ވާހަކަ: ވިގަނި

ވާހަކަ

ވާހަކަ: ވިގަނި - އެއްތިރީސްވަނަ ބައި

10 އޭޕްރީލު 2024

އެޕިސޯޑް 31

އޭރު ދޮރުދަށުން މީހެއްގެ ހިޔަނި ލަމިޔާއަށް ފެންނަމުން ދިޔަ އެވެ.

"ހަމަ ހިލާ އެހެންވިޔަކަ ނުދޭނަން،" ޔަގީންކަމާ އެކު ޖުމާހު ބުންޏެވެ. "އެކަމަކު ލަމިޔާ ކީއްވެ ތިހެން ތި ބުނީ؟"

"އެއީ ވެދާނެ ގޮތެއް. މީހުންގެ ބަދު ދުއާތަކާއި ބަދު ބަސްތަކުން ޖެހޭނެ އަހަރުމެން ސަލާމަތްވާން. އެހެން ނޫނީ ދަރިފުޅަށް ކޮންމެ ފަދަ ގޮތެއް ވެސް ވެދާނެ،" ވިސްނާލާ ކަމަށް ހެދެމުން ލަމިޔާ ބުންޏެވެ. "އަދި އެއް ވާހަކަ."

"އަހަރެން ބޭނުންވަނީ ވިހަން މަންމަ ކައިރިއަށް ދާން. އެކަމަކު އެ ގޮތް ޖުމާ ވެސް ބޭނުން ވަންޏާ،" ޖުމާހުއާ ދިމާލަށް ބަލައިލަމުން ލަމިޔާ ބުންޏެވެ. ޖުމާހު އެއްވެސް އެއްޗެއް ނުބުންޏެވެ.

"އަހަރެން އަދި ދުވަހަކުވެސް ޖުމާހު ގާތު ކަމަކު ނުކިޔަން. މިކަމަށް އެއްބަސް ވެއްޖިއްޔާ ވަރަށް އުފާވާނެ."

"އެންމެ ރަނގަޅު. ލަމިޔާ ބޭނުންވާ ކޮންމެ ގޮތަކީ އަހަރެން ވެސް ބޭނުންވާ ގޮތް،" އަސްލު ބޭނުންވާ ގޮތް ބާއްވާފައި ޖުމާހު ބުންޏެވެ. ޖުމާހު ދެކޭ ގޮތުގައި ފުރަތަމަ މާމަ ދަރި ލިބޭ އިރު ސަކީބާ ވެސް ގާތުގައި ހުންނަން ބޭނުންވާނެ އެވެ. ނަމަވެސް މަސްލަހަތަށްޓަކައި އެ ވަގުތު އެހެން ނުބުނީ އެވެ.

ޒިލާލު އައިސް ރަހުމާމެންގެ ގެއަށް ވަން ވަގުތެވެ. އުނދޯލީގައި މީހަކު އިނެވެ. އެ ދިމާ ބޮކި ހުރީ ނިވާލާފަ އެވެ. ޒިލާލު ހީކުރީ ސަކީބާ ކަމަށެވެ.

"ދައްތާ! ކޮބާ ރަހޫ؟" ޒިލާލު އަހައިލި އެވެ. އުނދޯއްޔާ ކައިރިވަމުން ދިޔަ ވަރަކަށް އެއީ ސަކީބާ ނޫންކަން ޒިލާލަށް ގަބޫލު ކުރެވުނެވެ.

"ރަހޫތަ؟ ނޭނގޭނެއެއްނު. ކީއްވެތަ މިތަން އެހާ އަނދިރިކޮށްގެން ތި އިންނަނީ؟" ބޮކީގެ ސްވިޗް އިންނަނީ ގޭގެ ފާރުގެ ބޭރު ފަޅީގަ އެވެ. ޒިލާލު ސްވިޗް ޖައްސާލި އެވެ. ޒިލާލު ދިޔައީ ސިއްސައިގެންނެވެ. އުނދޯލީގައި އެއްވެސް މީހަކު ނެތެވެ. އެ ވަގުތު އަނެއްކާވެސް ބޮކި ނިވުނެވެ. ހަމަ އެ ވަގުތު އެ ހިޔަނި ފެންނަން އިނެވެ. އުނދޯލި މަޑުމަޑުން ހެއްލެމުން ދިޔަ އެވެ. ޒިލާލު އަނެއްކާވެސް ބޮކި ދިއްލި އެވެ. މީހަކު ނުފެނެ އެވެ. އުނދޯލި ހެއްލެ އެވެ. ބޮކި ދިއްލަން އުޅެއުޅެ ބޮތްކެއް ނުދިއްލުނެވެ. ޒިލާލު މަޑުމަޑުން ފަހަތަށް ޖެހެމުން ދިޔަ އެވެ. ހަށިގަނޑުގައި މީހަކު ޖެހުނު ކަމުގެ އިހުސާސް ކުރެވުނެވެ. ފަހަތް ބަލާލާކަށް ނުކެރުނެވެ. ދުއްވައިގަންނާކަށް ވެސް ނުކެރުނެވެ.

"ކަލޭ ވެސް މަރާލާނަން،" ކަންފަތް ކައިރިން ވަރަށް ބާރަށް އެހެން ކިޔާފައި ހޭރިގަތް އަޑު އިވުނެވެ. ހީވަނީ ސިންގާއެއްގެ އަޑު ހެންނެވެ. އެހާ ވެސް ބާރެވެ. ޒިލާލުގެ މުޅި ހަށިގަނޑު ފިނިވެގެން ދިޔަ އެވެ. ލޮލުގެ ކަޅި ވެސް ހަރަކާތްކޮށްލަން ނުކެރުނެވެ.

"ޒިލާލު، އޭތް" ކުރިމަތިން ފެންނަން ހުރީ ރަހުމާ އެވެ. ޒިލާލަށް ޔަގީންކޮށްލަން އުނދަގޫވި އެވެ. އެއީ ހަމަ އަސްލު ވެސް ރަހުމާބާވައޭ ހިތަށް އެރި އެވެ.

"ކިހިނެއްވެފައިތަ ތި ހުންނަނީ؟" ރަހުމާ އައިސް ޒިލާލުގެ އަތުގައި ހިފި އެވެ. ޒިލާލު މަޑުމަޑުން ކުރުސި ކިޔަމުން ދިޔަ އެވެ. "ހާދަ ފިނިވެފައި ތި ހުރީ؟"

ރަހުމާ އާއި ޒިލާލު ގޭތެރެއަށް ވަނެވެ. އަދި ވީ ގޮތް ރަހުމާއަށް ޒިލާލު ކިޔައިދިނެވެ. ރަހުމާ ވެސް އިނީ ބިރުގަނެފަ އެވެ. ފިރާގު ކިޔައިދިން ހުރިހާ ވާހަކައެއް ވެސް ވަރަށް ތަފުސީލުކޮށް ކިޔައިދިނެވެ.

"އަނެއްކާ މި ގަޑީގައި އެ ލަމިޔާ އެބަ އުޅޭތަ؟" އެކި ދިމާލަށް ބަލާލަމުން ޒިލާލު ބުންޏެވެ.

"ނޭނގެ. ޖިންނިއެއް ވިއްޔާ ކޮންމެ ތަނަކު ވެސް ހުރެދާނެ،" ޒިލާލުގެ އަތުގައި ހިފަމުން ރަހުމާ ބުންޏެވެ. "އަޅެ ދެން ކިހިނެއް ހަދާނީ؟"

"ފިރާގު ބުނީ ސަލާމަތްކޮށްދޭނަމޯ. އަހަރުމެން ވެސް ދެން އުޅެން ވާނީ ވަރަށް ބަލައިގެން. ދަންވަރާއި އިރާދަމު ފަޅު ތަންތަނަށް ގޮސް ހަދާކަށް ނުވާނެ. ބަރާބަރަށް ނަމާދުކޮށް ހެނދުނާއި ހަވީރުގެ ޒިކުރުތައް ކިޔަން އާދަ ކުރަންވާނެ،" ޒިލާލުގެ އަޑުގައި ވަނީ ކަންބޮޑުވުމެވެ.

ސަކީބާ އާއި ބަޝީރު ސަލާމް ގޮވައިލި އެވެ. ސަލާމް ބަލައިގަތީ ފިރާގު އެވެ.

"ގަޑިއަށް ވަރަށް ފަރުވާތެރި،" އިށީންނަށް ޖޯލި ދައްކާލަމުން ފިރާގު ބުންޏެވެ.

"އަހަރެން ހަނދާން ނެތުނީ ވާހަކައެއް ބުނަން،" ބަޝީރަށް ބަލާލަމުން ސަކީބާ ބުންޏެވެ.

"ކޮން ވާހަކައެއް؟" ފިރާގު އެހި އެވެ.

"ޖުމާހު މިހާރު ފާޑަކަށް އުޅެނީ. އަހަންނަށް ހީވަނީ އަހަރެމެން ކަމެއް ކުރަން އުޅޭކަން ލަމިޔާގެ ފަރާތުން އެނގިއްޖެހެން،" ތުރުތުރު އަޅާ އަޑަކުން ސަކީބާ ބުންޏެވެ.

ފިރާގުގެ މޫނުމަތިން ކަންބޮޑުވުމުގެ އެއްވެސް އަސަރެއް ނުފެނުނެވެ. އެއީ ސަކީބާ އުންމީދުކުރި ގޮތެއް ނޫނެވެ.

"ތިކަން ތިހެން ވާނެކަން މަށަށް އޮތީ ޔަގީންވެފައި. ޖިންނިން ބަލާނެ އިންސާނުން އަޅުވެތި ކުރެވޭތޯ. އެކަމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ. އެއީ ޖަނަވާރުންގެ އުސޫލު ގެންގުޅޭ ބައެއް. ކަޅު ހަރުފަ އާއި ކަޅު ކުއްތާ ފަދަ ތަކެތީގެ ސިފައިގައި ވެސް އުޅޭނެ. އުފުލައި ގެންގުޅޭ އެއްޗެހީގެ އަސްލު ގެއްލުވާލާފައި އިހު ހުރި ގޮތަށް ރުޖޫއަ ކުރުމުގެ ބާރު ލިބިގެން ވަނީ އިފުރީތުންނަށް. އިންސާނުންގެ ބުއްދިއާ ކުޅެ، ކުރީގެ ހަނދާންތައް ތިލަކޮށް މީހާގެ ސިކުނޑި ހަރާބު ކޮށްލަނީ ވެސް އެބައިމީހުން،" ފިރާގު ވާހަކަ ކުރިއަށް ގެންދިޔަ އެވެ.

"ބައެއް ފަހަރު އަންހެން ޖިންނިން އަވަލެވުމުން މީހާގެ މިޒާޖަށް ވަރަށް ބޮޑެތި ބަދަލު އާދޭ. ހަރަކާތްތައް ލޫޅާފަތިވެފައި މީހާގެ މިޒާޖު އަންހެންވަންތަވޭ. ވާހަކަ ދެއްކުމުގެ ރާގާއި ހުނުމުގައި ހުންނަ ގޮތްތައް ބަދަލުވޭ. ރީތި ބަހުރުވައިން ވާހަކަ ދެއްކުމާއި މަޑުމައިތިރިކަން އިންތިހާއަށް ދޭ،" ފިރާގު ބުންޏެވެ. "އެކަމަކު މި ކަމުގައި މުޅިން ތަފާތު."

"އެ ދަރިފުޅު އެއީ ހަމަ ޖުމާހުގެ ދަރިއަކަށްތަ ވާނީ؟" ސަކީބާ އަހާލި އެވެ.

"އާނ. އެއީ ހަމަ ޖުމާހުގެ ދަރިއެއް،" ފިރާގު ބުންޏެވެ.

"ހިނގާބަލަ ޖުމާހަށް މި ވާހަކަތައް ކިޔައިދޭން،" ބަޝީރު ބުންޏެވެ.

"ރަނގަޅު ދަނޑިވަޅަށް މި އިންތިޒާރު ކުރަނީ."

"އޭނަ އެބައުޅޭ އޭނަ އާއިލާ މީހުން ކައިރިއަށް ދާން. ވިހާށޯ،" ސަކީބާ ބުންޏެވެ.

"ތިއީ ރަނގަޅު ތަންވަޅެއް. ހަމަ ދާ އިރަށް އަހަރެން ތިގެއަށް ދާނަން،" ފިރާގު ބުންޏެވެ.

ލަމިޔާގެ ހަގީގަތް އެނގުމުން އެކުގައި އުޅެން ސަކީބާ އާއި ރަހުމާއަށް އުނދަގޫވާން ފެށި އެވެ. ބިރުގަންނަން ފެށި އެވެ. ނަމަވެސް ބިރަކީ ޖިންނިންނަށް އެންމެ ކަމުދާ އިހުސާސެވެ. މީހަކު މާ ބޮޑަށް ބިރުގަންނަ ނަމަ އެ މީހަކާ އަވަލައި ހަމަލާ ދޭން ފަސޭހަވާނެ އެވެ. މާ ގަދައަށް ހީސަމާސާ ކުރުމަކީ ވެސް ޖިންނިން އަޅައިގަންނަ ކަމެކެވެ.

ހީނުކުރާހާ އަވަހަށް ލަމިޔާގެ ބަނޑު ބޮޑު ވާތަން ގޭގެ އެންމެންނަށް ފާހަގަ ކުރެވެމުން ދިޔައެވެ. އާންމު އިންސާނަކު ބަނޑަށް ހަތަރު މަހުގައި ލަމިޔާގެ ބަނޑު ހީވަނީ އަށް މަސް ފުރިފައިހެންނެވެ. އެކަމާ އެންމެ ކަންބޮޑުވަނީ ޖުމާހެވެ. އެކަމަކު ސުވާލު ކުރުމުން ލަމިޔާ ބުނަނީ އެކި މީހުންގެ ބަނޑު ހުންނާނީ އެކި ގޮތަށް ކަމަށެވެ.

ޑޮކްޓަރަށް ދައްކަން ދާން އޮތް ދުވަހެވެ. ލަމިޔާ އޮތީ ޖޯލީގަ އެވެ. ޖުމާހު އޮފީހުން އައީ ލަމިޔާ ގޮވައިގެން ހޮސްޕިޓަލަށް ދިޔުމަށެވެ.

"މަންމަ ބުނެފި އަންނާށޭ،" ތެދުވަމުން ލަމިޔާ ބުންޏެވެ.

"އެކަމަކު މިއަދު މިއީ ޑޮކްޓަރަށް ދާ ދުވަހެއްނު،" ލޮލުގައި އިން އައިނު ނަގަމުން ޖުމާހު ބުންޏެވެ.

"އެ ރަށުގައި ވެސް ހުންނާނެ ޑޮކްޓަރެއް. އަހަރެން ދައްކާލާނަން،" ފަރުވާކުޑަ ގޮތަކަށް ލަމިޔާ ބުންޏެވެ.

"އެހެން ވިޔަސް މިހާ ކަނޑުގަދަ އިރު ކިހިނެއް އެކަނި ދާނީ؟ ދެތިން ދުވަސް ފަހުން ދާންވީނު؟" ޖުމާހު ބުންޏެވެ.

"ޖުމާ، ރީތިކޮށް ބުނަންވީނު ނުދާށޭ!" ލަމިޔާ ގަދަކޮށްލި އެވެ.

"އެހެންނެއް ނުބުނަމެއްނު. އެކަމަކު އަހަރެން ޖެހިލުންވޭ މިހާ ކަނޑުގަދަ އިރު ލަމިޔާ އެކަނި ފޮނުވާލަން. ލަމިޔާ ގޮވައިގެން އަހަރެން ހިނގައިދާނަން. އެ ގޮތް ކިހިނެއް ވަނީ؟" ލުއި ގޮތަކަށް ޖުމާހު ބުންޏެވެ.

"އަހަރެން އެކަންޏެއް ނޫނޭ ދަނީ. އެހެރީއެއްނު ބޭބެ،" ޖުމާހުގެ ފުރަގަހަށް އިޝާރާތްކޮށްލަމުން ލަމިޔާ ބުންޏެވެ. ޖުމާހު ފަހަތަށް އެނބުރުނެވެ. އެ ވަގުތު އެތަނުގައި ނުދަންނަ ފިރިހެނަކު ހުއްޓެވެ. ޖުމާހުގެ ހިތަށް އެރި އެވެ. ލަމިޔާގެ އާއިލާ މީހުންނާ ކުރިން ބައްދަލު ނުވަނީ ކީއްވެ ހެއްޔެވެ؟ ލަމިޔާ ބުނި ގޮތުން ވިއްޔާ ހުންނަނީ މަންމައެއް އެކަންޏެވެ. ނަމަވެސް އެ ތަހުގީގު ކުރާކަށް ޖުމާހުގެ މޫޑެއް ނެތެވެ. ހިތާ ދެކޮޅަށް ވެސް ލަމިޔާ ފޮނުވާލަން ޖުމާހު އެއްބަސްވި އެވެ. ހަމައެކަނި ލަމިޔާގެ އުފަލަށްޓަކައެވެ.

"އޭނަ ގޮސްފި،" ބަޝީރު ވާހަކަ ދެއްކީ ފިރާގުއާ އެވެ. "މިއަދު މެންދުރެއްހާ އިރު ދިޔައީ. ފިރާގު ކޮން އިރަކު މި ގެއަށް އަންނާނީ؟"

"އިޝާ ކޮށްލައިގެން ދާނަން. ޖުމާހު މައިތިރި ކުރާތި ގޭގައި،" ފިރާގު ފޯނު ކަނޑާލި އެވެ.

"ދަރިފުޅާ، މަންމަ ބޭނުން ދަރިފުޅާ ވާހަކައެއް ދައްކާލަން. މި ގަޑީގައި ގޭގައި މަޑުކޮށްލަންވީނު؟" ގަޑިން ރޭގަނޑު އަށެއް ޖެހީ އެވެ. ޖުމާހު ގާތުގައި ސަކީބާ އެހެން ބުނި ވަގުތު ފިރާގު އާއި ބަޝީރު ގޭތެރެއަށް ވަނެވެ.

"މިއީ ކާކު؟" ފިރާގަށް އިޝާރާތްކޮށްފައި ޖުމާހު އެހި އެވެ.

"މިއީ ފިރާގު، މިއީ އަހަރެންގެ ދަރިފުޅު ޖުމާހު،" ތައާރަފެއް ދިނީ ސަކީބާ އެވެ. ޖުމާހު އާއި ފިރާގު ސަލާންކޮށްލި އެވެ.

އެންމެން އެކުގައި އިށީނެވެ. ހަމަހިމޭންކަމުގެ އެ ވަގުތުކޮޅު އެއްވެސް މީހަކު އަނގައިންނެއް ނުބުނެ އެވެ. ފަށާނެ ކޮޅެއް، ދައްކާނެ ވާހަކައެއް ނުވިސްނުނެވެ.

"ޖުމާހުގެ އަންހެނުން ދިޔަ ތަނެއް އެނގޭތަ؟" ފިރާގު އަހާލި އެވެ. ނުދަންނަ މީހަކު ކުއްލިއަކަށް ޖުމާހުގެ އަންހެނުންނާ ބެހޭގޮތުން ސުވާލު ކުރުމުން ކޮންމެވެސް ވަރެއްގެ ހިތް ނުތަނަވަސްކަމެއް ވެރިވި އެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް