ވާހަކަ: ވިގަނި

ވާހަކަ

ވާހަކަ: ވިގަނި - ތިރީސްވަނަ ބައި

9 އޭޕްރީލު 2024

30 ވަނަ އެޕިސޯޑު

"ޔަގީންތަ އެއީ ޖުމާހުގެ ދަރިއެއްކަން؟" ފިރާގު އެހި އެވެ. އެންމެން އެކަކު އަނެކަކަށް ބަލާލިއެވެ.

"އާނ. ދެން ކާކު ދަރިއެއް؟" ހައިރާންވެފައި ބަޝީރު އެހި އެވެ.

"އެހެންވިއްޔާ އޭނަގެ އިތުރު ދަރިއެއް ހުންނަކަން ކަލޭމެންނަކަށް ނޭނގޭތާ!" ވިސްނާލަމުން ފިރާގު ބުންޏެވެ.

ސަކީބާއަށް އިނދެވުނުތަން ހަނދާން ނެތުނު ކަހަލަ އެވެ. ބުނާނެ އެއްޗެއް ނޭނގުނެވެ. މީހާ އެނބުރުން އަރައިގެން ދިޔަ އެވެ. ފަހަރަކަށް ފަހު ފަހަރެއްގައި އިވެނީ ގަބޫލު ކުރަން އުނދަގޫ ހަބަރެކެވެ. ބަޝީރު ވެސް އިނީ ހައިރާންވެފަ އެވެ. އެކަން ނޭނގުނީމަ އެވެ. ޒިލާލަށް އިނީ ހަރަކާތްކޮށްލަން ވެސް ނުކެރިފަ އެވެ. އެސްފިޔަ ޖަހާނުލައި ފިރާގަށް ބަލަމުން ދިޔަ އެވެ.

"ކަންކަން ފެށުމުގެ ކުރިން އެކަމެއްގެ އެންމެ ފެށުމާއި މިހާރު ކަން ގޮސްފައި އޮތް ހިސާބު ބެލުމަކީ އަހަރެންގެ އާދައެއް. އެގޮތުން ފުރަތަމަ ވެސް އަހަރެން ބެލީ ތިޔަ ބުނާ ޖިންނިއެއްގެ ފަތިފުށް. މިހެން ބުންޏަސް ނޭނގޭ ވަރަށް ގިނަ ކަންކަން އަދި އެބަހުރި،" ފިރާގު އިތުރަށް ބުންޏެވެ.

"ޖިންނިންނަކީ އިންސާނުންނަށް ކެހި ދިނުމާއި ގެއްލުން ދިނުމުގައި އަރާ ތިބޭ ބައެއް. އެ ފުރުސަތު އިންސާނާ ދީފި ނަމަ އެ ސޮރުމެން އޭގެ ބޭނުން ވަރަށް ރަނގަޅު ގޮތުގައި ހިފާލާނެ. އަހަރުމެންގެ ހަށިގަނޑުގައި ލޭ ދައުރުވާހެން އެ ސޮރުމެން ހަރަކާތްތެރިވެ އުޅޭނެ. ގިނަ ފަހަރަށް އަހަރުމެން ހަށިގަނޑުތެރެއަށް އެ ސޮރުމެން ވާސިލުވަނީ ނިޔަފަތިތަކުގެ ދަށުންނާއި ލޯލިވަޅުތަކު ތެރެއިން. އީމާންތެރިކަމާއި ދީނީ ކަންކަމަށް ދޭ އިސްކަން ބޮޑުވި ވަރަކަށް އެ މީހުންނަށް އަހަރުމެންނާ ގާތްވާން އުނދަގޫވާނެ. އެކަންކަން ކުޑަވި ވަރަކަށް ޖިންނިންގެ އުނދަގޫ ބޮޑުވާނެ. އާފުރޭ ވަގުތުގައި އަނގައިގެ ތެރެއިން ވެސް ހަށިގަނޑު ތެރެއަށް ޖިންނިން ވަންނާނެ. އެހެންވީމަ އެ ވަގުތަށް އައޫޒު ކިޔަން ޖެހެނީ،" ފިރާގުގެ ވާހަކައިން ސަކީބާ އާއި ޒިލާލު ތިބީ ހައިރާންވެފަ އެވެ. ނޭނގޭ އެތައް މައުލޫމާތެއް އެނގުނީމަ އެވެ. އަދި ސަމާލުކަން ދޭން ޖެހޭ ކަންކަމަށް ސަމާލުކަން ނުދެވޭތީ އެވެ.

"ޖިންނިންނާއި އިންސާނުންގެ ތެރޭގައި ފަރުދާއެއް ލެވިފައިވީ ނަމަވެސް ބައެއް ފަހަރު އެއް ބަޔަކު އަނެއް ބަޔަކަށް ފެންނަ ފަހަރު ވެސް އާދޭ. ދެބައި މީހުން އެއް ތަނެއްގައި އުޅުނު ނަމަވެސް، އުޅޭ މާހައުލާއި އަޅުކަން ކުރުން ފަދަ ކަންކަން ތަފާތުވާނެ. އެކަމަކު އަހަރުމެން ތެރޭގައި އެކި މަސައްކަތްކޮށްގެން އުޅޭ ގޮތަށް އެބައި މީހުން ތެރޭގައި ވެސް އެކި ކަހަލަ މަސައްކަތް ކުރާ ދަރިފަސްކޮޅުތައް އުޅޭނެ. އޭގެ ތެރޭގައި ގީލާން އާއި ގޫލް އަދި އުއްމާރު ހިމެނޭ. ގީލާންއަކީ މީހުން މަރާ ސިހުރާ ހަވާލުވާ ނުބައި ޖިންނިންތަކެއް. އަރްވާހު އެއީ ކުޑަކުދިންނާ ވަރަށް ދޯޅު އެއްޗެއް. ކިންޒިބް އެއީ ނަމާދުގައި މީހުންނަށް ވަސްވާސްދީ ނަމާދު އޮޅުވާލަން މަސައްކަތް ކުރާ ޝައިތޯނެއް،" ފިރާގު ފުން ނޭވައެއްލި އެވެ.

"މިހެން ގޮސް ވަރަށް ގިނަ ވައްތަރު ހުންނާނެ. ޖިންނިން، ޝައިތާނުން، ހީން، ޕާލިސް، އިފުރީތުން، މާރިދުން. މި ނޫނަސް ވަރަށް ބައިވަރު ތަފާތު ވައްތަރު އުޅޭނެ. މިއީ އާންމުކޮށް އިންސާނުންނަށް ގެއްލުންދޭ ޖިންނިން،" ސަކީބާއާ ދިމާލަށް ފިރާގު ބަލާލި އެވެ. "އެ ސޮރާ އަޅައިގަނެގެން އުޅެނީ އިފުރީތެއް ނޫނީ މާރިދެއް، އެ ވަރު މަށަށް ޔަގީން."

ސަކީބާ ޖެހިލުންވި އެވެ. ހިތުތެރެއަށް ވެރިވެގަތީ ބިރުވެރިކަމާއި ނާމާންކަމެވެ. ދަރިފުޅު ސަލާމަތްކުރާނެ ގޮތެއް ވިސްނަމުން ދިޔަ އެވެ.

"ދަރިފުޅު ނަމާދު ކުރޭތަ އެއްވެސް ވަރަކަށް؟" މަޑުމަޑުން ފިރާގު އަހާލި އެވެ. ސަކީބާ ވިސްނާލި އެވެ. ޖުމާހު ނަމާދަށް ދާތަނެއް ނުފެނެ އެވެ. ސަކީބާ އެއްޗެއް ބުނަންވާ އިރަށް ފިރާގު ބުންޏެވެ.

"ނުކުރޭ ދޯ! ތިޔަ ޖިންނިއަކާ ޖެހުނު ފަހުން އެ ސޮރުގެ އުޅުމަށް ތި ބަދަލު އައީ."

"އަހަރެން ދެން ކިހިނެއްތަ ހަދާނީ؟" ބޮލުގައި އަތް އަޅަމުން ސަކީބާ ބުންޏެވެ.

"ސަކީބާ އެކަމާ ކަންބޮޑުނުވޭ. އިރާދަކުރެއްވިއްޔާ ސަކީބާގެ ދަރިފުޅު އަހަރެން ސަލާމަތްކޮށްދޭނަން. މާދަމާ ރޭ އަށްގަޑި ބަޔަށް މި ގެއަށް އާދޭ. އެ ޖިންނިއަށް އެނގޭނެ އަހަރުމެން ކޮންމެވެސް ރޭވުމެއް ރާވާފައި އޮތްކަން. އެކަމަކު އެކަމާ ޖެހިލުންނުވާތި. ބިރުނުގަންނާތި،" ހިތްވަރުދެމުން ފިރާގު ބުންޏެވެ.

ހިލިހިލާ ޖަހާފައިވާ ޖޫލިއަސް ސަލާމަތްވި އެވެ. އޭރު ދަންވަރު އެއް ގަޑި ފަންސާސް ތިން މިނެޓެވެ. އެއީ ވަކި ގަޑިއެކެވެ. ބައެއް ކަހަލަ ސިހުރުތަކާއި ޖިންނި ޝައިތާނުން ހަވާލުވާ ގަޑިއެކެވެ. އިންސާނުންގެ ވިސްނުމާ ކުޅުމާއި އިންސާނުން ނިދާފައި ތިއްބާ ގެއްލުން ދިނުމަކީ ވެސް ޖިންނިން އެ ގަޑީގައި ކޮށް އުޅޭ ކަމެކެވެ.

"އަހަރެން ބޭނުމެއް ނޫން މަންމައާ ޒުވާބު ކުރާކަށް،" އަތުގައި ދެ އަތް ހާކާލަމުން ޖޫލިއަސް ބުންޏެވެ. އަދި ރަނގަޅަށް ހިންދެމިލި އެވެ. އަސްލު ސިފައަށް ބަދަލުވި އެވެ. ބޮލު މެދުން ނުކުތް ދަޅުފީނީގައި ފަސް ފޫޓު ހުންނާނެ އެވެ. ހިޔަޅެއްހެން އަނގަމަތި ދިގުވި އެވެ. ޖޫލިއަސް ހުރީ ވަރަށް ރުޅި އައިސްފަ އެވެ.

"މަންމަ ވެސް ބޭނުމެއް ނޫން ދަރިފުޅާ ޒުވާބު ކުރާކަށް. އެކަމަކު މަންމަގެ ބަނޑުގައި މި އޮތީ ދަރިފުޅުގެ ކޮއްކޮ ނޫން ކަމަކަށް ނުވާނެ،" ލަމިޔާ ބުންޏެވެ.

"އެއްބަފައެއް ނޫން. އިންސާނުންގެ ތެރޭގައި އުޅުނަސް އެމީހުންގެ ގޮތެއް މަންމައަކަށް ނޭނގޭ ދޯ؟ އެ މީހުން ބުނެއެއްނު އެއްބަނޑު މިތުރުން އެއްބަފާ ހަތުރުންނޭ،" ޖޫލިއަސް ބުންޏެވެ.

"އެކަމަކު މިއީ މި ދަރިފަސްކޮޅުގެ ކުއްޖެއް. އެއްބައި އިންސާނަކަށް ވިޔަސް އޭނަގެ ހުންނާނީ އަހަރުމެންގެ އުޅުމާއި ވައްޓަފާޅި. ދަރިފުޅު ގަބޫލު ކުރަން ބޭނުން ނޫނަސް މިއީ ހަގީގަތް،" ލަމިޔާ ބެލީ ޖޫލިއަސްއަށް ވިސްނައިދެވޭތޯ އެވެ.

ޖޫލިއަސްއަކީ ގޮތްދޫނުކުރާ ހަރުކަށި ޖިންނިއެކެވެ. އެހާ ބޯހަރުވާނެ އެވެ. ބޭނުންވެއްޖެ ކޮންމެ ކަމެއް ކޮންމެ ހިނދަކު ވެސް ކުރުމުގެ ވިސްނުން ހުރެ އެވެ. ފަހަށް ވިސްނާ މީހެއް ނޫނެވެ.

"މަށަށް އެނގޭ މަންމަ ތި އައީ މަ ދެކެ ވާ ލޯތްބަކުން މަ ސަލާމަތްކުރާކަށް ނޫންކަން. ތީގެ ފަހަތުގައި ކޮންމެވެސް އެހެން ބޭނުމެއް އޮންނާނެ،" ލަމިޔާގެ ކުރިމަތީގައި ދެ ކަކޫ ޖަހާފައި ޖޫލިއަސް އިށީނެވެ. އަދި އިންސާނެއްގެ ސިފައަށް ބަދަލުވި އެވެ.

"ދަރިފުޅަށް ތި ވަރު ވިސްނުނީތީ މަންމަ އުފާ ކުރަން. އެ މީހުން އެބަ އުޅޭ މަންމަ އާއި ބައްޕަ ވަކި ކުރަން،" ލަމިޔާ ބުނި އެއްޗަކުން ޖޫލިއަސްގެ މޫނު މައްޗަށް ހިނިތުންވުން ވެރިވި އެވެ. ނަމަވެސް އެ މަންޒަރު ލަމިޔާއަކަށް ނުފެނުނެވެ. ޖޫލިއަސް ބޭނުންވީ ލަމިޔާއާ އެއްކޮޅަށް އަރާ ކަމަށް ހަދާށެވެ. ލަމިޔާ ދައްކާ ވާހަކަ ގަބޫލު ކުރާ ކަމަށް ހެދޭށެވެ. މަންމައާ ހަނގުރާމަ ކުރާކަށް ޖޫލިއަސް ބޭނުމެއް ނޫނެވެ. އެ ހިތްވަރު ނެތިގެންނެއް ނޫނެވެ. ހިތްވަރު ހުއްޓަސް ބަލިވާނީ ޖޫލިއަސްކަން ޔަގީންވާތީ އެވެ.

"އެހެންތަ؟ އެ ކީއްވެ؟ މަންމަގެ ހަގީގަތް އެ މީހުންނަށް އެނގުނީތަ؟" ލަމިޔާ ގާތަށް ޖެހިލަމުން ޖޫލިއަސް ބުންޏެވެ. "ތިވީ ހާދަ ދެރަ ގޮތެކޭ."

ޖޫލިއަސް އެހެން ބުނުމުން ލޮލުގެ ހިމަކޮޅުން ލަމިޔާ ބަލާލި އެވެ. ޖޫލިއަސްއަކީ ދަރިފުޅު ވިއްޔާ ލަމިޔާއަކީ މަންމަ އެވެ. ޖޫލިއަސްގެ ހަގީގަތް އެންމެ ބޮޑަށް އެނގޭ ފަރާތެވެ.

"ދަރިފުޅު ހިތުގެ އަޑިންތަ މަންމައަށް ހެޔޮ ތި އެދެނީ؟" ޝައްކުގެ ނަޒަރަކުން ބަލައިލަމުން ލަމިޔާ ބުންޏެވެ.

"ރަނގަޅު ވިޔަސް ނެތެއްނު ސަލާމަތެއް،" ޖޫލިއަސް ބުންޏެވެ.

"އަހަރެން އެބަ އޮތް ވަރަށް ބޮޑު ވާހަކައެއް ބުނަން،" ޖުމާހުގެ މޭގައި ބޯ އަޅައިގެން އޮތް ލަމިޔާ ބުންޏެވެ. ލަމިޔާ ބޭނުންވީ ބަޝީރުމެންގެ ކުރިން ތިން ފިޔަވަޅު ކުރިއަށް އަޅާށެވެ. ޖުމާހުގެ ބޯ ކެވެން އޮތް އެންމެ ބޮޑަކަށް ކާށެވެ. ވިސްނުމާ ކުޅެ ނަފުސާނީ ގޮތުން މީހާ ވަރުދެރަ ކޮށްލާށެވެ. ކޮންމެ ގޮތެއް ވިޔަސް ލަމިޔާގެ މުށުތެރޭގައި ބަންދުކޮށްފައި ބަހައްޓާށެވެ. ޖުމާހު އާއި ލަމިޔާ ވަކި ކޮށްލާފާނެކަމުގެ ބިރު ހިތުތެރޭގައި އަށަގަންނަން ފަށައިފި އެވެ. އެހެންވެއްޖެ ނަމަ އެކަން ކުރި ބަޔަކަށް ދިރިއެއް ނޫޅެވޭނެ އެވެ. އެ ބައެއްގެ ދުވަސް ދުއްވާލާނެ އެވެ. ލަމިޔާ ހުރީ އެކަމަށް ވެސް ތައްޔާރުވެގެންނެވެ.

"ކޮން ވާހަކައެއް؟" ލަމިޔާގެ ފަން އިސްތަށިގަނޑާ ކުޅެމުން ޖުމާހު އަހާލި އެވެ.

ޖުމާހުގެ އަތް ގެނެސް ލަމިޔާގެ ބަނޑުގައި ޖައްސާލި އެވެ. އަދި ހިނިތުންވެލި އެވެ. ޖުމާހަށް އޮވެވުނުތަން ވެސް ނޭނގުނެވެ. އުފަލުން ގޮސް ރޮވޭ ގޮތްވި އެވެ. އަދި ލަމިޔާ އުރާލި އެވެ.

"މިއީ ހުވަފެނެއް ބާ؟" އެނދުގައި ލަމިޔާ ބާއްވާލަމުން ޖުމާހު ބުންޏެވެ.

"ނޫން. މިއީ ހަގީގަތެއް. އެކަމަކު އަހަރުމެން ޖެހޭނެ ވަރަށް ރަނގަޅަށް މި ދަރިފުޅަށް ބަލަން. އަހަރުމެންނާއި މި ދަރިފުޅާ ވަކި ކުރަން ބަޔަކު ރާވަފާނެ،" ލަމިޔާ އެހެން ބުނި އަޑު އިވުނީ ދޮރުފަތުގައި ކަންފަތް ޖަހައިގެން ހުރި ސަކީބާއަށެވެ. އޭރު ދޮރު ދަށުން މީހެއްގެ ހިޔަނި ލަމިޔާއަށް ފެންނަމުން ދިޔަ އެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް