ވާހަކަ: ވިގަނި

ވާހަކަ

ވާހަކަ: ވިގަނި - ފަންސަތިރީސްވަނަ ބައި

14 އޭޕްރީލު 2024

އެޕިސޯޑް 35

އެއް ދުވަހެއްގެ ހެނދުނެވެ. ރަހުމާ ނުކުތީ ފާހާނާއިންނެވެ. ސިއްސައިގެން ގޮސް މީހާ ހޭނެތުނެވެ. ރަހުމާއަށް ހޭވެރިކަން ވީ އިރު އޮތީ އެނދުގަ އެވެ.

"މަންމާ!" ވަރަށް ބާރަށް ރަހުމާ ހަޅޭއްލަވައިގަތެވެ. "ކޮބާ މަންމަ؟"

ގާތުގައި ތިބީ ބަޝީރާއި ޒިލާލެވެ. ގެއިން ބޭރުން ބައެއް މީހުން ވާހަކަ ދައްކާ އަޑު އިވެ އެވެ.

"ދޮންބޭ. ކޮބާތަ މަންމަ؟ މަންމައަށް ކިހިނެއް ވެފައި އޮތީ؟ ހާދަ ބައިވަރު ލޭ އޮތޭ،" އަޑުންއަޑުނަގައި ރަހުމާ ރޮއިގަތެވެ.

"ދަރިފުޅާ. މަންމަ މި ދުނިޔެއަކު ނެތް،" ހަށިގަނޑުގައި ހުރި ހުރިހާ ހިތްވަރެއް ބޭނުންކޮށްގެން ބަޝީރު ބުންޏެވެ.

"ދޮންބެ ދޮގު ތި ހަދަނީ. ބުނޭ ތިއީ ދޮގެކޭ. މަންމަ ވީ ހޮސްޕިޓަލުގައި ދޯ؟" އެނދުން ތެދުވެގެން ރަހުމާ ދުއްވައިގަންނަން އުޅުނެވެ. ނަމަވެސް ހުޝިޔާރުކަމާ އެކު ޒިލާލު ރަހުމާ ހިފެހެއްޓި އެވެ.

"ރަހޫ ހަމަޖެހިބަލަ. ހިތްވަރު ކުރަން ވާނެ. ތެދަށް މި ބުނަނީ. ގަބޫލުކޮށްބަލަ،" ލޮލުން ހިލުނު ކަރުނަތައް އެތެރެއަށް ހިންދާލަމުން ޒިލާލު ބުންޏެވެ. ރަހުމާއަށް ރޮއިގަނެވުނެވެ. ދެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަކާ އެކު މީހާ ވަރުބަލިވެގެން އިށީނެވެ.

"ފުރަތަމަ ދޮންބެ. ދެން މަންމަ،" ރޮމުންރޮމުން ރަހުމާ ބުންޏެވެ. "ދެން އަހަރެން ކަންނޭނގެ."

"ތިކަހަލަ އެއްޗެހި ނުކިޔަބަލަ. ހިތްވަރުކުރަން ވާނެ. ދޮންބެ ގެއްލުނީމަ އެ ބަލައިގަންނަން މަންމަގެ ހިތަށް ކެތްނުވީ. ދަރިއަކު ބީވުމުން މައިލަގޮނޑިއަށް ކުރާނެ އަސަރު އަހަރުމެންނަކަށް އިހުސާސެއް ނުކުރެވޭނެ. އެކަމަކު އަމިއްލައަށް މަރުވުން އެއީ އެއްވެސް ކަމެއްގެ ހައްލެއް ނޫން. އެއީ ބޮޑުވެގެންވާ ފާފައެއް،" ރަހުމާއަށް ވިސްނައިދެވޭތޯ ޒިލާލު މަސައްކަތްކުރި އެވެ. ވީހާ ވެސް ތިލަކޮށް ވާހަކަ ގެންދަން އުޅުނަސް ޒިލާލަށް އެކަމެއް ނުވި އެވެ.

"ނުވާނެ އެހެނެއް. މަންމަ އަމިއްލައަށް މަރެއް ނުވާނެ. ތިއީ ހަމަ ކަނޑައެޅިގެން ބޮޑު ދޮގެއް،" ގަބޫލުކުރަން ދަތިވެފައި ހުރި ރަހުމާ ބުންޏެވެ.

"ފުލުހުންނަށް ފެނުނޭ ވަޅިއާ އެއްޗެހި. މަންމަގެ އަތުގައި ހުރި ޒަހަމް ހުރީ ވަރަށް ބޮޑުކޮށް. ނާރުތައް ބުރިވެގެން ލޭ މަނާނުވެގެން މަންމަ ނިޔާވީ. އަނެއް އަތުގައި އޮތީ ވަޅި،" ބަޝީރު ބުންޏެވެ.

"އެކަމަކު އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ތި ވަރުގެ ކަމެއް ހިނގާފާނެތަ؟ އަހަރެން ފާހާނާއަށް ވަތް ފަހުން ވާނީ ފަސް ވަރަކަށް މިނެޓް،" އެއްވެސް މީހަކު އެ ދައްކާ ވާހަކައެއް ރަހުމާއަށް ގަބޫލެއް ނުކުރެވެ އެވެ.

"ބައްޕާ!" ފުރަތަމަ ފަހަރަށް ޒައުބާހުގެ އަޑުން ބައްޕާއޭ ބުނުމުން ޖުމާހުގެ ހިތަށް ވެރިވީ ބައްޕައެއްގެ ކުލުނެވެ. ނަމަވެސް އޭނަގެ އަސްލު ސިފަ ފެނުމުން ޖުމާހުގެ ހިތަށް ވެރިވަނީ ފޫހިކަމާއި ބިރުވެރިކަމެވެ.

"ކިތައް ފަހަރު ބުނެފިން ތިއީ މަގޭ ދަރިއެއް ނޫނޭ،" ލަމިޔާ އައިސް ޒައުބާހު އުރާލުމުން ޖުމާހު ބުންޏެވެ. "މަގޭ ލޯ ކުރިމަތިން ތިޔަ ކުއްޖާ ގެންދޭ."

"ކިތަންމެ ރުޅި އަޔަސް މިއީ ޖުމާގެ ދަރިއެއް. ނުވެސް ގެންދާނަން ދުރަކަށް. ގެންގުޅޭނީ ވެސް ޖުމާއަށް ފެންނަ ހިސާބުގައި،" ލަމިޔާ ބުންޏެވެ.

"ލަމިޔާ އަހަރެން ދެކެ ތިހާ ލޯބި ވަންޏާ އަހަރެންގެ ވަޒަނަށް އަހަރެން ފޮނުވާލަބަލަ. ހެޔޮ ނުވާނެ. މިއީ އަހަރެންގެ ދުނިޔެއެއް ނޫނޭ."

"އެކަމަކު މިތަނުގައޭ ތިބީ ޖުމާގެ އަނބިދަރިން،" ލުއި ގޮތަކަށް ލަމިޔާ ބުންޏެވެ. "އެ ދުނިޔެއަށް މިހާރު ޖުމާ މުހިންމެއް ނޫން. އެތާކު ނެތް ޖުމާގެ މަންމައެއް ވެސް."

"އޭނ؟" ހައިރާންވެފައި ޖުމާހު އެހި އެވެ. "މަންމައެއް ނެތޭ؟"

"ކަލޭ މިހާރު މޮޔަ ވާހަކަ ވެސް ދައްކަން ފެށީތަ؟" މިއީ މިހާރު ޖުމާހު ލަމިޔާއާ ވާހަކަ ދައްކާ ގޮތެވެ. "މަންމައަށް އަނެއްކާ ކަމެއް ކުރީތަ؟"

"އަހަރެން ނުކުރަން އެއްވެސް ކަމެއް. އޭނަ އަމިއްލައަށް ކުރި ކަމެއް ކުރީ،" ހަމަޖެހިލާފައި ލަމިޔާ ބުންޏެވެ. ޖުމާހަކަށް ނީނދެވުނެވެ. އިންތަނުން ފުންމައިގެން އައިސް ލަމިޔާގެ ދެ ކޮނޑުގައި ހިފި އެވެ.

"ބުނޭ. ކީއްކުރީ؟ އަހަރެންގެ މަންމަ ކޮބާ؟" ވަރަށް ބާރަށް ޖުމާހު އެހި އެވެ.

"މި ބުނީއެއްނު މަށެއް ކަމެއް ނުކުރަމޭ،" ޖުމާހުގެ އަތް ފޮޅުވާލަމުން ލަމިޔާ ބުންޏެވެ. "އޭނަ އަމިއްލައަށް މަރުވެއްޖެ."

ޖުމާހަށް ހީވީ ދުނިޔެ ނިމުނު ހެންނެވެ. އަނބުރައިގަނެގެން ނުވެއްޓުނީ ކައިރީގައި ހުރި ހިލަގަނޑެއްގައި އަތް ޖެއްސުމުންނެވެ. އަޑުންއަޑުނަގައި ރޯން ހިތަށް އެރި އެވެ. ނަމަވެސް ކުރިމަތީ ތިބި ޝައިތާނުންގެ ކުރިމަތީ ފިނޑިއަކަށް ވާކަށް ޖުމާހު ބޭނުމެއް ނޫނެވެ. އަދިވެސް ބޭނުންވީ ހިތްވަރު ކުރާށެވެ.

"ނުވާނެ ތިހެނެއް. ހަމަ ޔަގީން ކަލޭ ކޮންމެވެސް ކަމެއް ކުރީ،" ހަރުކަށި ރާގެއްގައި ޖުމާހު ބުންޏެވެ.

"މަށެއް ނޫޅެން ޖުމާއަށް ޔަގީންކަން ދޭކަށް. އެކަމަކު ހުވާކޮށްފައި މި ބުނަނީ މަށެއް ނުކުރަން ހަމަ އެއްވެސް ކަމެއް. އެންމެންނަށް ފެނުނީ އަތުގައި ވަޅި އަޅާފައި މަރުވެފައި އޮޮއްވައި،" ޖުމާހުއާ ދިމާލަށް ބަލަހައްޓައިގެން ހުރެ ލަމިޔާ ބުންޏެވެ. ލަމިޔާގެ ފަހަތުގައި ހުރި ޖޫލިއަސް ހުރީ ވަރަށް ހިތްހަމަޖެހިފަ އެވެ. ސަކީބާގެ މަރުގެ ފަހަތުގައި ވަނީ ޖޫލިއަސްކަން އެނގެނީ އެންމެ މީހަކަށެވެ. އެއީ އަލައިނާ އެވެ. ލަމިޔާއަށް އެކަން އެނގޭ ދުވަހުން ޖޫލިއަސް ދެކެ ވަރަށް ރުޅިއަންނާނެކަން ޔަގީނެވެ. އެކަމާ ޖޫލިއަސް ކަންބޮޑުވެ އެވެ.

"އެހެން ނޫނަސް އަހަރެން ބޭނުންވީ ޖުމާ އަހަރެންގެ މިލްކަކަށް ހަދަން. ޖުމާގެ ރުހުމުގައި ވިޔަސް ނުރުހުމުގައި ވިޔަސް. އެކަން އަހަރެންނަށް ކާމިޔާބު ވެއްޖެ. އެހެންވީމަ އެކަހަލަ ބޭކާރު ކަންތައް ކުރުމުގެ ބޭނުމަކީ ކޮބާ؟" ހިނގައިގަންނަމުން ލަމިޔާ ބުންޏެވެ. ފަހަތުން ޖޫލިއަސް ވެސް ހިނގައިގަތެވެ. ގަބުވެފައި އިން ޖުމާހުގެ ލޮލުން ފާއްދާލި ކަރުނަ މިސްރާބެއްނެތި ދަތުރުކުރަމުން ދިޔައީ އިހުތިޔާރުން ބޭރުގަ އެވެ.

ލަމިޔާ ދައްކާ އެއްވެސް ވާހަކައެއް ޖުމާހަކަށް ގަބޫލެއް ނުކުރެވެ އެވެ. ކުރީގައި ވެސް އެތައް ދޮގެއް ހެދި އެވެ. އެތައް އޮޅުވާލުމެއް އޮޅުވާލި އެވެ. ތަފާތަކީ ޖުމާހަށް އެކަން ނޭނގުމެވެ. މިއަދު ތަފާތެވެ. ލަމިޔާގެ ހަގީގަތް އެނގުމުން އޭނައަށް އިތުބާރު ކުރުމަކީ ވާނެ ކަމެއް ނޫނެވެ.

ޖުމާހު އިނީ ހިލަގަނޑެއްގެ މަތީގަ އެވެ. ވަށައިގެން ބަލާލި އެވެ. އެތަނުގައި ކުދި ފަރުބަދަތަކާއި ބޮޑެތި ފަރުބަދަތައް ހުރެ އެވެ. ވިނަ ހެދިފައިވީ ނަމަވެސް ތަން ވަރަށް ވީރާނާ އެވެ. ވިނަތައް އޮތީ މަރުވެފަ އެވެ. ގަހެއް ހުރި ނަމަވެސް ފަތެއް ނެތެވެ. ހުންނަނީ ހޯލިގަނޑެކެވެ. ހީވަނީ އަލިފާން ރޯކޮށްފައި ނިވިފައި ހުރިތަނެއް ހެންނެވެ. އެއްވެސް ފެހިކަމެއް ނެތް ބިމެކެވެ. ބިންމަތީ އޮތީ ކަޅު ވެލިގަނޑެކެވެ. އުޑުމަތިން ފެންނަނީ ކަޅު ވިލާތަކެވެ. އިރުގެ އެއްވެސް އަލިކަމެއް އެތާކަށް ނުވެ އެވެ. ހުންނަނީ ފުސް އަލިކަމެކެވެ. މީހުން ވަކި ވާ ވަރު ވެ އެވެ. ދުވާލެއް ރޭގަނޑެއް ވަކި ކުރާކަށް ނޭނގެ އެވެ. ހިލަ ފަރުބަދައެއްގެ ތެރޭގައި ކޮނެފައިވާ ބޮޑު ހޮހޮޅައެއް ހުރެ އެވެ. ޖިންނިޝައިތާނުން ނިދަން ވަންނަނީ އެތަނަށެވެ. ޖުމާހަށް ބިރުން އެތަނަށް ވަންނާކަށް ނުކެރެ އެވެ. އެބައި މީހުން ހޭރޭ އަޑާއި ހުނުމުގެ އަޑުން މުޅި މާހައުލުގައި ވަނީ ނާމާންކަމެވެ. އެކަމުން ސަލާމަތް ކުރައްވާތޯ ޖުމާހު ކެނޑިނޭޅި ނަމާދުކޮށް އަޅުކަން ކުރަމުން ދެ އެވެ. އެފަދަ ގަޑިއެއްގައި އެއްވެސް ޖިންނިއަކު އޭނައާ ގާތެއް ނުވެ އެވެ.

އޭގެ ތެރޭގައި އުޅޭ ނުބައި ޝައިތާނުން ޖުމާހުއާ ގާތްވެވޭތޯ މަސައްކަތްކުރެ އެވެ. އެކި ގޮތްގޮތަށް މައްލަވަކޮށް ވައްބަހުން އެއްޗެހި ބުނެ ހަދަ އެވެ. ހީވަނީ ގޮރިއްލާ ވައްތަރުގެ އެއްޗެހިތަކެއް ހެންނެވެ. ޖުމާހު އިންނަނީ ބިރުން ހަލާކުވެފަ އެވެ. ކޮންމެ ދުވަހެއް އެހާ ދިގުހެން ހީވެ އެވެ.

ފެންނުވަރާތާ އެތައް ދުވަހެއް ވެއްޖެ އެވެ. ތުނބުޅި އާއި މަތިމަސް ދިގު ވެއްޖެ އެވެ. ހަށިގަނޑު ނިކަމެތި ވެއްޖެ އެވެ. މީހާ ގައިން ދުވަނީ ވަރަށް ނުބައި ވަހެކެވެ. ޖުމާހު އެހެން އިންނަނީ ފެން ނުލިބޭތީއެއް ނޫނެވެ. ފެން ލިބެ އެވެ. ނަމަވެސް ގޮތްދޫނުކުރަނީ އެވެ. ލަމިޔާ ގެނެސްދޭ އެއްޗެއްގައި ކޮންމެ ފަދަ އެއްޗެއް ނުވަތަ ކަމެއް ކޮށްފައި ހުރެދާނެތީ އެވެ. އެހެންވިޔަސް މީހާ ބަނޑަށް މަރުވެދާނެތީ ކޮންމެވެސް ވަރަކަށް ކަ އެވެ. ގިނައިން ހުންނަނީ މޭވާ އެވެ. ލަމިޔާ ކޮންމެ ކަމެއް ވެސް ކޮށްދެނީ ލޯބިންނެވެ. ޖުމާހުއާ ވާހަކަ ދައްކަނީ ވެސް ލޯބިންނެވެ.

އެ މަންޒަރު ބަލަން އެންމެ އުނދަގޫވަނީ ޖޫލިއަސްއަށެވެ. ޖުމާހު އައުމުން ޖޫލިއަސްގެ ހިތުގައި އަނދަމުންދާ އަލިފާންގަނޑުގެ ހުޅުގަނޑު ބޮޑުވި އެވެ. އެއަށް ތެޔޮ އަޅަމުން ދިޔައީ އަލައިނާ އެވެ. އޭގެ ނަތީޖާ ކިހާ ހިތިވާނެކަން އެނގި ހުރެ އެވެ. ބޭނުމަކީ އެންމެ ބޭނުމެކެވެ. ޖުމާހު އާއި ލަމިޔާ ދުރުކުރުވުމެވެ. ޖޫލިއަސްގެ ހިތުގައި އެހެން ކަމެއް ވެސް ކުރިފަޅައި ހެދެމުން ދިޔަ އެވެ. އޭގެ މޫތައް ރަނގަޅަށް ހަރުލައި ގަސް ވަރުގަދަ ވާން ފެށިއެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް