ވާހަކަ: ވިގަނި
އެޕިސޯޑް 32
ނުދަންނަ މީހަކު ކުއްލިއަކަށް ޖުމާހުގެ އަންހެނުންނާ ބެހޭގޮތުން ސުވާލު ކުރުމުން ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ވެރިވި އެވެ.
ޖުމާހު ބަލާލީ ސަކީބާއާ ދިމާލަށެވެ. އިޝާރާތުން ޖަވާބު ދިނުމަށް ސަކީބާ ބުންޏެވެ. ޖުމާހު އިތުރަށް ފޫހިވީ މަންމަ އެކަމުގައި ބައިވެރިވީމަ އެވެ.
"ލަމިޔާ ދިޔައީ އޭނަ މަންމަމެން ރަށަށް،" ފަރުވާލެއްނެތި ޖުމާހު ބުންޏެވެ. ފިރާގުއާ ދިމާލަށް ނުވެސް ބަލަ އެވެ.
"އެއީ ކޮން ރަށެއް؟" ފިރާގު އަނެއްކާވެސް ސުވާލެއް ކުރި އެވެ.
"ކިހިނެއް ވެގެންތަ މި އުޅެނީ؟ މިއީ ކީއްކުރަން މި ގެއަށް ގެނެސްގެން އުޅޭ މީހެއް؟" ކޮޅަށް ތެދުވަމުން ޖުމާހު ބުންޏެވެ.
"ދަރިފުޅާ ހަމަޖެހިބަލަ. މިތާ އިށީނދެބަލަ. މިއީ ފިރާ..."
"އޭނަގެ ނަމެއް ނޫނޭ މި އަހަނީ. ކީއްކުރަން މި ގެއަށް ގެނައި މީހެއްހޭ،" ކެތްތެރިކަން ކޮޅުންލުމުން ޖުމާހު ބުންޏެވެ.
"މަންމަ މި ބުނަނީއެއްނު އިށީންނާށޭ،" ޖުމާހު ހައިރާންވި އެވެ. ސަކީބާ ދުވަހަކުވެސް އެކަހަލަ ގޮތަކަށް ޖުމާހުއާ ވާހަކަ ނުދައްކާތީ އެވެ. ޖުމާހު މަޑުމަޑުން އިށީނެވެ. ސަކީބާ ވާހަކަ ދެއްކީ މަޑުމަޑުންނެވެ. ތަންކޮޅެއް ދުރުދުރުން ގޮސް ސަކީބާ ބޭނުންވި މިސްރާބަށް ވާހަކަ ބަދަލުކޮށްލި އެވެ.
"މިއީ ރުގްޔާ ކުރާ މީހެއް. އަހަރުމެން ހުރިހާ އެންމެން އެކަހަލަ ކަމަކުން ސަލާމަތްކުރަން ފިރާގު މި ގެނައީ. ހާއްސަކޮށް ދަރިފުޅު،" ސަކީބާ ބުންޏެވެ.
"އަހަރެންނޭ؟ އަހަރެން ކޮން ކަމަކުން ސަލާމަތްކުރަން؟" ހައިރާންވެފައި ޖުމާހު އެހި އެވެ.
"އަހަރެން ބުނާ އެއްޗެއް ޖުމާހަށް ގަބޫލު ނުކުރެވިދާނެ. އަހަރެން ދެކެ ވަރަށް ރުޅި ވެސް އައިސްދާނެ. އެކަމަކު ކަނުލައި އަޑުއަހާތި،" ހިކުމަތްތެރިކަމާ އެކު ފިރާގު ވާހަކަ ދެއްކި އެވެ. "ޖުމާހު އިނދެގެން ތި އުޅެނީ ޖިންނިއަކާ."
ބަޝީރު އާއި ސަކީބާ ތިބީ ނޭވާ ހިފަހައްޓާލައިގެންނެވެ. ޖުމާހުގެ ހަރަކާތަކަށް ބަލަހައްޓައިގެންނެވެ. ކުއްލިއަކަށް ޖުމާހު ހޭން ފެށި އެވެ. އެންމެން އެކަމާ ހައިރާންވި އެވެ. ފިރާގު ފިޔަވަ އެވެ.
"އަހަރެން ރުޅިއެއް ވެސް ނާދޭ. ހައިރާނެއް ވެސް ނުވޭ،" ހެމުން ހެމުން ޖުމާހު ބުންޏެވެ. "އެކަމަކު ވަރަށް ހިނި އާދޭ."
"ދަރިފުޅާ، އެއީ ތެދެކޭ، ގަބޫލުކޮށްބަލަ،" ތަންކޮޅެއް ބާރަށް ސަކީބާ ބުންޏެވެ.
"ކޯއްޗެއްތަ މަންމާ. ހަމަ ތަނަކުން މީހަކު އައިސް ބުނާހާ އެއްޗެއް ޖެހޭތަ ގަބޫލު ކުރަން؟" ހިތްހަމަނުޖެހިފައި ޖުމާހު ބުންޏެވެ. "މަށަށް ވެސް ދެން ޖިންނިންނާއި އިންސިން ވަކި ކުރަން އެނގޭނެއެއްނު."
"މިފަހަރު ތި އޮތީ ނޭނގިފައިތާ!" ފިރާގު ބުންޏެވެ.
"އެންމެ ރަނގަޅު. ލަމިޔާ ގުރުއާން ކިޔަވަނިކޮށް ދުށިންތަ؟ ނަމާދެއް ކުރަނިކޮށް ދުށިންތަ؟" ފިރާގު ސުވާލު ކުރި އެވެ. "ނުދެކެން ދޯ؟"
ޖުމާހު ވިސްނާލި އެވެ. އެއީ ތެދެކެވެ. މިވީހާ ތަނުގައި ދުވަހަކުވެސް ނަމާދުކޮށް ގުރުއާން ކިޔަވަނިކޮށެއް ޖުމާހު ނުދެކެ އެވެ.
"އޭނަ އުޅޭ ރަށެއް، އުޅޭ ތަނެއް، އާއިލާ މީހަކާ ބައްދަލުވިތަ؟" ފިރާގު އަހާލި އެވެ. ޖުމާހަށް އެއްވެސް ސުވާލަކަށް ޖަވާބެއް ނުދެވުނެވެ. ގަބުވެފައި އިނީ އެވެ.
ފިރާގު ވަރަށް ގިނަ ސުވާލު ކުރި އެވެ. ލަމިޔާއާ ބެހޭ ގޮތުން ގިނަ މައުލޫމާތުތަކެއް އޮޅުންފިލުވި އެވެ. ނަމަވެސް ލަމިޔާއާ ބެހޭގޮތުން ޖުމާހަށް އެނގެނީ އެންމެ ޕަސެންޓެއްހެން ޖުމާހަށް ހީވި އެވެ. ޖުމާހަށް ގަބޫލު ކުރެވޭހާ ގިނަ ވާހަކަ ފިރާގު ކިޔައިދިނެވެ.
އިންސާނުން ފަދައިން ޖިންނިންނަކީ ވެސް އެކި ދީންތަކަށް ތަބާވެގެން އުޅޭ ބައެކެވެ. ކާފަރު ޖިންނިންގެ ކާފަރުކަން ވެސް ހުންނަނީ އެކި މިނުގަ އެވެ. އިންސާނާގެ ނުބައިކަން އިތުރުވާ ވަރަކަށް އިންސާނާއާ އަވަލާން ޖިންނިންނަށް ފަސޭހަވާނެ އެވެ. ނުބައި ކަންކަމާއި މުންކަރާތްތަކަށް އަރައިގަންނަ މީހުންނަށް ޖިންނިން ގޯނާ ކުރެ އެވެ. ޖިންނި އަޅައިގަންނަނީ މީހަކު ހަދާ ސިހުރަކުން އެކަންޏެއް ނޫނެވެ. ނުވަތަ ހަމައެކަނި ޖިންނިއަކަށް އަނިޔާއެއް ނުވަތަ ގޯނާއެއް ކޮށްގެންނެއް ވެސް ނޫނެވެ. އިންސާނުންނަށް ވާ ގޮތަކީ ގަޔާވާ ނުވަތަ ކަމުދާ އެއްޗެއް ފެނުމުން އެ ހާސިލްކުރަން އަހަރުމެން ބޭނުންވެ އެވެ. ޖިންނިންނަށް ވެސް ވަނީ އެކަހަލަ ގޮތެކެވެ. އެ ސޮރުމެން މާ ގަޔާވާ ނުވަތަ ހިތް ކިޔާ ކަހަލަ މީހަކު ފެނުމުން އަވަލަަ އެވެ.
ބައެއް ޖިންނި ޝައިތޯނުން ކުރާ ކަމަކީ ކައިރީގައި އުޅެމުން ނުބައި ވަސްވާސް ދިނުމާއި މީހާ މަގު ފުރެއްދުމެވެ. އިންސާނާގެ ސިކުނޑި އާއި ވިސްނުމާ ކުޅުމަކީ އެސޮރު ކުރާ ހިތުން ކުރާ ކަންކަމެވެ. އައޫޒު ކިޔުމުން ކުޑަ ހިނދުކޮޅަކަށް ދުރަށް ދިޔަ ނަމަވެސް އަނެއްކާ ކުރެވޭ ވިޔާނުދާ ކަމެއްގެ ސަބަބުން އެ ސޮރު އާދެ އެވެ. ގިނަ ފަހަރު ވާ ގޮތަކީ އިންސާނާއާ އަވަލަނީ ކުޑަކުޑަ އެންމެ ޖިންނިއެކެވެ. ނަމަވެސް އޭނަގެ ބަހަށް ހެއްލި އިންސާނާ ހަލާކުގެ ތެރެއަށް ދާން ބޭނުންވެއްޖެ ނަމަ ޖިންނިން އިތުރުވެގެން ދެ އެވެ. ކިތަންމެ ނުބައި ކަމަކަށް ވަސްވާސް ދިން ކަމުގައި ވިޔަސް، އެ ހާލަތުގައި އިންސާނާ އެކަމެއް ކުރާނެ އެވެ. އެއީ އެފަދަ މީހުންގެ ސިކުނޑީގެ ކޮންޓްރޯލް އޮންނާނީ ޖިންނިޝައިތޯނުންގެ މުށުތެރޭގައި ކަމަށް ވާތީ އެވެ. ދީނީ ކަންކަން ކުރުން އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓޭނެ އެވެ. މީހާ މަގުފުރެދި ހެއްލުމުގެ ނުބައި މަގުން ހިނގަން ފެށުމާ އެކު ބޮޑެތި ފާފަތަކަށް އަރައިގަތުމަށް ނަސޭހަތްދޭން ފަށާނީ ބޮޑެތި ޖިންނިންނެވެ.
ފިރާގު ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަން ތިބީ އެ ތިން މީހުން އެކަންޏެއް ނޫނެވެ. ދޮރުން ބޭރުގައި އަމީނާ ވެސް ހުއްޓެވެ. އެ މަންޒަރު ސަކީބާއަށް ފެނުމުން އެތެރެއަށް އައުމަށް ބުންޏެވެ.
"ކަމާ ނުބެހޭ މީހުން މި ކަހަލަ ކަންކަން ތެރެއަށް ވެއްދުމަކީ އެދެވިގެންވާ ކަމެއް ނޫން،" ފިރާގު ވަގުތުން ބުންޏެވެ. އަމީނާ އަވަސް އަވަހަށް ނުކުމެގެން ދިޔަ އެވެ. ނަމަވެސް އެތަނުގައި ދެއްކި ހުރިހާ ވާހަކައެއް އަމީނާގެ ކަންފަތުގައި ހަރުލި އެވެ. އޭނާގެ ގެއަށް ވަން އިރު ވެސް އެކި ދިމަދިމާލަށް ބަލަމުން ދިޔަ އެވެ.
"މަންމާ،" ލަމިޔާ ގޮވާލި އެވެ.
"މަށަށް ނުގޮވާ. މަ ބުނެގެން ކޮށްގެން އުޅޭ ކަމެއް ނޫން ތިއީ. އެކަމަކު މިހާރު އެ މީހުން ކުރާ ކަންތައް ކަލެއަށް ވެސް އެނގޭނެ،" ހިތްހަމަނުޖެހިފައި އަލައިނާ ބުންޏެވެ.
"އެކަމަކު މި ދަރިފުޅަކީ..."
"ތިޔަ ދަރިފުޅަކީ ކަލޭގެ އެކަނި ދަރިއެއް. ކަލޭގެ ހަގީގަތް އެނގުނީމަ ތިޔަ ޖުމާހެއް ވެސް ކަލެއާ ވަޔެއް ނޭޅޭނެ،" އަލައިނާ ބުންޏެވެ. ހިނިތުންވެފައި ޖޫލިއަސް ދުރުގައި ހުއްޓެވެ.
ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ލަމިޔާ ވިހެ އެވެ. ފިރިހެން ކުއްޖެކެވެ. ނަމަވެސް މުޅި ހަށިގަނޑުގައި ހުރީ ކެހެރި އެވެ. ލޯ ވަރަށް ބޮޑެވެ. އަނގަ އެހާ ކުޑަ އެވެ. އަތް ވަރަށް ދިގެވެ. ފައި ކުރެވެ. ހަށިގަނޑު ހިމަ އެވެ. ދިގު ނިގުލެއް ވެސް ކުއްޖާގެ އޮތެވެ. ހީވަނީ ރާމާމަކުނެއް ހެންނެވެ.
"ކަލޭ ކީކޭ ކިޔާފައި ތިޔަ ކުއްޖާ އޭނައަށް ދައްކާނީ؟" އަލައިނާ ބުންޏެވެ.
"މިހެން،" ލޯބިލޯބި ސިއްހަތު ރަނގަޅު އިންސާނެއްގެ ސިފައަށް އެ ކުއްޖާ ބަދަލުކޮށްލަމުން ލަމިޔާ ބުންޏެވެ.
އަލައިނާ ހައިރާނެއް ނުވެ އެވެ. ލަމިޔާގެ ކިބައިގައި ހުރީ ގޮތްދޫނުކުރުމާއި މަކަރު ހެދުމެވެ. އަލައިނާއަށް ކުރާ އިހުތިރާމް ވެސް ކުޑަ ވެއްޖެ އެވެ. އެކަން ލަމިޔާގެ އުޅުމުންނާއި ދައްކާ ވާހަކައިން އެނގެ އެވެ. ދުރުގައި ހުރި ޖޫލިއަސް ލަމިޔާ ގާތަށް އަ އެވެ.
"މަންމާ، އަބަދަކު ތިހެން އޮޅުވާލައިގެނެއް ނޫޅެވޭނެއެއްނު. ކޮންމެވެސް ދުވަހަކުން ތިކަން ވެސް ފަޅާއަރާނެ،" ރުޅި ކޮންޓްރޯލް ކުރަމުން ޖޫލިއަސް ބުންޏެވެ. "ތި ކުއްޖާ ދީ އެ މީހުންނަށް."
"ތިހެން ތި ބުނީ އެންމެ ފުރަތަމަ އަދި ފަހު ފަހަރުކަން ހަނދާން ބަހައްޓާތި،" ލަމިޔާގެ އަޑުގައި ހުރި ބާރަކަށް ހަޅޭއްލަވައިގަތެވެ. ޖޫލިއަސްގެ މޫނުމަތީގައި ޖަހަން އަތް ވެސް ހިއްލާލި އެވެ. ޖޫލިއަސްއަށް ރޮވޭ ގޮތްވި އެވެ. އެހާ ރުޅި ވެސް އަ އެވެ.
"މަންމަ ދުވަހަކު ވެސް ނުކުރާ ކަމެއް ތިޔަ ކުރީ. ތި ކުއްޖާއާ ހެދި އަހަރުމެން ދެކެ މަންމަ ލޯތްބެއް ނުވޭ،" ދުވަމުން ކަހަލަ ގޮތަކަށް އެތަނުން ނުކުންނަމުން ޖޫލިއަސް ގޮވައިގަތެވެ.
"މަންމާ، އަހަރެން ކިހިނެއްތަ ހުރިހާ ކަމަކާ ހަނގުރާމަ ކުރާނީ؟" ދެ ފަރާތަށް ބޯ ހޫރާލަމުން ލަމިޔާ ބުންޏެވެ.
"ވީހާވެސް ގިނައިން ހޮޅިބުރިތައް ދިއްލާފައި ބަހައްޓާ. އެންމެން ވެސް ޔާސީން ސޫރަތާއި ތޯހާ ސޫރަތް ކިޔަވާތި،" ފިރާގު ބުންޏެވެ. އެތަނުގައި އެ ވަގުތު ތިބީ ފިރާގާއި ބަޝީރު އާއި ޒިލާލުގެ އިތުރުން ސަކީބާ އެވެ. ޖުމާހު އޮތީ އެނދުގައި އޮށޯވެލައިގެންނެވެ.
"މަންމާ، އަދިވެސް އަހަރެންނަށް ގަބޫލުކުރަން އުނދަގޫ،" ބިރުން އޮތް ޖުމާހު ބުންޏެވެ.
"ދަރިފުޅު މަޑުން އޮވެބަލަ. މިރޭ ތިކަން ކޮންމެވެސް އެއްކޮޅެއްގައި ޖެހޭނެ،" ޔަގީންކަމާ އެކު ސަކީބާ ބުންޏެވެ. ޖުމާހު ލޯ މަރާލި އެވެ.
"މިހާރު އޭނަ ވިހައިފި،" ފިރާގު ބުންޏެވެ. އެނދުމަތީގައި ލޯ މަރައިގެން އޮތް ޖުމާހަށް ލޯ ހުޅުވައިލެވުނެވެ.
- ނުނިމޭ -