އިލަސްޓްރޭޝަން: މޫސާ މަމްދޫހު

ވާހަކަ

ރަސްގަތުލު – 11 ވަނަ ބައި

3 އޭޕްރީލު 2024
9

މި ކާއިނާތުގެ މާ ބޭރުގައި ތިބާގެ ނިބޫއެއްވެ އެވެ. މި ސޫރުދަ އާއި އޭގެ ވަށައިގެން ދައުރާނަވާ ގުރަހަތަކާއި ގުރަހަލިތަކާއި ދުންތަރިތައް ނިސްބަތްވާ މި ކައުނީ ނިޒާމުން ބޭރުގައި ތިބާއާ ލޭގެ ގޮތުން ގުޅިފައިވީ އެތައް މިލިއަން އިންސިންނެއް އެތައް ހާސް އަލި އަހަރު ދުރުގައިވެ އެވެ. ތަރިތަކުން ވިދައި ބަބުޅަމުން ދިޔަ އުޑުމައްޗާ ދިމާލަށް ބަލަހައްޓައިގެން ހުރެފައި ތާރަތަކުރު ބުނެލިއެވެ.

ސަކީނާ އިނީ އޭނާގެ ބައްޕަގެ އުރުގައެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ފަޒާގެ ތެރެއިން އުދުހެމުން ދިޔަ ދުންތަރިއެކެވެ. ކުނޑިކުނޑިވެ ތަރިތަކުގެ ތެރެއަށް ފަނޑުވެ ގެއްލުނު އެ ދުންތަރިއާ ދިމާލަށް ބަލަން ހުރެފައި ސަކީނާއާ ދިމާލަށް އެނބުރި ތާރަތަކުރު އޭނާގެ އަންހެން ދަރިފުޅަށް ދައްކާލީ އެ ކުއްޖާގެ ބަނޑުގެ ފޫޅާ ދިމާލުގައި ހެދިފައި ހުރި އުފަން ލަފެކެވެ.

ވެއްޓި ކަޅި ހުއްޓިފައި އޮތް ޗަމަރާއާ ދިމާލަށް ބަލަހައްޓައިގެން ހުރި ސަކީނާގެ ލޮލުގައި އަޅައިގަތީ ޗަމަރާގެ ބަނޑުގައި ދުންތަރިއެއްގެ ސިފައިގައި ހެދިފައިވީ އުފަންލަފެވެ. ސަކީނާގެ ބަނޑުގައިވީ އުފަންލަފަޔާ ހަމަ އެއްވެސް ތަފާތެއް ނެތެވެ.

"އަލި އަހަރު ދުރުގައިވީ އަހަރެންގެ ނިބޫ އަކީ ކަލޭ ހެއްޔެވެ؟"

ޗަމަރާގެ މެޔާ ދިމާލުން އޮހޮރި ދެމެމުން ދިޔަ ލޭތަކުން އޭނާގެ އުފަންލަފު ނިވައުވެއްޖެއެވެ. ދުވެފައި ގޮސް ސަކީނާ ބިންގަރާހުން ނުކުތްއިރު ފަޖުރުތަރި ފައުޅުވެއްޖެއެވެ. މިއްރީހާއި ޒުހުލާއި މުޝްތަރީ ގުރަހަ އޭރު ސަފަކަށް އެތުރި ތަރުތީބުވެއްޖެއެވެ.

އިރުގެ އަލިކަން ފައުޅުވުމުގެ ކުރިން ބަނާޓުގަލާގެ ފެންގަނޑުތަކާއި ވަށައިގެން އޮތް ފަޅު ރެދަންލައި ދިއްލެން ތައްޔާރުވަނީ އެވެ. ގުރަހަލިން ނުކުމެ ގުރަހަނާއިން ބޭރުވެ ފަޅި ސިކުންތެއްގެ ތެރޭގައި އަލި އަހަރު ކަޑައްތުކުރެވޭ ދޮރާށިތައް ފެންގަނޑުތަކާއި ފަޒާގެ ތެރެއިން ފައުޅުވާން ތައްޔާރުވަނީ އެވެ.

"އެކަމަކު ތިބާ ގޮސް މިފަހަރު ވެއްޓޭނީ ކޮން ދުނިޔެއަކަށް ހެއްޔެވެ؟"

"ހިތް އެދޭ ކުމާރީންގެ ދުނިޔެ ފޮރުވިފައި ވަނީ މި ކައުނުގެ ކޮން ކަނެއްގައި ހެއްޔެވެ؟"

ސަކީނާއަށް ހީވަނީ ކައުނުގައިވީ އާދަޔާހިލާފު ބާރަކުން އޭނާގެ ހިތުގައި ވަސްވާސް އުފަންކުރުވަމުން ގެންދާހެންނެވެ. ހިތުގައިވީ އަމިއްލަ އެދުން އަނެއްކާވެސް އޭނާއަށް ކެއްސެއް ދޭން ރާވަމުންދާހެންނެވެ. ނަމަވެސް ދުރުން ލޮލުގައި އަޅައިގަތް ފަންޖިފުޓިއާ ދިމާލަށް އޭނާގެ ހިތާއި ނަފުސު ދަމައިގަތީ އަމިއްލަ އެއްވެސް ބާރެއް ނެތިއެވެ.

ޖިފުޓިއަށް ވަދެ އެތަނުގައިވީ ބިންގަރާހުގެ ދަގަނޑު ދޮރުފަތް ނަގައި އެއް ފަރާތަކަށް ވައްޓާލުމާ އެކު އެ ބިންގަރާހުގައިވީ ހިރިގަލުގެ ފާރުތައް ވެސް ރެދަންލައި ވިލުފެހިކުލައަކުން ދިއްލިއްޖެއެވެ. ސަކީނާ މިހާރު އެހެރީ ވައަތަށް ހުޅިޖަހައިގެންނެވެ. ބިންގަރާސް ތެރޭގައި އޭނާއާ ދިމާލަށް ބަލަހައްޓައިގެން ހުރީ ކަޅުސޮރެވެ. ބަކުރު އޮތީ ވެއްޓިފައެވެ. ދުވަހަކު ބައްދަލުވެފައި ނުވާ ފިރިހެނެއްގެ ސިފައިގައިވިޔަސް އެއީ ސަކީނާގެ ކޮއްކޮ ސަންޕާކަން އޭނާ އަށް ވަގުތުން ޔަގީންވެއްޖެއެވެ.

މި ޖިފުޓި އާއި ބިންގަރާސް ތެރެއަށް ސަކީނާ ގެނައީ ވެސް ބަކުރުގެ އެ ހަށިގަނޑުގެ ތެރޭގައި ވިންދުޖަހަމުން އެ ދާ ސަންޕާގެ ހިއްސުތަކުގައިވީ އާދަޔާހިލާފު ބާރުތަކެވެ. ޗަމަރާގެ ކޮށީގައި ބަންދުކޮށްފައި އޮތްއިރު ވެސް ސަކީނާގެ ހިތާ އަބަދުވެސް ގުޅިފައިވީ އާދަޔާހިލާފު ބާރަކީ ސަންޕާގެ އެ އިހުސާސްތަކެވެ.

ސަކީނާ ފެނި ކަޅުސޮރަށް ހުރެވުނީ ހުއްޓުން އަރައިފައެވެ. ސިޑިން ތިރިއަށް ފައިބައިގެން ގޮސް ބަކުރު ކައިރިއަށް ވެއްޓި އޭނާ ނަގައި ސަކީނާ ނިކަން ބާރަށް ބައްދައިގަތެވެ. ފެންކަޅިވެފައިވީ ދެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަތައް ދެމިގަތެވެ.

ނަމަވެސް ކަރުނަ އަޅައި ރޯކަށް ވަގުތެއް ވެސް ނެތެވެ. ބަކުރުގެ ވިންދުތައް މަޑުވެ އެ ހަށިގަނޑުން ސަންޕާގެ ހިއްސުތައް ވެސް ފަނޑުވަނީ އެވެ.

ކަޅުސޮރުގެ އަތުގައި އޮތީ ތާރަތަކުރު ދިން ނަކަޗާފުށީގެ ޗާޓެވެ. އެކަމަކު އަންބޮނޑި ތެރެއިން ނަގައި ހުޅުވާލި އެ ކުރެހުން ހީވަނީ ބަނާޓުގަލާގެ ނަކަލެއް ހެންނެވެ. ވަށައިގެންވީ ބޮޑު ފަޅާއި ރަށު ތެރެއިން ދެމިގެން ގޮސް މޫދާ ގުޅިފައިވާ ކޯރުތަކާއި ކަޅުސޮރު ޖަހައިގަނެގެން މިތަނަށް ގެނައި ރިހިފެންގަނޑު ވެސް ބަނާޓުގަލާގައި އެބައޮތެވެ.

ބަނާޓުގަލާ ހީވަނީ ހަމަ އަސްލަށް ވެސް ނަކަޗާފުށީގެ 'ނިބޫ' އެއް ހެންނެވެ. އަދި އެ ޗާޓު ހުޅުވައިގެން ހޯދައި ބަލަމުން ދިޔަ ވަރަކަށް ކަޅުސޮރަށް ޔަގީންވަމުން ދިޔަ ހަގީގަތަކީ ވެސް އެއެވެ.

"އެހެން ކަމުގައި ވަނީ ނަމަ ތާރަތަކުރުވީ ކޮން ޖިފުޓިއެއްގައި ހެއްޔެވެ؟"

ކަޅުސޮރުގެ ފިކުރުތައް ގޮސް ހުސްވިއިރު ބަކުރު ނަގައި ކޮނޑަށް ލައިގެން ލިބާސްގަނޑު ކޮށިކުރަމުން ސަކީނާ ދުއްވައިގަތެވެ. އޭނާ ފަހަތުން ގޮސް ކަޅުސޮރު ވެސް ނުކުތީ ބޭރަށެވެ. އުދަރެހުން އިރު ފައުޅުވާން މާކަ ގިނަ ވަގުތެއް ދެން ނެތެވެ. ރަށުގެ މެދުގައި އޮތް ކުޅީގެ ރެދަންލީ ފެންގަނޑު އޭރު ވަނީ ބުރެއްގެ ސިފައިގައި އެނބުރެމުން ގޮސް ފަޒާގެ ތެރެއަށް އޭގެ ކޮޅު ވަދެ ގެއްލިފައެވެ. އެ ފެންގަނޑުގައިވީ މަސްތަކާއި ބޮކާއި ރާދައަސްދޫނިތައް ވެސް ފެނުގެ އެ އުޅާތައް ވަށައިގެން އެނބުރެނީ އެވެ.

ބަކުރު ކޮނޑަށް ލައިގެން ދުވެފައި އެ ދިޔަ ގޮތަށް ގޮސް އެއްވެސް ޖެހިލުމެއް ނެތި ސަކީނާ ފުންމާލީ އެ ރެދަން އުޅާތަކުގެ ތެރެއަށެވެ. ލޯމަތިން ސަކީނާ ގެއްލުނު ވަގުތު ކަޅުސޮރު ވެސް އެ ދިމާލަށް ދުއްވައިގަތެވެ. އަދި އުޅާތަކުގެ ތެރެއަށް ކުއްލިއަކަށް ޖަހައިގެން ގޮސް ގެއްލިއްޖެއެވެ.

ކަޅުސޮރަށް ހީވީ ފަޒާގައިވީ ތަރިތަކުގެ ތެރެއަށް ފަޅި ސިކުންތެއްގެ ތެރޭގައި އޭނާ ޖަހައިގެން ގެންދިޔަ ހެންނެވެ. އަދި ވެއްޓިގެން ގޮސް އަނެއްކާވެސް ފެންގަނޑެއްގައި ޖެހުނީ ހަމަ އެހައި ވެސް އަވަހަށެވެ. އަނެއްކާވެސް ގޮސް ވެއްޓުނީ ބަނާޓުގަލާގެ މެދުގައިވީ ފެންގަނޑަށެވެ.

"ނޫނެކެވެ. މިއީ ނަކަޗާފުއްޓެވެ."

ފެންގަނޑު ތެރެއިން ފަތާފައި ގޮސް އެއްގަމަށް އަރައި ކަޅުސޮރު ދުއްވައިގަތީ ދުރުން ފެންނަން ހުރި ފަންޖިފުޓިއާ ދިމާލަށެވެ. ޖިފުޓިއަށް ވަދެ ބޯދިއްކޮށްލުމާ އެކު އޭނާގެ ހިއްސުތަކުގައި ބައްދައިގަތީ މުޅަވަސްގަނޑެކެވެ. ތާރަތަކުރު އެ އޮތީ ކުނިވެ ފުޅައަޅައިފައެވެ.

ސަކީނާ އާއި ބަކުރުގެ ސިފައިގައިވީ ސަންޕާގެ އެއްވެސް ހިލަމެއް ނެތެވެ.

** ** **

އެއީ ދެ ބޯ ލީ ސާމަރާދޫންޏެކެވެ. އެއީ ގަންޑާބެރުންޑާގެ ނަމުން މަޝްހޫރުވެފައިވާ ހައިވާނެކެވެ. ފައިން ވަކި ހިއްޕައި ނޮޅައި ކައި އުޅޭ، ނަގޫސޭސަރެއް ވަރުގެ ބިޔަ ޖަނަވާރެކެވެ. އެއީ ކުމާރީންގެ ޖައްވުގައި އުދުހޭ އެންމެ ބޮޑު އަދި އެންމެ ނުރައްކާތެރި ދޫންޏެވެ. އޭގެ ވަކިތައް ހަންޖަރުހެން ތޫނުވެފައި އޮގަރުކަނޑިކޮޅެއްހާ ބާރުގަދަ ތުންގަނޑެއްގެ ވެރިއެކެވެ. އޭގެ ފިޔަގަނޑެއް ބޮޑުމަހެއްހާ ބޮނޑެވެ.

ތޫލި އަޑުފަށްގަނޑަކާ އެކު ވިލާތަކުގެ ތެރެއިން ނުކުމެގެން އައިސް ގަންޑާބެރުންޑާގެ ވަކިތައް ހިއްޕާލީ ދޭވްރީ އާއި އާމިރުއައްޔޫބީ ހިފަހައްޓައިގެން ތިބި ބޮޑުމަހުގެ ބޮލުގައެވެ. ބޮޑުމަސް ވެއްޓިގެން ގޮސް ޖެހުނީ މުރަކައިގެ ވާދީއެއްގެ މެދުގައެވެ. ހީވީ ހަތްއުޑުމަތިން ވެއްޓިގެން އައި ގިނިހިލައެއް ދުނިޔޭގެ ބިމުގެ ފަށަލަ ހަފުސްކޮށް ހިރަފުހަށް ހަދާލިހެންނެވެ.

ބިޔަ ގަސްތަކެއް ފަދައިން ހެދި ފެތުރިފައިވީ މުރަކަތަކުގެ ތެރެއިން އާމިރުއައްޔޫބީ އާއި ދޭވްރީ ދުއްވައިގަތެވެ. ގަންޑާބެރުންޑާ އޭތީގެ ޝިކާރަ މައްޗަށް ތިރިކޮށް މަސްތައް ނޮޅައިގެން އޭރު ކާން ފަށައިފިއެވެ.

މިއީ ކުމާރީންގެ ދުނިޔޭގައި ކަނޑުތައް ހިކި އިރުގެ ގަދަ ހޫނުން އަނދަމުންދާ ވާދީއެކެވެ. އަދި ދެ ފަޅިވެ ދެ ބައިވެފައިވާ މި ދުނިޔޭގައި ދޭވްރީއަށް ބައިއަތު ހިފައި ސަޖިދަޖަހާ ލަޝްކަރު ވަޒަންވެރިވެ ފިލައި ތިބި ހިސާބެވެ. ނަމަވެސް ކުމާރީންގެ ތަހުތަށް ނިސްބަތްވާ ބިރުކުޑަ ސިފައިން އެމީހުންގެ ވައިފިޔަމަޑީގައި ވައިކަފަމުން ފޯރިމަރާ ހިސާބެކެވެ.

ނަމަވެސް މުރަކައިގެ މި ވާދީގައި ހަދާނެ ގޮތް ހުސްވެފައި ވަނިކޮށް ވައި ރޯޅިއެއްހެން އެނބުރިގެން އައިސް ދޭވްރީ އާއި އާމިރުއައްޔޫބީ ޖަހައިގެން ގެންދިޔައީ ވައިފިޔަމަޑިއެއްގައި އައި ކުމާރީންގެ ސިފައިންނެއް ނޫނެވެ. މާ ސިންގާ ނަރުނަގޫ މަޑިއެއްގައި އައި ޕޫރާޅީ ކައްޕިތާނެކެވެ. އެއީ ތަހުތާ ދެކޮޅަށް ދޭވްރީ މީގެ އެތައް ސަތޭކަ އަހަރެއް ކުރިން އެއްކޮށް އެކުލަވައިލި ހަނގުރާމަވެރިންގެ އެންމެ އިސް ގާއިދެވެ.

ދޭވްރީ އާއި އޭނާގެ ލަޝްކަރު އެ ހަނގުރާމާގައި ބަލިވީ އެވެ. އަދި ހިފައި ހައްޔަރުކޮށް، ކުމާރީންގެ ދުނިޔެއިން އޭނާ ފައްސައިލެވުނީއެވެ. ނަމަވެސް ކުމާރީންގެ މި ދުނިޔޭގައި ލެވިފައިވީ ސަލާމަތީ ހުރިހާ ފާރެއް ފޫއަޅުވާލުމަށް ފަހު ދޭވްރީ އެނބުރި އައިސް އެހެރީ އޭނާގެ އެއް ހާސް އަހަރު ވީ ލެޔާއި ނަސަބު ކަށަވަރުކޮށްދޭ މަގާމާއި ތަހުތު އަތުލާށެވެ.

ކުމާރީންގެ ސުވަރުގެއިން އޭނާ ފައްސާލި އޯވިޔާ ގޮސްވާމީގެ ކިބައިން ބަދަލުހިފާށެވެ. އޯވިޔާ އަކީ ދޭވްރީ ގޮސްވާމީގެ ދައްތަ އެވެ. ދޭވްރީއާ އެކު ކުމާރީންގެ ދިވްޔޯސްމީ ޝާހީ ހާންދާން ކަތިލައި އަޅިއަށް ހަދާލުމަށް ފަހު އޭނާއަށް ކެހިދިން އޭނާގެ ލޭގެ ގުޅުމެވެ. އެ ލޭ އޮހޮރުވުމުގައި ސަލާމަތްވީ ދިވްޔޯސްމީރާނީގެ އަންހެން ދަރިކަނބަލެއް އެކަންޏެވެ. އެއީ ޒުވާން މަރިޔަމް ދިވްޔޯސްމީ އެވެ. ނުވަތަ ގިރާވަރުގައި ވަޒަންވެރިވެ ދޮލަނގާމަރިޔަނބުގެ ގޮތުގައި ނިމިދިޔަ ކުމާރީންގެ ސިއްރު ރަންދިކަނބާއެވެ.

ދޭވްރީގެ ކިއްލާއަށް ދެވުނުއިރު އާމިރުއައްޔޫބީ އޮތީ ވަރަށް ބޮޑަށް ފިހިފައެވެ. ނަރުނަގޫމަޑި ގޮސް ތިރިކޮށްލުމާ އެކު އާމިރުއައްޔޫބީ ގެންގޮސް ވެއްދީ އަވި ނުފޯރާ ކޮޓަރިކޮޅަކަށެވެ. ސަމޭދާން ބައްތި ދިއްލައި އެތަން ޒީނަތްތެރިކުރުމަށް ފަހު އާމިރުއައްޔޫބީއަށް ވެދުމަށް އެރުވީ ކުމާރީންގެ ބިކުރުވެރި ދިހަ އަންހެން ކުދިންނެވެ.

ކުމާރީންގެ އެ ލެޔަކީ އާމިރުއައްޔޫބީގެ ދިރުމެވެ. އަދި އާމިރުއައްޔޫބީ އަކީ ދޭވްރީއަށް މި ތަހުތު ކަށަވަރުކޮށްދޭނެ އެންމެ ތޫނު ހަތިޔާރެވެ.

ސަމޭދާން ބައްތިން ދިއްލައި ޒީނަތްތެރިކޮށްފައި އޮތް މުރަކައިގެ އަށިމައްޗަށް އަރައި އާމިރުއައްޔޫބީ ހަމަޖެހިލިއެވެ. އަދި ކުމާރީންގެ ހޫނު ލެޔާ އެކު އޭނާގެ ހަށިގަނޑު އާރޯވެ، ޒަހަމްތަކާއި ފާރުތައް ފިލައި ގޮސް އެ ހަންގަނޑު ނޫކަށިފުރައިގެ ޒުވާނެއްގެ އޮމާން ކަމަކަށް ބަދަލުވެއްޖެއެވެ.

އެޑިޓަރުގެ ނޯޓް:

ޖުމްލަ 12 އެޕިސޯޑުގެ މައްޗަށް އެކުލެވޭ މި ވާހަކައިގެ އާ ބައިތައް ގެނެސްދޭނީ ކޮންމެ ހަފުތާއެއްގެ ހޯމަ، ބުދަ އަދި ހުކުރުގަ އެވެ.

ކޮމެންޓް (9)

profile-image-placeholder

ހީނާ

14 އޭޕްރީލު 2024
މިދެން މިވާހަކަ ނިމުނީ.............ދެނެއް ނުފެންނާނެ އަނެއް ބަޔެއް

ރީތި ހައްވަ

12 އޭޕްރީލު 2024
ކޮބާހޭ ފަހުބައި ؟؟؟؟

މަ ދ

14 އޭޕްރީލު 2024
@ރީތި ހައްވަ މަ އޭރުވެސް ބުނީމެއްނު ނަދީމް ހަދާނީ އެހެންނޭ..

އާމިރުއައްޔޫބީ

11 އޭޕްރީލު 2024
ރަސްގަތުލު ވާހަކަ ނިންމަން ނޭނގުނީ ކަމަށް މި ބަލަނީ ފަހުބައި ނުގެނެސްދީ ދިގުލައިގެންދާތީ

ސަމަރުގަންދު

8 އޭޕްރީލު 2024
ތަކުރު ތާރައެ މަށައް ކިޔަނީ، ބަކުރު ސަންޕަގެ ބަފައިމީހާ. އެސޮރު ކަޅަކަސް އެ މޮޅު ކަޅެކޭ، ސަކީނާވެސް އެ ހޯދިއްޔޭ!. ދެކޮނޑު ދެހުޅުން ނެތަސްވެސް އަތް، ދޮލަނގު މަރިޔަނބު އެ ހުރިނަމަތާ. ގިރާވަރު މީހަކަށް ވީތީ އުކަން ޖެހުނަސް ބޮކާ މަކުނާ، ފިސާރި ތެދެއް ބުނަން ހެއްޔޭ؟ ކުރާނަން ހަަމަ މި ރަސްޤަތުލެއް.

އިއްސޭ

3 އޭޕްރީލު 2024
ވަރަށް ބޮޑަށް އެވަޓާ ސިފަވެގެންދިޔަ

ނެޓްފްލިކްސް

4 އޭޕްރީލު 2024
@އިއްސޭ މަވެސް ކިތައް އެރީ ސީރީސް އެއް ހަދާލެވޭނޭ ... އެވަޓާރ ކަހަލަ

ޢެދުރު ފޭން

3 އޭޕްރީލު 2024
ކޮބާހޭ އެދުރު ގެ ރީތި ހައްވަ ވާހަކަ

ޕަރސަން

3 އޭޕްރީލު 2024
ވޯހް! ވަރަށް މޮޅު އިނގޭ، މިހާރު ދެން ވަރަށް ފައްކާވޭ އެބަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް