އިލަސްޓްރޭޝަން: މޫސާ މަމްދޫހު

ވާހަކަ

ރަސްގަތުލު – ހަތް ވަނަ ބައި

އާމިރުއައްޔޫބީގެ އެގާރަ އަނބިން ތިބޭ ކަމަށް ބުނެވެއެވެ. ދޭވްރީ އަކީ އޭގެ ތެރެއިން ވެސް އެންމެ ރީތި އަދި ވަލީއަހުދު އެންމެ އިތުބާރުކުރައްވާ އަނބިކަނބަލުންނެވެ. އޭނާ އަކީ ސަރަންދީބުގެ ޝާހީ ޝެހެން ޝާހުގެ އެތެރެ ކޮއިލަށް ނިސްބަތްވާ ފަތްމިންޏެކެވެ. އެކަމަކު ތަރިތަކުގައިވީ އާދަޔާހިލާފު ބާރުތަކުން ޒީނަތްތެރިވެ، އޮޅުދޫކަރައިގެ ފަރުބަދަ ވާދީތަކާއި ކަނޑުތައް ހުރަސްކޮށް އާމިރުއައްޔޫބީއަށް ކައުނަވީ ބައިއަތަކުން ބައިއަތު ހިފާފައިވާ އެފަދަ ދެ ވަނައެއް ނެތް އަލިގަދަ ބާރެކެވެ.

ސަރަންދީބު ފަރުބަދައިގެ އުސް ގަނޑުވަރުކޮޅެއްގެ މަތިން މީގެ ސަތޭކަ އެތައް އަހަރެއް ކުރިން ދޭވްރީއާ ބައްދަލުވިއިރު އާމިރުއައްޔޫބީ އަކީ ވަރަށް ބަލިކަށި ނަފުސެކެވެ. އެ ހިތުގައިވީ އެ ބަލިމަޑުކަމަށް ހައްލެއް ހޯދައިދޭން ތަރިތައް ހެކިކޮށް އޭނާގެ ކަންފަތްދޮށުގައި އެރޭ ވައުދުވީ ދޭވްރީއެވެ. އަދި އާމިރުއައްޔޫބީއަށް ކުމާރީންގެ ސުވަރުގޭގައިވީ ސިއްރުތައް އެންމެ ފުރަތަމަ ކިޔައިދިން މީހަކީ ވެސް ސަރަންދީބުގެ މި ރަސްގޮމަ ކަނބުލޯއެވެ.

ދެ މީހުން އަތާއި ޖިސްމު ޖޯޑުކޮށް މި ދަތުރެއް ފެށީ އެހިސާބުންނެވެ. ނަމަވެސް ކައުނުގެ ފުންކަމުގައި ފޮރުވިފައިވީ ސިއްރާއި ތަރިތަކުގައިވީ ބާރުތައް ދޭވްރީގެ މުށުތެރެއަށް ލައިފައިވީ ކަމުގައިވިޔަސް ކުމާރީންގެ ސުވަރުގެ ހޯދުމުގެ ދަތުރުގައި އަލިމަގެއް ނުލިބި މިހައި ހިސާބަށް ދިގުލައިގެން ދިޔައީއެވެ. އަދި ފެންނަ ފެނުމުގައި ކިތަންމެ ފުރިހަމަ އަމީރެއްހެން ހީވިޔަސް އާމިރުއައްޔޫބީގެ ހިއްސުތަކާއި އޭނާގެ ފުރާނަ އާއި ޖިސްމާ ދެމެދުގައިވީ ގުޅުން މިއަދު އެ ވަނީ އޭނާގެ އެއް ހާސް އަހަރު ވީ އެ ހަޔާތާ ވަކިވެ ދިއުމުގެ މަރުހަލާ ފަށައިފައެވެ.

ކުމާރީންގެ ދުނިޔެ ހޯދަމުން ދަނިކޮށް ގިރާވަރުގެ ޒުވާން އަންހެން ކުއްޖެއްގެ ގޮތުގައިވީ ސަކީނާ ފެނުނު ދުވަހަކީ އޭނާގެ ހިތުގައި އާރޯކަމެއް އުފަންކުރުވި ދުވަހެކެވެ. ނަމަވެސް ސަކީނާއާ އެކު އެ ހުވަފެން ހަގީގަތަކަށް ނުވެ އުޅެނިކޮށް އާމިރުއައްޔޫބީގެ މުށުތެރެއިން ދެމިގެން ގޮސް އޭނާ ފިލީ އެވެ. ސަކީނާގެ އޮތީ އާމިރުއައްޔޫބީ އާއި ދޭވްރާ ބޭނުންވާ ކަހަލަ ހިތެކެވެ. އެކަމަކު އޭނާގެ ހަގަށް ހުރި ސަންޕާގެ ހިތް އޮތީ ހިސާބަށް ވުރެ ވެސް ބޮޑަށް ތަޣައްޔަރުވެފަ އެވެ.

ސަންޕާގެ ވާހަކަ އާމިރުއައްޔޫބީ ކިޔައިދިން ފުރަތަމަ ދުވަހު ވެސް ދޭވްރީގެ ހިތަށް އެރީ މިހެންނެވެ؛ ސަންޕާ އަކީ ސުންޕާވެރިކަމެވެ. އެކަމަކު އެ އެންމެނާ ދެކޮޅަށް އާމިރުއައްޔޫބީ އެންމެ ފަހުން ގިރާވަރުގެ އެ އަންހެން ކުއްޖާ ރަސްގަނޑުވަރުގެ އެތެރެ ކޮއިލަށް ގެނައީއެވެ.

ގުޅަކުޅޭ ފަސްގަނޑު ދޫކޮށް ސަންޕާ ދުއްވައިގަތްތަން ބަލަން ދޭވްރީ އިނީ އުސްގެކޮޅުގެ ރިހި ފެންޑާ ކައިރީގައެވެ. ބޮމުން ގެންދިޔަ ގުޑުގުޑާ އިންތަނަށް ދޫކޮށްލާފައި ދޭވްރީ ހިނގައިގަތީ އެ އަންހެން ކުއްޖާ ފަހަތުންނެވެ. ސާމަރާދޫނީގެ ފަތުން ހަދާފައި އޮތް ކުޑަކުޑަ އަތުފަންކާއަކުން ވައި ޖައްސައި ފިނިކުރަމުން ގޮސް ދޭވްރީ މަޑުކޮށްލީ ސަރައްކާލީގެ ބޭރުގައި ހެދިފައިވީ ބޯގަންވިލާތަކުގެ ހިޔަނި ތެރޭގައެވެ. އޭރު ހިރިގަލު ކޮޓަރިކޮޅުން ނުކުމެ ސަންޕާ ހިނގަމުން އަންނަތަން ދޭވްރީއަށް ފެނެއެވެ.

ގުޅަކުޅޭ ފަސްގަނޑުގައި ކުރިއަށް ދާ ބޮކުގެ ކުޅިވަރުތަކާ އެކު ގަނޑުވަރުގެ މި ހިސާބުގަނޑު އޮތީ އެއްކޮށް ފަޅުވެފައެވެ. އެ ފަޅުކަމުގެ ތެރެއިން މަޑުމަޑުން ހިނގަމުން ގޮސް ސަންޕާ ވަނީ އާމިރުއައްޔޫބީގެ ސިއްރު ކޮޓަރިކޮޅަށެވެ. އެ ދިމާލަށް ދޭވްރީ ހިނގައިގަތީ އެ މަންޒަރު ބަލަން ދުރުގައި ހުރެފައި އިރުގަނޑެއްވީ ފަހުންނެވެ. ފަހަރުގައި އާމިރުއައްޔޫބީގެ ސިއްރުތައް ހާވައި ބަލާނެ ފުރުސަތެއް ސަންޕާއަށް ދޭން ދޭވްރީ ބޭނުންވީ އެވެ. އެކަމަކު އެފަދަ އަމަލެއް ނުވަތަ ދޫދިނުމެއް ވާނީ ބޭވަފާތެރިކަމަކަށް ނޫން ހެއްޔެވެ؟

ސާމަރާދޫނިފަތުގެ ފަންކާ ލައްޕައި ވަރަށް ހަމަޖެހިލައިގެން ހުރެ ދޭވްރީ އެންމެ ފަހުން އެދިމާލަށް ހިނގައިގަތެވެ. އެ ފިޔަވަޅުތަކާ އެކު ތަކަހޮޅީގެ ނަލަ ރީތި ރާގެއް ވެސް ކުޅެގަތެވެ. އެ ފިޔަވަޅުގެ އަޑު އިވުމުން ސަންޕާގެ ހިތް ތެޅިގަތެވެ. އަވަސްއަވަހަށް ކޮޓަރިތެރެ ބަލައި ހޯދައިލެވުނެވެ.

ދޭވްރީ ގޮސް އާމިރުއައްޔޫބީގެ އެ ކޮޓަރިކޮޅާ އަރައި ހަމަކޮށް ބޯދިއްކޮށްލިއިރު އެތަނުގައި ސަންޕާ ޖެހުނުތާ ލަކުނު ވެސް ނެތެވެ. އެކަމަކު އާމިރުއައްޔޫބީގެ ސިއްރު ކޮޓަރިއެއްގައި އޭނާގެ ހުރިހާ ސިއްރެއް އެނގިވަޑައިގަންނަވާ، އޭނާގެ އެންމެ ދޮށީ އަނބިކަނބަލުންނަށް ފިލަން ސަންޕާ ވަކި ވަންނާނީ ވެސް ކޮން ތާކަށް ހެއްޔެވެ؟

ސަންޕާ ވަދެގެން ދިޔައީ ކޮޓަރީގެ އެންމެ އެތެރޭގައި ހުރި ސިއްރު ދޮރުކޮޅަކުންނެވެ. ހަދާނެ ގޮތް ހުސްވެ، ކުރެހުން އެޅި ހިރިގަލުގެ ފާރުގައި ދެ އަތް ކާއްތަމުން ދަނިކޮށް ހުޅުވުނު ކުޑަކުޑަ ދޮރެކެވެ. އޭނާ އެތެރެއަށް ދެމިގަތުމާ އެކު އެ ދޮރު އޭގެ އަމިއްލަ ޒާތުގައި އެނބުރި އައިސް ހުރި ގޮތަށް ހުއްޓި ހަރުވެއްޖެއެވެ.

ދޭވްރީއަށް އެކަން އެނގެއެވެ. އެކަމަކު އޭނާގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރު ބުނެދެނީ އެހެން ވާހަކައެކެވެ. ސަންޕާ ހެދި ނެހެދި އެއްޗެއް ދޭވްރީއަށް ރޭކާވެސް ނުލި ފަދަ އެވެ. ނުވަތަ، ސަންޕާ އަމިއްލައަށް ގޮސް މަޅީގައި ޖެހެން ދޭވްރީ އޭނާ ދޫކޮށްލީއެވެ.

އަލިކަމެއް ނެތް ހަނިހަނި މަގަކުން ސަންޕާ ހިނގައިގަތެވެ. ސިޑިއަކުން ތިރިއަށް ފައިބަމުންނެވެ. ދެ ފަރާތުގައިވީ ހިރިގަލުގެ ފާރުގައި އިނގިލިތައް ބީއްސަމުންނެވެ. ސަކީނާގެ ރަންރީނދޫ ފައްޓަރު އޮތީ ކަނާތުގެ އަތުކުރީގައި އޮޅައިފައެވެ.

ސަންޕާގެ ފިޔަވަޅުތައް ކުއްލިއަކަށް ހުއްޓުމަކަށް އައީ ހިރިގަލުގެ ފާރުގައި ކަނޑައިނަގާފައިވީ ކުރެހުންތަކުގައި ރެދަންލައި ދިއްލެން ފެށުމުންނެވެ. އެއީ އޭނާގެ އިނގިލިތަކުގެ ބީހުމުގައިވީ ބާރެއްކަން އެވަގުތު ޔަގީންވިއެވެ. އަދި ދެ އަތް ކުއްލިއަކަށް ގަޔާ ދިމާލަށް ދަމައިގަތުމުން އަނެއްކާވެސް މުޅިތަން ކަނުއަނދިރިކަމެއްގެ ތެރެއަށް ޖަހައިގަތެވެ.

ފެނުނު މަންޒަރު ސަންޕާއަކަށް ގަބޫލެއް ނުކުރެވުނެވެ. އޭގެ އިރުކޮޅެއް ފަހުން އޭނާ އަނެއްކާވެސް ދެ އަތް ގެންގޮސް ހިރިގަލުގެ ފާރުގައި ޖައްސާލިއެވެ. އެއާއެކު އަނެއްކާވެސް ހިރިގަލުގެ ފާރުތައް ރެދަންލައި މަޑުނޫފެހި ކުލައަކުން ދިއްލިއްޖެއެވެ. އަދި މުޅި އެ ބިންގަރާހުގެ ވަށައިގެންވީ ފާރުތައް ރެދަންލައި ދިރި ދިއްލިއްޖެއެވެ. އޭރު ސަންޕާ ގޮސް މަޑުކޮށްލައިގެން ހުރީ ސިޑީގެ އެންމެ ތިރީގައެވެ. ބިންގަރާހުގެ މެދުގައި އޮތް ފެންގަނޑަކާ ދިމާލަށް ބަލަހައްޓައިގެންނެވެ.

އެއީ ދިރޭރަހަ ހެން ހީވާ ފެންގަނޑެކެވެ. ސަންގުމަރުމަރު ހިލައިން ވެވެއްގެ ސިފައަށް ރާނައި ތިން ފޫޓަށް އުސްކޮށްފައިވާ ވަޅެއްގެ ތެރޭގައި ކެކި ބޮކިއަރުވަނީއެވެ. ސޫފާ ސޫފިތަކާއި ދިވެސް އަކުރުތައް ސިފަވެގެން އަންނަ ކުރެހުންތައް ކަނޑައި ނަގާފައިވާ ހިރިގަލުގެ ފާރުން އަތް ދޫކޮށް ސަންޕާ އެ ވަޅާ ދިމާލަށް މަޑުމަޑުން ހިނގައިގަތެވެ. ރެދަންގެ ދަޅަގަނޑު އޮތީ ހިފެހެއްޓިފައެވެ. އަދި ސަންޕާ ހީވަނީ އެ ދަޅައިގެ ބާރުގައި އެ ދިމާލަށް ދަމައިގެން ގެންދާހެންނެވެ.

ވަޅާ އަރައި ހަމަކޮށް ސަންޕާ ދިއްކޮށްލީ އޭނާގެ ކަނާތެވެ. އެކަމަކު އެ ރިހި ފެންގަނޑުގައި އިނގިލިތައް ބީހުމުގެ ކުރިން އޭނާގެ ކަންފަތުގައި އައިސް ޖެހުނީ އަންހެނެއްގެ އަޑެވެ. އެ އަޑަކަށް އޭނާގެ ހިތް އަބަދުވެސް އެދި ގޮވަމުން ދިޔަ ސަކީނާގެ އަޑެވެ. އަތް ދަމައިގަތް ހަލުވިކަމާ އެކު ފަސްއެނބުރި ބަލައިލިއިރު ބިންގަރާހުގެ ސިޑި ކައިރީގައި މަޑުކޮށްލައިގެން ހުރީ މީގެ އެތައް އަހަރެއް ކުރިން ވީނުވީއެއް ނޭނގި ގެއްލުނު އޭނާގެ ދައްތައެވެ.

"ތި ފެންގަނޑުގައި އަތް ނުލައްޗެވެ. އަހަރެން ފަދައިން ވީނުވީއެއް ނޭނގި ސަންޕާ ވެސް ގެއްލިދާނެއެވެ."

މި އިންޒާރެއް ދެމުން ސަކީނާ ހިނގައިގަތީ ހުއްޓި އާގަމައަރައިފައި ހުރި ސަންޕާއާ ދިމާލަށެވެ. އަރައި ހަމަކޮށް ދިއްކޮށްލި އަތުގައި ހިފަން ސަންޕާއަކަށް އެންމެ ފުރަތަމަ ނުކެރުނެވެ. އަދި އެވަގުތު ސަންޕާގެ ލޮލުގައި އަޅައިގަތީ ސަކީނާގެ އަތުކުރީގައިވީ ފިތްޖެހި ރަން އުޅާބެވެ. އެއީ ގިރާވަރުގެ އަންހެން ކުއްޖަކު އަޅާނެ އުޅާބެއް ނޫނެވެ. އަމުދަކުން ސަކީނާ ދުވަހަކު ވެސް އެފަދަ ކަމެއް ނުކުރާނެއެވެ.

ފަސްޖެހި ސަންޕާ ފިޔަވަޅު ނެގީ ފަހަތަށެވެ. ކުރިމަތީގައި އައިސް ހުއްޓި އެހެރީ އޭނާގެ ދައްތަ ސަކީނާ ނޫންކަން ޔަގީންވުމުންނެވެ. އެވަގުތު އެ އަންހެން މީހާ ކުއްލިއަކަށް ފުންމައިގެން އައިސް ސަންޕާގެ ކަނާތުގައި ހިފައި ބާރުކޮށްގަތެވެ. އަދި ހަމަ އެ ފަޅި ސިކުންތު ތެރޭގައި އެ އަންހެން މީހާގެ ސިފަ ކުއްލިއަކަށް ނިއުޅި ބަދަލުވީ ދޭވްރީގެ ސިފައަށެވެ.

ސަންޕާ ތެޅިގަތެވެ. އެކަމަކު ދޭވްރީގެ އިނގިލިކުރީގައިވީ ބާރު ވެސް އެ އަންހެން ކުއްޖާގެ ކިބައިގައި ނެތެވެ. އަދި ދޭވްރީއާ މީގެ ކުރިން އެކި ފަހަރުމަތިން ގަނޑުވަރު ތެރެއިން ބައްދަލުވެފައި ވިޔަސް އޭނާގެ މި ސިފައާ މި ބައްދަލުވީ އަލަށެވެ. ކުރިން ބައްދަލުވީ އާމިރުއައްޔޫބީ އޭނާގެ ދިހަ އަނބިންގެ ގޮތުގައި ތައާރަފްކޮށްދިން ތަފާތު ދިހަ މީހުންނާއެވެ. އެއަށް ފަހު ސަންޕާ ހީކުރީ އޭނާއަކީ އާމިރުއައްޔޫބީގެ އެގާރަ ވަނަ އަނބިގޮއްޔެ ކަމަށެވެ.

އެކަމަކު އެ އެގާރަ ވަނަ އަކީ ވެސް ސަންޕާގެ އަތުގައި ހިފަހައްޓައި ބާރުކޮށްލައިގެން އެހެރަ ދޭވްރީ ކަނބުލޯއެވެ. އާމިރުއައްޔޫބީއާ އެކު އޭނާ ފަށާފައިވާ ލޯބީގެ މި ދަތުރުގައި ބުރިހަނޑޫކޮޅަކަށް ވެސް ދޫދިނުމެއް ނެތެވެ.

ސަންޕާ އަކީ އެ ބުރިހަނޑޫކޮޅެވެ. މިއޮތްހާ ދުވަހު އޭނާ ބެލި ރަން ހުވަފެން، ބިރުވެރި ހުވަފެނެއްގެ ގޮތުގައި އައިސް އަރައި ހަމަކުރީއެވެ.

** ** **

ތާރަތަކުރު ނަކަޗާފުއްޓަށް އަރުވާލިތާ ތިން ހަފުތާ ވީއެވެ. އޭނާ ގަދަވެ ސަލާމަތުން ހުރި ނަމަ ކަޅުސޮރަކާ ހަމަ އެއް ކަމެއް ވެސް ހަވާލެއް ނުކުރާނެއެވެ. ހަތަރެސްފައި ހަމަ ނަމަ ދޮލަނގާމަރިޔަނބު ކުރަހައިދިން ޗާޓު ހިފައިގެން އެ ބުނާ ފެންގަނޑެއް ހޯދަން ދާނީ ތާރަތަކުރު އެކަންޏެވެ.

އެކަމަކު ހަތަރެސްފައި ފުރިހަމަވެފައި، މުލައްދަނޑީގައި އެކަތައިގެ ބާރުހުރި ދުވަސްތައް ފާއިތުވުމުގެ ކުރިން އެކަން ނުކުރެވުނީތީ ތާރަތަކުގެ ހިތަށް މިއަދު ވެރިވެފައި އެ ވަނީ ބަރުދާސްތުކުރަން އުނދަގޫ ހިތްދަތިކަމެކެވެ. އަދި އެންމެ ބޮޑު ތުރާލަކީ އާމިރުއައްޔޫބީ އާއި ދޭވްރީގެ ނުބައި މަޅީގައި ޖެހި ބަނދެވިފައިވީ މަޖުބޫރީ ހާލަތެވެ. އަމިއްލަ އެދުމުގައި ފޯވެ، އަމިއްލަ ދަރިއެއް ގުރުބާންކޮށް ކަތިލަން ވެވުނު އެއްބަސްވުމެވެ.

ލޮލުފިޔަ ނުޖެހި މި ހިޔާލުތަކެއްގެ ތެރޭގައި ތާރަތަކުރު ފެންކަޅިވެފައި ވަނިކޮށް ފަޖުރުތަރި ފާޅުވެއްޖެއެވެ. އޭނާ އޮތީ ނަކައްޗާފުށީގެ ކާނިވަލުގައި ކަޅުސޮރު އަޅައިދިން ފަން ޖިފުޓިގަނޑެއްގެ ތެރޭގައެވެ. ތޮށަލީގެ ދާނެއްގައެވެ. ކޮންމެ ދުވަހަކު މި ޖިފުޓި އަށް އައިސް އޭނާއަށް ކާންދީ، ބޯންދީ ގައިންތާހިރުކޮށްދީ ހަދައިދެމުން އައި ކަޅުސޮރުގެ ހަބަރެއް ނުވާތާ މިހާރު ތިން ދުވަސް ވީއެވެ.

އަނެއްކާ ކަޅުސޮރަށް އެ ފެންގަނޑު ފެނި، އެ ފެންގަނޑަށް އޭނާ ވެއްޓި، އެ ފެންގަނޑަށް ގެނބި މަރުވީ ހެއްޔެވެ؟ ނުވަތަ ތާރަތަކުރު ވެސް ގޮސް ޖެހުނު އަމިއްލަ އެދުމާއި މި މާއްދީ ދުނިޔޭގެ ކުލަތަކަށް ހެއްލި ގެއްލުނީ ހެއްޔެވެ؟

އެހެނެއް ނުވާނެއެވެ. ކަޅުސޮރުގެ ހިތުގައި ސަންޕާއަށް އުފެދުނީ ސާފު ތެދުވެރި ލޯތްބެކެވެ. އެ ލޯބީގައި ސަންޕާ ކޮޅުފައިން ޖަހާފައި ދިޔަޔަސް އެ ހިތަށް ހަގީގަތް ހާމަކޮށް، އެ ހިތް ލޯބީގެ އަމާން އައްސޭރިއަކަށް ގެންގޮސްދޭން ކަޅުސޮރު އަދިވެސް ބޭނުމެވެ. އާމިރުއައްޔޫބީގެ ނުބައި ރޭވުންތަކުން ސަންޕާ ސަލާމަތްކޮށް ސަކީނާ ސަލާމަތްކުރަން ވެސް ކަޅުސޮރު އެ އޮތީ ފޫގަޅައިގެންނެވެ.

ކަޅުސޮރު އަބަދުވެސް ފަރިވަމުން ދިޔައީ ލޯބީގެ ގުލްޒާރަކަށެވެ. އެކަމަކު ވަޒަން ހަމަނުވި އޭނާގެ އެ ޅެމުގެ ގުލްޒާރު މިއަދު އެ ވަނީ މަރާ ބައްދަލުކުރަން ޖެހޭ ވަރުގެ ހަނގުރާމައިގެ މައިދާނަކަށް ބަދަލުވެފައެވެ. މިއީ ތާރަތަކުރާއި ސަންޕާ އާއި ސަކީނާ އަދި މުޅި ގިރާވަރުގެ ހައްގުގައި އޭނާ ތެދުވަންވީ ވަގުތެވެ.

އެކަމަކު އެ ހިތްވަރު އޭނާ ނެރޭނީ ކޮން ތާކުން ހެއްޔެވެ؟

ކަޅުސޮރު ބެލި ހުވަފެން އެ އޮތީ ހަމަ ރަނގަޅަށް ވެސް ކަޅު ބޯވިލާގަނޑެއްގެ ތެރެއަށް ޖަހައިގެން ގޮސް ގެއްލިފައެވެ.

އެޑިޓަރުގެ ނޯޓް:

ޖުމްލަ 12 އެޕިސޯޑުގެ މައްޗަށް އެކުލެވޭ މި ވާހަކައިގެ އާ ބައިތައް ގެނެސްދޭނީ ކޮންމެ ހަފުތާއެއްގެ ހޯމަ، ބުދަ އަދި ހުކުރުގަ އެވެ.

ކޮމެންޓް (5)

ފާތިމާ

27 މާރިޗު 2024
ބުދަ ދުވަހުގެ ބަައިގެ އިންތިޒާރުގައި.. ވާހަކަ ވަރަށް ޝައުގުވެރި. ވަރަށް ކިޔާހިތުން ކިޔަނީ.😊
1 0

މަލާ

26 މާރިޗު 2024
މިއީ ވަރަށް ތަފާތު ރީތި ވާހަކައެއް.
1 0

މީކާކު

25 މާރިޗު 2024
މިބައިވެސް ވ ރީތި
3 0

އިވަކް

25 މާރިޗު 2024
ކަލޯ ނަދީމޫ.. މި ވާހަކަ މިއައްވުރެން ދިގުކޮން ގެނެސްދީބަލާށޭ.. ހެޔޮނުވާނޭ..
6 0

މަމީކާކު

25 މާރިޗު 2024
މިބައި ވެސް ވަރަށްރީތި
5 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް