ވާހަކަ: ވިގަނި

ވާހަކަ

ވާހަކަ: ވިގަނި - ސައުރަތިރީސްވަނަ ބައި

13 އޭޕްރީލު 2024

އެޕިސޯޑް 34

ކުއްލިއަކަށް މުޅި މާހައުލަށް ދުންތަކެއް ވަންނަން ފެށި އެވެ. އަންނަނީ ކޮން ދިމާލަކުން ކަމެއް ނޭނގެ އެވެ. މުޅި ތަން އެއްކޮށް ފުސްވި އެވެ. އެކަކު އަނެކަކަށް ނުފެންނަ ވަރަށް މުޅި ތަން ދުމުން ފުރުނެވެ. ސަކީބާ ކޮންމެވެސް ވަރަކަށް ކެއްސާ ހެދި އެވެ. ދެތިން މިނެޓް ފަހުން ދުންތައް މަދުވާން ފެށި އެވެ. އެންމެންގެ ވެސް ލޮލުގައި އަޅައިގަތީ އެއް ކަމެކެވެ. ޖުމާހެއް ނެތެވެ. ލަމިޔާއެއް ވެސް ނެތެވެ. ސަކީބާ ގޮސް ކޮޓަރިތައް ވެސް ބެލި އެވެ. މަގުމައްޗަށް ނުކުމެ ބޭރު ވެސް ބެލި އެވެ. ޖުމާހުގެ އެއްވެސް ހިލަމެއް ނުވި އެވެ. ސަކީބާއަށް ރޮވޭ ގޮތްވި އެވެ. އެ ވަގުތު ރަހުމާ އާއި ޒިލާލު ގެއަށް އަ އެވެ. ވެގެން އުޅޭ ގޮތް އެ ދެ މީހުންނަށް ކިޔައިދިނީ ބަޝީރެވެ.

"ދެން ކިހިނެއް ހަދާނީ؟ އެ ނުލަފާ ޖިންނި އެ ދިޔަޔީ މަގޭ ދަރި ވެސް ގޮވައިގެން،" ރޮމުން ރޮމުން ސަކީބާ ބުންޏެވެ.

"ހެދޭނެ ގޮތްގޮތާއި ކުރެވޭނެ ކަންކަން ހުންނާނެ. ސަކީބާ ހާސްނުވޭ،" ބަޝީރުއާ ދިމާލަށް ބަލާލަމުން ފިރާގު ބުންޏެވެ. ބަޝީރަށް ފިރާގު ބުނި އެއްޗެއްގެ ދެ މާނައެއް ވިސްނުނެވެ.

"ހާސްނުވެ ކިހިނެއްތަ ހުންނާނީ؟ މަގޭ ދަރިއޭ އެއީ."

ހަގީގަތުގައި ހިނގައިދިޔަ ކަމަކީ ފިރާގު އުންމީދުކޮށްގެން ހުރި ކަމެއް ނޫނެވެ. އަދި ތައްޔާރު ވެގެން ހުރި ކަމެއް ވެސް ނޫނެވެ. ލަމިޔާއަށް އެކަން އެހާ ފަސޭހައިން ވީ އެހެންވެގެންނެވެ. ދެން ވިސްނަންވީ ކުރިއަށް ކުރަންވީ ކޮން ކަމަކާ މެދުގަ އެވެ.

"އަހަރެން ދޫކޮށްލާ،" ޖުމާހު ބުންޏެވެ. ލަމިޔާ އުދުހެމުން އައިސް ތިރި ކޮށްލީ ހުރާއަކަށެވެ. ހުރާއަކީ އަކިރި އާއި ގަލުން ހިކިފައި ހުންނަ ތަންތަނެވެ. މި ތަންތަނުގައި ގަސް ހުންނާނީ ވަރަށް މަދުންނެވެ. ކައިރި ހިސާބަކުން ވެސް ރަށެއްގެ އަލިކަމެއް ފެންނާކަށް ނެތެވެ.

"އޭތް! އަޑުއިވޭތަ މަ މި ކިޔާ އެއްޗެއް؟" ޖުމާހުގެ އަތް ވަނީ ފުރަގަހަށް ބަނދެވިފަ އެވެ. ޖުމާހު ވަށައިގެން ހޯދާލި އެވެ. އެ ވަގުތު އުޑުމަތި އަލިވިހެން ހީވި އެވެ. އޭނާ މައްޗަށް ބަލާލި އެވެ. ޖުމާހުމެން ތިބި ދިމާލަށް އަލިފާން ބޯޅައެއް ވެއްޓޭތީ ފެނުނެވެ. ބޯޅައިގެ ބޮޑުމިނުގައި ބާވީހަކަށް އިންޗި ހުންނާނެ އެވެ. ދުން ނަރާ އެ އަލިފާންގަނޑު ވެއްޓުނީ ޖުމާހުއާ ދާދި ކައިރިއަށެވެ. އޭނަ ދިޔައީ ސިއްސައިގެންނެވެ.

އަލިފާން ބޯޅަ މަޑުމަޑުން އިންސާނެއްގެ ބައްޓަމަށް އަންނަން ފެށި އެވެ. އަދި ހިނގަން ފެށި އެވެ. ހިނގަމުން ދިޔަ ވަރަކަށް އަލިފާންގަނޑު ނިވެމުން ގޮސް ރީތި އިންސާނަކަށް ބަދަލުވި އެވެ. އޭނާ ގޮސް ހުއްޓުނީ ލަމިޔާ ގާތުގަ އެވެ. އަލިފާން ބޯޅަ ވެއްޓުނު ތަނުގައި ވަރަށް ބޮޑު އަލިފާންގަނޑެއް އަނދައަނދައި ހުއްޓެވެ. ވުމާއެކު މުޅި ތަނަށް އަލިކަން ވަނީ ފެތުރިފަ އެވެ.

"މަންމާ،" ހިނިތުންވެލަމުން ޖޫލިއަސް ބުންޏެވެ. ޖުމާހު ހައިރާންވި އެވެ.

"ޖުމާ، މިއީ އަހަރެންގެ ދޮށީ ދަރިފުޅު، ޖޫލިއަސް،" ޖުމާހުގެ ބަނދެފައިވާ އަތް މިނިވަންކުރަމުން ލަމިޔާ ބުންޏެވެ. ދެ ކަކޫ ޖަހައިގެން އިން ޖުމާހު މަޑުމަޑުން ތެދުވި އެވެ.

"އިންސާނުންގެ ތެރެއިން އަހަރެންތަ ފެނުނީ ކަލޭމެންނަށް؟" ޖުމާހުގެ ހިތުގައި ވަނީ ބިރުވެރިކަމާއި ހިތާމަ އެވެ. "އަހަރެން ކީއްކޮށްގެން ތި ވަރު ކަމެއް ތި ކުރީ؟"

"އަހަރެންނަށް ޖުމާހު ކަމުދިޔައީ. އެކަމަކު ތިގެއަށް ގެންދަން ދައުވަތު ދިނީ ޖުމާ. ކައިވެންޏަށް ހުށަހެޅީ ވެސް ޖުމާ،" ޖުމާހުގެ ވަށައިގެން ހިނގަމުން ލަމިޔާ ބުންޏެވެ. ވިހޭ ދަރިފުޅު އޮތީ ލަމިޔާގެ ބުރަކަށީގައި ތަތްކޮށްލައިގެންނެވެ. ޖުމާހުގެ ފަހަތުން ކުރިމައްޗަށް އެރި އިރު އެ ޖިންނިގެ ސިފަ ބަދަލު ވެއްޖެ އެވެ.

"މިއީ އަހަރެންގެ ހަގު ދަރި. ޖުމާގެ އަލަތު ދަރި، ޒައުބާހް."

ޖުމާހަށް އެ ޖިންނިގެ އަސްލު ސިފަ ފެނުމުން މޭބޮޑުވާ ގޮތްވި އެވެ.

"އެނގޭތަ މާނަ؟ ފަހުލަވާނު."

"އަހަރެން ނޫޅެމޭ ތި ކަންކަން ބަލާކަށް. މި ބުނީއެއްނު އަހަރެން ދޫކޮށްލާށޭ،" ފޫހިވެފައި ޖުމާހު ބުންޏެވެ.

"މަށަށް އެނގޭ މަ ދެކެ ޖުމާ ވަރަށް ލޯބިވާކަން. އުނހު، ލޯބިވީކަން. އެކަމަކު މިހާރު ވަނީ ފޫހި. ގަންނަނީ ބިރު ދޯ؟ އެނގޭތަ ފަހުދު ވެސް އަހަރެންގެ އަސްލު ސިފަ ފެނުނީމަ ވަރަށް ބިރުގަތް. އެހެންވެ އޭނަ މަރާލީ،" ލަމިޔާ ބުނި އެއްޗަކުން ޖުމާހުގެ މޭ ހީވީ ތޮރުފާލިހެންނެވެ. ކަންފަތުގެ ތޫރި ހީވީ ފަޅައިގެން ދިޔަހެންނެވެ.

"އާނ. ތި އަޑު އިވުނީ ރަނގަޅަށް. މިއޮތް ހުރިހާ ދުވަހު ފަހުދަށް ވެގެން އުޅުނީ އަހަރެން. ޖުމާމެން ޕިކްނިކް ދިޔަ ދުވަހު އޭނަ މަރާލައިފިން. އަދި ނިމުނީކީ ނޫން، އުމަރުބެ ވެސް މަރާލީ ހަމަ އަހަރުމެން. އަދި އެ ބަޝީރު މަރާލަން ވެސް މަސައްކަތް ކުރިން. އެކަމަކު ކާމިޔާބެއް ނުވި،" ޖުމާހު ކުރިމަތީ ހުރެ ލަމިޔާ ވާހަކަ ދައްކަމުން ދިޔަ އެވެ. "ޖުމާ ހީ ނުކުރައްޗޭ ޖުމާއަށް އަހަރެން އެހެން ހަދާފާނޭ."

ޖުމާހަށް ލިބުނީ ކުއްލި ސިހުމެކެވެ. އެއީ އޭނަ ހިތަށް އެރި އެއްޗެއް ނޫނެވެ. ނަމަވެސް ލަމިޔާ އެހެން ބުނުމުން ހައިރާންކަމެއް މޫނުމައްޗަށް ވެރިވި އެވެ. އެއް ފަހަރު ޖޫލިއަސްއަށް އަނެއް ފަހަރު ލަމިޔާއަށް ބަލަމުން ދިޔަ އެވެ. ޖުމާހުގެ ހިތަށް އަރާ އެއްޗެހި ގިނަ އެވެ. ނަމަވެސް ދަނޑިވަޅަކީ ރަނގަޅު ދަނޑިވަޅެއް ނޫނެވެ. ހަތަރު ފަރާތުގައި އޮތީ މޫދެވެ. ކައިރި ހިސާބަކުން މީހެއްގެ ހިލަމެއް ވެސް ފެންނާކަށް ނެތެވެ. އެހީއަށް އެދި ގޮވާލާނެ ފަރާތެއް ވެސް ނެތެވެ. އެ ވަގުތު ހެއްދެވި ފަރާތްމަތިން ވެސް ހަނދާނެއް ނެތެވެ. ހެޔޮ އެއްޗެއް ދުލު ކުރިއާ ހިސާބަކަށް ނަ އެވެ. ހީވަނީ އަރުތެރެ ބެދިފައި ހުރިހެންނެވެ. ދޫ ހަރަކާތެއް ނުކުރި އެވެ. ކިތަންމެ ހިތްވަރު ކުރަން މަސައްކަތް ކުރި ނަމަވެސް ބިރުވެރިކަން ވަނީ އިންތިހާއަށް ކުރިމަތި ވެފަ އެވެ. ކުރިމަތީ ތިބީ ނުބައިކަމުން ހައްދު ފަހަނައަޅާފައިވާ ޝައިތާނުންތަކެކެވެ. ވުމާއެކު ޖުމާހު ބުނެލާ އެންމެ ބަހަކުން ވެސް އޭނަގެ ދުވަސް ދުއްވާލާކަށް ފަހަކަށް ނުޖެހޭނެ އެވެ.

"ތި ވަރަށް ނުވިސްނާ. ހިނގާ އަހަރުމެންނާ އެކު އަހަރުމެންގެ ދުނިޔެއަށް،" ލަމިޔާ އެދުނެވެ.

"ޖުމާހު ގެއްލުނުތާ ދެ ދުވަސްވި އެވެ. ސަކީބާއަކަށް އެއްވެސް އެއްޗެއް ނުކެވެ އެވެ. ނުނިދެ އެވެ. ޖުމާހަށް ވީ ގޮތެއް ނޭނގިގެން އޮފީހުން މީހުން ގެއަށް އަންނަން ފެށި އެވެ. ފޯނަށް ނުގުޅޭތީ އެ ވާހަކަ ދައްކަން ފެށި އެވެ. ދޭނެ ޖަވާބެއް ސަކީބާއަކަށް ނުވިސްނުނެވެ. މީހާ އިނީ ބޯފަޅައިގެން ދާ ވަރު ވެފަ އެވެ. އެ ވަގުތު ގޭތެރެއަށް އަމީނާ ވަދެގެން އަންނަ ތަން ފެނުނެވެ.

"އަމީނާ،" ސަކީބާގެ ބަޑި ފަޅައިގެން ދިޔަ އެވެ. "މަގޭ ދަރި." އަމީނާ ގައިގައި ބައްދައިގަނެގެން އިނދެ ސަކީބާ ރޮމުން ދިޔަ އެވެ.

"އަސްލު ކިހިނެއްވީ އެ ސޮރަށް؟ ކޮބާ އެ ސޮރު؟" ސަކީބާގެ ބުރަކަށީގައި ފިރުމާލަމުން އަމީނާ އަހާލި އެވެ. ވީ ގޮތް ސަކީބާ ކިޔައިދިނެވެ. ރޮމުން ކަރުނަތައް ފޮހެމުންނެވެ. އަމީނާ އިނީ ހައިރާންވެފަ އެވެ.

"އެކަމަކު ކުއްލިއަކަށް؟ މިހާ ދުވަސް ވީ އިރު އެއީ ޖިންނިއެއް ކަމެއް ސަކީބާމެންނަކަށް އަޅެ ނޭނގުނުތަ؟" އަމީނާ އަހާލި އެވެ.

"މިއޮތީ ނޭނގިފައިތާ! މީހަކު ހުންނަ ގޮތަކުން އެ މީހެއްގެ ހަގީގަތް އެނގޭނެތަ؟ އެ މީހަކު ދެއްކި ސިފައެއްނު އަނެކާއަށް އެނގޭނީ،" ރުއިން ހުއްޓާލެވޭތޯ މަސައްކަތް ކުރަމުން ސަކީބާ ބުންޏެވެ.

"މަންމާ، ޕޮލިހުން އައިއްސި. ދޮންބެ ކޮބާހޯ؟" ރަހުމާ އައިސް އެހެން ބުނުމުން ދެ މީހުންނަށް އެކުގައި ކޮޅަށް ތެދުވެވުނެވެ.

"މަ ބުނާނެ އެއްޗެއް ނެތް. ވީ ގޮތް ތެދަށް ކިޔައިދީ. އެކަމަކު އެ މީހުން ނުކުރާނެ ގަބޫލެއް،" އަމީނާ ބުންޏެވެ.

ބަޝީރާއި ފިރާގުއާ އެންމެން ތިބެގެން، ވީ ހުރިހާ ގޮތެއް ފުލުހުންނަށް ކިޔައިދިނެވެ. ނަމަވެސް ވީ އަމީނާ ބުނިހެންނެވެ. އެ މީހުން ގަބޫލެއް ނުކުރި އެވެ. ސަކީބާމެން ކުރިމަތީގައި މާ ގިނަ ވާހަކައެއް ނުދެއްކި ނަމަވެސް ފުލުހުންގެ ތެރޭގައި އެކަން ވީ ޖޯކަކަށެވެ. ނަމަވެސް ޖުމާހު ގެއްލުނު ކަންތައް ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ފެށުނެވެ. އެންމެ ފަހުން ބައްދަލުވި މީހުންނާއި އެންމެ ފަހުން ދިޔަ ތަންތަން ވެސް ބަލައި ފާސް ކުރި އެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މީޑިއާތަކުގެ ފަލަ ސުރުހީތަކަށް އެ ހަބަރު އެރި އެވެ. އެކި މީހުން ވާހަކަ ދެއްކީ އެކި ގޮތަށެވެ. އާއިލާއިން ދެއްކި ވާހަކަތައް ގަބޫލު ކުރި ބަޔަކު ވެސް އުޅުނެވެ. ނަމަވެސް އަޑި ނޭނގޭ ސިއްރެއް އެކަމުގައި ވާނެ ކަމަށް ބުނާ ބަޔަކު ވެސް އުޅުނެވެ. ކޮންމެއަކަސް މަހެއްހާ ދުވަސް ވީ އިރު ވެސް ޖުމާހުގެ އެއްވެސް ހަބަރެއް ނުވި އެވެ. ތަހުގީގަކަށް އެއްވެސް ބަދަލެއް ނާދެ އެވެ. ނުހިއްލާ ފަތެއް، ނުފުރޮޅާ ގާކޮޅެއް ނެތެވެ. ފަޅު ރަށްތަކާއި ކަނޑުގެ އެކި ހިސާބުތައް ވެސް ފުލުހުން ބެލި އެވެ.

ސަކީބާގެ ހާލު ދުވަހެއް ދުވަހަކަށް ދަށަށް ދާން ފެށި އެވެ. ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހުނެވެ. ބައެއް ފަހަރު އެކަމުގައި ފިރާގު ކުށްވެރިކުރި އެވެ. އެކަން ފިރާގަށް ގަބޫލު ކުރެވުނެވެ. ވާންވީ ވަރަށް ތައްޔާރު ނުވެވުމުން ތަންވަޅުގެ ބޭނުން ޖިންނި ހިފީ އެވެ.

ބައެއް ފަހަރު ސަކީބާ މޮޔަ ވާހަކަ ދައްކަ އެވެ. މީހުން ބުނާ ގޮތުން ދަރިފުޅު ގެއްލުމުން ސަކީބާ ބޯގޮވީ އެވެ. ހޮސްޕިޓަލުން ދޫކޮށްލުމާ އެކު ސަކީބާ ގޮސް އިންނަނީ އަތިރިމަތީގަ އެވެ. ހީވަނީ ޖުމާހުގެ އިންތިޒާރުގައި އިންނަ ހެންނެވެ. ރަހުމާމެން ދައްކާ އެއްވެސް ވާހަކައެއް ގަބޫލެއް ނުކުރެ އެވެ.

އެއް ދުވަހެއްގެ ހެނދުނެވެ. ރަހުމާ ނުކުތީ ފާހާނާއިންނެވެ. ސިއްސައިގެން ގޮސް މީހާ ހޭނެތުނެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް