ވާހަކަ: ވިގަނި

ވާހަކަ

ވާހަކަ: ވިގަނި - ސަތިރީސްވަނަ ބައި

15 އޭޕްރީލު 2024

އެޕިސޯޑް 36

އޭގެ މޫތައް ރަނގަޅަށް ހަރުލައި ގަސް ވަރުގަދަ ވާން ފެށި އެވެ. ބޭނުމަކީ އެންމެ ބޭނުމެކެވެ. ޖޫލިއަސް ބޭނުންވަނީ ކޮންމެ ހާލެއްގައި ވެސް އެކަން ކާމިޔާބު ކުރާށެވެ. ޖޫލިއަސްއަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަލައިނާ އޭނައާ އެއްކޮޅަށް ހުރުމެވެ.

"ޒިލާލް. ދެން ދޮންބެއެއް ނުފެންނާނެތަ؟" ރޮއިރޮއި ވަރުބަލި ވެފައިވާ ދެ ލޯ ފުހެލަމުން ރަހުމާ ބުންޏެވެ.

"ފެންނާނެ. ހިތްވަރު ކުރޭ. އިރާދަކުރެއްވިއްޔާ ދޮންބެ އަދި އަންނާނެ،" ރަހުމާއަށް ހިތްވަރުދެމުން ޒިލާލު ބުންޏެވެ.

"ތިކަމަށް ޝައްކު،" ކޮޓަރިއަށް ވަން ބަޝީރު ބުންޏެވެ. "ދޮންބެ ބޭނުމެއް ނޫން ރަހުމާއަށް ދޮގު އުންމީދުތަކެއް ދޭކަށް. އެގޮތަށް ޖިންނި ގެންދާ މީހުން ވަރަށް ނުފެނޭ."

ރަހުމާއަށް ގިސްލެވެން ފެށި އެވެ. ހިތުގައި ޖެހިފައި އިންވަރުން ވާހަކަ ދައްކަން ވެސް އުނދަގޫވި އެވެ.

"ދޮންބެގެ ނަސޭހަތެއް އަޑުއަހަންޏާ ދެ ކުދިން ކައިވެނި ކުރޭ. އޭރުން ރަހުމާގެ އެކަނިވެރިކަން ވެސް ފިލާނީ. އޭނައަށް ހިތްވަރު ލިބޭނީ،" ޒިލާލުގެ ކޮނޑުގައި ޖަހާލަމުން ބަޝީރު ބުންޏެވެ. ޒިލާލު އެކަމާ ވިސްނާލި އެވެ. އެއީ ތެދެކެވެ. ރަހުމާ އެ ވަނީ ވަރަށް ބޮޑަށް އެކަނިވެރިވެފަ އެވެ. އޭނައާ އަޅާލާނެ އޯގާތެރިއަކު މި ވަގުތު ވަރަށް މުހިންމެވެ. ޒިލާލަށް އެ ގާތްކަން އެންމެ ފުރިހަމައަށް ބޭއްވޭނީ ރަހުމާގެ ފިރިއަކަށް ވެގެންނެވެ.

"މަންމަ އެހާ ގަބޫލެއް ނޫން ތި ކައިވެނި ކުރާކަށް،" ޒިލާލުގެ މަންމަ ހަރީރާ ބުންޏެވެ.

"އެކަމަކު މަންމާ! ކީއްވެ؟" ޝަކުވާގެ ރާގެއްގައި ޒިލާލު އެހި އެވެ.

"ދަރިފުޅަކަށް އަޑެއް ނީވޭތަ މީހުން ދައްކާ ވާހަކައެއް؟ އެ ގޭގައި ޖިންނި އުޅެޔޯ. އެ ޖުމާހު ވެސް ވީތަނެއް ނޭނގެ. މީހުން ބުނޭ އޭނަ އަންހެނުންނަކީ ޖިންނިއެކޭ، އޭތި އެ ޖުމާހު ގެންދިޔައީއޭ. އަނެއްކާ ސަކީބާ ވެސް އޮތީ މަރާލާފައި. ތިޔަ އާއިލާއަކީ ވަރަށް ބަދުނަސީބު އާއިލާއެއް. މަންމަ ބޭނުމެއް ނޫން ދަރިފުޅު އެކަހަލަ ތަނަކަށް ވަންނާކަށް،" ކަންބޮޑުވެފައި ހަރީރާ ބުންޏެވެ.

"ތިޔައީ ތެދަކަށް ވެދާނެ،" ވިސްނާ ކަމަށް ހެދެމުން ޒިލާލު ބުންޏެވެ. "އެކަމަކު އޭގައި ރަހުމާގެ ކުށަކީ ކޮބާ؟ އޭނާގެ އެއްވެސް މީހަކު ނެތް. ހުރި ހަމައެކަނި މީހަކީ އަހަރެން. މި ވަގުތު އަހަރެން ބޭނުމެއް ނޫން އޭނަ އެކަނިކޮށްލާކަށް."

"ދަރިފުޅު މަންމަ ބުނާ އެއްޗެއް އަޑު ނާހާތި. އިނގޭ!" ކޮޓަރިން ނުކުންނަމުން ހަރީރާ ބުންޏެވެ. ޒިލާލު ފުން ނޭވައެއް ބޭރުކޮށްލި އެވެ.

"މަންމަ އެ ބުނީ ތެދެއް. އަހަރެންނަށް ވުރެ މާ ރަނގަޅު ކުދިން ޒިލާލަށް ލިބޭނެ،" ދެރަވެފައި އިން ރަހުމާ ބުންޏެވެ.

"މި ވާހަކަތައް ރަހޫއަށް އަހަރެން މި ކިޔައިދިނީ ބޭނުމަކު. އެއީ މަންމަގެ ނުރުހުމައި ވެސް އަހަރެން މި ކައިވެނި ކުރާނަން. އެކަމަކު އަހަރެމެންގެ ގޭގައި ނޫޅެވިދާނެ. އަހަރެންނަށް މަންމަގެ ގޮތް އެނގޭ. ރަހޫއަށް ވަރަށް ޖެއްސުން ކުރާނެ،" ރަހުމާގެ އަތުގައި ޒިލާލު ހިފާލި އެވެ. "ކައިވެނިކޮށްގެ ރަހޫމެންގެ ގޭގައި އުޅެންވީނު؟"

ރަހުމާގެ ލޮލުން ބަބުޅަމުން ދިޔައީ އުފާވެރިކަމުގެ ކަރުނަ އެވެ. ރަހުމާ ދެކެ އެހާ ލޯބިވާ މީހަކު ލިބުމުން އުފާވި އެވެ. މިފަދަ ދަނޑިވަޅެއްގައި އެހެން މީހަކު ނަމަ ފިލާނެ އެވެ. ރަހުމާ އެކަނިކޮށްލާނެ އެވެ. ނަމަވެސް ޒިލާލު އެއަށް ވުރެ މާ ހިތްވަރުގަދަ އެވެ. ރަހުމާ ދެކެ އިންތިހާއަށް ލޯބިވެ އެވެ. އެކަހަލަ ހިތްހެޔޮ ބައިވެރިން ލިބޭނީ ނަސީބުވެރިންނަށެވެ. ރަހުމާގެ ހިތުގައި ހަލާކުވެފައިވާ ފާރުގަނޑުތައް ފަސޭހަވާން ދުވަސް ނަގާނެ އެވެ. ނަމަވެސް ޒިލާލު ބޭނުންވީ އެ ފާރުގަނޑުތަކުގައި މަލަން އަޅައިދޭށެވެ. ރިހުން މަޑުކޮށް ފަސޭހަކޮށްދޭށެވެ.

ރަހުމާ އާއި ޒިލާލުގެ ކައިވެނި ކުރެވުނެވެ. ރަހުމާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. އިހު އުޅުނު ގޮތަށް އުޅެން ދުވަސް ނެގި އެވެ. ޒިލާލަށް އެކަން ގަބޫލު ކުރެވެ އެވެ. އެކަމަށް އެހީތެރިކަން ދިނެވެ. ވަގުތު ވެސް ދިނެވެ. ދުވަސްކޮޅެއް ފަހުން ބަޝީރު ރަށަށް ދިޔަ އެވެ. ގޭތެރޭގައި ރަހުމާއަށް އެކަނިވެރިކަން އިހުސާސް ކުރެވެން ފެށި އެވެ. ޒިލާލު ނަސޭހަތްދިނީ ކިޔެވުން ފުރިހަމަ ކުރުމަށެވެ. ނުވަތަ އާމްދަނީ ހޯދަން ކޮންމެވެސް މަސައްކަތެއް ކުރުމަށެވެ. އެ ގޮތް ރަހުމާއަށް ކަމުދިޔަ އެވެ. ފެންޑާގައި ފަހާފޮއްޓެއް ބަހައްޓައިގެން ފަހަން ފެށި އެވެ. ހީނުކުރާހާ އަވަހަށް އޯޑަރުތައް ލިބި އާމްދަނީ އިތުރުވާން ފެށި އެވެ.

އެއް ދުވަހެއްގެ މެންދުރު ކުރީކޮޅުގެ ވަގުތެވެ. މެންދުރަށް ކައްކާފައި ރަހުމާ އިނީ ފަހާށެވެ. ކުއްލިއަކަށް ކާޅެއް ގޮވަން ފެށި އެވެ. ރަހުމާ އިސްއުފުލައި ބަލާލި އެވެ. ކާޅު އިނީ ފޭރު ގަހުގަ އެވެ. ރަހުމާ ބަލާލުމުން ގޮވުން ހުއްޓާލި އެވެ. އަނެއްކާވެސް ފަހަން ފެށި އެވެ. ހަމަ ފަހަން ފެށި އިރަށް ކާޅު ގޮވަން ފެށި އެވެ. ކާޅު އުދުހެމުން އައިސް ފެންޑާގެ ފާރުމަތީ އިށީނެވެ. ފާރު ރާނާފައި ހުރީ ތިން ފޫޓް އުސްމިނަށެވެ. ރަހުމާއަށް ކަމެއް ފާހަގަ ކުރެވުނެވެ. އާދައިގެ ކާޅުތަކަށް ވުރެ އެ ކާޅު ހަށިގަނޑު ބޮޑެވެ. އަދި ލޮލުގައި ހުރީ ފެހިކުލަ އެވެ. ފައިގެ އިނގިލިތައް ހުރީ ވަރަށް ދިގުކޮށެވެ. ނިޔަފަތިތައް ހުރީ ހިމަދިގުކޮށެވެ. ކާޅު އަނެއްކާވެސް ގޮވަން ފެށި އެވެ. ރަހުމާގެ ހިތަށް ބިރުވެރިކަން ވަނެވެ. މަޑުމަޑުން ގޮނޑިން ތެދުވި އެވެ. އެ ވަގުތު ކާޅު އައިސް ރަހުމާގެ އެތަން މިތަނުގައި ވަކި އެޅި އެވެ. ރަހުމާ ހަޅޭއްލަވަމުން ދިޔަ އެވެ. އެ އަޑަށް އަމީނާ ދުވަމުން އަ އެވެ. ދުވަމުން އައިސް ރަހުމާ ސަލާމަތް ކުރި އެވެ. ދުންގަނޑެއްހެން މައްޗަށް އަރައިގެން ކާޅު ދިޔަ އެވެ. ރަހުމާ ހުރީ އަމީނާގެ ގައިގައި ވަރަށް ބާރަށް ބައްދާލައިގެންނެވެ. ވަކި އަޅާފައިވާ ޒަހަމްތަކުން ލޭ އަންނަމުން ދިޔަ އެވެ. ވަރަށް ގަދައަށް ރަހުމާއަށް ރޮވެމުން ދިޔަ އެވެ. އަމީނާ ހުރީ ހައިރާންވެފަ އެވެ. އަމީނާއަށް ޔަގީންވި އެވެ. އަދިވެސް އެކަމުން އެ އާއިލާ ސަލާމަތެއް ނުވެ އެވެ.

"ފިރާގު ކައިރީ ބުނަންވީ އަނެއްކާ އަންނާށޭ،" ޒިލާލު އާއި ރަހުމާގެ އިތުރުން އަމީނާ ވެސް އިނީ ސިޓިންރޫމްގަ އެވެ.

"މިކަމުން ސަލާމަތްވުމެއް ނެތްތަ؟" ކަންބޮޑުވެފައި ރަހުމާ ބުންޏެވެ.

"އިރާދަކުރެއްވިއްޔާ ސަލާމަތްވާނެ،" ރަހުމާގެ ބުރަކަށީގައި ފިރުމާލަމުން އަމީނާ ބުންޏެވެ. މަންމަ ނެތުމުގެ ފަޅުކަން ރަހުމާއަށް އިހުސާސް ކުރެވެ އެވެ. އަމީނާގެ ކޮންމެ ފިރުމާލުމެއްގައި ވަނީ މައިވަންތަކަމުގެ ކުލުނާއި ލޯތްބެވެ.

ޖޫލިއަސް އިނީ ހޮހޮޅައިގެ އެންމެ އެތެރޭގައި ހުރި ހޮރެއްގަ އެވެ. ފޫހިވެ ރުޅިގަދަވެފައި އިން ޖޫލިއަސް އަތުގައި އޮތީ އަލިފާނުން ދޮންވެފައި އޮތް، ފޫޓެއް ވަރުގެ ވަޅިއެކެވެ. ކޮޅަށް ހިމަކޮށް އޮތް ވަޅީގެ ދެ ފަރާތުގައި މިޔަ އިނެވެ. އެހާމެ ތޫނެވެ. މުށްގަނޑުގައި ހުރީ ޖިންނިޝައިތާނުންގެ މޫނު ކަނޑައިނަގާފަ އެވެ. ވަޅި ހީވަނީ ކުޑަވަރެއްގެ ކަނޑިއެއް ހެންނެވެ. އޭތި ދޮންވަމުން ގޮސް ރަތްކުލަ އެރި އެވެ.

"ކާކު؟" މީހެއްގެ ހިޔަނިވިހެން ހީވެގެން އެ ދިމާލަށް ވަޅި ހޫރާލަމުން ޖޫލިއަސް ބުންޏެވެ. އަދި ކޮޅަށް ތެދުވި އެވެ.

"އަހަރެން،" އެތެރެއަށް ވަންނަމުން އަލައިނާ ބުންޏެވެ. އަތުގައި ޖޫލިއަސްގެ ވަޅި އޮތެވެ.

"މާމައަށް ހީވަނީ ދަރިފުޅު ކުރަން ތި އުޅެނީ..."

"މާމާ! އަހަރެން މި ވަގުތު ނަސޭހަތެއް ބޭނުމެއް ނޫން. ބޭނުންވަނީ އެހީތެރިކަމާއި އެއްބާރުލުން. އަހަންނަށް އެނގޭ މާމަގެ ފަރާތުން އަހަންނަށް އެކަންކަން ލިބޭނެކަން،" ޖޫލިއަސްގެ ވާހަކަ ވަރަށް ސާފެވެ.

"އެކަމަކު ތިކަން ކޮށްގެން ދަރިފުޅުގެ މަގުސަދު ހާސިލުވާނެތަ؟" އަލައިނާ އެހި އެވެ.

"ޔަގީނެއްނު. މަންމައަށް އިތުރު ގޮތެއް ނޯންނާނެ،" ޔަގީންކަމާ އެކު ޖޫލިއަސް ބުންޏެވެ. "މިހާރު މި ފެންނަ މަންޒަރުތަކުން އަހަރެންގެ ހިތްފަޅައިގެން ދާ ވަރުވޭ."

"ދަރިފުޅު ބޭނުން ކޮންމެ ކަމެއްގައި މާމަ ހުންނާނީ އެންމެ ގާތުގައި. އެކަމާ ކަންބޮޑުނުވޭ،" ޖޫލިއަސްގެ ގައިގައި ބައްދާލަމުން އަލައިނާ ބުންޏެވެ. "މާމައާ ދެކޮޅަށް ދަރިފުޅުގެ މަންމަ އެ ކުރީ އެންމެ ފުރަތަމަ އަދި އެންމެ ފަހު ކަންތައް. ދެނެއް ނުކުރެވޭނެ."

ރާޅުތައް ކަފަމުން ނަލަ ގޮތަކަށް ފަޅަށް ވަން ލޯންޗުގެ އެންމެ ކުރީ ސީޓުގައި އިނީ ފިރާގެވެ. އިސްތިގުބާލުގައި ބަނދަރުމަތީ ހުރީ ޒިލާލެވެ. ލޯންޗުން ފިރާގު ފޭބުމުން ސަލާންކޮށްލި އެވެ. ދިޔަ މަގުމަތީގައި، ކުރީ ދުވަހު ހިނގައިދިޔަ ކަންކަން ވަރަށް ތަފުސީލުކޮށް ކިޔައިދިނެވެ.

"ހިނގާ ތިކަމާ ވަރުގަދަ ފިޔަވަޅެއް އަޅަން. މިހާރު ދެން އިތުރު ގޮތެއް ނެތް،" ރަހުމާ ގެނައި ޖޫސްތަށީގައި ހިފަމުން ފިރާގު ބުންޏެވެ. އެ މީހުން ތިބީ ގޭތެރޭގައި ހުރި ސޯފާގަ އެވެ. "ފުރަތަމަ ޖެހޭނީ ގޭގެ ރައްކަލަށް ކަމެއް ކުރަން. އޭރުން ގޭގައި ހަމަޖެހިގެން އުޅެވޭނީ."

ރޭގަނޑުގެ ހަމަހިމޭން ވަގުތުގައި ޒިލާލު އާއި ރަހުމާގެ އިތުރުން ފިރާގު ތިބީ އޮލަ ވާހަކައެއްގަ އެވެ. ހަމަކުރަންވީ ބައެއް އެއްޗެހި ގަނެގެން ގެނެސްދިނީ ޒިލާލުގެ ރައްޓެއްސެކެވެ. އެންމެ މިނެޓެއް ވެސް ލަސްނުކޮށް ފިރާގު ފަށައިގަތެވެ. ހުވަނދުމާ އަޅާފައި ހުރި ފެންއެއްޗެއް ތައްޔާރު ކުރި އެވެ. އަދި ބޮކަރާއި ހުދު ކާފޫރު ވެސް ގެނަ އެވެ. ފިރާގު ބޭނުންވާ ތަރުތީބުން އެ ތަކެތި އަތުރާލި އެވެ. އަދި ދުން މުޖުމަރާއެއް ތައްޔާރު ކުރި އެވެ. އެއީ އުޅައްގަނޑެއް ލާފައި ދުން އަޅަން ހަދާފައި ހުންނަ އެއްޗެކެވެ.

ފިރާގަށް ގުރުއާން ކިޔެވޭ އެންމެ މަޑުން ކިޔަވަން ފެށި އެވެ. ކޮންމެ ދިހަ މިނެޓަކުން ކިޔެވުން އަޑުގަދަ ކުރަމުން ގޮސް ދެ ގަޑި އިރު ވީ އިރު ވަރަށް ބާރަށް ކިޔެވި އެވެ. އިސާހިތަކު ހުވަނދުމާ ފެންއެތި ގުޑަން ފެށި އެވެ. އަދި އޭގެ ތެރެއިން އެއްޗެއް ނުކުންނަހެން ހީވި އެވެ. ލޮނދިކޮށް ހުރި ބައްޓަން ނޭނގޭ އެއްޗެކެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް