ވާހަކަ: ވިގަނި

ވާހަކަ

ވާހަކަ: ވިގަނި - ސަތުތިރީސްވަނަ ބައި

16 އޭޕްރީލު 2024

އެޕިސޯޑް 37

ލޮނދިކޮށް ހުރި ބައްޓަން ނޭނގޭ އެއްޗެކެވެ. ވަކި ވަރަކަށް މައްޗަށް އެރުމުން ސިފަވާން ފެށި އެވެ. ހީވަނީ ބަނޑަށް ނުވަ ވަރަކަށް ހަފުތާވެފައިވާ އިންސާނެއްގެ ދަރިއެއް ހެންނެވެ. ނަމަވެސް އިންސާނަކަށް ވުރެ ބޮޑެވެ. މަޑުމަޑުން އަސްލު ސިފައަށް ބަދަލުވަމުން ދިޔަ އެވެ. ރަހުމާގެ ދެ ލޯ ބޮޑުވި އެވެ. ޒިލާލުގެ އަތުގައި ބާރަށް ހިފަހައްޓާލެވުނެވެ. ލޮލު ކުރިމައްޗަށް ފެންނަމުންދާ މަންޒަރަކީ ހަގީގަތެއް ކަމަށް ގަބޫލުކުރަން އިނީ ދަތިވެފަ އެވެ.

"ކީއްކުރަން މަ މިތަނަށް ތި ގެނައީ؟" ޖޫލިއަސް ސުވާލު ކުރި އެވެ.

"ސުވާލު ކުރާނީ އަހަރެން،" ހަރުކަށިކަމާ އެކު ފިރާގު ބުންޏެވެ. "ކަލޭ ކީއްކުރަން ރަހުމާއަށް އުނދަގޫ ކުރަނީ؟"

"ކަލޭއަށް ކިހިނެއް އެނގެނީ މަ ކަމެއް އޭނައަށް ޖެއްސުން ކުރަނީ؟" ޖިންނި ސުވާލު ކުރި އެވެ. ޖިންނިންނަކީ ދޮގެއް ހެދެން އޮއްވައި ތެދެއް ހަދާ މަހުލޫގުންނެއް ނޫނެވެ. ވުމާއެކު އިންސާނުންނަށް އޮޅުވާލުމާއި އިންސާނުގެެ ވިސްނުމާ ކުޅުމަކީ އެ ސޮރުމެންނަށް ދާދި ފަސޭހަ ކަމެކެވެ.

"މަށަށް ކޮންމެ ގޮތަކަށް އެނގުނަސް ކަލެއަށް ކީއް؟ މަ މި ކުރާ ސުވާލަށް ޖަވާބު ދީ. ރަހުމާއަށް އުނދަގޫކޮށް، ޖެއްސުން ކުރުމުގެ ބޭނުމަކީ ކޮބާ؟"

"ބަލަ މަ ކީއްކުރަންތަ އޭނައަށް ޖެއްސުން ކުރަންވީ؟ މަށާ ކޮން ބެހޭ ކަމެއްތަ؟ މީހަކު އަޖައިބެއް ނުވާނެތަ؟" ދޮގު ހެދުމުގައި ހައްދު ފަހަނައަޅާފައިވާ ޖޫލިއަސް ބުންޏެވެ.

"އެންމެ ރަނގަޅު. ކަލޭ ހުރޭ ކަލޭގެ ގޮތުގައި. މަ ކުރާނަން މަ ބޭނުންވާ ކަންތައް" ފިރާގު، ގުރުއާނުގެ މޫރިތި އާޔަތްތައް ކިޔަވަން ފެށި އެވެ.

"ހުއްޓާލާ، ކިހާ ބޮޑު ކަމެއް،" ދެ ކަންފަތުގައި އަތް އަޅަމުން ޖޫލިއަސް ބުންޏެވެ. އެކަމަށް އެއްވެސް ސަމާލުކަމެއް ނުދީ ފިރާގުގެ ކިޔެވުން ކުރިއަށް ގެންދިޔަ އެވެ.

"ހުއްޓާލާށޭ،" ޖޫލިއަސް ހޭރިގަތެވެ. ފިރާގު ހުއްޓާލި އެވެ.

"ދެން ބުނޭ. އެހެން ނޫނީ ހައްޔަރުކޮށްފައި އަންދާލާނީ. މަށަށް އެނގޭ ކަލޭ ދެފަޅި ކޮށްލިއަސް އިސްލާމްދީން ގަބޫލު ނުކުރާނެކަން،" ފިރާގު ބުންޏެވެ.

"މަ ބޭނުންވީ ބަދަލު ހިފާލަން،" ޖޫލިއަސް ބުންޏެވެ.

"ކޮން ކަމަކަށް؟ ރަހުމާ ކަލެއަށް ކީއްކުރީ؟" ފިރާގު އެހި އެވެ.

"ކީއް ނުކުރަނީ؟ އަސްލު ބުނަންތަ؟ މިހާރު މިއީ އާއިލީ ހަނގުރާމައެއް،" ބޮޑާވެލާފައި ޖޫލިއަސް ބުންޏެވެ. "މީގައި ގަދަވާނީ ވެސް، މޮޅު ވާނީ ވެސް އަހަރުމެން."

"ކަލޭ ތި ދައްކާ ބޭކާރު ވާހަކަ އަޑުއަހާކަށް ވަގުތެއް ނެތް. އަހަރެން ކުރި ސުވާލަށް ޖަވާބު ދޭށޭ،" ފިރާގު އަމުރު ކުރި އެވެ.

"މިހާރު އަހަރުމެން ހުންނާނީ މި ރަހުމާއަށް ސިހުރު ހަދާފައި. ވަރުގަދަ އެއްޗެއް ހެދީ ވެސް. އެކި އެއްޗެހީގެ ނަޖިހާއި ކުއްތާ އާއި އޫރުގެ ކުޑަކަމުދާ އެއްޗެއްސާއި ފަރުމަހުގެ ކަށި ބޭނުން ކޮށްގެން،" ޖޫލިއަސް ދައްކަމުން ދިޔަ ވާހަކަތައް ގަބޫލު ކުރީ ޒިލާލު އާއި ރަހުމާ އެވެ. ފިރާގަށް އެކަން ގަބޫލެއް ނުކުރެވުނެވެ.

"ކަލޭ ތި ހަދާހައި ދޮގު އަހަރުމެން ނުޖެހޭ ގަބޫލު ކުރާކަށް."

ވާހަކަ އެ ހިސާބަށް ދިޔުމުން ޖޫލިއަސް ދެން ދައްކަން ފެށީ ބޭކާރު ވާހަކަ އެވެ. މަންޒަރު ފެންނަ ހިސާބުގައި ހުރި މިދިލިގަހެއްގައި އަލައިނާ އިނެވެ. އިސްތަށިގަނޑު ދިގުކަމުން ބިންމަތީގައި ޖެހެ އެވެ. ޖޫލިއަސްގެ ވާހަކަ ދެއްކުން ހުރީ އަލައިނާ ބުނި ގޮތަށެވެ.

"މަގޭ ދަރިއަށް ކަމެއް ވެއްޖިއްޔާ ނިމުނީ އިނގޭ. ކަލޭގެ ދުވަސް ދުއްވާލާނަން،" އަލައިނާ މަޑުމަޑުން އެހެން ބުނި ނަމަވެސް ފިރާގަށް އެ އަޑު އިވުނު ކަހަލަ އެވެ. ފިރާގު ވަށައިގެން ހޯދާލި އެވެ. އެއްވެސް އެއްޗެއް ނުފެނުނެވެ. ނަމަވެސް އެއީ ހީވި ގޮތެއް ނޫންކަން ފިރާގަށް ޔަގީންވި އެވެ. ކަންބޮޑުވެފައި ތިބި ޒިލާލު އާއި ރަހުމާއާ ދިމާލަށް ފިރާގު ބަލާލި އެވެ. އަދި ލޮލުގެ އިޝާރާތުން، ހާސްނުވުމަށް ބުންޏެވެ.

"ކަލޭ ކީއްކުރަން މީނައަށް ސިހުރު ހެދީ؟" އެ ވާހަކަ ގަބޫލު ނުކުރިޔަސް އެ ސުވާލު ނުކޮށް ފިރާގަށް ނީނދެވުނެވެ.

"ކީއްވެ ނުހަދަންވީ؟" ޖޫލިއަސް ވެސް ސުވާލު ކުރި އެވެ.

"ކީއްވެހޭ ނުހަދަންވީ؟ މި މީހުންނާ ހެދި އަހަރުމެންގެ މުޅި އާއިލާ ވިއްސިވިހާލި ވެއްޖެ. މުސްލިމުންނޭ ކިޔާނެ. އެކަމަކު ކަލޭމެން އުޅެނީ ކަލޭމެންގެ ދީނުގައި އަންގަވާފައި އޮންނަ ގޮތަށްތަ؟ ކިތަންމެ އެއްޗެއްސެއް ލިބުނަސް ހިތެއް ނުފުރޭނެ. ކަލޭމެންނަކީ ގިނައިން ކާން، ބައްކުރަން އުޅޭ ބައެއް،" ފިރާގުއާ ދިމާލަށް އެނބުރިފައި ޖޫލިއަސް ބުންޏެވެ.

"އަދި އެ ވަރުން ނުފުދިގެން ކަލޭމެންގެ ދީނުގައި މަނާކޮށްފައިވާ ހުރިހާ ކަމެއް ކުރާނެ. ސިހުރު ހަދާނެ. މީހުންގެ މަސްކާނެ. ކަލޭމެންނަކީ އެއްބަނޑު މީހާއަށް ވެސް ގެއްލުން ދޭ ބައެއް. އެކަމަކު ކާފަރުންނަކީ އަހަރުމެންނޯ،" ޖިންނިއަކު ކިޔަސް އޭނަ ދެއްކީ ތެދު ވާހަކަ އެވެ. އެކަން ފިރާގު އާއި ރަހުމާ އަދި ޒިލާލު ވެސް ގަބޫލު ކުރި އެވެ.

"އެހެންވީމަ އަހަރުމެންނާއި ކަލޭމެންގެ ތަފާތަކީ ކޮބާ؟'' ޖޫލިއަސް ބުންޏެވެ.

"ތަފާތު ކަލެއަށް ވެސް އެނގޭނެ،" ފިރާގު ބުންޏެވެ.

"ބުނަން ވާހަކައެއް. މި ނޫނަސް މަ ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަ ހުރި. ކަލޭމެން ކައިރީ ބޭކާރު ވާހަކަ ދައްކަން ހުރެވޭކަށް ނެތް،" ޖޫލިއަސް ބުންޏެވެ.

"އެހެންވިއްޔާ ހުވާ ކުރޭ. ރަހުމާއާ ވައިވެސް ނޭޅޭނަން ކަމަށް. ސިހުރެއް ހަދާފައި ހުރިއްޔާ އެ ނައްތާލާ،" އެންމެ ފަހުން ފިރާގު ބުންޏެވެ. "އޭރުން ކަލެއަކަށް އެއްވެސް އަނިޔާއެއް ނުލިބޭނެ."

ޖޫލިއަސް ހިނިގަނޑެއް ޖަހާލި އެވެ. އޭގެ މާނައެއް އެއްވެސް މީހަކަށް ނުވިސްނުނެވެ. ނަމަވެސް ޖޫލިއަސް ހެނީ މަލާމާތުގެ ރާގެއްގަ އެވެ.

"ކަލޭމެން ތިއީ އެއްވެސް އެއްޗެއް އެނގިގެން އުޅޭ ބައެއް ނޫން. ކޮންމެ ކަމެއްގެ ނުވަތަ ކޮންމެ އެއްޗެއްގެ ވެސް ހަގީގަތް ކަލޭމެންނަށް އޮޅުވާލާފައި އޮންނާނީ. ކަލޭމެންނަށް ގިނަ ފަހަރު ފެންނާނީ އަހަރުމެން ދެއްކި އެއްޗެއް،" ޖިންނިން ދައްކާ އެކަހަލަ ވާހަކަތައް ގަބޫލު ކުރުމަކީ ފިރާގު ކުރާ ކަމެއް ނޫނެވެ. އެއީ ހަގީގަތާ ހިލާފު ވާހަކަތަކެކެވެ.

"ކަލޭ މިހާރު އެހާ އަވަހަށް ގަބޫލު ކުރީ؟ އަހަރުމެން ނުހަދަމޭ ސިހުރެއް،" ހެމުން ހެމުން ޖޫލިއަސް ބުންޏެވެ. "މަށެއް ނޫޅެން ރަހުމާއަށް ގޯނާ ކުރާކަށް. މަ ދޫކޮށްލާ."

ޖޫލިއަސް އެހެން ބުންޏަސް ފިރާގު އިތުބާރެއް ނުކުރެ އެވެ. ނަމަވެސް އެރެއަށް އެކަން ނިންމާލި އެވެ. ހޯދާފައި ހުރި ތަކެތި ގޭގެ ވަކި ހިސާބެއްގައި ބެހެއްޓުމަށް ރަހުމާ ގާތުގައި ބުންޏެވެ. އަދި އެ އެއްޗެހި ވަށައިގެން ހުދު ފޮތި އެޅި އެވެ. އެތާ ކައިރީގައި ހުރެގެން ފިރާގު އެއްޗެހިތަކެއް ކިޔެވި އެވެ.

ޖުމާހުއާ ދިމާލަށް ބަލަހައްޓައިގެން ލަމިޔާ އިނެވެ. ދުރުގަ އެވެ. ލަމިޔާގެ ހިތަށް އެރި އެވެ. ލަމިޔާގެ ފަރާތުން ޖުމާހަށް އުނިވީ ކޮން ކަމެއް ހެއްޔެވެ؟ ފުދި އިތުރުވާ ވަރަށް ލޯތްބާއި އޯގާތެރިކަން ލިބުނެވެ. ވަފާތެރިކަމާއި ހިތްހެޔޮކަމަކީ ގިނަ އިންސާނުންގެ ފަރާތުން ނުލިބޭ ތަދު ސިފަތަކެވެ. ލަމިޔާ ޖިންނިއަކަށް ވުމަކީ ކުށެއް ހެއްޔެވެ؟ ލަމިޔާ ދޫކޮށްލާފައި ގޮސް ޖުމާހަށް ލިބޭނީ ކޮން ކަހަލަ އިންސާނެއް ކަމެއް ނޭނގެ އެވެ. ކެހިވެރި މީހެއް ލިބިއްޖެ ނަމަ ޖުމާހުގެ މުޅި ދިރިއުޅުން ވިއްސިވިހާލި ވެދާނެ ނޫން ހެއްޔެވެ؟ ޖުމާހަށް އެ ވަރު ނުވިސްނެނީ ކީއްވެ ހެއްޔެވެ؟ އެ ގުޅުން ފެށުމުގައި ކިތަންމެ އުނިކަމެއް ހުރި ނަމަވެސް ޖުމާހު ދެކެ ލަމިޔާ ވީ ހަގީގީ ލޯތްބެކެވެ. ތެދުވެރި ސާފު ލޯތްބެކެވެ. އޭގައި ކިލަނބުކަމެއް ނުވާ ލޯތްބެކެވެ. ހަމައެކަނި އިން ކަޅު ތިއްކަކީ ލަމިޔާއަކީ ޖިންނިއަކަށް ވުމެވެ.

ލަމިޔާއާ ދިމާލަށް ޖުމާހު ބަލއިލިތަން ފެނުނެވެ. ލަމިޔާ އަނެއް ފަރާތަށް އެނބުރުނެވެ. ދެން ޖުމާހު އިން ދިމާ ބަލާލި އިރު ޖުމާހެއް ނެތެވެ. ލަމިޔާ ވަރަށް ހޯދި އެވެ. ޖުމާހު އިނީ ފަރުބަދައެއްގެ އެންމެ އުހުގަ އެވެ. ލަމިޔާ އެ ވަރު ހަނދާން ވެގެން ފަރުބަދައާ ދިމާލަށް އުދުއްސައިގަތެވެ. ވެއްޓެމުން ދިޔަ ޖުމާހު ބިމުގައި ޖެހުމުގެ ކުރިން ޖޫލިއަސް އައިސް ޖުމާހު ސަލާމަތްކުރި އެވެ. ލަމިޔާއަށް ދެ ލޯ މަރާލެވުނެވެ.

"އަމިއްލައަށް މަރުވާންތަ ތި އުޅެނީ؟ އެ ފުރުސަތެއް ހަމަ ހިލާ ނުދޭނަން،'' ޖުމާހުއާ ދިމާލަށް ބަލާލަމުން ލަމިޔާ ބުންޏެވެ. ޖޫލިއަސް ބަލާލީ ޖުމާހަށެވެ. އޭރު ޖުމާހުގެ މޭ ހީވަނީ ފަޅާފައި ނުކުމެދާނެ ހެންނެވެ. އެހާ ގާތުން މަރު ފެނުމުން ޖުމާހު ހުރީ ގަނޑުވެފަ އެވެ. ހަގީގަތަކީ ޖުމާހު ފުންމާލީ ނޫން ކަމެވެ. ފަހަތުން މީހަކު ކޮއްޕާލީ އެވެ. އެކަން ޖުމާހަށް ޔަގީނެވެ.

"ކިރިޔާ ތި ސަލާމަތްވީ،" އަލައިނާ ވާހަކަ ދެއްކީ ޖޫލިއަސްއާ އެވެ.

"ކޮން ކަމަކުން؟" ފަރުވާކުޑަ ގޮތަކަށް ޖޫލިއަސް އަހާލި އެވެ.

"އެ ފިރާގު އަތުން،" އަލައިނާ ބުންޏެވެ.

"ދެން އަހަރެންނަށް ދައުވަތު ދީފިއްޔާ ރަނގަޅު ޑީލެއް ހަދާނަން،" ލާނެތް ގޮތަކަށް އަލައިނާއާ ދިމާލަށް ބަލާލަމުން ޖޫލިއަސް ބުންޏެވެ. "އެ މީހުން އެކަމަށް އެއްބަސްވާ ވަރުގެ ޑީލެއް."

"ކޮން ކަމެއް؟" އަލައިނާ އަހާލި އެވެ.

"އެއީ؟ އަހަރެން ބުނާނީ..." ދެމާމައިން ސިއްސައިގެން ދިޔަ އެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް