ވާހަކަ: ވިގަނި

ވާހަކަ

ވާހަކަ: ވިގަނި - ހަތާވީސްވަނަ ބައި

6 އޭޕްރީލު 2024
3

27 ވަނަ އެޕިސޯޑް

"ލަމިޔާއަކީ ޖިންނިއެއް،" ލޯ މަރައިލަމުން ބަޝީރު ބުންޏެވެ.

ސަކީބާގެ މެޔަށް ހީވީ ފެންއެއްޗެއް އޮއްސާލިހެންނެވެ. މޭގައި އަތް އަޅާފައި ފަހަތަށް ޖެހިލެވުނެވެ. ފައިދަށުން ބިންގަނޑު ދެމިގަތްހެން ހީވި އެވެ. ދެ ލޯ ތަންމިނަށް ބޮޑުވެގެން ދިޔަ އެވެ. އެކަހަލަ ކަމެއްގައި ބަޝީރު ދޮގު ނުހަދާނެކަން ސަކީބާއަށް ވިސްނެ އެވެ. ހަރަކާތްކޮށްލަން ނޭނގުނުތާ އެސްފިޔަ ވެސް ޖަހާ ނުލެވުނެވެ.

"މަށަށް އެނގޭ ސަކީބާއަށް ގަބޫލުކުރަން އުނދަގޫވާނެކަން. އެކަމަކު މިއީ ތެދު ހަގީގަތެއް،" ފުން ނޭވައެއް ބޭރުކޮށްލަމުން ބަޝީރު ބުންޏެވެ.

ސަކީބާ ކުރިމަތީގައި އާވަމުން ދިޔައީ އެކި ދުވަސް ދުވަހު ލަމިޔާގެ ކަންކަން ހުރި ގޮތެވެ. ލަމިޔާގެ ކޮންމެ ހަރަކާތަކާއި ބުނެފައިވާ ބަސްތައް ސަކީބާގެ ކަންފަތަށް އިވެމުން ދިޔަ އެވެ. ގަބޫލުކުރަން ބޭނުން ނުވިޔަސް އެއީ ތެދެއްކަން ވިސްނެމުން ދިޔަ އެވެ. އުމަރުބޭގެ ކޮންމެ ލަފުޒެއް ވަކިވަކީން ހަނދާން އެބަ ހުއްޓެވެ. ސަކީބާގެ ލޮލުން ކަރުނަ ފައިބައިގަތެވެ. ހިތުގައި ރަސްކަން ކުރަމުން ދިޔަ ބިރުވެރި އިހުސާސްތައް ދުލުކުރިއަށް ގެންނަން ޖެހިލުންވި އެވެ. ދެން ހަދާނީ ކިހިނެއްހޭ ބުނާ ގޮތަކަށް ބަޝީރުއާ ދިމާލަށް ބަލާލި އެވެ. ބަޝީރަށް އެ ވަރު ވިސްނުނެވެ.

"އޭނަ ވަނީ އަހަރެންނަށް އިންޒާރުދީފައި. އަހަރެންގެ ދަރިން އުޅޭ ތަންތަން ވެސް އޭނައަށް އެނގޭ. އަހަރެން އެކްސިޑެންޓް ކޮށްލީ ވެސް އޭނަ. ރަހުމާއަށް އެ ކުރާ ޖެއްސުންތަކަކީ ވެސް ހަމަ އޭނަ ފަރާތުން އަންނަ ކަންކަން،" ފުން ނޭވައެއް ބޭރުކޮށްލަމުން ބަޝީރު ބުންޏެވެ. "މިކަމުން ޖެހޭނީ ސަލާމަތްވާން. އިތުރު ގޮތެއް ނެތް."

"އެކަމަކު ކިހިނެއް؟ ދޮންބެއަށް އެކަން ވާނެތަ؟" ސަކީބާގެ އެ ސުވާލަށް ޖަވާބު ދޭން ބަޝީރަށް އުނދަގޫވި އެވެ. ހަގީގަތުގައި އެކަމުން ސަލާމަތްވުމަކީ ފަސޭހަ ކަމަކަށް ނުވާނެތީ އެވެ.

"ޖުމާހު އެއްބަސް ކުރުވިއްޖެއްޔާ ވަރަށް ފަސޭހަވާނެ. އެކަމަކު އޭނަ ނުކުރާނެ ގަބޫލެއް. އެ ވަރަކަށް ނޫން ޖުމާހުގެ ބޯ ކައިފައި އެ ހުންނަނީ،" ކަންބޮޑުވަމުން ބަޝީރު ބުންޏެވެ.

"އެކަމަކު ދޮންބޭ، ޖިންނިއެކޭ ތި ބުނީ. އަހަރުމެން ކިހިނެއް އޭނައާ އެއްކޮށް އެއް ފުރާޅެއްގެ ދަށުގައި އުޅޭނީ؟ އަހަރެން ވަރަށް ބިރުގަނޭ،" އެކި ދިމަދިމާލަށް ބަލާލަމުން ސަކީބާ ބުންޏެވެ.

"މަ ބުނަންތަ ވާހަކައެއް. ބިރުގަނެގެން މިކަމުގެ ހައްލެއް ނުލިބޭނެ. ބިރުގަންނަންޏާ އެ ސޮރުމެންނަށް އެ ދެވެނީ އިތުރު ފުރުސަތެއް. އެ މީހުންނަށް ވިސްނޭނެ އިންސާނުންނަކީ ކިހާ އާރެއް ނެތް ނިކަމެތި ބައެއްކަން. އެ މީހުން ފުމެލިޔަސް އަހަރުމެން ބުރައިގެން ދާނެކަން. އެ ފުރުސަތު ދީގެން ނުވާނެ،" ފަރުވާތެރިކަމާ އެކު ވާހަކަ ދައްކަމުން ބަޝީރު ބުންޏެވެ. "ސަކީބާ ރަނގަޅަށް ވިސްނާތި އަހަރެން މި ބުނި ކަންކަން."

ސަކީބާ ބޯ ޖަހައިލި އެވެ. ބަޝީރު އެ ދެއްކީ ތެދު ވާހަކައެވެ.

"އަހަރުމެން ޖެހޭނެ ނިކަން ހިތްވަރު ކުރަން. ކެރެން ވާނެ. ކޮންމެ ކަމަކާ ވެސް ކުރިމަތިލާހާ ވަރުގަދަވާން ވާނެ. އެއީ ވިސްނުމުގެ ގޮތުން ވިޔަސް އަމަލުގެ ގޮތުން ވިޔަސް. އަހަރުމެން އެ މީހުން ދެކެ ބިރުގަންނަކަން ދައްކައިގެން ނުވާނެ."

ކޮޓަރިން ނުކުންނަމުން ސަކީބާ ދެކޮޅަށް ބަލައިލި އެވެ. ކާ ކޮޓަރިއާ ދިމާ ހުރީ ބޮކި ނިވާލާފަ އެވެ. ގޯޅިގަނޑުގައި ހުސް ގޮނޑިއެއް ހުއްޓެވެ. އެއީ ސަކީބާ ކުރިން ނުދެކޭ ގޮނޑިއެކެވެ. އެ ގޮނޑީގައި މީހަކު އިންތަން ފެނުނެވެ. އަނދިރިކަމުން ފެންނަނީ ކަޅު ހިޔަންޏެއް ހެންނެވެ. ސަކީބާ ހިންދިރުވައިލި އެވެ. ބޮލުން ހިއްލަން ފެށި ދާތައް މޫނަށް ފައިބަން ފެށި އެވެ. އިށީނދެ އިން ހިޔަނި ކޮޅަށް ތެދުވި އެވެ. އަދި ދިގުވަމުން ގޮސް ސީލިންގުގައި ޖެހުނެވެ. ސަކީބާއާ ދިމާލަށް އަންނަތަން ފެނުނެވެ. ސަކީބާ ހިތަށް އެރި އެވެ. ދުއްވައިގަނެފިއްޔާ މާ ގޯސްވާނެ އެވެ. ހުރި ތަނުގައި ހުރީ އެވެ. ސަކީބާއާ ކައިރިވަމުން ދިޔަ ވަރަކަށް ހިޔަނި ކުޑަވަމުން ގޮސް އިންސާނެއްގެ އިސްކޮޅަށް އަ އެވެ. އަލިވާ ހިސާބަށް އައުމުން އެއީ ކާކުކަން އެނގުނެވެ.

"މަންމާ، ކިހިނެއްވީ؟" ހިނިތުންވެލަމުން ލަމިޔާ ބުންޏެވެ.

"ކަލޭ ހީކުރީ މަ ވަރަށް ބިރުގަންނާނެ ކަމަށްތަ؟" ކިތަންމެ ޖެހިލުންކުޑަ ކަމަށް ދައްކަން އުޅުނަސް ސަކީބާގެ ލޮލުން ބިރުވެރިކަން ފެންނަންމުން ދިޔަ އެވެ.

"ނޫނޭ. އެ ވަރަކަށް ނޫނެއްނު އެ ބަޝީރު މަންމައަށް ނަސޭހަތް ދީފައި އެ ފޮނުވާލީ. އެހެންވީމަ މަންމަ ބިރެއް ނުގަންނާނެއެއްނު،" ލަމިޔާއަށް ހުރިހާ ކަމެއް އެނގޭކަން އަންގާލި އެވެ.

ސަކީބާ ހައިރާނެއް ނުވެ އެވެ. ޖިންނިންނަކީ ކޮންމެ ވަގުތަކު ކޮންމެ ތަނެއްގައި ވެސް ހަރަކާތްތެރިވާ ބައެކެވެ. ސަކީބާގެ މުނިމާމައަކީ ކުރީގެ ވަރަށް މަޝްހޫރު ފޫޅުމައެކެވެ. މާމަ ދުނިޔޭގައި ޖިންނިންނާ ބެހޭ ވަރަށް ގިނަ ވާހަކަ ސަކީބާއަށް ވަނީ އަޑުއިވިފަ އެވެ.

"ކޮން މަންމައެކޭ ކިޔާކަށް. އަހަރެން މިއީ ކަލޭގެ މަންމައެއް ނޫން،" ސަކީބާ ބުންޏެވެ.

"ޝޫ... މާ ބާރަށް ތިހެން ނުކިޔާތި. ޖުމާއަށް އަޑު އިވިޖިއްޔާ މަންމަދެކެ ރުޅި އަންނާނީ. އަހަރެން ދެކެއެއް ނޫން. އަހަރެން ދެކެ އޭނަ ވާނީ ލޯބި،" ސަކީބާ ވަށައިގެން ހިނގަމުން ލަމިޔާ ވާހަކަ ދެއްކި އެވެ.

"މަންމަ ބުނެބަލަ. އަހަރެން ޖިންނިއަކަށް ވުމުން މަންމަމެންނަށް އުނިވީ ކޮންކަމެއް؟ އެއްވެސް ގެއްލުމެއް އަހަރެން ނުދެން. އަހަރެންގެ ފަރާތުން ވިއްޔާ ވާނީ ފަސޭހަ. ވާނީ ފައިދާ. ކުރާނީ މަންފާ. ނޫންތަ؟" ލަމިޔާގެ އަޑުގައި ވަނީ ލާނެތްކަމެވެ.

"ކަލޭ މަގޭ ދަރިފުޅު ހަޔާތަށް އައުން އެއީ ކިހާ ބޮޑު އުނދަގުލެއް؟ އަދި ބުނެފިއެއްނު ގެއްލުމެއް ނުދެމޭ. ދޮންބެ އެކްސިޑެންޓް ކޮށްލީޔޯ؟ ރަހުމާއަށް ތި ކުރާ ޖެއްސުންތަކޯ؟" ސަކީބާ ކޮންމެ ރާގަކަށް ވާހަކަ ދެއްކިޔަސް ހުރީ ޖެހިލުންވެފަ އެވެ.

"އެއީ އަސްލު ދޮންބެ ވެސް ތެޅުނު ވައްތަރުން. ރަހޫއަށް އެހެން ވީ އަހަރެންގެ ސަބަބުން. އެކަމަކު އަހަރެން ނުކުރަން އެއްވެސް ކަމެއް،" ލަމިޔާ ބުންޏެވެ.

ކޮޓަރިއަށް ލަމިޔާ ވަނުމުން ޖުމާހު ލޯ ހުޅުވައިލި އެވެ. އަދި އެނދުގައި ލެނގިލި އެވެ.

"ޖުމާ ނުނިދަންތަ؟" އަލަމާރި ހުޅުވާލަމުން ލަމިޔާ ބުންޏެވެ. ޖުމާހު ހައިރާންވި އެވެ. ތުނޑީގައި ހުރެފައި ކުއްލިއަކަށް ލަމިޔާ ގެއްލުމުން އެކަމުގައި ޖުމާހު ހާސްވާނެ ވަރު ލަމިޔާއަށް ނުވިސްނުނީތީ އެވެ.

"ލަމިޔާ ކޮންތާކަށް އޭރު ދިޔައީ؟ އަހަރެން ބުނި އެއްޗަކާ މެދު ލަމިޔާ ހިތްހަމަނުޖެހުނީތަ؟" ލަމިޔާ އައިސް އެނދުގައި އިށީނުމުން ޖުމާހު ބުންޏެވެ.

"ކޮން އިރަކު؟" ޖުމާހަށް ބަލައިލަމުން ލަމިޔާ ބުންޏެވެ. ޖުމާހު ފާޑަކަށް ފޫހިވި އެވެ. އެނގި ހުރެ އެކަން ނޭނގޭ ކަމަށް ހެދީމަ އެވެ.

"އަހަރެން ވަރަށް ނިދި އައިއްސި. ހިނގާ ނިދަން،" ހިތްހަމަނުޖެހިފައި ޖުމާހު ބުންޏެވެ.

"ސޮރީ. އަހަރެން އެއްވެސް ތާކަށް ނުދަން. ޖުމާ ބުނި އެއްޗަކާ މެދު ހިތްހަމަނުޖެހިގެންނެއް ނޫނޭ އަހަރެން އެތަނުން އައީ،" ވިސްނަމުން ކަހަލަ ގޮތަކަށް ލަމިޔާ ވާހަކަ ދައްކަމުން ދިޔަ އެވެ.

"ދެން ކޮންތާކަށްތަ ދިޔައީ؟ ވަލުތެރެއަށް ވަދެގެން ވެސް ލަމިޔާ ހޯދީމޭ،" ޖުމާހުގެ އަޑުގައި އަދިވެސް ހުރީ ހިތްހަމަނުޖެހުމެވެ.

"އަސްލު އެއްޗެއް ހަނދާން ވެގެން އަހަރެން ދިޔައީ. އެކަމަކު ވަގުތު ޖެހުމުން އެ ވާހަކަ ވެސް އަހަރެން ބުނާނަން،" ޖުމާހުގެ މޭގައި ބޯ އަޅާލަމުން ލަމިޔާ ބުންޏެވެ. "ސަޕްރައިޒެއް."

ލަމިޔާގެ ހަށިގަނޑުގައި ޖުމާހު ބައްދާލި އެވެ. އެކަހަލަ ކުދިކުދި ކަންކަމަށް ޖުމާހު ހެއްލެ އެވެ. ލަމިޔާގެ ލޯބީގެ އޮއިވަރުގައި ޖުމާހު ބެހިގެން ދިޔަތާ ކިތަންމެ ދުވަހެކެވެ. އައްސޭރިއެއް ހޯދާކަށް ޖުމާހު ބޭނުމެއް ނުވެ އެވެ. އެ އޮއިވަރުގެ މަސްތުގައި ޖުމާހު ބޭނުންވަނީ ގަރަގުވެގެން ދާށެވެ.

"އަހަރެން ބުނީތީ ވެސް އަޑުއަހާ، ގަބޫލު ކުރޭ. މަންމައެއް ދެނެއް އެކަމެއް ނުހުއްޓާނެ،" ކަންބޮޑުވެފައި ކީލް ބުންޏެވެ.

ހައްޔަރުކޮށްފައި އިން ޖޫލިއަސްއާ ކީލް ވާހަކަ ދައްކަމުން ދިޔަ އެވެ. ދެ މީހުން ވެސް ތިބީ އިންސާނުންގެ ސިފައިގަ އެވެ. ދެ މީހުންގެ ހަންގަނޑުގައި ހުރީ ލޮނދި ކަމެކެވެ.

"ނުހުއްޓާނެތީ ހުއްޓުވާށޭ މަ އުޅުނީ. އެކަމަކު މިހިރީ މަށަށް ޖައްސާފައި ހުރި ހާލު،" ހަށިގަނޑުގެ އެތަން މިތަނުގައި ހަރުކޮށްފައި ހުރި ޗޭނުތައް ދައްކާލަމުން ޖޫލިއަސް ބުންޏެވެ. "ދަރިއަކަށް މިކަހަލަ ކަމެއް ކުރާނެތަ؟"

"ނުކުރާނެ."

އަލައިނާގެ އަޑު އިވުމުން ދެ މީހުން އެއްފަހަރާ އެ ދިމާލަށް ބަލައިލި އެވެ. އަލައިނާ ކީލްއާ ދިމާލަށް ބަލައިލުމުން ކީލް ދުންގަނޑަކަށް ވެގެން ދިޔަ އެވެ.

"މާމަ އަހަރެން ސަލާމަތްކޮށްދީބަލަ މިތަނުން،" އާދޭހުގެ ރާގެއްގައި ޖޫލިއަސް ބުންޏެވެ.

"މާމަ ކިތަންމެ ބޭނުން ވިޔަސް ތިކަން ވާކަށް ނެތް،" އަލައިނާ ބުންޏެވެ.

"ކީއްވެ؟ މަންމައަށް ވުރެ މާމަ މާ ބާރުގަދަވާނެ އެއްނު،" އަލައިނާއާ ދިމާލަށް ބަލައިލަމުން ޖޫލިއަސް ބުންޏެވެ.

"ކޮންމެ ކަމަކީ ބާރުގެ ބޭނުންކޮށްގެން ވާ ކަންކަމެއް ނޫން. ބައެއް ފަހަރު ޖެހޭނެ ތިމާގެ ވިސްނުން ވެސް ބޭނުން ކުރަން،" އަލައިނާ ވިސްނާލަމުން ބުންޏެވެ. ޖޫލިއަސް ހުރީ ސުވާލު މާކެއްގެ ތެރޭގަ އެވެ.

"މާމަ ތި ކިޔާ އެއްޗެއް މަށަކަށް ނުވިސްނޭ."

"އަދި ވިސްނޭނެ،" އަލައިނާ ބުންޏެވެ.

"މަންމަ އެ ކުރި ކަންތަކާ މެދު މާމަ ވެސް ހިތްހަމައެއް ނުޖެހޭ. އަދި އަހަރުމެންގެ ދަރިފަސްކޮޅުގެ އެއްވެސް މީހަކު އެކަމާ އެއްބަހެއް ނުވޭ. އެހެންވީމަ އެކަމުގެ އަދަބު ވެސް ލިބެން ޖެހޭނެ،" އަލައިނާ ވާހަކަ ދެއްކި އެވެ.

"އެ ކިހިނެއް؟" ވިސްނާލާފައި ޖޫލިއަސް ބުންޏެވެ. "އެ ޖުމާހު މަރާލައިގެން؟"

އަލައިނާ ހިނިތުންވެލި އެވެ.

- ނުނިމޭ -

އިތުރު ވާހަކަ

ކޮމެންޓް (3)

profile-image-placeholder

ޙަސަނާ

6 އޭޕްރީލު 2024
ކިހިނެތްހޭ ތި ހަދަނީ ޟުހާ؟ މި ނިންމާށޭ

ޙުސޭނާ

6 އޭޕްރީލު 2024
@ޙަސަނާ ކޮންމެ ދުވަހަކު ކޮންހާ ބޭކާރު ކޮމެންޓެއްތަ ތި ކުރަނީ؟

ބާބު

6 އޭޕްރީލު 2024
@ޙަސަނާ ކިހާ ދެރަ ކަމެއްހޭ ހަސަނާ. ކީއްކުރަންހޭ ތި ކިޔަނީ؟

އިތުރު އާޓިކަލް

އިތުރު އާޓިކަލް