އިލަސްޓްރޭޝަން: މޫސާ މަމްދޫހު

ވާހަކަ

ރަސްގަތުލު – އަށް ވަނަ ބައި

މޭސަރާހި ފެށުނުއިރު ކޮތަންބެއްޔާ ހުރީ މަރިޔަމްބީފާނު ލިޔެދިން ހުރިހާ އެއްޗެއް ބަނޑަހަގޭގައި ރައްކާކޮށްފައެވެ. ކޮތަނބިރި ދަވިއްގަނދާއި ދިރި މިރުހާއި ހިކިމިރުހާއި އަސޭމިރުހެވެ. އޯބަތާއި ހިނކަދިފަތާއި ރާނބާފަތެވެ. ލޮނުމެދު އިނގުރާއި ކަރަންފުލާއި ފޮނިތޮށިކާފޫރެވެ. ކޮތަންބެއްޔާގެ ދެމަފިރިންގެ ހިތާމައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން އެ ޔޫނާނީ ބީފާނު ދީފައި އޮތުމުންނެވެ.

އެކަމަކު އެ ޔަގީންކަން ކޮތަންބެއްޔާ އާއި ހައްވަނިކަށް ނުދޭ ބޭސްވެރިއެއް މުޅި ސުވާދީވާގައި ވެސް މިހާރު ނެތެވެ. ގދ. ތިނަދޫން ފުރައިގެން ގޮސް ގއ.ގެ ރަށްތައް ހުސްކޮށް ފުވައްމުލަކާއި އައްޑޫ އަތޮޅުގައި ވެސް އެ ދެ މީހުން ގޮސް ނުދައްކާ ހަކީމެއް ނުވަތަ ޔޫނާނީ ބޭހުގެ ތަޖުރިބާކާރެއް މިހާރަކު ނެތެވެ. ނުޖޫމީންނާއި ފަންޑިތަ ސިހުރުވެރިންގެ އިމުގައި ވެސް ކޮތަންބެއްޔާ އާއި ހައްވަނިކަ ސަޖިދަޖަހައިފިއެވެ.

އެއަށް ފަހު މިހާރު އެތިބީ ކޮތަނބިރިހަވާދު ތައްޔާރުކޮށްގެންނެވެ. ނަމަވެސް މަރިޔަމްބީފާނު ބުރުޖު ކަލަންޑަރުން ޖަހައިދިން ހިސާބު ނިމުނުއިރު ވެސް ބަލިވެއިންކަމުގެ ހަމަ އެއްވެސް އަލާމާތެއް ހައްވަނިކަގެ ކިބައިން ނުފެނުނެވެ.

"އިބަރައްބީ މި އަޅާމެންނަށް އައުލާދަކު ދެއްވާނީ ކޮން އިރަކުންތޯއެވެ؟" ކޮތަންބެއްޔާ އޭނާގެ ދެކަކޫ މައްޗަށް ވެއްޓި ރޮއި ހޭރިގަތެވެ.

ހައްވަނިކަ ބޯދިއްކޮށްލައިގެން އޮތީ ގިފިލީގެ ވަޅު ތެރެއަށެވެ. ދުވާލުގެ ނަލަ އަލިކަމުގައި ގިފިލި ވަޅުގެ ހިމޭން ފެންގަނޑު ދައްކަމުން ދިޔަ އޭނާގެ އަމިއްލަ ސޫރަ އާއި މޫނަށް ބަލަހައްޓައިގެންނެވެ. އެ ބޮލުގައިވީ ފިކުރުތައް ބޮކިޖަހާފައި ފައިބަނީ އެވެ. އަދި ހައްވަނިކަށް ފެންނަނީ ހަލުވިކަމާ އެކު މުސްކުޅިވަމުން އަންނަ އޭނާގެ އެކަނިވެރި މޫނެވެ. ފެންކަޅިވަމުން ދިޔަ ދެ ލޮލެވެ.

އޮހޮރިގެން ގޮސް ފެންގަނޑުގައި އެ ކަރުނަތައް ޖެހުނުއިރު ކޮތަންބެއްޔާ އަށް އިވުނީ މާ ބާރު އަޑުފައްގަނޑެކެވެ. މުންޑުގަނޑު ކޮށިކުރަމުން އޭނާ ދުއްވައިގަތީ ގިފިއްޔަށެވެ. ދޮރުފަތްގަނޑު ލުއްސުވައިލުމަށް ފަހު އެތެރެއަށް ވަދެގެން އެ ދިޔަ ގޮތަށް ގޮސް ފުންމާލީ ވަޅު ތެރެއަށެވެ.

ކުފުރު މަރަކުން ހައްވަނިކަ ސަލާމަތްކުރެވުނަސް ކޮތަންބެއްޔާގެ ދެމަފިރިންގެ އެކަނިވެރި ހަޔާތުގައިވީ ހިތާމައަށް ނިމުމެއް ނެތްކަން މިހާރު ޔަގީންވެ ކަށަވަރުވީއެވެ.

"މިއީ އިމްތިހާނެކެވެ،" ފަތްޖެހިއެނދުގައި އޮވެ ލޯ މެރެމުން ދިޔަ އަންހެނުންގެ މޫނަށް އަސްދޫނި ފަތުގެ އަތު ފަންކާއަކުން ފިނިކުރަމުން ގެންދިޔަ ކޮތަންބެއްޔާގެ ހިތަށް އެރީ މިހެންނެވެ.

ބުރުޖު ކަލަންޑަރު ނިމި ބުރު ހަމަކޮށް އަނެއްކާވެސް މޭސަރާހީގެ ދުވަސްތައް ފެށުނީއެވެ. ނޫ އުޑާއި ނޫ ކަނޑުގައިވީ ހިމޭންކަން އެ އޮތީ ކޮތަންބެއްޔާގެ ދެމަފިރިންގެ ހަޔާތަށް ވެސް ވަދެފައެވެ. ބޮއްކުރާގައި ފަލިޖަހަމުން ގޮސް ކޮތަންބެއްޔާ އާއި ހައްވަނިކަ އެ ވަންނަނީ ޑްރަދީވާގެ ބޮޑު ފަޅަށެވެ. މާ ގިނަ އިރެއް ނުވެ އެމީހުންގެ އެ ބޮއްކުރާ ގޮސް ބީއްސާލީ ބަނާޓުގަލާގެ ދިގު ތުނޑިއަށެވެ.

މި ރަށުގައި އެދެމަފިރިން ދަނޑުވެރިކަން ފެށިތާ އަދި މާ ގިނަ ދުވަހެއް ނުވެއެވެ. އެކަމަކު ބަނާޓުގަލާ އަކީ ވިޔާނުވާ ރަށެކެވެ. އަދި މުސްކުޅި އެ ދެމަފިރިން އެ ރަށަށް އަރައި އެތަނުގައި ވަޒަންވެރިވީ އެ ރަށުގައިވީ ބަދުނަސީބުކަމާއި ސުންޕާވެރިކަމުގެ އިންޒާރުތައް މީހުން ދެމުން ދަނިކޮށެވެ. އެކަމަކު ސުންޕާވެރިކަމާއި ބަދުނަސީބުގެ ރަހަ ތެރޭގައި ހަޔާތެއް ވޭތުކުރި ދެމަފިރިއަކަށް ފުރައްސާރަކުރެވޭ ވަރުގެ ބަލާވެރިކަމެއް މި އުޑުދަށުގައި ދެން ވާނެ ހެއްޔެވެ؟

ބަނާޓުގަލާގައި ކޮތަންބެއްޔާގެ ދެމަފިރިން ވަޒަންވެރިވުމުން އެމީހުންގެ ހާލު ބަލަން ކާއެތިކޮޅު ހިފައިގެން ބައެއް މީހުން އެކި ރަށްތަކުން އެ ރަށަށް ގޮސް އުޅުނެވެ. އެގޮތަށް އެ ރަށަށް ދިޔަ މީހުންނަށް ވީނުވީއެއް އެނގޭ މީހަކު ނެތެވެ. އެންމެ ފަހުން ޑްރަދީވާ ފަޅުގެ މި ބިރުވެރިކަން ހުވަދޫ އަތޮޅުގެ ޖަޒީރާތަކަށް ފެތުރި ބަނާޓުގަލާއަށް ދިއުން އެއްކޮށް ހުއްޓުނީއެވެ. އެކަމަކު އޭރު ވެސް ކޮތަންބެއްޔާ އާއި ހައްވަނިކަ ދިރިއުޅެމުން ދިޔައީ އެ ފަޅުރަށުގައެވެ. އަދި އެންމެ ފަހުން އެމީހުންގެ ދަނޑުވެރިކަމުގައި މޭވާ އަޅައި ދޮންވެއްޖެއެވެ.

ކުޑަކުއްޖެއްގެ ރުއިމުގެ އަޑު ކޮތަންބެއްޔާއަށް އިވެން ފެށީ އަތަވަލުގައި އުޅެނިކޮށެވެ. އެ އަޑެއް އެ އަންނަނީ ރަށުގެ ބޮޑު ކުޅިއާ ދިމާލުންކަން ޔަގީވުމުން އަތަމުޅޯށި ގަސްދޮށުގައި ބެހެއްޓި ގޮތަށް އޭނާ ހިނގައިގަތީ މީރުފެން ދެމޭ ކޯރަށެވެ. ކުޅިއަށް ގޮސް ފޭބިއިރު އެތަން ފުރާލާފައި ވަނީ އޭނާ ދުވަހަކު ވެސް ލޯދެކެފައިނުވާ ވައްތަރެއްގެ މާ ސިންގާ އަސްދޫނި ބައިގަނޑަކުންނެވެ. ހުދުކުލައިގެ ރާދައަސްދޫންޏެވެ.

ކޮތަންބެއްޔާ ހީކުރީ ކުޑަކުއްޖެއްގެ ރުއިމުގެ އަޑަކީ އޭނާއަށް ހީވި ހީވުމެއް ކަމަށެވެ. މުންޑުގަނޑު އަރުވާޖަހައި ކޮށިކުރަމުން ގޮސް އޭނާ ކުޅީގެ ފެންގަނޑަށް ފޭބީ އެއީ ކުށް ހީއެއް ނޫންކަން ޔަގީންވުމުންނެވެ. އެވަގުތު ރާދައަސްދޫނިތައް އުދުއްސައިގަތެވެ. އަދި އެ ފެންގަނޑުގެ މެދުން ކޮތަންބެއްޔާގެ ލޮލުގައި އަޅައިގަތީ ފެންމަތީގައި އުފުލި އޮތް ތުއްތު ފިރިހެން ކުއްޖެކެވެ.

އައުލާދަކު ނުލިބި މުސްކުޅިވި އެ ދެމަފިރިންނަށް ބަނާޓުގަލާ އެންމެ ފަހުން ބަދަލުވީ އުފާވެރިކަމުގެ ސުވަރުގެއަކަށެވެ. އެކަމަކު އެ ކުއްޖާ ގޮސް ފުރާވަރަށް އެރިއިރު ކޮތަންބެއްޔާ އާއި ހައްވަނިކަގެ އަޖަލު ޖެހިއްޖެއެވެ.

އޭގެ ހަތް ދުވަސް ފަހުން ބަނާޓުގަލާ އިން ފުރައިގެން ބޮއްކުރާއެއްގައި ފަލިޖަހަމުން ގޮސް އެ ފިރިހެން ކުއްޖާ ފޭބީ ތިނަދު އަށެވެ. ޑްރަދީވާ އާއި ބަނާޓުގަލާއާ ބެހޭ ގޮތުން ކޮތަންބެއްޔާ ލިޔެ ރައްކާކޮށްފައިވީ އޭނާގެ ހަޔާތުނާމާ ހިފައިގެންނެވެ.

ރަށަށް އައި މި ބީރައްޓެހި ޒުވާނާ ގޮސް ވަޒަންވެރިވީ ތިނަދޫގެ އަސްދޫނި ފެންގަނޑާ މާދުރު ނޫން ހިސާބެއްގައި ހުރި ޖިފުޓިގަނޑެއްގައެވެ. އެއީ ބަނާޓުގަލާއަށް ގޮސް ގެއްލުމުގެ ކުރިން ކޮތަންބެއްޔާގެ ދެމަފިރިން ދިރިއުޅެމުން ދިޔަ ބައު ޖިފުޓިއެވެ.

އެ ޒުވާނާގެ ފަރާތުން އުނދަގުލެއް، ތުރާލެއް ޖެހުނު ހަމަ އެކަކު ވެސް ތިނަދޫގައި ނެތެވެ. ކޮތަންބެއްޔާގެ ދެމަފިރިންނާ ދުރުތާތިމާގެ މީހެއް ކަމަށް ބުނެ އެމީހުންގެ ގެދޮރުގައި ވަޒަންވެރިވި ޒުވާނާގެ ހަގީގަތް ހޯދުމަށް ޝައުގުވެރިވި އެކަކު ވެސް ރަށުގައި ނެތީ އެހެންވެގެންނެވެ. ނަމަވެސް އޭނާ އުޅުނީ އަބަދުވެސް ވަރަށް އެކަހެރި ދިރިއުޅުމެކެވެ.

އެ ޒުވާނާއަށް ކިރިޔާ ވެސް ޝައްކުގެ ނަޒަރަކުން ބަޔަކު ބަލަން ފެށީ އޭގެ ފަނަރަ އަހަރު ފަހުންނެވެ. ތިނަދޫ އާއި މުޅި ރާއްޖެ ސިއްސުވާލި ނަބީލާ ނަފީސްގެ ރަހުމުކުޑަ މަރާ ގުޅިގެންނެވެ. ނަމަވެސް އެ ޒުވާނާއާ ދެކޮޅަށް ރަސްމީ ސިފައެއްގައި ކުރި ތުހުމަތެއް ނުވަތަ އުފުލި ދައުވާއެއް ވެސް ނެތެވެ.

އޭނާއާ މެދު އުފެދުނު ޝައްކު ހަގީގަތަކަށް ބަދަލުވީ 'ދައުރު' ނޫހުގެ ތަހުގީގީ ނޫސްވެރިޔާ މަލީޝާ މަންސޫރު ގޮވައިގެން ބަނާޓުގަލާއަށް ފުރިގޮތަށް ވީނުވީއެއް ނޭނގި ކުއްލިއަކަށް ގެއްލުމުންނެވެ.

** ** **

ކަލްބީ ބިޑިއެއް ރޯކޮށްގެން ޒުވާން ތާރަތަކުރު އެރި އޮތީ ނަކަޗާފުށީގެ ކުޅި އަށެވެ. ރާދައަސްދޫނި ހިފަން މަޅިފަތި ޖަހަނީ އެވެ. އޭގެ އިރުގަނޑެއް ފަހުން އެނބުރި ގޮސް ބޮއްކުރައަށް އަރައި ޖައްސާލީ ވަރުބަލި ފިލުވާށެވެ. އެހެން އޮތްވައި ނިދިފިޔަ ޖެހުނު އިރެއް ނޭނގެއެވެ. އަދި ކުއްލިއަކަށް ނިދިން ހޭލެވުނުއިރު ނިދީގައި ހޭދަވި ވަގުތެއް ވެސް ނޭނގެއެވެ.

ދުނިޔެމަތި އޮތީ އަނދިރިކޮށްލައިފައެވެ. އިރުއޮއްސުނީއެއް ނޫނެވެ. އިރާއި ހަނދާއި ތާރަތަކުރުގެ މި ދުނިޔެ ފުރިހަމަ އަށް ފައްތަރުވީއެވެ. ކައުނު މައްޗަށް ވެރިވެފައި އެ އޮތީ ފުރިހަމަ އިރުކޭތައެއްގެ ފުސް އަނދިރިކަމެކެވެ.

ވަށައިގެން ހޯދައި ބަލަމުން ގޮސް ފަރުވާތެރިކަމާ އެކު ތާރަތަކުރު ފޭބީ ކުޅީގެ ފެންގަނޑަށެވެ. ކަޅާއި ހުދުކުލައިގެ ރާދަ އަސްދޫނިތައް އެ އަޑާ އެކު އުދުހި އުދުއްސައިގަތެވެ. އެންމެ ދޫންޏެއް ވެސް އޭގެ މަޅިފަތިގަނޑެއްގައި ނުޖެހުނެވެ. ނަމަވެސް މަޅިފަތިތައް ޖަހާފައިވީ ދިމާލުން ތާރަތަކުރުގެ ލޮލުގައި އަޅައިގަތީ މާ ފުރިހަމަވި ރީތިކަމެކެވެ. އުނުއޮރިޔާމާ އޮތް ޒުވާން އަންހެނެކެވެ. ދެފެން ދޭތެރޭގައި އޮތް އެ އަންހެން މީހާއާ ދިމާލަށް ތާރަތަކުރު ދުއްވައިގަތެވެ.

ދެ އަތްދަނޑި މައްޗަށް ނަގައިގެން ގޮސް ބޮއްކުރައަށް އެރުވިއިރު ވެސް އެ ކުއްޖާގެ ހެޔެއް ނެތެވެ. އޭނާގެ ކަރުގައި އޮތް ރަންރީނދޫ ކުލައިގެ ކުދިބޮޅުލީ ފައްޓަރާ ދިމާލަށް ބަލަން ހުރެފައި މުޅޯށި ތެރެއިން ބަނާތު ރަޖާގަނޑެއް ނަގައި އޭނާގެ ގައިގައި އޮޅައި އޮރިޔާން ނިވައުކޮށްލިއެވެ. އަދި ފަލިޖަހަމުން ނައްޓާލީ ގިރާވަރަށް އެނބުރި ދިއުމަށެވެ.

ހޭވެރިކަންވީއިރު އެ އަންހެން ކުއްޖާ އޮތީ ބޭކެނބީންގެ ކޮޓަރިއެއްގައެވެ. ދުނިޔެ އޮތީ އަދިވެސް އިރުކޭތައިގެ ފުސް އަނދިރިކަމުގެ ތެރޭގައެވެ. ސަމޭދާން އުށްބައްތިން އަލިކޮށްލާފައި އޮތް ކޮޓަރި ތެރޭގައި އޭނާއާ ދިމާލަށް ބަލަހައްޓައިގެން ހުރީ ގިރާވަރުގެ މަރުތުވަޗީބީފާނެވެ.

ނަކަޗާފުށީގެ ކުޅިން ހޮވައިގެން ތާރަތަކުރު ގެނައި އެ އަންހެން ކުއްޖާގެ ނަމަކީ މަރިޔަމް އެވެ. ދޮލަނގާމަރިޔަނބޭ ކިޔަން ފެށީ ތާރަތަކުރާ ކައިވެނިކޮށް އޭނާއާ އެކު ދޮލަނގު ދޮލަނގަށް އެއްޗެހި ލައިގެން ރަސްމާލޭ މީހުންނަށް ވިއްކަން ދާން ފެށި ހިސާބުންނެވެ. އެއީ މާލޭ މީހުން ދިން ނަމެކެވެ.

މަރިޔަމް އަކީ އޭނާއަށް ބޭކެނބީންގެ މަޖިލީހުން ދިން ނަމެކެވެ. އަދި ތާރަތަކުރުގެ ބެލެނިވެރިކަމަށް އޭނާ ދޫކޮށްލީ ބޭކެނބީންގެ ބެލުމުގެ ދަށުގައި އެތައް ދުވަހެއް ވަންދެން ގެންގުޅުމަށް ފަހު އެވެ. އޭނާގެ ކުރީގެ ހުރިހާ ހަނދާންތަކެއް ފޮހެވިފައިވާކަން ޔަގީންވެ އެ އަންހެން ކުއްޖާގެ ކިބައިން އެއްވެސް ކަހަލަ ނުރައްކަލެއް ކުރިމަތިނުވާނެކަން ކަށަވަރުކުރުމަށް ފަހުއެވެ. ނަމަވެސް އޭނާ އެގޮތަށް ގިރާވަރުގެ މުޖުތަމައަށް ދޫކޮށްލަން ބައެއް ބޭކެނބީން ދެކޮޅުހެދިއެވެ. އަދި ވަކިން ހާއްސަކޮށް ތާރަތަކުރުގެ ހިތް އެ ޒުވާނާ އަށް ބަންޑުންވެ ގިރާވަރުގެ ސަގާފަތާ ދެކޮޅަށް، ގިރާވަރުގެ ނަސްލަށް ނިސްބަތްނުވާ އަންހެނަކާ އެކުގައި ޒަވާޖީ ހަޔާތެއް ފަށަން އޭނާ ހުށަހެޅުމުން އެކަން ވެސްވީ ބޭކެނބީންގެ މަޖިލީހުގައި ރޯކޮށްލި ސަބަބަކަށެވެ.

ތާރަތަކުރުގެ ހިތް މަރިޔަނބަށް ބަންޑުންވީ އަސްދޫނި ހިފަން ދެ މީހުން އެކުގައި ނަކަޗާފުއްޓަށް ކުރަން ފެށި ދަތުރުތަކުގެ ތެރެއިންނެވެ. އަދި އެންމެ ފަހުން އެ ލޯތްބަށް މަރުތުވަޗީބީފާނުގެ ރުހުން ލިބި ދެ މީހުން އެކުގައި ޒަވާޖީ ހަޔާތެއް ފެށީއެވެ.

ދޮލަނގާމަރިޔަނބުގެ ހަގީގަތް އޭނާ މަޑުމަޑުން ތާރަތަކުރަށް ކިޔައިދޭން ފެށީ އެމީހުންގެ ލޯބީގެ ހިޔަލުގެ އެ ފުރިހަމަ ހިމާޔަތް ކަށަވަރުވުމުންނެވެ. އަދި އެ ލޯބީގައި ގުރުބާންވެ ނެތި ނިމިދާން ޖެހުނަސް ތާރަތަކުރު އެކަމަށް ފަސްނުޖެހޭނެކަން ޔަގީންވުމުންނެވެ.

އޭނާގެ ހަނދާނަކުން ހަމަ އެއްވެސް ކަމެއް ފިލައިގެނެއް ނުދެ އެވެ. އޭނާގެ އަސްލާއި ނަސްލު ހަނދާން ނެތޭނީ ވެސް ކިހިނަކުން ހެއްޔެވެ؟

ކުމާރީންގެ ސުވަރުގޭގެ ސިއްރު ދޮލަނގާމަރިޔަނބު ތާރަތަކުރަށް ކިޔައިދިންއިރު އޭނާ އިނީ ބަލިވެއެވެ. އަދި ކުމާރީންގެ ސުވަރުގެ ލިބިގަތުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން ތާރަތަކުރު ހުރީ ތައްޔާރަށެވެ. ބަލިވެއިންކަން ބޭކެނބީންނަށް ސިއްރުކޮށް ދޮލަނގާމަރިޔަނބު ގޮވައިގެން ތާރަތަކުރު ދެން ބަދަލުވީ ނަކަޗާފުއްޓަށެވެ. އެ އަންހެނާ ގޮވައިގެން ގިރާވަރު ދޫކޮށް ތާރަތަކުރު ދިއުމުން ބޭކެނބީންގެ މަޖިލީހުގެ ގިނަ ފޫޅުމައިން ތިބީ ހަގީގަތުގައި އުފަލުންނެވެ.

އެކަމަކު ތާރަތަކުރާ އެކުގައި ދޮލަނގާމަރިޔަނބު ރާވަމުން ދިޔައީ ބޭކެނބީންގެ ވިސްނުމަށް ވެސް ނުފޯރާވަރުގެ ރޭވުމެކެވެ. އަދި އޭނާ ބަލިވެއިނީ އެންމެ ކުއްޖަކަށް ވެސް ނޫނެވެ. އޭނާގެ ބަނޑުގައި އޮތީ ދެ ކުދިންނެވެ.

ނަކަޗާފުށީގެ ރިހި ފެންގަނޑަށް ދޫކޮށްލީ އޭގެ ތެރެއިން ފިރިހެން ކުއްޖާއެވެ. އެއީ ދޮލަނގާމަރިޔަނބުގެ ދުނިޔެ ކަމުގައިވީ ކުމާރީންގެ ސުވަރުގެއަށް އެނބުރި ދިއުމަށް ކުރި ގުރުބާނެއްގެ ގޮތުގައެވެ. ނަމަވެސް އެ ދުނިޔެއަށް ދޮރު ނުހުޅުވި ނަކަޗާފުށީގައި ތާރަތަކުރާ އެކުގައި ދޮލަނގާމަރިޔަނބު ބަންދުވީއެވެ. އަދި ރިހި ފެންގަނޑުގެ ތެރެއަށް ދޫކޮށްލި ފިރިހެން އައުލާދު ގެއްލުނީއެވެ.

އެ ހިތާމަ އާއި ސިއްރު ހިތުގައި ވަޅުލައިގެން ޒުވާން ދެމަފިރިން އެނބުރި ދިޔައީ އަނެއްކާވެސް ގިރާވަރަށެވެ. ސަކީނާގެ ނަމުން ނަންދިން އަންހެން ދަރި ގޮވައިގެންނެވެ.

** ** **

ދޮލަނގާމަރިޔަނބު ކުރަހައިދިން ރިހި ފެންގަނޑުގެ ޗާޓު ބަލަމުން ކަޅުސޮރު ނަކަޗާފުށީގައި އަތްފުނާއަޅަމުން ގެންދާތާ ވީ ދުވަހެއް އޭނާއަކަށް ވެސް ނޭނގެއެވެ. ރަށުގެ މެދުތެރެއިން ރިހި ދޯދިތަކެއް މައްޗަށް އަރައި ފަޒާގެ ތެރެއަށް ދިއްލިފައިވީތަން އޭނާއަށް ފެނުނީ ހާންތިވެ ވަރުބަލިވެ ތާރަތަކުރުގެ ޖިފުޓިއަށް އެނބުރި ދަނިކޮށެވެ. އޭރު އުދަރެހުން ރަތްހަނދެއް ފައުޅުވަނީ އެވެ. ބަލަން ނުހުރެ ކަޅުސޮރު ދުއްވައިގަތީ ދަޅައަރުވަމުން ދިޔަ ދިމާލަށެވެ.

އެއީ ހިރިގަލުގެ ބިންގަރާހެކެވެ. މުޅި ތަނަށް ދަޅަ އަރުވަމުން ގެންދިޔައީ އެތެރޭގައި އޮތް ދިރޭރަހަހެން ހީވާ ފެންގަނޑެކެވެ. މަޑުމަޑުން އެތެރެއަށް ފައިބައިގެން ގޮސް ކަޅުސޮރު މަޑުކޮށްލީ އެ ފެންގަނޑު ކައިރީގައެވެ. އޭނާ ހުރީ އަޖާއިބުން އަޖާއިބުވެފައެވެ. އަދި ދަޅައަރުވަމުން ދިޔަ އެ ފެންގަނޑު ތެރެއަށް އަތް ކޮށްޕާލުމާ އެކު އެ ފެންގަނޑު ތެރެއަށް އޭނާ ޖަހައިގެން ގޮސް ގެއްލުނީ ފަޅި ސިކުންތެއްގެ ތެރޭގައެވެ.

ހޭވެރިކަންވީއިރު ކަޅުސޮރު އޮތީ ބަނަފުސާ މަލާއި ގަސްތަކުގެ ދާނެއްގައެވެ. އެހެން ދުނިޔެއެއްގައެވެ.

އެޑިޓަރުގެ ނޯޓް:

ޖުމްލަ 12 އެޕިސޯޑުގެ މައްޗަށް އެކުލެވޭ މި ވާހަކައިގެ އާ ބައިތައް ގެނެސްދޭނީ ކޮންމެ ހަފުތާއެއްގެ ހޯމަ، ބުދަ އަދި ހުކުރުގަ އެވެ.

ކޮމެންޓް (5)

ރަސް ވިގަނި

28 މާރިޗު 2024
މިވާހަކަޔަކީ ދިވެހި ވާހަކައިގެ އެހެން ލެވެލް އެއް. މޮޅުއެތުރުންތެރިކަމުގެ ވެސް ހައްދެއްނެތް. މިވާހަކަ ޔަށް ބަދަލުނުގެނެސް މޮޅުފިލްމެއް ހަދާލާނެ ފަދަ މޮޅު ޑައިރެކްޓަރެއްލިބޭނެބާ
4 0

ފާނަދަލޭކަ

27 މާރިޗު 2024
ވާހަކައި ބޭނުންކޮށްފަ ހުރިނަންތަކަކީ ވ އިހުޒަމާނުގެ ނަންތައް ކަން ފާނހަނގަވޭ އެހެންވީމާ މިވާހަކައަކީ ވ. އާސާރީވާހަކައެއް ވވ ރީތި މާޝާﷲ
1 0

ޕެޓްރިކް

27 މާރިޗު 2024
ކަލޯ މީ ދިވެހި ވާހަކަ ލިޔުންތެރިންގެ އެހެން ލެވެލް އެއް! ސާބަސް ނަދީމް
7 0

ޕަރސަން

27 މާރިޗު 2024
ދޮލަނގާމަރިޔަނބުގެ ޤުރުބާންކުރި ފިރިހެން ކުއްޖާއަކީ ޗަމަރާތަ؟
9 1

ނަދީމު

27 މާރިޗު 2024
@ޕަރސަން އާނ! ވިސްނިއްޖެ ދޯ
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް