އިލަސްޓްރޭޝަން: މޫސާ މަމްދޫހު

ވާހަކަ

ރަސްގަތުލު – ނުވަ ވަނަ ބައި

ބަކުރު ގޮސް މަޑުކޮށްލައިގެން ހުރީ ތިނަދޫގެ އަސްދޫނި ފެންގަނޑު ކައިރީގައެވެ. ބޮކަރު ގަހެއްގެ ފިނި ހިޔަލުގައެވެ. މަޑު ރީނދޫ ކުލައިގެ ބޮކަރުމާތަކުން މާބުރުތައް ފޮނި ބޮނީއެވެ. ކަޅުކުލައިގެ ހުނބުޅުތައް އެ ގަހުގެ މީރު ލަކުޑިން ފޮނިބޮމުން ކުނޑި ބުރުވަނީއެވެ. ބޮކަރު އަތަރުގެ ވަސްގަނޑުން އެތަން އޮތީ އެއްވަސްކޮށްލައިފައެވެ.

އަސްދޫނި ފެންގަނޑު ފުރާލާފައި އޮތީ ލައިނޫފަރު ވެޔޮތަކުންނެވެ. ފެންގަނޑު މަތީގައި ފެތުރިފައިވާ އޭގެ ފަތްތަކުގެ މަތިން ޅަ ކަނބިލިތައް ދުވެ ފުމެނީ އެވެ. ރާނބޮދުތައް ކޮށްޖަހަމުން ތެލާޕިއާ ކަނީ އެވެ. ރަތްދަކަ އަވީގައި ބުރަކަށި މަތިން ރަތްރީނދޫ ދަޅައެއް އަރުވަމުން ގެންދިޔަ އިރުވާހުދުތައް ހީވަނީ ލައިނޫފަރުމަލުގެ ކަރުގަނޑުގައިވީ ހިތްގައިމުކަމާ ވާދައަށް އެތުރި ހުއްޓިގެން ތިބިހެންނެވެ.

ހުޅަނގު މޫސުމުގެ ވަޔާއި ވަސް އައިސް ބަކުރުގެ ގައިގައި ބައްދައިގަތީ ހަމަ ކުއްލިއަކަށެވެ. ވިލާތަކުން އުޑުމަތި ބައްދައި ގަސްތަކުން ފަތްތައް އުދުހި އެނބުރެން ފެށުމުން އޭނާ ގޮސް ވަނީ އެ ދިމާލުގައި ހުރި ބައު ޖިފުޓިއަކަށެވެ. މިއީ ކޮތަންބެއްޔާގެ ދެމަފިރިން ވީނުވީއެއް ނޭނގި ގެއްލުމުގެ ކުރިން އެމީހުން ތިނަދޫގައި ދިރިއުޅުނު ފަގީރު ޖިފުޓިގަނޑެވެ. އެތަން ހިޔައުކޮށް ބިއްތައް ބަންދުކޮށްފައި ވަނީ ފަންތޮށަލި އާއި ޓިނުންނެވެ. އެ ފުރާޅާއި ހަތަރުފާރު ވަނީ ފީވެފައެވެ. ދަބަރަށް ގޮސް ހުސްވެފައެވެ.

ވާރޭ ވެހެން ފަށައިފި ނަމަ ހިޔައުނުވާނެކަން ޔަގީނެވެ. ނަމަވެސް ބަކުރު ގޮސް އެ ޖިފުޓިގަނޑަށް ވަދެ އެހެރީ ބޯހިޔާވަހިކަމެއް ހޯދާކަށް ނޫނެވެ. އެތައް މޭލެއް ދުރުން އޭނާއަށް ވަސް ދުވަމުން ދިޔަ އަންހެނަކު މި ޖިފުޓި ތެރޭގައި ކޮންމެވެސް ދުވަސްވަރެއްގައި ކޮންމެވެސް ގޮތަކަށް ގެންގުޅެފައިވާކަން އޭނާއަށް ޔަގީންވާތީ އެވެ.

އެ އަންހެން މީހާގެ ވަސް މިހާރު ވެސް ޖިފުޓި ތެރެއިން ބަކުރަށް އެބަ ދުވައެވެ. އެ އަންހެން މީހާގެ ލޭގައިވީ ހޫނުކަން އޭނާއަށް އިހުސާސުވާ ފަދައެވެ. އޭނާގެ ހިތުގައިވީ ހާސްކަން ސަލާމަތަށް އެދި އާދޭސްކުރާ ކަހަލަ އެވެ.

ހާވައި ބަލަމުން ދަނިކޮށް ބަކުރަށް ފެނުނީ ފީފާބުރިއެއްގެ ތެރޭގައި ގެއްލިފައި ހުރި ނުވަތަ މީހަކު ފޮރުވާފައި ހުރި ފަތްފޮތްތަކެކެވެ. ބަނޑޭރިގަނޑާ އެކުގައި ކަތުރުފަނި ކައި ފީވެ ފަނިއަޅާފައިވާ ހަތިމުތަކާއި ދިވެސް އަކުރުން ލިޔެފައިވާ ބޯގަނޑުތަކެވެ. ދެލިން ކުރަހާފައިވާ ތަސްވީރުތަކާއި ޗާޓުތަކެވެ. އެ ޗާޓުތަކުން ފެންނަނީ ޑްރަދީވާ ނަމަކަށް ކިޔާ މާ ސިންގާ ފަޅަކާއި ބަނާޓުގަލާ ނަމަކަށް ކިޔާ ފަޅު ރަށެކެވެ. އަދި އެ ލިޔުންތަކުގައިވާ ގޮތުން ނަމަ އަސްވިދާ އާއި ބެރަނަ ނަކަތް ފަތްތަރުވާ ހިނދު ޑްރަދީވާ ފަޅުގެ ދޮރުތައް ބަނާޓުގަލާއަށް ހުޅުވޭނެއެވެ.

ޖެހިގެން އައި ދެ ހަފުތާ ބަކުރު ހޭދަކުރީ އަސްވިދައިގެ ވަޔާއި ގަދަ ވިއްސާރައިގެ ތެރޭގައެވެ. ބަނާޓުގަލާއަށް އޭނާ ގޮވައިގެން ދާން ހަމަ އެކަކު ވެސް އެއްބަހެއް ނުވިއެވެ. ދެ ހަފުތާ ފަހުން، ވާރޭ ވެހުން މަދުވެއްޖެއެވެ. ދިލަ ހޫނުގެ އުދާސްތައް އައިސް ބައްދައިގަތީ އިންޒާރެއް ދިނުމެއް ނެތި އެވެ. އަދި މީހަކު ގޮވައިގެން ބަނާޓުގަލާއަށް ދާން ކުރި މަސައްކަތް ކޮޅެއްގައި ޖެހެން ނެތްކަން ޔަގީންވުމުން ބަކުރީ ނިންމީ ރަށުގައި އޮތް އެންމެ ބާރަށް ދުވާ ޑިންގީ ނަގައިގެން ފިލާށެވެ. ކޮޅިގަނޑެއްގައި ނުޖެހި ފަސޭހަކަމާ އެކު ގޮސް ބަނާޓުގަލާއަށް ވަންނާނެ މަގު އޭނާއަށް މިހާރު އެނގޭތީ އެވެ.

އެހެން ނޫނަސް އޭނާގެ ހަށިގަނޑަށް ވަދެ އޭނާގެ ބޮލަށް ސަވާރުވެފައިވާ ހިއްސުތަކަށް އެ މަންޒިލް ވަރަށް ވެސް ސާފެވެ.

ޑިންގީ ނަގައިގެން ބަކުރު ފިލީ މަސްވެރިންނާ އެކު ރަށުގެ ފިރިހެންވެރިންތައް ފަތިސް ނަމާދަށް އެރި ވަގުތު ބަލައެވެ. އަދި އިރުމެދު ނުޖެހެނީސް އޭނާ ބަނާޓުގަލާއަށް އެތެރެވެއްޖެއެވެ. އޭނާގެ ލޮލުގައި މީހަކު އަޅައިގަތީ ފުނަވަލުން ގޮސް ކަނޑޫފަލުގެ ކުޅިއަށް ފޭބި ތަނުންނެވެ. އެތަނުގައި ކެކިއަރަމުން ދިޔަ ފެންގަނޑެއްގެ ތެރެއިން ތެދުވިގެން ގޮސް އެއްގަމަށް އެރި ޒުވާން ފިރިހެނެކެވެ. މުންޑުގަނޑު ހުރީ އަރުވާޖަހައިފައެވެ. އޭނާ ހުރީ ހުސްގަޔާއެވެ.

ވަގުޖަހަމުން ގޮސް ފަހަތުން އަރައި އޭނާއާ ހަމަކޮށްލުމާ އެކު އެއީ ކާކުކަން ބަކުރަށް ޔަގީންވެއްޖެއެވެ. އެމީހުން ތިބީ ބަނަފުސާ މަލުގެ ދަނބުކުލައިން ފަރިވެ ފޮޅިފައި އޮތް އުސްބިމުގެ ވާދީއެއްގައެވެ. ގަސްތަކުގެ ތެރެއިން ނުކުމެ ބަކުރު އެ ޒުވާނާއާ ދިމާލަށް ހިނގައިގަތީ ވަރަށް ޔަގީންކަމާ އެކުގައެވެ. އެވަގުތު ފަހަތުން އިވުނު ފިޔަވަޅުތަކުގެ އަޑާ އެކު އެ ޒުވާނާ ހުސިޔާރުވެގަތެވެ. އަދި އުނަގަނޑުގައި ހަރުކޮށްފައި ހުރި ރިހިކުލައިގެ ހަންޖަރެއް ކުއްލިއަކަށް ދަމައިގެން އެ ފަޅި ސިކުންތު ތެރޭގައި ފުންމައިގެން ގޮސް ބަކުރުގެ ލަފުގައިހިފައި އޭނާ ބިންމައްޗަށް ވައްޓައި މައިތިރިކޮށްގަތެވެ.

ބަކުރުގެ ލޮލާ ދިމާލަށް ވަޅިއެއް ދިއްކޮށްލައިގެން އެ އޮތީ ޒުވާން ކަޅުސޮރެވެ. އެ މޫނާއި ގޮޅިޖެހި ނަލަ ހަށިގަނޑު ފެނުމުން ބަކުރުގެ ހިޔާލުގައި ދައުރުވެގަތީ މާ ކުރީގެ ހަނދާންތަކެކެވެ. ސާދަވިލޭރެއެއްގެ ހަނދަށް ފަރިވެ، ހަރުކޮށް ހެލެމުން ރައިވަރު ގަތަމުން ދިޔަ ކަޅުސޮރެކެވެ. ބޮކަރު މަލުން އެ ރިހި ރޭގަނޑު ހެކިކޮށް ލޯބި ހުށަހެޅި އިޝްގީ އެކަމަކު ލަދުރަކި ދެ ލޮލެވެ.

ނަމަވެސް ބަނަފުސާ މަލުގެ ތެރެއަށް ވެއްޓި އެ އޮތް ބަކުރަކީ އަސްލު ކާކުކަން ކަޅުސޮރަށް ނޭނގޭކަން ޔަގީނެވެ. ކަންފަތުގައި ޖެހުނު އަންހެނެއްގެ ރުއިމުގެ އަޑާ އެކު ބަކުރީ އޮތް ތަނަށް ދޫކޮށްލާފައި ކަޅުސޮރު ދުއްވައިގަތީ ދުރުން ފެންނަން ހުރި ޖިފުޓިއަކާ ދިމާލަށެވެ.

ބަކުރު އޮތީ ހިރިނުލެވިފައެވެ. ކަޅުސޮރުގެ ވަޅިން ދިން ހަމަލާގައި އޭނާގެ ގޮހޮރު އޮތީ ފޫވެއްޓިފައެވެ.

** ** **

ސަކީނާ ބަލަހައްޓައިގެން ހުރީ ފޫވެއްޓިފައި އޮތް ކޮއްޗޭބަނޑިޔާ އަކަށެވެ. ބަދިގެ ތެރޭގައި ހަމަ އެންމެ ބަނޑިޔަލެއް ވެސް ރަނގަޅަކަށް ނެތެވެ. ކަންވާރު ބާޒާރަށް ދާން އޭނާ ތައްޔާރުވީ އެހެންވެގެންނެވެ. އެކަމަކު މާލޭގެ އެ ކަންވާރު ބާޒާރަށް ދާން ވެގެން ސަކީނާ އެ ބަނޑިޔާތަކުގެ ފޫ ތަޅައި ވައްޓާލީއެވެ. ގަސްދުގައެވެ. އަމިއްލަ އެދުމުގައެވެ.

ގިރާވަރުގެ ބަންދު އަދި ފޫހި މާހައުލުން ބޭރަށް ނުކުމެ ހިތަށް ފިނިކަމެއް ހޯދާކަށް ނޫނެވެ. ލާހޫރޭކަށް ވެސް ނޫނެވެ. އެކަމަކު އޭނާގެ ހިތުގައި ފޮރުވައިގެން ފެންދީ ބޮޑުކުރަމުން ގެންދިޔަ އަމިއްލަ އެދުމަކަށް ބޭނުންވެގެން އުޅޭ ފެން ހޯދާށެވެ.

ހަނދުބުރެއްގެ ސިފައިގައިވީ މޫނުބަލާލޯގަނޑު ކުރިމަތީގައި ހުރެ ސަކީނާ ފަރިވެގަތެވެ. ރަހަލީ ބިއްލޫރި ވެސް ލަދުގަންނަ ވަރަށެވެ.

ސަކީނާގެ އުމުރު އެ އޮތް ދެބައި ވަނީއެވެ. އޭނާއާ އިންނަން ގިރާވަރުގެ ނަލަ ފިރިހެނުން އެ ތިބެނީ ކޮންމެ ދުވަހަކު ވެސް އަތަރު ބުރުވައިގެން ގޮސް ސަފުހަދައިގެންނެވެ. ތާރަތަކުރު ވެސް ސަކީނާ ދެވާނެ މީހަކު ހިތުލައިގެން އުޅޭތާ ކިތަންމެ އަހަރެކެވެ. ނަމަވެސް ގިރާވަރުގެ އެ ނިޒާމުގެ ތެރޭގައި ކަސްތޮޅު ޖެހި ބަންދުވާން ސަކީނާގެ މިނިވަން ހިތާއި ޖިސްމު ބޭނުންނުވާ ކަހަލައެވެ.

އޭނާގެ ހިތް އޮތީ ގޮސް އެހެން ދުނިޔެއަކަށް ގެއްލިފައެވެ. އެއީ ކަންވާރު ބާޒާރުގައި ކޮއްޗޭބަނޑިޔާ ވިއްކަން ހުރި އަންހެނަކު އޭނާއަށް ސިފަކޮށް ކިޔައިދެމުން ގެންދާ ދުނިޔެއެވެ. ސަކީނާގެ މަންމަ ވެސް އެންމެނަށް ސިއްރުން އޭނާގެ ކަންފަތްދޮށުގައި ކިޔައިދިން ވާހަކައެވެ. ނިންދަވަން ކިޔައިދޭ ނާނާއަކަށް ހަދައިގެން ކިޔައިދިން ކުމާރީންގެ ސުވަރުގޭގެ ވާހަކަތަކެވެ.

ބޮއްކުރާ ލެފުމާ އެކު ފުންމައިގެން ގޮސް އެއްގަމަށް އަރައި ސަކީނާ ހަރުކޮށް ހެލިގަތެވެ. ނަމަވެސް ކަންވާރު ބާޒާރުން މިއަދަކު އެ އަންހެން މީހާއާ ބައްދަލުވާ ގޮތެއް ނުވިއެވެ. މާޔޫސްވެ ކަރުއެލިފައި ވަނިކޮށް ސަކީނާއަށް އެންމެ ފަހުން އެ އަންހެން މީހާ ފެނުނީ ފޮތީގެ ކުލަ ބާޒާރުގައި ރަތްތަގައްލާ އެޅި މޮޅު ކެހެރީގެ ރަޖާ ވިއްކަން ހުއްޓައެވެ. އެއީ މާލޭގެ ބޮޑުންނަށް ހާއްސަ ވިޔަފާރި ގޮޅިތަކެކެވެ. ގިރާވަރުގެ ބުރިހަނޑޫ ކެއި ފަގީރުންނަށް ގޮސް ވަދެވޭ ހިސާބެއް ނޫނެވެ.

އެންމެ ފަހުން އެހިސާބުގަނޑުގައި ސަކީނާ މުގޯލިއަޅަން ފެށުމުން އެ އަންހެން މީހާގެ ހިތަށް ކެތްނުކުރެވިގެން ގޮސް ސަކީނާ ޖައްސާލައިގެން އޮތް ޖޯލިފަތީގައި ޖައްސާލިއެވެ. އޭނާގެ ނަމަކީ ނަޗީނީ އެވެ. ދެ މީހުން ތިބީ ޖެހިޖެހިގެންނެވެ. އިރު އޮއްސެނީ އެވެ.

އެ ޖޯލިފަތީގައި އެހާ ގާތުގައި އެގޮތަށް ތިބެ އިރުއޮއްސޭ މަންޒަރު ބަލައި އެ ދެ މީހުން ވަނީ ފޫހިކޮށްފައެވެ. އެކަމަކު ސަކީނާ ފޫހިނުވި ވާހަކަ އަކީ ކުމާރީންގެ ދުނިޔޭގައިވީ އަޖާއިބުތަކެވެ. އެ ވާހަކަތައް ކިޔުއްވަން އޭނާ އެންމެނަށް ސިއްރުން ނަޗީނީއާ ބައްދަލުކުރާތާ މިއަދަށް މިއީ އެއް ހާސް އެއް ސަކޭތަ ވަނަ ރެއެވެ. އަދި މިރެއަކީ ވަރަށް ހާއްސަ ވެސް ރެއެކެވެ.

ބޮޑު ހަނދު އެ އޮތް އަރަނީ އެވެ. މިއީ ސާދަވިލޭރެއެކެވެ. ދޮންރުއް ވަލުން ބައްދަލުކުރުމަށް ސަކީނާ އާއި ނަޗީނީ އެއްބަސްވެފައިވާ ރޭގަނޑެވެ.

އެކަމަކު ނަޗީނީ އަކީ ސަކީނާގެ ހިތުގެ އަޑިން ގަބޫލުކޮށްގެން ހުރި ކަހަލަ އަންހެނެއް ނޫނެވެ. އޭނާގެ އަސްލު ސިފަ އާއި ސޫރަ ސަކީނާގެ ލޯ މައްޗަށް ފައުޅުވީ ދޮންރުއްވަލުގެ ކޮކާހަނދުވަރުގެ ތެރޭގައެވެ. އެތަނުގައި ފޮރުވިފައިވާ ރިހި ފެންގަނޑެއް ސާދަވިލޭރޭގެ މެންދަމުގައި ފައުޅުވާނެ ކަމަށް ނަޗީނީ ބުނެފައިވިޔަސް އެއީ ރޯ ބުހުތާނެވެ.

މާލޭގެ ބާޒާރުގައި ޝަހުސު އޮޅުވާލައިގެން ހުރި ނަޗީނީ ފެންބޮވައިގެންފައި ވަނީ ސަކީނާގެ ފައިގެ ބޮޑުވާ އިނގިލިން ފަށައިގެން ބޮލުގައިވީ ސިކުނޑިއާ ހަމައަށް އެ ދެމޭ ދޮލަނގާމަރިޔަނބުގެ ލެޔަށެވެ. ހަނދުވަރުގެ އަލިކަމުގެ ތެރެއިން ނަޗީނީގެ މި ނުބައިވެގެންވީ ރޭވުން ފައުޅުވެ ސަކީނާގެ ހިތަށް ހަރައިލީ ބޭވަފާތެރިކަމުގެ އެންމެ ތޫނު ތީރެވެ.

ސަކީނާ ތެޅިގަތެވެ. ނަޗީނީގެ ކިބައިން ސަލާމަތްވުމަށެވެ. އެވަގުތު ކަރުގައި އޮތް ނޫކުލައިގެ ފައްޓަރު ކަނޑައިގެން ގޮސް ގެއްލިއްޖެއެވެ. އޭރު ނަޗީނީގެ ދެ އަތުގައިވީ ބާރުން ސަކީނާ ވަނީ މައިތިރިކޮށްފައެވެ. އަދި އެ އަންހެން މީހާގެ ސިފަ މަޑުމަޑުން ނިއުޅެމުން ގޮސް ކުއްލިއަކަށް ބަދަލުވީ ދޭވްރީ އަށެވެ.

އާމިރުއައްޔޫބީ އާއި ދޭވްރީ ގަތަމުން ދިޔަ މަޅީގައި ސަކީނާ ހަމަ ރަނގަޅަށް ވެސް ޖެހުނީއެވެ. ނަމަވެސް އެ ހަގީގަތާ އޭނާ ކުރިމަތިލީ އައު ހިތްވަރަކާ އެކުގައެވެ.

ހޭވެރިކަންވީއިރު ސަކީނާ އޮތީ އާމިރުއައްޔޫބީގެ މުރަކަ ގަނޑުވަރުގެ ހިރިގަލު ސިއްރު ކޮޓަރީގައެވެ. އަށިމަތީގައި އޮރިޔާންކޮށްފަ އެވެ. އޭނާގެ ކަރުގައި މިހާރު އެ އޮތީ މަންމަ ނިޔާވުމުން އޭނާއަށް ބައްޕަ ދިން ރަންރީނދޫކުލައިގެ ފައްޓަރު އެކަންޏެވެ. އިތުރު އެހެން އެއްވެސް ނިވައުކުރުމެއް އެ ހަށިގަނޑުގައި ނުވެ އެވެ.

އާމިރުއައްޔޫބީ އިނީ ގޮނޑިއެއްގައި އިށީނދެލައިގެންނެވެ. އުށްބައްތީގެ އަލިކަމުގެ ތެރޭގައި ޕަޕައިރަސް ކަރުދާހުގައި އަސްދޫނީގެ ގަލަން ފަތަކުން ކުރަހާށެވެ. ސަކީނާގެ ބުރުސޫރާގައިވީ ފުރިހަމަ ކަމާއި އުނިކަމާއި އައިބުތައް ގަލަމު ދެލިން ފަވައި އަބަދުގެއަބަދަށް ރައްކާކުރާށެވެ.

ސަކީނާއަށް ހޭލެވުނީ ވަށައިގެން އަތުރާފައިވީ އުށްބައްތީގެ ހޫނު އިހުސާސުވެގެންނެވެ. ނަމަވެސް އާމިރުއައްޔޫބީއަށް ރޭކާވެސް ނުލައެވެ. ވަގުވަގަށް ކަޅިއުކަމުން ގޮސް ސަކީނާގެ އަތަށް ހެޔޮވަރުކޮށްލީ އަށިމަތީގައި އަތުޖެހޭ ހިސާބުގައި އޮތް ރަންކުލައިގެ ކުރަފަތެކެވެ.

އާމިރުއައްޔޫބީގެ ހިއްސުތައް އޭނާގެ ހަތަރެސްފައިގައި ބައްދައިގަތީ ލޯ ހުޅުވާލި ސަކީނާއާ ދިމާލަށް ގޮސް ހުއްޓި އޭނާގެ ކުރެހުމުގެ ކުޅަދާނަކަން ދައްކާލި ވަގުތު ދިން ހަމަލާއިންނެވެ. ހަނގުރާމަ މަތީ ކަނޑިއެއްހެން ތޫނުކޮށްލާފައި އޮތް ކުރަފަތް ހުޅުވައިލުމާ އެކު ސަކީނާ ދިން ހަމަލާގައި އާމިރުއައްޔޫބީގެ ކަނާތުގެ ހުރިހާ އިނގިއްޔެއް ދިޔައީ ބުރިވެގެންނެވެ.

ފުންމައިގެން ތެދުވެ ސަކީނާ އަށިމަތިން ފޭބި އިރު އާމިރުއައްޔޫބީ އޮތީ ވެއްޓިފައެވެ. އެކަމަކު އޭނާގެ އަތުގެ އިނގިލިތައް އަލުން ދިރެމުން ގޮސް ފުރިހަމަވަނީ އެވެ. ދެ ލޯ ބޮޑުކޮށްގެން ހުރެފައި އަށިމަތީގައި ހުރި ބިއްލޫރީގެ ފުޅިތަކުގައި އަތުން ޖަހައި އާމިރުއައްޔޫބީގެ މޫނާއި ގަޔަށް ވައްޓާލުމަށް ފަހު ސަކީނާ ގޮސް ވަނީ އެ ކޮޓަރީގެ އެންމެ އެތެރެއިން ފެންނަން ހުރި ކުޑަދޮރަކުންނެވެ. އޭރު ދޭވްރީ ދުވެފައި އައިސް މި ސިއްރު ކޮޓަރިއަށް ވަދެއްޖެއެވެ.

އޭނާ ދުއްވައިގަތީ ސަކީނާ ފަހަތުންނެވެ. އާމިރުއައްޔޫބީއަށް ލިބިފައިވީ ޒަހަމްތަކުން އޭނާ ރަނގަޅުވަނީ އެވެ. އެކަމަކު ލޭ މަނާވެ، އެ ފާރުތައް ރަނގަޅުވެ، ގުނަވަންތައް އަލުން ދިރިގެން ގޮސް ފުރިހަމަވުމަށް އޭނާއަށް މިހާރު ކުރިއަށް ވުރެ ގިނަ ވަގުތު ބޭނުންވެއެވެ.

ސަކީނާ ފަހަތުން ގޮސް ދޭވްރީ ވެސް ވަނީ އެތެރޭގައިވީ ބިންގަރާހަށެވެ. އެއީ ވަގުތުގެ ކައުނީ ބާރުތައް ޖަމާވެ ބޮކިޖަހަމުން ގެންދާ ރިހި ފެންގަނޑެއް ފޮރުވިފައިވާ ބިންގަރާހެކެވެ. ސަކީނާ ހީކުރީ އެއީ އޭނާ އުމުރު ދުވަހު ހޯދަމުން ދިޔަ ކުމާރީންގެ ސުވަރުގެއަށް އޭނާ ގެންގޮސްދޭނެ ދޮރާށި ކަމަށެވެ.

ބޮކިޖަހައި ކެކެމުން ދިޔަ އެ ރިހި ފެންގަނޑުގެ ތެރެއަށް ފުންމާލުމުގެ ކުރިން ސަކީނާ ފަސްއެނބުރި ބަލައިލިއެވެ. ފަހަތުން އައިސް އޭނާއާ އަރައި ހަމަކުރި ދޭވްރީގެ ތޫނު ދެ ލޮލަށެވެ. ހަތަރު ކަޅި ބައްދަލުވި ވަގުތު ދޭވްރީ ޖަހައިގަތީ ސަކީނާގެ ކަރުގައި އޮތް ރަންރީނދޫ ފައްޓަރެވެ.

ވެއްޓިގެން ގޮސް ފެންގަނޑުގެ ތެރޭގައި ޖެހުނު ގޮތަށް ސަކީނާ ގެއްލިއްޖެ އެވެ. އޭނާ ވެއްޓުނީ ކުމާރީންގެ ދުނިޔެއަކަށް ނޫނެވެ.

** ** **

އާމިރުއައްޔޫބީ އާއި ދޭވްރީގެ މުށުތެރެއިން ސަކީނާ ސަލާމަތްވެ ފިލައިގެން ދިޔަޔަސް ސަންޕާއަކަށް ސަލާމަތެއް ނުވެވުނެވެ. ހަމަ އެ ތަރުތީބުގައި ގެންގޮސް ސަންޕާ ވެސް އެ އޮތީ ސިއްރު ކޮޓަރީގެ އަށިމައްޗަށް އަރުވައި ހަށިގަނޑު ކަޝްފުކޮށްފައެވެ.

އޭނާގެ ފުރާނަ އާއި ހިއްސުތައް އެ ޒުވާން ހަށިގަނޑުން ނަގައި ވަކިކޮށް ފުޅިފުޅީގައި ބަންދުކުރުމަށް ދޭވްރީ އެ ގެންދަނީ ތައްޔާރުވަމުންނެވެ. އާމިރުއައްޔޫބީ އިނީ އޭނާގެ ގޮނޑީގައި ޖައްސާލައިގެންނެވެ. ޝަރާބުގެ ތައްޓެއް ބޮއެ ހުސްކުރަނީ އެވެ. އަދި ސަންޕާގެ ފަހު ނޭވާ ނިކަން ފަރުވާތެރިކަމާ އެކު ގަލަމު ދެލިން ޕަޕައިރަސް ކަރުދާހަށް ތިރިކުރަނީ އެވެ.

އެ މަންޒަރު ބަލަން ދެ ލޯ ތަންމިނަށް ހުޅުވައިގެން އޮތަސް ސަންޕާއަކަށް ހަމަ އެއްވެސް އިހުސާސެއް ނުކުރެވެ އެވެ. ދޭވްރީ ގެންދިޔައީ އޭނާގެ ހިއްސުތައް މަޑުމަޑުން އެ ހަށިގަނޑުން ދަމައި ބޭރުކޮށް ބިއްލޫރީގެ ކުދި ފުޅިތަކެއްގައި ބަންދުކުރަމުންނެވެ.

އެޑިޓަރުގެ ނޯޓް:

ޖުމްލަ 12 އެޕިސޯޑުގެ މައްޗަށް އެކުލެވޭ މި ވާހަކައިގެ އާ ބައިތައް ގެނެސްދޭނީ ކޮންމެ ހަފުތާއެއްގެ ހޯމަ، ބުދަ އަދި ހުކުރުގަ އެވެ.

ކޮމެންޓް (6)

މައްދިވެހި

30 މާރިޗު 2024
ހަމައެކަނި ތާނަ އަކުރުން ލިޔުނަކަސް ނޫނީ އިހުގެ ބަސްކޮށާރު ބޭނުންކުޅަޔަކަސް ބަހުގެ ހަމަތަކާއި ގަވައިދު ހިފެހެއްޓިފައި ނެތަމަ، އެއިން ބަހާއި އަދަބަށް ކުރާނޭ މަންފާއެެއްނެތެވެ. ތޮށަލިއެއްނޫނެވެ. ތޮށައްޔެވެ ނުވަތަ ތޮށައްޔެކެވެ. މިފާޑުގެ ކުށްކުށް މީގެ ކުރީގެ ސިލްސިލާ ބައިތަކުންވެސް ފެންނާން އެބަހުއްޓެވެ. އިސްލާހުކޮށްލައްވާނޭކަމަށް ހިތަމުން ކުރުކުޅައީމެވެ.
2 0

ކުމާރީ

29 މާރިޗު 2024
ހާދަ ދަންމާހެން ހީވެޔޭ އެބަ. މަ މިހާރު ކުމާރީންގެ ސުވަރުގެ ނުދެވިގެން ހޭބަލިވަނީ
0 1

ހުނަރުކުޑަބެ

29 މާރިޗު 2024
ސަންފާގެ ހިއްސުތަކާއި ޚާންދާނިއްޔަތުކަން މަކާނުން ލުހިގެން ހޮއިހުރި ހުރިހައި ތަނަކުން ނިކުމެގެން އައިސް ދޭވްރީގެ ބިއްލޫރި ފުޅިތަކުގައި ބަންދުވަމުން މިދާދިއުމަކީ އަސްލު ކުމާރީންގެ ސުވަރުގެއާއި އިންސާނުންނާއި ދެމެދުގައި ވާ މަގުފާރު ފޫއަޅުވައިލާނޭ އުންޑައެވެ. މިކަން ނޭނގުނީ ބޮލުގެ ނާށިގަނޑުތެރޭގައި ތެތްކަމެއް ސަފުން ނެތް ސަންފާއާއި ސަކީނާއަށެވެ. ބަޚުރީގެ ނޮޅި ކޮޅަށް ޖެހިގެން މިއުޅެނީ ސަންފާގެ ހިއްސުތަކާއި ދޮލަނގާމަރިޔަނބުގެ ޚާންދާނިއްޔަތުގެ އެންމެ ފަހު ފުރާނައިގެ ތާސީރާއި އެއްކޮށް މަތުރައި ބޫގަލްމޫ ނާހަންޖާރޭ ކިއުނު ސިހުރެއް ހަދައި ބަނާޓުގަލާގެ ފަޅުގައި ރައްކާކޮށްފައިވީ ފުޅިތައް ބޮއިގެންނެވެ. ސުވާލަކީ ބަޚުރީއަށް ފެންނާނީ ކުމާރީންގެ ސުވަރުގެ ތޯއޭ ނުވަތަ ހެއިއަރާއިގެން ދާވަރަށް ހަސްކާތޯއޭ! ފޫވެއްޓިފައިވާ ބަޚުރީގެ ގޮހޮރު މަޑުމަޑުން ފަސޭހަވަމުން އައިސް އިހުހުރިގޮތަަށް ވެއްޖެއެވެ. (ނުނިމޭ)
7 0

ރަސްވުގަނި

1 އޭޕްރީލު 2024
@ހުނަރުކުޑަބެ އޭ. ކުޑަބެ ހީވަނީ މީގެ ދެވަނަ ވާހަކަ ލިޔެފޮރުވާފަ އޮތްހެން.
0 0

ވާއޮވާއޮ

29 މާރިޗު 2024
ކޮބާ ކިހިނެތްވާނެ ހެން ދެން ހީވަނީ؟ ދިސް އިޒް މައިންޑްބްލޯވިން.
2 3

ބަކުރީ

29 މާރިޗު 2024
އޮޅުން ބޮޅުން ގިނަ ޢޮޅުންސުވާއްޔެއް!
7 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް