތު މީހާއަށް ކޮންމެ ފަދަ އެއްޗެއް ވެސް ކިއިދާނެ އެވެ. ކޮންމެފަދަ ކަމެއް ވެސް ކުރެވިދާނެ އެވެ. ރުޅިގަދަ ވެފައި ހުންނަ މީހާއަށް އެ ވަގުތު އެއްޗެއް ބުނެދިނަސް އެ އެއް ނުވިސްނޭނެ އެވެ. އެކަން ދަންނަން ޖެހޭނީ ކައިރީގައި ތިބޭ މީހުންނެވެ.

މިރޭ ފިރާގު އިނީ ވަރަށް ރަނގަޅަށް ތައްޔާރު ވެގެންނެވެ. ކުރީ ރެއަށް ވުރެ ބޮޑު ދުންމުޖުމަރާއެއް ކައިރީގައި ހުއްޓެވެ. ޒިލާލު އާއި ރަހުމާ ވެސް ތިބީ އިންތިޒާރުގަ އެވެ. ފިރާގުއާ އެކު މިރޭ އިތުރު ދެ މީހަކު ކިޔަވަން ގެނަ އެވެ. އެއީ ބަރާބަރަށް ނަމާދު ކުރާ، ދީނީ ކަންކަމަށް ސަމާލުކަން ދޭ ދީންވެރި ދެ މީހުންނެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި ފިރާގު ކިޔަވަން ފެށި އެވެ. އޭނައާ އެކު ދެން ތިބި ދެ މީހުން ވެސް ކުރިއަށް ގެންދިޔަ އެވެ.

ފަންސަވީސް މިނެޓް ފަހުން ޖޫލިއަސް އެ ތަނަށް ހާޒިރު ކުރި އެވެ. ޖޫލިއަސްގެ މޫނުމަތީގައި ވަނީ މޮޅިވެރިކަމެވެ. އެކަން ފިރާގަށް ފާހަގަވި އެވެ. ނަމަވެސް ޖިންނިންނަކީ ކޮންމެ ސިކުންތަކު ކުލައެއް ޖައްސާ ބައެކެވެ. ކުލަ ބަދަލުކުރުމުގައި ބޯވައެކޭ ޖިންނިންނެކޭ ތަފާތެއް ނުހުންނާނެ އެވެ. ޖޫލިއަސް ފެނުމުން ރަހުމާ އިނީ ޖެހިލުންވެފަ އެވެ. ޒިލާލުއާ ވީހާ ވެސް ގާތަށް ޖެހިލި އެވެ. އަދި ޒިލާލުގެ ފުރަގަހަށް ވާގޮތަށް މޫނުގެ އެއް ފަޅި ނިވާ ކޮށްލިއެވެ. ޖޫލިއަސްގެ ފަހަތުގައި ވަރުގަދަ ނިގުލެއް އޮތެވެ. އެއީ ކުރީ ރޭ ނުފެންނަ މަންޒަރެކެވެ.

"މިހާރު ކިހިނެއް ވީ؟ ގައިމު މިއަދަކު މަށެއް މިގޭ ފެންނަ ހިސާބަށް ވެސް ނާންނަން. އަދި އެއްވެސް މީހަކަށް އެއްވެސް އުނދަގުލެއް ވެސް ނުކުރަން،" ޖޫލިއަސް ބުންޏެވެ.

"ތީގެ މާނައަކީ ކަލޭ ދުވަހަކު ވެސް އުނދަގޫ ނުކުރާނެއެކޭ ނޫނެއްނު،" ކިޔެވުން ހުއްޓާލާފައި ފިރާގު ބުންޏެވެ.

"އާނ. އެކަމަކު އެހެން މީހުންނަށް މަ އުނދަގޫ ނުކުރަންޏާ ކަލޭމެން ކޮންމެހެން މަށަށް އުނދަގޫ ކުރަން ޖެހޭތަ؟" ހިތްހަމަނުޖެހިފައި ޖޫލިއަސް ބުންޏެވެ. އަދި ކުރީ ރެއެކޭ އެއްގޮތަށް ބޭކާރު ވާހަކަ ގިނަ ވާން ފެށި އެވެ. ވަގުތު ދިގު ދަންމަން ފެށި އެވެ. ކުރީ ޒަމާނުގައި އެ ރަށުގައި ހިނގާފައި ހުރި ހާދިސާތަކާއި މީހުން ހަދާފައި ހުރި ސިހުރުގެ ވާހަކަ ކިޔައިދޭން ފެށި އެވެ. ޖޫލިއަސް ބުނާ ގޮތުން މިހާރު އެންމެ ގިނައިން ސިހުރު ހަދުވަނީ ބަންގާޅު މީހުން ލައްވަ އެވެ. އެއީ ފައިސާގެ ގޮތުން މަދު އަދަދަކަށް އެ މީހުން އެކަން ކޮށްދޭތީ އެވެ. އަދި ސިހުރު ހެދި މީހާ ހޯދިޔަސް އަސްލު މީހާ ހޯދުން އުނދަގޫ ކުރަން ވެގެންނެވެ.

"ހޫނ. ވާހަކަ މާ ގިނަ ވެއްޖެ. ކަލޭ ދެން ހުވާ ކުރޭ މި އާއިލާއާ ވައިވެސް ނޭޅޭނަން ކަމަށް. އެހެން ނޫނީ މަށަށް ޖެހޭނީ ހަތިޔާރުގެ ބޭނުން ކުރަން،" ފިރާގު ބުންޏެވެ.

"މަ އަތުގައި އެބަ އޮތް ވަރަށް ފައްކާ ޑީލެއް. ކަލޭމެން އެއްބަސް ވަންޏާ މަށަށް ވެސް މޮޅު، ކަލޭމެންނަށް ވެސް މޮޅު،" ހިނިތުންވެލަމުން ޖޫލިއަސް ބުންޏެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް