ވާހަކަ: ވިގަނި

ވާހަކަ

ވާހަކަ: ވިގަނި - އަށާވީސްވަނަ ބައި

7 އޭޕްރީލު 2024

28 ވަނަ އެޕިސޯޑް

"އެ ކިހިނެއް؟" ވިސްނާލާފައި ޖޫލިއަސް ބުންޏެވެ. "އެ ޖުމާހު މަރާލައިގެން؟"

އަލައިނާ ހިނިތުންވެލި އެވެ.

"މަންމާ،" ލަމިޔާގެ ހަޅޭކުގެ އަޑުން މުޅިތަން ގުގުމައިގެން ދިޔަ އެވެ. ކަނޑުގެ ލޮނުގަނޑަށް ވެސް އޭގެ އަސަރު ކުރި އެވެ. މުޅި ޖައްވަށް ސިހުން ގެނުވި އެވެ. އިފްރީތުގެ އަޑު އެހާ ވެސް ބާރެވެ.

ލަމިޔާ އެހައި ރުޅި އައިސްފައި ހުއްޓައި ޖޫލިއަސްއަށް ދުވަހަކުވެސް ނުފެނެ އެވެ. ވުމާއެކު ޖޫލިއަސް އިނީ ވަރަށް ޖެހިލުންވެފަ އެވެ.

"މަންމަ އެހެން ހިތަށް އެރީ ވެސް ކީއްވެ؟" ރުޅިވެރިކަމާ އެކު ލަމިޔާ ވާހަކަ ދެއްކި އެވެ.

"ލަމިޔާ ހަނދާން ނެތުނީތަ ތި ވާހަކަ ދައްކަނީ ކާކާ ކަމެއް؟ މިއީ ލަމިޔާގެ މަންމަ،" ރުޅި ކޮންޓްރޯލު ކުރަމުން އަލައިނާ ބުންޏެވެ.

"އެއީ އަހަރެންގެ ފިރިމީހާއޭ،" ލަމިޔާ ބުންޏެވެ. "އަހަރެންގެ ދަރިންގެ ބައްޕަ."

"އަހަރެންގެ ބައްޕައެއް ނޫން" ވަގުތުން ޖޫލިއަސް ބުންޏެވެ.

"ޖޫލިއަސްގެ ވެސް ބައްޕަ. އަހަރެން ވަރަށް ކެތްކޮށްފިން ޖޫލިއަސްއާ ދިމާލަށް އެއްޗެއް ނުބުނެ ރީތި ގޮތުގައި ވިސްނައިދެވޭތޯ. އެކަމަކު ވީ ފޫނެތް ފަޔަށް ފެންފުރުން ކަހަލަ ކަމަކަށް،" ދެ ކޮޅަށް ހިނގަމުން ލަމިޔާ ބުންޏެވެ.

"ބަލަ ކަލެއަށް މިހާރު މުހިންމީ އެ ޖުމާހުތަ؟ ނޫނީ އަހަރުމެންތަ؟" އަލައިނާ އެހި އެވެ.

"މަންމާ، އަހަރެންނަށް މަންމަ އާއި ޖޫލިއަސް ވެސް މުހިންމު،" ރުޅި މައިތިރި ކުރަމުން ލަމިޔާ ބުންޏެވެ. "އެކަމަކު ޖުމާ ވެސް އަހަރެންނަށް ވަރަށް މުހިންމު. ހާއްސަކޮށް މިހާރު."

"މަންމައަށް އޭނައާ އިނދެގެން ލިބެނީ ކޮން ހިތްހަމަޖެހުމެއްތަ؟ ފަހަށް ވިސްނައެއް ނުލަންތަ؟" ހިތްހަމަނުޖެހިފައި ޖޫލިއަސް ބުންޏެވެ.

"އޭނަ މަންމަ ދެކެ ވަރަށް ލޯބިވޭ. މަންމަ ވެސް އޭނަ ދެކެ އެހާ ލޯބިވޭ. ދަރިފުޅު ވެސް ގަބޫލު ކުރޭ އެއީ ބައްޕަ ކަމަށް،" ލަމިޔާ ބުންޏެވެ.

"ދުވަހަކު ވެސް ގަބޫލެއް ނުކުރާނަން،" ޖޫލިއަސް ބުންޏެވެ.

ހިތްހަމަނުޖެހިފައި ލަމިޔާ ދުއްވައިގަތެވެ. ކަނޑުމަތިން ލާފައި ދުވަމުން ދިޔަ ވަރަކަށް އަސްލު ސޫރައަށް ލަމިޔާ ރުޖޫއަވަމުން ދިޔަ އެވެ.

އެންމެން ދިޔައީ އަތިރިމައްޗަށެވެ. މީހުންތައް ދައްކަމުން ދިޔަ ވާހަކައެއް އޮޅުންފިލާ ވަރެއް ނުވި އެވެ. ސަކީބާ އާއި ބަޝީރު ވެސް އެ ދިމާލަށް ދިޔަ އެވެ. އެކި މީހުން ގާތުގައި އެއްޗެހި އަހަމުންނެވެ. އޮފީހުން ނިމިގެން ޖުމާހުގެ މިސްރާބު ވެސް ހުރީ އަތިރިއާ ދިމާލަށެވެ. ޒިލާލު އާއި ރަހުމާ ވެސް ދިޔަ އެވެ. ރަށުގެ ކައުންސިލުންނާއި ސިފައިން ވެސް ދިޔަ އެވެ.

"ކިހިނެއްތަ ވީ؟" މީހުންގަނޑު ތެރެއިން އެތެރެއަށް ވަންނަމުން ސަކީބާ އަހައިލީ ރަށުގެ މުސްކުޅި ފުރައިގެ މީހެއް ގާތުގަ އެވެ. އެ މީހާ އިނގިލި ދިއްކޮށްލި އެވެ. ސަކީބާ ބަލައިލި އެވެ. އަދި މޭ ބޮޑުވާ ގޮތް ވެގެން މީހުންތައް ތެރެއިން ބޭރަށް ނުކުތެވެ. އެ ވަގުތަކީ ޖުމާހަށް އެތަނަށް އާދެވުނު ވަގުތެވެ. ސަކީބާ ހުރީ އަނގަމަތީ އަތް އަޅައިގެންނެވެ.

"މަންމާ. ކިހިނެއްވީ؟ ކާކު އެއީ؟" ކަންބޮޑުވެފައި ޖުމާހު އަހައިލި އެވެ.

"ދަރިފުޅާ. އެތަނަށް ނުދޭ،" ސަކީބާ ބުންޏެވެ.

"އެ ކީއްވެ؟ ކާކުތަ އެއީ؟" ސަކީބާ ހިފި އަތް ނައްޓުވައިލަމުން ޖުމާހު ބުންޏެވެ. ސަކީބާ އިސްޖަހައިލި އެވެ.

މީހުންތައް ދުރު ކުރަމުން ޖުމާހު އެތެރެއަށް ވަނެވެ. މަންޒަރު ފެނުމުން ޖުމާހުގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ. ނިޔާވެފައިވާ ފަހުދު ފެނުމުން ޖުމާހަށް ގަބޫލު ކުރަން ދަތިވި އެވެ. މުޅި ހަށިގަނޑު އޮތީ ކުނިވެފަ އެވެ. ސިފަ ވަކި ކުރާކަށް ނޭނގެ އެވެ. ނަމަވެސް ޖުމާހު ހަނދާންވެ އެވެ. އެއީ ޕިކްނިކް ދިޔަ ދުވަހު ފަހުދު ލައިގެން ހުރި ސޯޓާއި ޓީޝާޓެވެ. ޖީބުގައި އޮތް ވޮލެޓާއި އޭގައި ހުރި ކާޑުތައް ނަގައިގެން ފުލުހުން ހަރަކާތްތެރިވަމުން ދިޔަ އެވެ.

"މީހަކު ބުނި އޭނަ އެ ދުވަހު ޕިކްނިކް ދިޔަ ފަހުން ނުފެންނަ ވާހަކަ. އެކަމަކު އަނެއް ބަޔަކު ބުނޭ އޭނަ ވަރަށް މަދުން ރަށުތެރެއިން ފެނެއޭ. އޮފީހުން ވެސް ކެނޑިއްޖެތާ ކިތަންމެ ދުވަހެކޭ،" އޮފިޝަލަކުު ބުނި އަޑު އިވުނެވެ.

"ކޮން ބަޔަކަށްތަ އޭނަގެ ހަށިގަނޑު ފެނުނީ؟" އިސް އޮފިޝަލް މުބާހް އެހި އެވެ.

"އެ ރަށަށް ވެލި ނަގަން ދިޔަ ބަޔަކަށް. ބުނީ ގޮނޑުދޮށުގައި ވަރަށް ތިލަކޮށް ވަޅުލާފަޔޯ އޮތީ،" އަލީ ބުންޏެވެ.

"އެކަމަކު މިއީ ފަހުދު ކަމެއް ކިހިނެއް އެނގުނީ؟"

"އެ މީހުންގެ ތެރޭގައި ހުރި ފަހުދުގެ ރައްޓެއްސެއް. ފަހުދު އުޅުނު އޮފީހުގައި އުޅުނު މީހެއް. އޭނައަށް ޝައްކުވީ. ދެން މި އެއްޗެހިން ޔަގީންވީ،" އައިޑީ ކާޑު ދައްކާލަމުން އަލީ ބުންޏެވެ.

"ޕިކްނިކް ގޮސް މޫދަށް އެރެން ދާއިރު މި އެއްޗެހި ހިފައިގެން މީހުން ދޭތަ؟" މުބާހު ބުންޏެވެ.

ޖުމާހު ހުރީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ. އޮފިޝަލުން ދެއްކި ވާހަކަ ޖުމާހަށް ރީތިކޮށް އަޑު އިވެ އެވެ. އެއީ ތެދެއް ކަމަށް ވަންޏާ މިހާ ގިނަ ދުވަހު ޖުމާހުއާ އެ ދިމާވީ ކޮން "ފަހުދެއް" ހެއްޔެވެ؟ ފަހުދުގެ އަންހެނުން ނާޒިމާ ވެސް އެކި ދުވަސް މަތިން ފަހުދުގެ ވާހަކަ ދެއްކި އެވެ. ލޮލަށް މަންޒަރު ބަލަން އުނދަގުލެވެ. ކަންފަތަށް އިވޭ އަޑުތައް ގަބޫލު ކުރަން އުނދަގޫވި އެވެ. އެކި ދުވަސް މަތިން ފަހުދުއާ ބައްދަލުވެ އެވެ.

"ކޮބާ ފަހުދު؟ ކޮބާ އޭނަ؟" ދުވަމުން އައި ނާޒިމާ ހިފެހެއްޓީ އެ ތަނުގައި ތިބި ފަހުދު އާއިލާ ބަޔެކެވެ. "ކޮބާތަ ފަހުދު؟" ރޮމުން ރޮމުން ނާޒިމާ ވާހަކަ ދެއްކި އެވެ.

"ތި ވާނީ އެހެން މީހަކަށް. ހަމަ ޔަގީން. ރޭގައި ވެސް އޭނަ ގެއަށް އައޭ. މިއަދު ހެނދުނު ވެސް ގޭގައި އުޅުނު. ކުދިންނާ ވެސް ވާހަކަ ދެއްކި،" އަސަރާ އެކު ނާޒިމާ ގޮވަމުން ދިޔަ އެވެ. އެކަމާ އެންމެ ހައިރާންވީ ޖުމާހު އެވެ. އެ އަޑު ސަކީބާއަށް ވެސް އިވުނެވެ.

ސަކީބާ ބަލައިލީ ބަޝީރަށެވެ. ބަޝީރު ބޯ ޖަހައިލިއެވެ. އެ ބުނި އެއްޗެއްގެ މާނަ ސަކީބާއަށް ވިސްނުނެވެ. އެ ހުރިހާ ކަމެއްގެ ފަހަތުގައި ހުރީ ލަމިޔާ އެވެ. ސަކީބާ ވަށައިގެން ހޯދައިލި އެވެ. އޭރު ދުރުގައި ހުރި ގަހެއްގެ ކައިރީގައި ލަމިޔާ ހުއްޓެވެ. މޫނުމަތީގައި ވަނީ ނުބައި ހިނިތުންވުމެކެވެ.

"ތި ހީވީ ރަނގަޅަށް،" މީހުންގެ އަޑުތަކުގެ ތެރެއިން ލަމިޔާގެ އަޑު ސަކީބާ ކަންފަތުގައި ޖެހުނެވެ. އެހައި ދުރުގައި ހުރެފައި ބުނި އެއްޗެއް ސަކީބާއަށް އަޑު އިވުމުން ހައިރާންވި އެވެ.

އެތައް ވަރަކަށް ތަހުގީގުކޮށްފައި ފަހުދުގެ ހަށިގަނޑު ވަޅުލި އެވެ. އެ ފަޅު ރަށަށް ވެލި ނަގަން ދިޔަ މީހުންނަށް ފަހުދުގެ ހަށިގަނޑު ފެނުން އެއީ އިއްތިފާގެއް ނޫނެވެ. ލަމިޔާ އެކަން ކުރީ އެވެ. އެ މީހުންނަށް އެ ހަށިގަނޑު ފެންނަ ގޮތް ހެދީ އެވެ. ދެ ރޯލު ކުޅެން ލަމިޔާއަށް އުނދަގޫ ވުމުންނެވެ. ފަހުދުގެ ސިފައިގައި ނާޒިމާއާ ބައްދަލު ކުރުމަކީ ފަހަކަށް އައިސް އުނދަގުލަކަށްވީ އެވެ. ވުމާއެކު އެކަން ވެސް ވަކި ކޮޅެއްގައި ޖައްސަން ބޭނުންވީ އެވެ. ލަމިޔާގެ ބޮލަށް ފަސޭހަވި އެވެ. އެއް ބޮލުގެރިހުން ފިލީ އެވެ.

"ދޮންބޭ! ކަންކަން މިދަނީ ގޯހުން ގޯހަށް. ކިތަންމެ ބިރުނުގަންނަ ކަމަށް ހެދިގެން އަހަރެން އުޅުނަސް އަސްލު ވަރަށް ބިރުގަނޭ. އެ ލަމިޔާ ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ،" ކަންބޮޑުވެފައި ސަކީބާ ބުންޏެވެ.

"އޭނައަކަށް ނުކުރެވޭނެ އެއްވެސް ކަމެއް،" ބަޝީރު ދޮގުހެދި އެވެ. ސަކީބާ ބިރުގަނެފާނެތީ އެވެ. ލަމިޔާގެ ބާރުގަދަކަން ބަޝީރަށް ތަސައްވުރު ކުރެވެ އެވެ. "އަހަރެން އެބަ ވިސްނަން ފިރާގު ގެންނަން."

"އެ ކާކު؟" ސަކީބާ އެހި އެވެ.

"އެއީ ވަރަށް މޮޅު މީހެއް. މިކަހަލަ ކަންތައްތަކުގައި ވަރަށް ކުރީގައި އުޅޭނީ. މިވީހާ ތަނަށް އޭނަ ހުރީ މިކަހަލަ އެންމެން ރަނގަޅުކޮށްފައި،" ކުޑަދޮރު ކައިރިއަށް ޖެހިލަމުން ބަޝީރު ބުންޏެވެ. "އެކަމަކު ސަކީބާ މިކަމަށް އެއްބަސްވާ ނަމަ."

"އެއްބަސްނުވެ ކޮންތާކަށް ދާނީ؟ އިތުރު ގޮތެއް އެބަ އޮތްތަ؟" ދެ ކޮޅަށް ބޯ ހޫރާލަމުން ސަކީބާ ބުންޏެވެ. "އަހަރެންނަށް ހީވަނީ ދޮންބެއަށް ވެސް މިކަން ނުވާނެކަން ޔަގީންވީމަހެން ތި ފިރާގެއް ގެންނަން ތި އުޅެނީ."

"މުޅިއަކުން ތިހެންނެއް ނޫން. އެކަމަކު މިހާރު ކަންކަން އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި. ފިރާގު މިކަހަލަ ކަންކަމަށް ދޮންބެއަށް ވުރެ މާ ކުޅަދާނަވާނެ،" ބަޝީރު ބުންޏެވެ. "އަސްލު ވެގެން އުޅޭ ގޮތް މަށަށް ބުނަން އުނދަގޫވެގެން މި އުޅެނީ."

"ދޮންބެއަށް އަބަދުވެސް ވަނީ ތިހެން. ކޮންމެ ކަމެއް ވެސް ބުނެވެނީ ތިހާ އުނދަގުލުން. މިހާރު އަނެއްކާ ކިހިނެއްވީ؟" ސަކީބާ ހާސްވާ ގޮތްވި އެވެ.

"ޖުމާހުގެ ދަރިއަކަށް ލަމިޔާ ބަނޑުބޮޑު،" ލޯ މަރައިލަމުން ބަޝީރު ބުންޏެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް