'ލަސްވިޔަސް'ގެ މަންޒަރެއްގައި ރާއްޖޭގެ ހިތްގައިމު ގުދުރަތީ މާހައުލުގައި ބައިސްކަލް ދުއްވާލާތަން ދައްކާލަނީ

'ލަސްވިޔަސް'ގެ އާ މަންޒަރުތަކާ އެކު ބޮޑު އިންތިޒާރެއް

12 އޭޕްރީލްގައި އޮލިމްޕަހުގައި ޕްރިމިއާ ކުރާ ފިލްމުގެ ޓިކެޓު އަންނަނީ ވިއްކަމުން
29 މާރިޗު 2024

ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ)ގެ 'ލަސްވިޔަސް' އަޅުވަން ވަގުތު ކުޑަތަންވަމުން އަންނަ އިރު ދެ ޓްރެއިލާއަކާ އެކު ފިލްމުގެ ބައެއް މަންޒަރުތައް އަންނަނީ ނެރެމުންނެވެ. 

ޑައިރެކްޓަރު މުހައްމަދު ނިޔާޒް (ޓެޑްރީ) އޭނާގެ ފިލްމު 'ލަސްވިޔަސް'ގެ މަސައްކަތުގައި ބަތަލާ ވާޝިއާ މުހައްމަދުއާ އެކު (ފޮޓޯ/އެޓާނަލް ޕިކްޗާސް)

އޭނާގެ އުފެއްދުންތަކުގައި ފެންވަރު ހިފަހަައްޓަން ނިޔާޒު މަސައްކަތް ކުރާކަން ސާފެވެ. 'ލަސްވިޔަސް'ގެ ޝޫޓިންގައި، ފަތިހު ފަތިހާ ތައްޔާރުވެ، އިރު އަރާ އިރު ފާޅުވާ ކުލަތައް އުޑުމައްޗަށް ފޭދިގެންދާ ވަގުތު ކާރެއް ތެރެއިން މަންޒަރެއް ނަގަން ކޮށްފައިވާ މަސައްކަތް އޭނާ އަހަންނަށް ކިޔައިދިނެވެ.

ފުރަތަމަ ޓްރެއިލާގެ ފުރަތަމަ މަންޒަރުގެ ގޮތުގައި ދެއްކި މި ސީންގައި މާ ބޮޑު ކަމެއް ނުހިނގަ އެވެ. ކުޑަ މަންޒަރެކެވެ. އެކަމަކު އެ މަންޒަރު ނަގަން އޭނާގެ ޓީމުން ކުރި މަސައްކަތް ނިޔާޒު ކިޔައިދިން އިރު، މި ފިލްމުގެ ފެންވަރު ރަނގަޅުވާނެކަން އަހަރެންނަށް ވަޒަންކޮށްލެވުނެވެ.

ފިލްމުގެ ފުރަތަމަ ޓްރެއިލާގެ މަންޒަރުތައް މީގެ ކުރިން އަހަރެން ނިއުޅުވާލީމެވެ. އެ ލިޔުން ނުކިޔާ ނަމަ މި ލިންކަށް ފިތާށެވެ.

ދެވަނަ ޓްރެއިލާ ބަލާއިރު ލޯތްބެއްގެ ފެށުން ފެންނަ ކަހަލަ އެވެ. ނުތަނަވަސްކަން ބޮޑު މަންޒަރުތަކެއް ވެސް ފެނިގެންދެ އެވެ. ފިލްމުގެ ބަތަލު އަހުމަދު އީސާ (އާނަންދު) އާއި ބަތަލާ ވާޝިޔާ މުހައްމަދު ބާރަށް ހިނގާފައި ދާ ތަން ފެނެ އެވެ. އެކަމަކު ދަނީ ކޮންތާކަށް ކަމެއް ސާފެއް ނުވެ އެވެ.

'ލަސްވިޔަސް'ގެ ދެވަނަ ޓްރެއިލާގައި ހިމެނޭ މަންޒަރެއްގައި ލީޑު ތަރި ވާޝިޔާ ލަވައެއް ހުށަހަޅަނީ

ޕޮޕް ލަވަކިޔުންތެރިއެއްގެ ގޮތުގައި ދައްކާ ވާޝިޔާ ލަވައެއް ހުށަހަޅައިދޭ ތަން ވެސް ފެނެ އެވެ. އަދި މުޅިން އަލަށް މި މަންޒަރުން އަބްްދުﷲ ނިޔާޒު (ޖޭމު އައްލޯ) ފެނިގެންދެ އެވެ. 

'ލަސްވިޔަސް'ގެ ދެވަނަ ޓްރެއިލާ އިން އަބްދުﷲ ނިޔާޒު (ޖޭމު އައްލޯ) ފެނޭ

ވާޝިޔާ މާބަނޑު މަންޒަރުތަކެއްގައި، އޭނާ އާއި އަހުމަދު ވަރަށް ލޯބިން އުޅެނިކޮށް ދައްކާލަ އެވެ.

ޒޯޔާ ހޮސްޕިޓަލުގައި އޮވެ، އަހުމަދު ގާތު މުހިއްމު ވާހަކައެއް ބުނަން މަސައްކަތް ކުރޭ

ޒޯޔާ ހޮސްޕިޓަލެއްގެ އެނދުގައި ވަރަށް ބަލިކޮށް އޮވެ، އަހުމަދާ ވާހަކަ ދައްކަ އެވެ. އަދި އޭނާ ބުނެ އެވެ: "ބައްޕަ އާއި ކޮއްކޮމެން މަޖާކުރާތަން ފެންނައިރު... ރަށަށް... ދާހިތްވޭ..."

މިދިޔަ ހޯމަ ދުވަހު ނެރުނު ރީލަކުން، ވާޝިޔާ 'ކައިވެނީގެ އަމާޒު' ހުށަހަޅަނިކޮށް ދައްކާލަ އެވެ. އެކަމަކު މި މަންޒަރުތަކުގައި އޭނާގެ ހަރަކާތްތަކާއި ލޮލުން ފެންނަ ޖަޒުބާތުތަކުން އަދި އަހުމަދުގެ މޫނުމަތިން ފެންނަ ކުލަވަރުން މި ޖޯޑުގެ ގުޅުން އެހާ ރަނގަޅު ނޫންކަން ދޭހަވެ އެވެ.

ލަވައިގެ މި ކަޑިން ކުރަނީ ސުވާލެކެވެ.

"ކީއްވެހޭ އެކަކަށް މި ބަދަލު މިހެން ހަމަ އަންނަނީ؟ ކީއްވެހޭ މި އަމާޒުގައި ހުންނަން ނޭނގޭ ގޮތް ވަނީ؟" 

މިއީ ދެވަނަ ޓްރެއިލާ އާއި އަލަށް ނެރުލު އިތުރު މަންޒަރުތަކުން ފެނުނު ބައެއް ކަންކަމެވެ.

ދެވަނަ ޓްރެއިލާއަށް ފަހު އަދި ޕްރިމިއާ ޝޯ ކައިރިވަމުން އަންނަ ވަރަކަށް، ފިލްމާ މެދު ޝައުގުވެރިކަން އަންނަނީ އިތުރުވަމުންނެވެ. އެކި މީހުން އެ މީހުންނަށް މި މަންޒަރުތަކުން ފެންނަ ކަންކަމަށް ބިނާކޮށް، ފިލްމުގެ ވާހަކަ ކުރިއަށްދާނެ ގޮތް އަންނަނީ ލަފާ ކުރަމުންނެވެ.

ފިލްމު އެޅުވުމާ ހަމައަށް އިތުރު ރީލްތަކާއި ޕްރޮމޯ މަންޒަރުތައް ފެނިގެންދާނެ ކަމަށް 'ލަސްވިޔަސް'ގެ ޓީމުން ބުންޏެވެ.

ފިލްމުގެ ޓިކެޓް އޮލިމްޕަހުންނާއި ލަސްވިޔަސް.ކޮމް އިން މިހާރު އަންނަނީ ވިކެމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް