ސްޓާރިން

ގެންދަންޏާ ގެންދަވާށޭ: ހިތާ ދުރަށް ނުގެންދެވުނު މަރިޔަމް ނިޝާ

އުމުރުން 14 އަހަރުގައި ފެށި ފިލްމީ ހަޔާތް ރިހި ސްކްރީނުގައި ނިންމާލިތާ 14 އަހަރު. އެކަމަކު ނިޝާއަކަށް އަދިވެސް ފިލްމީ ތަހުތެއް ނުގެއްލޭ. މި ކިޔައި ދެނީ އެންމެ ހާއްސަ ވާހަކަތައް

މަރިޔަމް ނިޝާ އަށް މިހާރު 44 އަހަރެވެ. ހަނދާނުން ފޮހެވިގެން ނުދާނެ ރޯލުތަކުން އިހުސާސުތައް ބަންޑުންކުރުވި 17 އަހަރުގެ ފިލްމީ ހަޔާތަކަށް ފަހު ބޮޑު ސްކްރީނުން އޭނާ ގެއްލިގެން ދިޔަތާ 14 އަހަރު ވަނީ އެވެ. އެކަމަކު ދިވެހި ސިނަމާގެ ރިހި ސްކްރީނު ފަޅުފިލުވައިދިން އެކްޓަރުންގެ ތެރެއިން ބެލުންތެރިންގެ ހިތާ ދުރަށް ނުގެންދެވުނު ހުނަރުވެރިޔަކީ އަދިވެސް ނިޝާ އެވެ. އަދިވެސް، މިއަދު ވެސް އެ ގެންދަނީ ދިވެހިންގެ ހިތްތަކާ ކުޅެމުންނެވެ.

"ސިހުރުވެރި ކަމެއްކަން ނޭނގެއެއްނު މިއީ،" އަމިއްލަ ދިރިއުޅުމުގެ އަޑިގުޑަން އޭނާ ޖަހައިގެން އެހެން ދިމާލަކަށް ގެންދިޔަޔަސް ހިތްތަކާ ދުރަށް ނުގެންދެވުނު ސަބަބަކީ ކޮބައިތޯ އަހާލުމުން ލާނެއް ގޮތަކަށް ނިޝާ ބުނެލި އެވެ.

ދެން ބުނީ މިހެންނެވެ.

"އަޅުގަނޑުގެ އެ ފިލްމީ ހަޔާތާއި މި ދިރިއުޅުމުގައި ވެސް ހުރިހާ ވެސް އެއްޗަކީ އަޅުގަނޑަށް ސަޕޯޓްކުރި މީހުން. އެ ސަޕޯޓަރުންގެ ހިޔާލަށް އަޅުގަނޑުގެ ހަޔާތް އަބަދުވެސް ބިނާވެފައި އޮތީ. ދެން އެ ހުރިހާ ހިތްވަރަކާއި ލޯތްބެއް ލިބި އެންމެ ފަހުން އެކްޓިން ވެގެންދިޔައީ އަޅުގަނޑަށް ހަމަ ފެންމެޓައެއް ކަހަލަ ކަމަކަށް."

"ސަޕޯޓަރުންގެ އެ ލޯތްބާ އެކު އަޅުގަނޑު އަލުން އުފަންވި ފަދަ އިހުސާސެއް ކުރެވުނީ. މަރިޔަމް ނިޝާ މަރިޔަމް ނިޝާއަކަށް ވީ ފޭނުންނާއި ސަޕޯޓަރުންނާ ހެދި. މިއީ އަޅެ ދޮގެއްތަ؟"

"އެމީހުން އެގޮތަށް އަޅުގަނޑަށް ސަޕޯޓްނުކުރި ނަމަ އަޅުގަނޑު ނުވާނެ އެއްވެސް މީހަކަށް. އަޅުގަނޑު ވާނީ އެ ދުވަހު އެ ގޭގައި ހުރި އަންހެން ކުއްޖާއަށް."

ކުޅަދާނަ ބަތަލާ މަރިޔަމް ނިޝާ "ދައުރު' ގެ 'ސްޓާރިން'ގައި އޭނާގެ ފިލްމީ ހަޔާތުގެ ވާހަކަތައް ކިޔައި ދެނީ.

މިހެން ބުނެފައި އޭނާ އަހަރެމެން ގޮވައިގެން ދިޔައީ "އެ ގޭގައި އެ ދުވަހު ހުރި ކުޑަކުޑަ އަންހެން ކުއްޖާ"ގެ ހަޔާތަށެވެ. އެއީ ނިޝާގެ ފުރާވަރެވެ. އަދި މި މަޝްހޫރުކަމާއި ސިނަމާގެ ބެބުޅުމާއި ކޫރުމެއް ވެސް ނެތް ހިމޭން ހަޔާތެކެވެ. އެވަރަށް އާދައިގެ ދިރިއުޅުމެކެވެ.

ފުރާވަރުގައި އޭނާ ފިލްމީ ދުނިޔެއަކަށް ގެންގޮސްދިން ލަވަ 'ގެންދަންޏާ ގެންދަވާށޭ' އަށް އޭނާ ހޮވުނީ ގެއިން ނުކުމެގެން ފެންބަލާ ދަނިކޮށެވެ.

"އޭރު މަލިކު މުހައްމަދު (ލަވައިގައި ނިޝާގެ ކޯސްޓާ) މަސައްކަތްކުރާނީ އަޅުގަނޑުމެން ގެއާ ޖެހިގެން ހުންނަ ވޯކްޝޮޕެއްގައި. ދެން އެ ދުވަހު ގެއިން ނުކުމެގެން ފެންބަލާ ދަނިކޮށް މި މަލިކު މުހައްމަދު އެތަން ބަލަން ހުރެފައި ވަރަށް ހަޑިހަޑި އެއްޗެހި ގޮވަން ފަށައިފި އަޅުގަނޑާ ދިމާލަށް،" މިހެން ބުނެފައި އޭނާ ވަރަށް ބާރަށް ހީގަތެވެ.

"އެއީ އޭނަ ވެސް ރާއްޖެއަށް އައިސް އުޅުނު އާ ދުވަސްކޮޅު. އެހެންވީމަ ދިވެހި ބަހުން ވާހަކަ ދެއްކިޔަސް އެމީހުންގެ މަލިކު ބަހުރުވައިގައި އާންމުކޮށް ބޭނުންކުރާ ބައެއް ބަސްތަކަކީ ދިވެހިންގެ ތެރޭގައި ރޯއަވަގުރާނައާ އެއްވަރުގެ ބަސްތަކެއްތާ،" އަނގަމަތީގައި ދެ އަތް އަޅައި ހިނިގަނޑު މައިތިރިކޮށްގެން ނިޝާ އަނެއްކާވެސް ފަށައިގަތެވެ.

"ދެން އެ ދުވަހު ވަރަށް ރުޅިއައި އަދި ފޫހިވި އޭނާ އެގޮތަށް ގޮވައި ހެދީމަ. ވަރަށް ލަދު ވެސް ގަތް އޭނާ އެގޮތަށް ގޮވަމުން މަގުމަތީގައި އުޅުނީމަ. އޭރު އަޅުގަނޑަށް 14 އަހަރު."

މަލިކު މުހައްމަދު ދެކެ ވީ ފޫއްސަކުން ނިޝާ ދިޔައީ ގެއަށެވެ.

"ދެން މި މަލިކު މުހައްމަދެއް ކިޔާ މީހަކު އެންމެ ފަހުން [އަތުވެއްޖެ] އަޅުގަނޑުމެންގެ ގެއަށް. އަޅުގަނޑު ހޯދަން. ގެއަށް އައިސް ބައްޕައާ ވެސް ވާހަކަ ދައްކައިފި މީނަ،" ނިޝާ އަނެއްކާވެސް ކިޔައިދިނެވެ.

"ދެން ބައްޕަ ބުނެފި ދަރިފުޅު ބޭނުމިއްޔާމު ދާންވީ ނޫން ހެއްޔޭ. ރަނގަޅުވާނެއޭ. ދެން ހިތަށްއެރީ ދާންވީއޭ ވާ ގޮތެއް ބަލައިލަން. އެކަމަކު ވަރަށް ޖެހިލުންވެފައި ހުރެ ދިޔައީ."

ފިލްމީ ދުނިޔެއަކަށް ނިޝާ ދަމައިގެން ގެންދިޔަ ގޮތަކީ މި އެވެ. މަލިކު މުހައްމަދާ އެކު އޭނާ ކުޅުނު ވީޑިއޯ ލަވަ 'ގެންދަންޏާ ގެންދަވާށޭ' ވީ ވަގުތުން ހިޓަކަށެވެ. އަދި ރެއަކާއި ދުވާލުން މަރިޔަމް ނިޝާ މުޅި މާލެއަށް މަޝްހޫރުވެއްޖެ އެވެ.

"ދެން ލަދުން ގޮސް ނެތް ގޮތެއް. މީހުންތައް އަންނަން ފަށައިފި އަޅުގަނޑު ހޯދަން ގެއަށް ވެސް. މަގުމަތިން ފެނުނަސް މީހުން ގޮވާވަރުން އެއްވެސް ތާކަށް ނުދެވޭ. ފިލްމު ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން ވެސް އަޅުގަނޑު ހޯދަން ގެއަށް އަންނަން ފަށައިފި. ދެން ބިރުން ގޮސް ކޮޓަރިއަށް ވަދެ ފިލީ،" ކުއްލިއަކަށް ލިބުނު މަޝްހޫރުކަން ނިޝާގެ އާދައިގެ ދިރިއުޅުން ހަލަބޮލިކޮށްލި ގޮތް އޭނާ ކިޔައިދިނެވެ.

'ގެންދަންޏާ ގެންދަވާށޭ' ލަވައިން ލިބުނު މަޝްހޫރުކަން އޭނާ ގޮވައިގެން ގެންދިޔައީ ދިވެހި ފިލްމީ ދާއިރާގެ ބޮންތިއަށެވެ. އެއަށް ފަހު ދިވެހި ސިނަމާގައި ދެން ފެށުނީ މަރިޔަމް ނިޝާގެ ޒާމާނެވެ. 'ދައުރު' ނޫހުގެ ރޯދަ މަހުގެ ހާއްސަ ކޮންޓެންޓްތަކުގެ ތެރޭގައި ހިމެނޭ 'ސްޓާރިން' ސެގްމަންޓުގައި ނިޝާ ކިޔައި މި ދެނީ އޭނާގެ މި އާދަޔާހިލާފު ފިލްމީ ހަޔާތުގެ ގަދަ ދިހައެކެވެ. ނިޝާ ކުޅުނު 26 ފީޗާ ފިލްމުގެ ތެރެއިން އޭނާއަށް އެންމެ ކަމުދާ ހޮވުންތަކެވެ.

މި ވީޑިއޯ ސެގްމަންޓުގައި ހިމަނާފައި ވަނީ އޭނާގެ 'ޓޮޕް ފައިވް' ރޯލެވެ. އެކަމަކު އޭނާ ފެށީ ދިހައަކުންނެވެ. ދިހަ ވަނާގައި ހިމެނީ މޫމިން ފުއާދުގެ 'ލޫދިފާ' އެވެ. ނުވަ ވަނާގައި ފާތިމަތު ނަހުލާގެ 'ޒުލޭހާ' އެވެ. އަދި އަށް ވަނާގައި ހިމެނީ އަބްދުލް ފައްތާހުގެ މަޝްހޫރު ޑްރާމާ 'ރޭޝަމް' އެވެ. އެއަށް ފަހު 'ހިމޭން ދުނިޔެ' އެވެ. އަދި ހަ ވަނާގައި ހިމެނީ ކޮޕީ މުހައްމަދު ރަޝީދުގެ 'އެދިއެދި ހޯދީމޭ' އެވެ.

އެ ފިލްމުތައް ހާއްސަވާ ސަބަބުތައް ކިޔައި ދިނުމަށް ފަހު ދެން ހުޅުވާލީ ނިޝާގެ ހިތް އޮތް ގޮތެވެ. އޭނާގެ ހިތް އަދިވެސް ބަންޑުންވެފައި އޮތީ ރިހި ސްކްރީނަށެވެ. އޭނާ ހުރީ ބޮޑު ސްކްރީނަށް އެނބުރި އައުމަށް ކެތްމަދުވެފަ އެވެ. އެކަމަކު ޝަރުތުތަކަކާ އެކުގަ އެވެ.

"ވަރަށް ގިނަ މީހުން ކުރާ ސުވާލަކީ އަޅުގަނޑު އަލުން ފިލްމެއް ކުޅެފާނަން ހެއްޔޭ. އިއްޔެއާ ހަމައަށް ބުނަމުން އައީ ނުކުޅޭނަމޭ. އެކަމަކު މިހާރު މި ބުނަނީ ކުޅެފާނަމޭ އަނެއްކާވެސް ފިލްމެއް. އެކަމަކު ކުރީގައި މަސައްކަތްކުރި ގޮތަށް މިހާރަކު މަސައްކަތެއް ނުކުރާނަން،" ނިޝާ ބުނެލި އެވެ.

"އަނެއް ސުވާލަކީ މަރިޔަމް ނިޝާއަށް ކުރީގެ ފެންވަރު ދެއްކިދާނެ ހެއްޔޭ؟ ހީއެއް ނުވޭ ހުރިހާ ރޯލެއް، ކޮންމެ ކަހަލަ ރޯލެއް ކުޅެވޭނެ މީހަކު ރާއްޖޭގައި ހުންނާނެހެން. އެކަމަކު އަޅުގަނޑު މިހިރީ ހަމަ ތައްޔާރަށް. ކޮންމެ ކަހަލަ ރޯލެއް ވެސް ކުޅެވިދާނެ އަޅުގަނޑަށް."

"އަޅުގަނޑަށް ރިހާސްއެއް ވެސް ބޭނުމެއް ނުވޭ. ޑައިރެކްޝަން ދިނުމާ އެކު އަޅުގަނޑު ބަދަލުވާނީ ޑައިރެކްޓަރުގެ ބޮލުގައި ހުރި ކެރެކްޓާއަށް."

ނިޝާ އެހެން ބުނެލީ ވަރަށް ޔަގީންކަމާ އެކުގަ އެވެ. އަދި އޭނާގެ އެ ވާހަކައަށް ހެކިވަނީ ފަނޑުވުމެއް ނެތް އޭނާގެ ފިލްމީ ހަޔާތެވެ.

"އެކަމަކު 12،000ރ. 20،000ރ. އަށް ފިލްމު ކުޅެދޭ ޒަމާން ފާއިތުވެ ހިނގައްޖެ. އެކަމަކު މަރިޔަމް ނިޝާގެ ކިބައިގައި އަދިވެސް ހުނަރު އެބަހުރި."

އިންޓަވިއު އެ ހިސާބުން ނިމުނީ އެވެ. އެކަމަކު އައު ފެށުމަކުން ފަށަން ނިޝާ އެހެރީ ތައްޔާރުވެގެންނެވެ.

ކޮމެންޓް (1)

ނިޔާ

23 މާރިޗު 2024
ނިޝާއަށްވުރެ ގިނައިން އެހެން ތަރިން އެވާޑްތައް ގެންދިަޔަސް އަދިވެެސް ނިޝާ ދެއްކި އެކްޓިން އެހެން މީހުންނަކަށް ނުދެއްކޭ. މިހާރު ފިލްމެއް ކުޅުނަސް ޔަގީން ޑައިރެކްޓަރުންގެ ހުށަހެޅުން ބަރިބަރިއަށް ނިޝާ އަށް ލިބޭނެކަން.
1 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް