ސަލްމާން ހާން: އޭނާގެ ގެއަށް ހަމަލާދިނީ ގޭންގަކުން ކަމަށް ފުލުހުން ބުނޭ

ސަލްމާން ހާން

ސަލްމާން ހާންގެ އެޕާޓްމަންޓަށް ބަޑި ޖެހި ދެ މީހުން ހައްޔަރުކޮށްފި

މިއީ ބޮލީވުޑްގެ ތަރި ދެކެ ވަރަށް ރުޅިއަންނަ ގޭންގަކަށް ނިސްބަތްވާ ދެ މީހުން ކަމަށް ފުލުހުން ބުނޭ
16 އޭޕްރީލު 2024

އިންޑިއާގެ ފިލްމީ ތަރި ސަލްމާން ހާންގެ އެޕާޓްމަންޓަށް މިދިއަ އާދިތަ ދުވަހު ބަޑީގެ ހަމަލާ ދިން ކަމަށް ތުހުމަތުކުރެވޭ ދެ މީހުން ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފި އެވެ.

މުމްބާއީގައި ހުންނަ ސަލްމާންގެ އެޕާޓްމަންޓަށް ހެނދުނު ވަގުތެއްގައި ބަޑި ޖެހީ ސައިކަލްގައި ދިޔަ ދެ މީހެކެވެ. އޭރު ސަލްމާން އާއި އޭނާގެ އާއިލާގެ ބައެއް މީހުން އެ ގޭގައި އުޅޭ ކަމަށްވެ އެވެ. ނަމަވެސް އެއިން މީހަކަށް އަނިޔާއެއް ނުލިބެ އެވެ.

ފުލުހުން ބުނާ ގޮތުގައި އެ ހަމަލާގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ނިސްބަތްވަނީ ޖިނާއީ ބޮޑެތި ކުށްތަކަށް އަރައިގަންނަ ގޭންގަކަށެވެ. އެ ގޭންގްގެ މީހުން ސަލްމާން ދެކެ ރުޅިއަންނީ 1998ގައި ދެ ފުއްލާ މަރާލުމުންނެވެ. އެ ގޭންގް ނިސްބަތްވަނީ ޖަނަވާރުންނަކީ މުގައްދަސް އެއްޗެއް ކަމަށް ގަބޫލުކުރާ ދީނީ ގަބީލާއަކަށެވެ. 

ދެ ފުއްލާ މަރާލުމުގެ ކުށުގައި ސަލްމާންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް ވެސް ކުރިން އިއްވި އެވެ. ނަމަވެސް މަތީ ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ.

މުމްބާއީގެ ފުލުހުން ބުނާ ގޮތުގައި ސަލްމާންގެ ގެއަށް ބަޑިޖެހުމުގައި ބައިވެރިވި ކަމަށް ދެ މީހުން ވަނީ އެއްބަސްވެފަ އެވެ.

އެ ގޭންގްގެ ފަރާތުން ސަލްމާނަށް އޮތް ނުރައްކާ އަދިވެސް ކުޑަ ނޫންކަން މި ހަމަލާއިން އެނގެ އެވެ.

ފުލުހުން ބުނާ ގޮތުގައި އެ ގޭންގްގެ އެހެން މެމްބަރަކު ފުލުހުންނަށް ދިން މައުލޫމާތަށް ބަލާއިރު ހަމަލާ ދިން ދެ މީހުން ވަނީ ސަލްމާންގެ އެޕާޓްމަންޓާ ކައިރި ހިސާބަކުން އެއް މަހަށް ކޮޓަރިއެއް ކުއްޔަށް ހިފައިފަ އެވެ. ހަމަލާދިނީ ސަލްމާނަށް ފާރަލާތާ ދުވަސްތަކެއް ފަހުން ކަމަށް ވެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް