ވާހަކަ: ވިގަނި

ވާހަކަ

ވާހަކަ: ވިގަނި - ނަވާވީސްވަނަ ބައި

8 އޭޕްރީލު 2024

29 ވަނަ އެޕިސޯޑް

"ޖުމާހުގެ ދަރިއަކަށް ލަމިޔާ ބަނޑުބޮޑު،" ލޯ މަރައިލަމުން ބަޝީރު ބުންޏެވެ.

އެ އިވުނު އަޑު ސަކީބާއަށް ނަގައެއް ނުގަނެވުނެވެ. ބަޝީރުގެ ހުޝިޔާރުކަމުން، ވެއްޓެމުން ދިޔަ ސަކީބާ ހިފެހެއްޓި އެވެ. އަދި އެނދުގައި ބޭންދި އެވެ. ސަކީބާއަށް ހީވީ ބޮލުގައި އެތިފަހަރަކުން ޖެހިހެންނެވެ. ސިކުނޑި ހީވަނީ މީހަކު ވީދައި ނޮޅާހެންނެވެ. އެ އަޑު އިވުމަށް ވުރެ ނީވުނު ނަމަ މާ ރަނގަޅުވީހޭ ސަކީބާ ހިތަށް އެރި އެވެ. ނަމަވެސް ހަގީގަތް ބަދަލެއް ނުވާނެ އެވެ. އެކަން އެ އޮތީ ވެ ނިމިފަ އެވެ.

"ދޮންބެ ކީއްވެތަ ކޮންމެ ފަހަރަކު ތިކަހަލަ ހަބަރެއް ދެނީ؟" ކަންބޮޑުވެ ބިރުގަނެފައި އިން ސަކީބާގެ މޫނުމަތިން ފެނުނީ ހާސްކަމެވެ.

"ސަކީބާ، އަހަރެން ކޮންމެ ވާހަކައެއް ވެސް ބުނަނީ ވަރަށް ވިސްނާފައި. ސަކީބާ ހާސްކޮށް ބިރުގަންނުވާކަށް ނޫން. ހަގީގަތް ގަބޫލުކުރަން އުނދަގޫ ވިޔަސް ކަން އޮންނަ ގޮތަށް ބުނުމަކީ އަހަރެން ދެކޭ ގޮތުގައި އެންމެ އެދެވޭ ގޮތް. އޭރުން ދެން ހަދަންވީ ގޮތެއް ވެސް އެނގޭނީ،" ވިސްނާލަމުން ބަޝީރު ބުންޏެވެ.

ސަކީބާއަކަށް އެރެއަކު ނުނިދުނެވެ. ލޯ މަރާލިޔަސް ހީވަނީ ގާތުގައި މީހަކު ހުންނަ ހެންނެވެ. އެންމެ ފަހުން ހޮޅިބުރި ދިއްލާލި އެވެ. ވަށައިގެން ހޯދާލި އެވެ. ސަކީބާއަށް ހީވީ ފާހާނާގައި މީހަކު އުޅޭ ހެންނެވެ. މަޑުމަޑުން ގޮސް ފާހާނާ ދޮރު ހުޅުވާލި އެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެ ވަގުތު ދޮރު ހުޅުވާ އިރު ގޮވާ ކަހަލަ ތޫނު އަޑެއް ގޮވި އެވެ. ސަކީބާ ފަހަތް ބަލާލި އެވެ. އަލަމާރި ދޮރު ހުރީ ހުޅުވިފަ އެވެ. އެއީ ސަކީބާ ކުރި ކަމެއް ނޫންކަން ޔަގީނެވެ. އަލަމާރި އެތެރެ ވަރަށް އަނދިރި އެވެ. ކޮޓަރީގައި ކިތަންމެ އަލިގަދަ ހޮޅިބުރިއެއް ހުއްޓަސް އޭގެ އައްޔެއް އަލަމާރިއާ ހިސާބަކަށް ނުދެ އެވެ. ސަކީބާ މަޑު ފިޔަވަޅުތަކެއް ކުރިއަށް އެޅި އެވެ. އެ ވަގުތު ކުރިމަތިން އެއްޗެއް ހުރަސްކޮށްލި އެވެ. ސަކީބާ ދިޔައީ ސިއްސައިގެންނެވެ. ކުރިއަށް އަޅަން ނެގި ފިޔަވަޅު ފަހަތަށް އެޅި އެވެ. މީހާ މަޑުމަޑުން ދާހިއްލަން ފެށިއެވެ.

"ތި ހީކުރަނީ މަ ބިރުގަންނާނެ ކަމަށް؟ މަށެއް އެއްވެސް ބިރެއް ނުގަނޭ،" ތުރުތުރު އަޅާ އަޑަކުން ސަކީބާ ބުންޏެވެ.

"ރަނގަޅު. ބިރުގަންނާނެ ކަމެއް ނެތް،" ލަމިޔާގެ އަޑު އިވުނީ ސަކީބާގެ ފުރަގަހުންނެވެ. ވަގުތުން ސަކީބާ ފަހަތް ބަލާލި އެވެ. "ތިއޭ މަ ބުނާ ވާހަކައަކީ. ކާކު ދެކެ ކޮން ކަމަކާތަ ބިރުގަންނަނީ؟"

"ކަލޭ އަހަރެންގެ ދަރިފުޅު ދޫކޮށްލާފައި ދާނީ ކޮން ކަމެއް ކޮށްދިނިއްޔާ؟" ސަކީބާ އެހި އެވެ.

"މަންމާ، އަހަރެން ކިހިނެއް ޖުމާ ދޫކޮށްލާނީ؟ މިހާރު މަންމަ މާމައަކަށް ވަނީއޭ،" ބަނޑުގައި އަތް ކާއްތާލަމުން ލަމިޔާ ބުންޏެވެ. "މިއީ ކިހާ އުފާވެރި ހަބަރެއް."

"އަހަރެމެން އުފަލެއް ނުވޭ. ކަލޭމެންގެ ދަރިފަސްކޮޅެއް އޮވެއެއްނު. ކީއްވެތަ އިންސާނުންގެ ތެރެއަށް އައިސްގެން ތި އުޅެނީ؟" ސަކީބާއަށް މަޑުމަޑުން ހިތްވަރު ލިބެން ފެށި އެވެ.

"އަހަރެން މި އައީ މަންމައާ ޒުވާބު ކުރާކަށް ނޫން. މި އުފާވެރި ހަބަރު ދޭން،" ކޮޓަރިއަށް ވަންނަ ދޮރުގެ ދަށުން ލަމިޔާ ދެމިގަތެވެ. ހީވަނީ ތުނި ކަރުދާސްކޮޅެއް ދިޔަހެންނެވެ. ސަކީބާއަށް އެ މަންޒަރު ފެނުމުން ލޯ މަރައިލެވުނެވެ.

ޒިލާލު ހިތްވަރުކޮށްފައި ސަކީބާއާ ބައްދަލު ކުރިއެވެ. ގޭތެރޭގައި ވަނީ ހަމަހިމޭންކަމެވެ. އެ ވަގުތު ޖުމާހަށް ކޮޓަރިން ނުކުމެވުނެވެ. ރަހުމާ ހުރީ ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވައިގެން ވާނުވާ ބަލާށެވެ.

"ކޮބާ ޒިލާލު، ކޮން ވަޑާމެއް؟ ހާދަ ނުފެނެއޭ،" ސޯފާގައި އިށީންނަމުން ޖުމާހު ބުންޏެވެ. ޒިލާލު ހިނިތުންވުމަކުން ފުއްދާލި އެވެ. ޖުމާހު ބަލައިލީ ސަކީބާއަށެވެ. ސަކީބާ އެއްވެސް އެއްޗެއް ނުބުނެ އެވެ.

"ކިހިނެއްވީ؟ އެއްވެސް މީހަކު އެއްޗެއް ނުބުނެ ތި ތިބެނީ؟" އަނެއްކާވެސް ޖުމާހު ސުވާލު ކުރި އެވެ.

"ދަރިފުޅާ! ޒިލާލު ބޭނުންވެޔޯ ރަހުމާއާ ކައިވެނި ކުރަން. އަހަރެން މި ބުނީ ކިޔަވައި ނިމެންދެން މަޑު ކުރަންވީ ނޫންހޭ!" ކައިވެނި ލަސްކޮށްލަން ބޭނުންވާ އަސްލު ސަބަބެއް ސަކީބާ ނުބުނެ އެވެ.

ރަހުމާ ހިއްސާކުރި ހުރިހާ ވާހަކައެއް ޒިލާލު ސަކީބާއަށް މީގެ ހިނދުކޮޅެއް ކުރިން ކިޔައިދިނެވެ. ސަކީބާ ހައިރާންވީ އެ ވާހަކަތައް ރަހުމާގެ ދުލުން ސަކީބާއަށް ކިޔައިނުދިނީމަ އެވެ.

"މިކަމާ ދަރިފުޅު ކީކޭ ބުނަނީ؟" ޖުމާހުއާ ދިމާލަށް ބަލައިލަމުން ސަކީބާ އެހި އެވެ.

"ތީގައި އަހަރެން ކީކޭ ބުނާނީ؟ ކައިވެނިކުރަން ބޭނުންވާ ދެ މީހުން އެކަމަށް ތައްޔާރިއްޔާ ލަސްކުރުމުގެ ބޭނުމެއް ނުވިސްނޭ،" ސޯފާއިން ތެދުވަމުން ޖުމާހު ބުންޏެވެ. "ތިކަމަށް އަހަރެން ރުހި ގަބޫލު."

ގޭތެރޭގެ ގިނަ ކަންކަމުގައި ޖުމާހުގެ ބަސް ހުންނަނީ އެހެންނެވެ. ފަރުވާކުޑަ ގޮތަކަށެވެ. ކޮންމެ ގޮތެއް ވެސް ވަރިހަމަ އެވެ. ދިރިއުޅުމުގައި މާ ގިނަ ކަންކަމާ ވިސްނައި ހަޔާތާ މެދު އުންމީދުތައް ކޮށްއުޅުމުގެ ވިސްނުން ނެތް ކަހަލަ އެވެ. އޭގެ ފަހަތުގައި ވަނީ ލަމިޔާގެ އަތެވެ. އެކަން ސަކީބާއަށް ވިސްނެ އެވެ.

ބަޝީރުގެ ބަހަށް ފިރާގު އެ ރަށަށް އަ އެވެ. ފިރާގު ހުންނަނީ ކުއްޔަށް ކޮޓަރި ދޫކުރާ ގެއެއްގެ ދެވަނަ ބުރީގަ އެވެ. އެތަނުގައި ވަރަށް ރީތި ޓެރަހެއް އޮވެ އެވެ. ޖޯލިފަތި ބަހައްޓާފައި ހުރި އިރު އެކި ވައްތަރުގެ މާގަސްތައް ހުރެ އެވެ. ބަޝީރާއި ފިރާގާއި ސަކީބާގެ އިތުރުން ޒިލާލު ވެސް އެތަނުގައި އިނެވެ. ރަހުމާއާ ކައިވެނި ކުރަން އުޅޭތީ މި ކަމުގައި ޒިލާލު ބައިވެރިވުން މުހިންމުކަމަށް ބަޝީރަށް ގަބޫލު ކުރެވުނެވެ.

"އަހަރެން ބުނި ކަންތައް ވާނެތަ؟" ފިރާގުއާ ދިމާލަށް ބަލާލަމުން ބަޝީރު އެހި އެވެ.

"އަދި ތި ހިސާބަށް ދާކަށް ނުވޭ. ފުރަތަމަ ޖެހޭނީ ޖުމާހަށް އެކަން ކިޔައިދޭން،" ފިރާގު ކަންކަން ކުރާ ގޮތް ތަފާތެވެ. "އޭނަ ގަބޫލު ކުރިޔަސް ނުކުރިޔަސް އޭނަ ގާތު މި ހުރިހާ ވާހަކަތަކެއް ޖެހޭނެ ބުނަން."

ސަކީބާގެ މޫނުމައްޗަށް މާޔޫސްކަން ވެރިވި އެވެ. ހީވާ ކަހަލަ އެވެ. އެހެންވިއްޔާ މިކަން މި ނުވީ އެވެ. ޖުމާހު އެއްގޮތަކަށްވެސް މިކަމެއް ގަބޫލެއް ނުކުރާނެ އެވެ.

"އުނދަގޫވާނެ ގަބޫލު ކުރުވަން. އެކަމަކު ވެސް ކިޔައިދޭންވާނެ،" ސަކީބާގެ މޫނަށް ބަލާލަމުން ފިރާގު ބުންޏެވެ.

ފިރާގަކީ ފަންސާހުގެ އަހަރުތައް ގުނަމުންދާ މީހެކެވެ. ބޮލުގައި އިސްތަށި މަދެވެ. ނުރަ ވެސް އެހާ މަދެވެ. ހަށިގަނޑު ބިޔަ އެވެ. ބަނޑު ހިނދިކޮށް ހުންނަ އަތްފައިގެ ރޫފަ ރަނގަޅު މީހެކެވެ. ބޮޑު ތުނބުޅިއެއް ލާފައި މަތިމަސް ތުނިކޮށް ކޮށާފަ އެވެ. ގިނައިން ލައި އުޅެނީ ފަޓުލޫނާއި ޓީޝާޓެވެ. ވާހަކަ ދެއްކުމުގައި ސާދާ ގޮތެއް ހުރެ އެވެ. މަޑުމައިތިރި އުޅުމެއް ލިބިފައިވާ ފިރާގަކީ ތިން ކައިވެނި ކޮށްފައިވާ މީހެކެވެ. ކައިވެނި ކުރާ ކޮންމެ މީހަކު ވެސް ނިޔާވަނީ އެވެ. ފިރާގު ބުނާ ގޮތުގައި އެއީ އޭނަ ވަރަށް ކުޑަ އިރުއްސުރެ އަޅައިގަނެގެން އުޅޭ ޖިންނިއަކު ކުރާ ކަމެކެވެ. އެކަމުން ސަލާމަތްވާން ލައްކަ ކަންކަން ކުރި އެވެ. ސަލާމަތް ވީ އިރު އުމުރު މައްޗަށް ދިޔުމުން ކައިވެނި މަތިން ފޫހިވީ އެވެ.

"ކޮންމެވެސް އެއް ހިސާބަކުން ފަށާބަލަ،" ބަޝީރަށް އިޝާރަތްކޮށްފައި ފިރާގު ބުންޏެވެ.

"އަދި މަޑުކޮށްބަލަ. އަހަރެން އެބަ އޮތް ސުވާލެއް،" ސަކީބާ ބުންޏެވެ. "ކީއްވެތަ އެ ޖިންނި އަހަރެންގެ ދަރިފުޅާ އަޅައިގަތީ؟"

"ޖިންނިންނަކީ އެއްވެސް ގޮތެއް ފޮތެއް ނޯންނަ ބައެއް. އެ މީހުންގެ ތެރޭގައި އޮންނާނީ ގިނަ ފަހަަރަށް ޖަނަވާރުންގެ އުސޫލު. މިހެން ބުންޏަސް ބައެއް ގަބީލާ އާއި ދަރިފަސްކޮޅުތަކުގައި އެ މީހުންގެ އަމިއްލަ ގޮތްތަކާއި އުސޫލުތައް އޮވޭ." ވިސްނުންތެރިކަމާ އެކު ވާހަކަ ދައްކަމުން ދިޔަ އެވެ.

"ކޮންމެ ވަގުތަކު ކޮންމެ ތަނަކު، ކޮންމެ ސިފައަކަށް ވެސް އެބައިމީހުން ތިބެދާނެ،" ފިރާގު އެހެން ބުނުމުން އެންމެން ވަށައިގެން ބަލާލި އެވެ.

"ހާސްނުވޭ. މިތާކަށް އެ މީހުންނަކަށް ނާދެވޭނެ. ދުރުން ފެންނާނީ. އަހަރުމެން ދައްކާ ވާހަކައެއް ވެސް އަޑެއް ނީވޭނެ. އަހަރެން ހުންނާނީ މިތަނުގެ ރައްކަލަށް ތަކެތި ކިޔަވާފައި. މި މަޖުލީހުގެ އެއްވެސް ތަފުސީލެއް އެ ސޮރުމެންނަކަށް ނީވޭނެ،" ފިރާގު ބަލާލީ ދުރުން ފެންނަން ހުރި ނިކަ ގަހަކަށެވެ. ގަހުގެ މަތީގައި ރަތްކުލައިގެ ހެދުމެއްގައި އިންސާނެއް ހުރިތަން ފެނެ އެވެ. ނަމަވެސް އެއީ އިންސާނެއް ނޫންކަން ފިރާގަށް ޔަގީނެވެ.

"ތިޔަ ސޮރަކާ އަޅައިގަތް ސަބަބު ޖެހޭނީ ހޯދަން. އެކަމަށް ޖިންނި ހާޒިރު ކުރަން ޖެހޭނެ. މިހެން އިނދެފައި ބުނަން ވަރަށް އުނދަގޫ،" ފިރާގު ބުންޏެވެ.

"ދޮންބެ ބުނި އޭނަ އެ އިނީ ބަލިވެއޭ،" ފޫހިވެފައި ސަކީބާ ބުންޏެވެ. ދެ ލޯ ބޮޑުކޮށްލަމުން ފިރާގު ބަލާލީ ބަޝީރަށެވެ. އާނއެކޭ ބުނުމުގެ ގޮތުން ބޯ ހަލުވައިލި އެވެ.

"ޔަގީންތަ އެއީ ޖުމާހުގެ ދަރިއެއްކަން؟" ފިރާގު ބުންޏެވެ. އެންމެން އެކަކު އަނެކަކަށް ބަލާލި އެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް