ވާހަކަ: ވިގަނި

ވާހަކަ

ވާހަކަ: ވިގަނި - ތެއްތިރީސްވަނަ ބައި

12 އޭޕްރީލު 2024

އެޕިސޯޑް 33

"މިހާރު އޭނަ ވިހައިފި،" ފިރާގު ބުންޏެވެ. އެނދުމަތީގައި ލޯ މަރައިގެން އޮތް ޖުމާހަށް ލޯ ހުޅުވައިލެވުނެވެ.

"ކާކު؟ ކިހިނެއް؟" ޖުމާހު ފުންމައިގެން ތެދުވި އެވެ. "އަދި މިވީ އެންމެ ހަތަރު މަސް."

"ޖިންނިންގެ ދަރިފަސްކޮޅަކީ ވަރަށް އަވަހަށް ބޮޑެތިވާ ބައެއް. އިންސާނުންނަން ވުރެ އެ މީހުންގެ އެކަހަލަ ކަންކަން އުޅޭނީ މާ ކުރީގައި. އެބައިމީހުންގެ ދަރިން ހެދިބޮޑުވުމާއި ވިސްނުމުގެ ބައި އަހަރުމެންގެ ދަރިންނަށް ވުރެ ހަތަރު ގުނަ ކުރީގައި އުޅޭނީ. ދުވަސްކޮޅެއް ވާ އިރަށް ހިނގަން ފަށާނެ. ދުވެ، ކުޅެ، ވާހަކަ ދައްކާ އުމުރަށް އަޅަން ވެސް އެހާ އަވަސް ވާނެ،" ފިރާގު ކިޔައިދިނެވެ.

"އެއްވެސް އުނދަގުލެއް ވާ ނަމަ އަހަރެންގެ އަތުގައި ބާރަށް ހިފާލާތި. މީހަކު ފެނުނަސް މަށަށް އެނގިލާތި،" ޖުމާހުގެ ޝަހާދަތް އިނގިލީގައި ހިފަހައްޓަމުން ފިރާގު ގުރުއާން ކިޔަވަން ފެށި އެވެ. ބާރަ މިނެޓް ކިޔެވި އެވެ. ޖުމާހަކަށް އެއްވެސް ކަމެއް ނުވެ އެވެ. އުނދަގުލެއް އަދި ބިރުވެރިކަމެއް ވެސް ނުވެ އެވެ. މީހަކު ވެސް ނުފެނުނެވެ. ޖުމާހު ފުން ނޭވައެއް ބޭރުކޮށްލި އެވެ. އަދި ލޯ ހުޅުވާލި އެވެ. ވަގުތުން ލޯ މަރަން ފިރާގު ބުންޏެވެ. ޖުމާހު ލޯ މެރި އެވެ.

"ލަމިޔާ؟" ޖުމާހަށް ބުނެވުނެވެ.

"ފެނިއްޖެ ދޯ؟ ކޮބާ އޭނަ؟" ފިރާގު ބުންޏެވެ. "އެއްވެސް މީހަކު ކިޔެވުން ނުހުއްޓާތި."

"ލަމިޔާ. ތިއީ... ތިއީ އަހަރެންގެ ދަރިފުޅު؟" ޖުމާހު ލޯ ހުޅުވާލި އެވެ. ކައިރީގައި ލަމިޔާ ހުއްޓެވެ. ކުޑަކުޑަ ދަރިފުޅު އުރާލައިގެންނެވެ. އެންމެންނަށް ވެސް އެ މަންޒަރު ފެންނަމުން ދިޔަ އެވެ. ލަމިޔާ އައީ ކޮން ދިމާލަކުން ކަމެއް ނޭނގުނެވެ. ކުއްލިއަކަށް އެތަނަށް ފާއްދާލީ އެވެ.

"ޖުމާހު. އޭނަގެ ބަސްތަކަށް ނުހެއްލޭތި. އެއީ ހުސް ދޮގު. ހުސް ދަޅަ، ނަމަނަމަ އޭގައި ނުޖެހޭތި،" ޖުމާހަށް ވިސްނައިދެމުން ފިރާގު ބުންޏެވެ.

"އެއީ ދޮގެއް. އެ މީހުން ދައްކާ ވާހަކަ ގަބޫލުނުކުރާތި. އެ މީހުން އެ އުޅެނީ އަހަރުމެން ވަކި ކުރަން،" ޖުމާހުގެ ބޮލުތެރެއަށް އެރެން މަސައްކަތްކުރަމުން ލަމިޔާ ބުންޏެވެ.

"އެއީ ތެދެއްތަ؟ ތިއީ... ތިއީ ޖިންނި..." ޖުމާހުގެ އަރު ބެދޭ ގޮތްވި އެވެ. "ކީއްވެ އަހަރެން؟"

"އަހަރެން ޖިންނިއަކަށް ވުމުން ޖުމާހަށް އުނިވީ ކޮންކަމެއް؟ ބުނެބަލަ،" ލަމިޔާ ބުންޏެވެ.

އެންމެން ތިބީ ލަމިޔާއާ ދިމާލަށް ބަލާށެވެ. ނަމަވެސް ގުރުއާން ކިޔެވުން މަޑުމަޑުން ކުރިއަށް ދިޔަ އެވެ.

"ތިޔަ ކިޔެވުންގަނޑު ހުއްޓާލަބަލަ. މަ މި އައީއެއްނު. ކިހާ ބޮޑު ކަމެއް. ކަންފަތް ހީވަނީ ފަޅައިގެން ހިނގައިދާނެހެން،" ލަމިޔާގެ އަޑުގައި ވަނީ ވަރުގަދަކަމެވެ. ނުކުތީ ވެސް ފިރިހެން އަޑެކެވެ. ލަމިޔާގެ ދެ ލޯ ހުރީ ދިއްލިފަ އެވެ. ހުދު ކުލައިންނެވެ. ޖުމާހު ދިޔައީ ސިއްސައިގެންނެވެ. ލަމިޔާގެ އެ ސިފަ ފެނުމުން ޖުމާހަށް އޮތީ ހަދާލާނެ ގޮތެއް ވެސް ނޭނގިފަ އެވެ. އަތެއް ފަޔެއް ގުޑުވައިނުލާ ބަލަހައްޓައިގެން އޮތީ ގަބޫލު ކުރަން ދަތިވެފަ އެވެ. ލޯބިވާ "އަނބިމީހާ"ގެ އެ ފަދަ ނުބައި ސިފައެއް ފެނުމުން ޖުމާހު ތުރުތުރުއަޅަން ފެށި އެވެ.

"ކަލޭ ކީއްކުރަން ޖުމާހުއާ އަޅައިގަނެގެން ތިއުޅެނީ؟" ފިރާގު އެހި އެވެ.

"ކަލެއަށް ޖަވާބު ދޭން ޖެހޭތަ؟" ރުޅިގަދަވެފައި ލަމިޔާ ބުންޏެވެ. "އަހަރެން މި ވާހަކަ ދައްކަނީ އަހަރެންގެ ފިރިމީހާއާ. އަހަރެންގެ ދަރިފުޅުގެ ބައްޕައާ."

"ތިއީ އަހަރެންގެ އަތްނބެއް ނޫން،" ޖުމާހަށް ބުނެވުނެވެ.

"ތިހެން ބުނެގެން ވަރިވާނީ ކަލޭމެން އިންސާނުންގެ ތެރޭގައި. އަހަރުމެން ތެރޭގައި ވަރިއަކީ އޮންނަ އެއްޗެއް ނޫން. ދެ މީހުން ވަކި ވާނީ އެކަކު މަރުވީމަ،" ލަމިޔާ އޮޅުންފިލުވައިދިނެވެ.

"ތިއީ އަހަރެންގެ ދަރިއެއް ވެސް ނޫން،" ޖުމާހު އޮތީ ވަރަށް ބިރުގަނެފަ އެވެ. ނަމަވެސް ކިޔޭނުކިޔޭ އެއްޗެހި އޮޅުންފިލާ ވަރުވެ އެވެ.

"ދެން ކާކު ދަރިއެއް؟ މިތާ ދައްކަން ނުޖެހޭ ވާހަކަތައް އަހަރެން ކިޔައިދޭންވީތަ؟ މަށެއް ލަދެއް ނުގަންނާނެ އިނގޭ. ލަދުގަންނާނީ ވެސް ހަމަ ކަލޭ،" ލަމިޔާގެ އަޑުގައި ވަނީ ހިތްހަމަނުޖެހުމެވެ. ޖުމާހު ހިތަށް އެރި އެވެ. މިކަމުން ސަލާމަތްވާން ހަދާނީ ކިހިނެއްބާވަ އެވެ؟ ކަންފަތަށް އިވެމުން ދިޔަ އަޑުތަކާއި ލޮލަށް ފެންނަމުން ދިޔަ މަންޒަރުތަކުން ހިތަށް ލިބެމުން ދިޔަ މޮޅިވެރިކަމާއި ބިރުވެރިކަން ބަޔާންކޮށްދޭކަށް ނޭނގުނެވެ.

"އަހަރެން ދޫކޮށްލާފައި ދޭ. ކަލޭ ތިއީ އަހަރެން ދަންނަ މީހެއް ނޫން. ދޭ ދޭ،" ޖުމާހު ދުލަށް އައި އެއްޗެއް ކިޔަމުން ދިޔަ އެވެ.

"އައްދެ. ހާދަ ފިނޑިއޭ ދޯ. ކަލޭ..."

"އޭތް. މިތަނަށް ކަލޭ ގެނައީ ޖުމާހުއާ ވާހަކަ ދައްކާކަށް ނޫން. މަށާ ވާހަކަ ދައްކަން. އޭނަ ދޫކޮށްލާފައި ހަމަ މިހާރު ދޭ. އެހެން ނޫނީ އަންދާ އަޅިއަށް ހަދާލާނަން،" ފިރާގުގެ އަޑުގައި ވަނީ ހަރުކަށިކަމާއި އަމުރުވެރިކަމެވެ.

"ކަލެއަކަށް ނުކުރެވޭނެ އެއްވެސް ކަމެއް،" ލަމިޔާ އެހެން ބުނީ ގަދަކޮށްލާށެވެ. ފިރާގަކީ ކޮން ފެންވަރެއްގެ މީހެއްކަން ލަމިޔާއަށް އެނގެ އެވެ.

"އެހެންތަ ހީވަނީ؟ ކޮންމެހެން މަށާ ޖަދަލުކުރަން ނޫޅޭ. އައި ތަނަކަށް ފެއްސިގެން ދާން އުޅޭ،" ފިރާގު ބުންޏެވެ.

"ބަލަ އަހަރެން މި ގެއަށް ގެނައީ ޖުމާއޭ. ދޯ ޖުމާ،" ވަރަށް ލޯބިން ލަމިޔާ ބުންޏެވެ. ޖުމާހު ލޯ ބޮޑުކޮށްލި އެވެ.

"ހަނދާންވޭތަ އެއް ރޭ މަޣްރިބު ނަމާދުން ޖުމާ އަންނަނިކޮށް ގަހެއްގެ ކައިރީ އަހަރެން ހުރީމެއްނު. ޖުމާ ހީކުރީ ރަހުމާ ކަމަށް. އަހަރެން ގާތު ބުނީ ހިނގާށޭ ގެއަށް. އެ ރޭ ޖުމާގެ ކޮނޑަށް އަރައިގެން އަހަރެން އައީ. ހަނދާން ވެއްޖެތަ؟" އެ ވާހަކަތައް ލަމިޔާ ދެއްކުމުން ޖުމާހު ހައިރާންވި އެވެ. "އޭގެ ފަހުން ދެން އަހަރުމެން ބައްދަލު ކުރަނީ ތުނޑިން ދޯ؟"

އެ މީހެއް ދެކެ ޖުމާހަށް ހަގީގީ ލޯބި ވެވުނު އަދި ފުރަތަމަ ލޯބިވެރިއަކީ ޖިންނިއެއް ކަމަށް ގަބޫލުކުރަން ޖުމާހަށް އުނދަގޫވި އެވެ.

"އަހަރުމެންނަކީ ގިނަ ފަހަރަށް ދައުވަތު ދީގެން މީހުންގެ ގޭގެއަށް ވަންނަ ބައެއް. މީހުންގެ ދިރިއުޅުމަށް ވަންނަނީ ވެސް އެ ޖާގަ އެ މީހުން ދިނީމަ. އަހަރުމެންނަކީ ކަލޭމެންހެން ކުރާނެ ކަމެއް ނެތިގެން ލާހޫރޭ ބައެއް ނޫނޭ،" ފިރާގުއާ ދިމާލަށް ބަލާލަމުން ލަމިޔާ ބުންޏެވެ.

"ދެނެއް ކަލޭމެންނަކަށް މަށާ ޖުމާއާ ވަތްކެއް ނުކުރެވޭނެ. އަހަރެން މި އައީ އޭނަ ބަލާ. އަހަރުމެންގެ ދުނިޔެއަށް އޭނަ ގެންދާނަން. ކަލޭމެން ދަރިންތައް ވިހާފައި އުކާހެން އަހަރުމެން ނުކުރަމޭ އެކަހަލަ ކަންތަކެއް،" ޖުމާހުގެ އަތުގައި ލަމިޔާ ހިފި އެވެ.

"މަގޭ ދަރި،" ސަކީބާއަށް ބުނެވުނެވެ. އަތުގެ އިޝާރާތުން ހަމަޖެހުމަށް ފިރާގު ބުންޏެވެ.

"ކަލޭމެން އުޅޭ ގެއަށް އަހަރުމެން ވައްދަނީ ވެސް ދައުވަތުދެނީ ވެސް ކަލޭމެން އަމިއްލައަށް. ފާޑުފާޑު ފާސިދު ފިލްމުތައް ބަލާ، ލަވަތައް ކިޔާ އަޑުއަހާ، އައުރަ ނިވާ ނުކޮށް ގަސް ގިނަ ތަންތަނުގައި އުޅެ ހަދަނީ ވެސް ކަލޭމެން. އެކަހަލަ ކަންކަމަކީ އަހަރުމެން އެންމެ ގަޔާވާ ކަންކަން،" ލަމިޔާގެ މޫނުމަތިން ފެންނަމުން ދިޔަ ރުޅިވެރިކަން މަލާމާތަށް ބަދަލުވި އެވެ.

"ދެން ތި ބުނަނީ ފެއްސިގެން ދާށޭ. ބަލަ ކަލޭމެން އަމިއްލައަށޭ އަހަރުމެންނަށް ދައުވަތު ދެނީ. އެހެން ނޫނަސް އަހަންނަށް އެނގޭ އަހަރެން ދެކެ ޖުމާ ކިހާ ލޯބިވާކަން. އަހަރެން ޖުމާ ދޫކޮށްލާފައި ދާކަށް ބޭނުމެއް ނުވާނެކަން. އެހެންނު؟" ޖުމާހުއާ ދިމާލަށް ބަލާލަމުން ލަމިޔާ ބުންޏެވެ.

"އަހަރެން ލޯބިވީ އިންސާނެއް ކަމަށް ހީކޮށް. އަހަރެންނަކަށް ނޭނގެ ތިއީ..." ޖުމާހަށް ވާހަކަ ދައްކަން އުނދަގޫވި އެވެ.

"މިއީ ޖިންނިއެއް ކަމެއް،" ލަމިޔާގެ ދެ ލޮލުން އަލި ކަނޑައިގެން ދިޔަ އެވެ. އެ ވަގުތު ޖުމާހު ވަރަށް ބިރުގަތެވެ.

"ކަލޭ ތި ދައްކާ ދަޅަތަކަށް އަހަރުމެން ބިރެއް ނުގަނޭ އިނގޭ. ހައްޔަރު ނުކުރަނީސް މިތަނުން ސަލާމަތްކަން ހޯދައިގެން ދާން އުޅޭ. އެހެން ނޫނީ އިސްލާމްވޭ،" ޖިންނިންނާ މުހާތަބު ކުރުމުގައި ފިރާގު ގެންގުޅޭ އުސޫލުތައް އެއްގޮތެވެ. ފުރަތަމަ ވެސް ބުނަނީ އެ މީހަކު ނުވަތަ ބަޔަކު ދޫކޮށް ދިޔުމަށެވެ. އެގޮތަށް އެއްބަސް ނުވެއްޖެ ނަމަ ދެން ދައުވަތު ދެނީ އިސްލާމްދީން ގަބޫލުކޮށް ހެޔޮ މަގުން ހިނގުމަށެވެ. އެންމެ ފަހު ކަމަކަށް ދެނީ އިންޒާރެވެ. މަރާލާނެ ކަމަށް ނުވަތަ ހައްޔަރު ކުރާނެ ކަމަށް ފިރާގު ބުނެ އެވެ.

"ތިއީ އެއްވެސް ގޮތެއް ނޫން. ދެމަފިރިން ދޭތެރެއަށް ވަންނާކަށް އެއްވެސް މީހަކަށް ހައްގެއް ނޯންނާނެ. ޖުމާ. ހަނދާންކޮށްބަލަ، މަށާ އިންނާނަން ކަމަށް ވައުދުވެ އަތާއި އަތް ޖެހީމެއްނު. އެ ރެއިން ފެށިގެން އަހަރެން މިއީ ޖުމާގެ އަންހެނުން،" ދެރަވެފައި ޖުމާހަށް ބަލާލަމުން ލަމިޔާ ބުންޏެވެ. ޖުމާހު އޮތީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ. އަތްފައި ފިނިވެ މީހާގެ ހަށިގަނޑު ގަނޑުވާން ފެށި އެވެ. ސިކުނޑީގެ ހުރިހާ ދޮރެއް ލެއްޕުނެވެ. އެންމެ ދޮރެއް ފިޔަވަ އެވެ. ހުޅުވިފައިވާ ދޮރު ކުރިމަތީ އޮތީ އެންމެ ސުވާލެކެވެ. މިކަމުން ސަލާމަތްވާނީ ކިހިނެއް ހެއްޔެވެ؟

"ކަލޭމެން ތެރޭގައި ހެކިންނާއި ގާޒީ މެދުވެރިވެގެން ކައިވެނި ހަފުލާތައް ބޭއްވިޔަސް އަހަރުމެން ތެރޭގައި އެފަދަ ހުވާ އަހުދުތައް ވެއްޖެ ނަމަ އެ ކައިވެނި ކުރެވުނީ. ދެން މަށާއި މަގޭ ފިރިމީހާއާ ދުރު ކުރަން ހިތަށް ވެސް ނާރުވާތި،" ފިރާގުއާ ދިމާލަށް ބަލާލަމުން ލަމިޔާ ބުންޏެވެ.

ކުއްލިއަކަށް މުޅި މާހައުލަށް ދުންތަކެއް ވަންނަން ފެށި އެވެ. އަންނަނީ ކޮން ދިމާލަކުން ކަމެއް ނޭނގެ އެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް