އިލަސްޓްރޭޝަން: މޫސާ މަމްދޫހު

ވާހަކަ

ރަސްގަތުލު – ހަވަނަ ބައި

ޑްރަދީވާ އަކީ އެތަނުގައި އާދަޔާހިލާފު ބާރުތަކެއް ވާ ކަމަށް ބުނެވޭ ބޮޑު ފަޅެކެވެ. އެތަނުގައިވީ ވަޔާއި އޮއިގައި ގޮތްނޭނގޭ ނުބައި ބާރުތަކެއް އެނބުރި ބުރުޖަހަމުން ގެންދާ ކަމަށް ބުނެވޭ ނާމާންކަމެކެވެ. އެތަނުގައި އުފެދި ދެމޭ ބާނިތަކުގައި ސުންޕާވެރިކަމެއް ވެޔޯލަ އެވެ. އެއީ ބަލާއާފާތާއި މުސީބާތްތައް ފާވެ ފައުޅުވެ ބޮކިޖަހަމުން އަންނަ ލޮނުގަނޑެކެވެ. އަދި މީހެއްގެ ހޭބުއްދި ޖަހައިގެންފާނެ ކަހަލަ ގުދުރަތީ އަޖާއިބެކެވެ. އެތަނުގެ މެދުގައި އޮތް ބަނާޓުގަލާ، މުޅި ހުވަދު އަތޮޅުގައި ވެސް އޮތް އެންމެ އެކަހެރި ރަށަށް ބަދަލުވެފައި އޮތީ މި ސަބަބުތަކާ ހެދި އެވެ.

އެކަމަކު ޑްރަދީވާގެ އެ މާ ސިންގާ ފަޅުގައި، ބަނާޓުގަލާއޭ ކިޔުނު ފަޅުރަށެއް އޮތް ކަމަށް ހަގީގަތުގައި ވެސް ގަބޫލުކުރަނީ މި ވާހަކަތައް ދައްކައި އުޅޭ މީހުންގެ ތެރެއިން ކިތައް މީހުން ހެއްޔެވެ؟ ޑްރަދީވާގެ ގޮތްނޭނގޭ ފަޅުތެރެއަށް ވަދެ، މަގު ނުއޮޅި، ބަނާޓުގަލާއަށް ދާން އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟ ނުވަތަ ބަނާޓުގަލާއަށް ދިޔައީ މިހާތަނަށް ކޮން ބައެއް ހެއްޔެވެ؟ އެ ރަށް ހަމަލޮލުން ދުށް މީހަކު ނުވަތަ އެ ރަށުގައި ފައިޖެހުނު މީހަކު ދުނިޔޭގައި އެބަހުރި ހެއްޔެވެ؟

ހަގީގަތަކީ މި އެވެ. އެ ރަށަށް ދިޔަ މީހުންގެ ތެރެއިން އަބަދުވެސް އެނބުރި އައީ ޗަމަރާ އެކަންޏެވެ. އެކަމަކު އެ ރަށަށް ދިޔަ އެއްވެސް ބަޔަކަށް ދަސްނުވި އެ އުކުޅު އޭނާ ދަސްކުރީ ކިހިނެއް ހެއްޔެވެ؟ ޑްރަދީވާ ފަޅުގެ ހަގީގަތް އޭނާ ހޯދީ ކިހިނެއް ހެއްޔެވެ؟ ބަނާޓުގަލާގެ ޖަންގަލިތަކުގައި އެހާ ފަރިތަކަމާ އެކު ހިނގަން އޭނާ ދަސްކުރީ ކިހިނެއް ހެއްޔެވެ؟ އަމުދަކުން، މި ޗަމަރާ އަކީ ކާކު ހެއްޔެވެ؟ ތިނަދޫގައި ފަތުބިޑި ބޮއެގެން އަފިހުން ކައިގެން ބިތްޖެހިފައި ހުރި ލާޗާރުބިޗާރެއް ހެއްޔެވެ؟ ނުވަތަ އޭނާއަކީ އަނެއްކާ މި ފަޅުރަށުގައި ދިރިއުޅޭ ކަމަށް އޭނާ އެ ބުނާ ގޮތްނޭނގޭ ޒުވާން ފިރިހެން މީހާ ހެއްޔެވެ؟

ނުވަތަ މި ޑްރަދީވާ އާއި ބަނާޓުގަލާ ނިސްބަތް ވަނީ ކޮން ކައުނަކަށް ހެއްޔެވެ؟ އަނެއްކާ މިއީ ޗަމަރާގެ މަސްތީ ބޮލުތެރޭގައި އޭނާ އުފައްދައި ކުލަޖައްސަމުންދާ ހިޔާލެއް ހެއްޔެވެ؟

ފުޅި ބައްތިއެއް ހިފައިގެން ޖިފުޓި ކުރިމަތީގައި ހުއްޓި ހުރި އަންހެން މީހާ ފެނުމުން މަލީޝާގެ މުޅި ގައިން ހީބިހި ނަގައިގަތެވެ. ވައަތަށް ހުޅިޖެހި އެ އަންހެން މީހާ ހުއްޓިގެން އެހެރީ ސަތޭކައެއްހާ ފޫޓު ދުރުގަ އެވެ. ނުވަތަ އެއީ ހަމަ މަލީޝާއަށް ހީވާ ހީވުމެކެވެ. އެކަނިވެ، ބިރުގަނެފައިވާ އޭނާގެ ބޮލާއި ހިތަށް ވެރިވެގަނެފައިވާ ވަހުމު އުފަންކުރުވަމުންގެންދާ އިހުސާސެކެވެ.

ފިލައި އޮތް މަގޫގަސްތަކުގެ ތެރެއިން މަލީޝާ މަޑުމަޑުން ކުރިއަށް ޖެހެމުން ގޮސް ބޭރަށް ނުކުމެއްޖެ އެވެ. ޖިފުޓިގަނޑު އަދިވެސް އެ ދިމާލުން ފެންނަން އެބަހުއްޓެވެ. އެކަމަކު އެ ދިމާލުން ފެނުނުހެން ހީވި އަންހެން މީހާގެ ލިސާނަކަށް މިހާރު ފެންނަން އޮތީ ބިއްލޫރީގެ އެ ކުޑަކުޑަ ފުޅިބައްތި އެކަންޏެވެ. ބޭރު ފެންޑާގައި ހަރުކޮށްފައި އޮތް ބުޅިގަނޑެއްގައި އެލުވާފައި އޮތް ފުޅިބައްތި ވައިރޯޅިއަކާ އެކު ތެޅިގަތެވެ.

އެނބުރިގަތް ފިނި ރޯޅިތަކާ އެކު ވަށައިގެން އޮތް ބޯ ޖަންގަލީގެ ގަސްތަކާއި ފަތްތައް ނަށައި ހުތުރު ވައްތަރުޖައްސަން ފަށައިފި އެވެ. އަލިފާންކޮކާތަކުން ރެދަންލައި ފުރޭތަ އާއި ދެޔޯއިންގެ ސިފައިގައި ގަސްތައް ދިއްލެން ފަށައިގަތެވެ. ވަށައިގެން ހެދިފައިވީ މަގޫ ގަސްތަކުގެ ތެރެއިން މުރުމުރުގޮވަން ފަށައިފި އެވެ. އެކަމަކު އެއީ ޗަމަރާގެ އަލާމާތެއް ނޫނެވެ. ޗަމަރާ ވީތަނެއް އަދި އޭނާ ހެދި ގޮތެއް ވެސް މަލީޝާއަކަށް ނޭނގެ އެވެ.

ހުސިޔާރުވެ ހުރެ ވަށައިގެން ހޯދަމުން ގޮސް މަލީޝާ ވަނީ ފަން ޖިފުޓީގެ ފެންޑާއަށެވެ. ފުޅިބައްތީގެ އަލީގައި އޭނާގެ ދަބަސްގަނޑު ހާވައިގަތެވެ. ފޯނު ނަގައި ހާވަން ފަށައިފި އެވެ. އެކަމަކު އެ ފޯނަކަށް މިހާރު ސިގްނަލެއް ނުލިބެ އެވެ. ފޯނުގެ ބެޓެރި ވެސް މަޑުމަޑުން ހުލިވެ މަރުވަނީ އެވެ.

ހާސްވެ ހުރެ ވަށައިގެން ހޯދާލުމުން މަލީޝާއަށް ފެންނަނީ ފުޅިބައްތީގެ އަލީގައި ޝިކާރައަށް ނުކުމެ ތިބި ވާމަކުނާއި ފައިދިގުމަކުނެވެ. އެ ސޮރުމެންގެ މަކުނުވާގައި ތަތްވެ މަރަށް ތެޅެމުންދާ ބަޅިނދުތަކެވެ. ފުޅިބައްތީގެ އައްޔާ ދޯޅުވާން ހަދައިގެން ގޮސް ހޭބުރާންތިވެ ބިން މައްޗަށް ވެއްޓެމުން ދިޔަ މަސްކާށިދޫންޏެވެ. މަރަށް ތެޅެމުން ދިޔަ އެ މަސްކާށިދޫނިތައް ކާން އަނގަ ބޮޑުކޮށްލައިގެން ތިބެ އެތަނަށް ޖަމާވަމުން ދިޔަ ސިފަ ހުތުރު ބޮއްތަކެވެ.

ސުފާސޫފީގެ އެ ދުނިޔެއަށް މަލީޝާ ގެއްލިފައި ހުއްޓައި ވައިރޯޅީގައި ހެއްލެމުން ދިޔަ ފުޅިބައްތި ކުއްލިއަކަށް ނިވިއްޖެ އެވެ. އެވަގުތު ހީވީ ފަހަތުގައި ހުރި މީހަކު މަލީޝާގެ ދެ ކޮނޑުގައި ހިފައި ބާރުކޮށްގަތްހެންނެވެ. ނަންނުގަތި ބުރަކަށިން ދެމިގަތް ހެންނެވެ. އަދި މައިބަދައަށް ގަނޑުފެނުގެ ހަންޖަރެއް ހަރައި އޭނާ ދެ ކަކޫ މައްޗަށް ތިރިކޮށްލިހެންނެވެ.

ސިހިގެން ގޮސް އަތުން ދޫވެ ވެއްޓުނު ފޯނު ނަގައިގެން މަލީޝާ އަވަސްއަވަހަށް އޭގެ ޓޯޗު ޖައްސާލި އެވެ. ތެދުވެ ފަހަތަށް އެނބުރިގަތްތަނުން އޭނާގެ ލޮލުގައި އަޅައިގަތީ ހުޅުވިފައި ހުރި ތޮށަލީގެ ދޮރެވެ. އިތުރު މީހަކު ނެތެވެ. އެކަމަކު އެ ޖިފުޓިގަނޑުގެ ދޮރު މިހާރު އެހެރީ ހުޅުވައިފަ އެވެ. ނުވަތަ އެނބުރިގަތް ރޯޅިއެއްގައި އެ ދޮރުފަތް ހުޅުވުނީ އެވެ.

މަލީޝާ އެތެރެއަށް ވަނީ މަޑުމަޑުންނެވެ. ކިތަންމެ ބިރުގެންފައި ހުއްޓަސް ވަށައިގެންވީ މާހައުލުގެ ސިފަތަކާއި ބާރުތައް އޭނާ ދަމައިގެން ގެންދާ ކަހަލަ އެވެ. ކުޑަކުޑަ ޖިފުޓި ތެރޭގައި ވަނީ ބިންގަރާހެކެވެ. ކުރެހުން އެޅި ހިރިގައު ޖައްސައިގެން ހަދާފައިވާ ސިޑީގެ ކޮޅެއް ލޮލަކަށް ނުފެނެ އެވެ. ފޯނު ދިއްކޮށް އަލިކޮށްލުމުން ވެސް އެ ބިންގަރާސް ސިޑީގެ ކޮޅެއް ނުފެނެ އެވެ. ފެންނަނީ ހިރިގަލުގެ އެ ސިޑި ގޮސް މާ އަޑީގައި އޮތް އަނދިރިކަމެއްގެ ތެރެއަށް ވަދެ ގެއްލިފައިވާތަނެވެ.

ދެ ހިޔާލެއްގައި ހުރެ މަލީޝާ ސިޑިން ތިރިއަށް ހެލިގަތެވެ. ސިޑީގެ ދެ ފަރާތުގައިވީ ހިރިގަލުގެ ފާރުގައި އެއް އަތް މަޑުމަޑުން ކާއްތަމުންނެވެ. އެ ފާރުގައި ކަނޑައިނަގާފައިވީ ދިވެސް އަކުރުތަކާއި ބޯދާ ކުރެހުންތައް ބަލައި ދިރާސާކުރަމުންނެވެ. އެ އަޖާއިބުގައި ޖެހި ގެއްލިފައި ވަނިކޮށް ދެ ހިރިގައު ދޭތެރެއިން ނުކުމެ އޭނާގެ އަތަށް އެރީ ފޮށިގަނޑުލީ ފައިދިގުމަކުނެކެވެ. ސިއްސައިގެން ގޮސް ހަޅޭލަވައިގަނެ ދެ އަތް ފޮޅަމުން ތެޅިގަތް ވަގުތު ފޯނު އަތުން ދޫވެ ސިޑިމަތިން ތިރިއަށް ސޮއްސާލައިގެން ގޮސް އަނދިރިގަނޑުގެ ތެރެއަށް ގެއްލިއްޖެއެވެ. އޭގެ ބޮކި ވެސް ނިވިއްޖެ އެވެ.

ކަނު އަނދިރީގައި ކުރިއަށް އެޅި ފިޔަވަޅާއެކު މަލީޝާ ވެސް ވެއްޓިގެން ގޮސް ޖެހުނީ އަނގަވަތަށެވެ. ބިންގަރާސް ތެރެއަށެވެ.

ވެއްޓި ގެއްލުނު ފޯނު ހޯދުމަށް އޭނާ ތެޅިގަތެވެ. އެވަގުތު ބިންގަރާސް ތެރޭގައި އޮތް ހިމޭންކަން ތޮރުފައި ރަންރީނދޫ ކުލައިގެ އައްޔަކުން އެތަން ދިއްލިގެން ދިޔައީ މީހަކު އަލިފާންދަނޑިއެއް އަޅައި ރޯކޮށްލުމުންނެވެ. އެ މީހާ ހުރީ ފުރަގަސްދީގެންނެވެ. ވައަތަށް ހުޅިއެއް ޖަހައިގެން ގިރާވަރު ލިބާހެއް ލައިގެންނެވެ. އަދި ރޯކޮށްލި ސަމޭދާން އުށްބައްތި ހިފައިގެން އޭނާ ދެން އެނބުރުނީ މަލީޝާއާ ދިމާލަށެވެ. އޭރު ވެސް މަލީޝާ އޮތީ ވެއްޓިގެން ގޮސް ޖެހުނު ގޮތަށް ހިރިގަލުގެ ސިޑި ދޮށުގަ އެވެ.

އެ ބިންގަރާހުގެ އަނެއްކޮޅުގައި އަނދަމުން ރޯވަމުން ދިޔަ އުށްބައްތީގެ އައްޔާ އެކު މުޅި ބިންގަރާހުގެ ސާފު މަންޒަރެއް ލޯ މައްޗަށް ދިއްލިއްޖެ އެވެ. އެތަނުގެ މެދުގައި ހަދާފައި ހުރި ހިރިގަލުގެ އަށިމަތީގައި އަތުރާފައިވާ ވަޅިތަކުން ތޫނުކަން ބަބުޅައިގަތެވެ. ބިއްލޫރީގެ ފުޅިތަކުގައި ބަންދުކޮށްފައިވީ ނަންނުގައްޗާއި ބޮއްތައް އަލީގެ ދަޅަތަކަށް ފުމެގަތެވެ. އެއީ މީހަކު ކަތިލައި ކޮށަން ޒީނަތްތެރިކޮށްފައިވާ އަށްޓެކެވެ.

ގިރާވަރު ލިބާހުގައި ހުރި މީހާ އުށްބައްތިއާ އެކު މަޑުމަޑުން ކުރިއަށް ޖެހެމުން ގޮސް މަޑުކޮށްލީ އެ އަށި ކައިރީގަ އެވެ. އަދި އޭގެ ކަނުން ކަނަށް އަތުރާފައިވާ ކުދި އުށްބައްތިތަކުގައި ރޯކޮށް ދިއްލަން ފެށުމާ އެކު އެއީ ކާކުކަން މަލީޝާއަށް އެންމެފަހުން އެނގި ކަށަވަރުވެއްޖެ އެވެ.

ގިރާވަރުގެ ލިބާހެއްގައި ވައަތަށް ހުޅި ޖަހައިގެން އެހެރީ ޗަމަރާ އެވެ. ބަނާޓުގަލާ އިން ފެންނަ ކަމަށް ބުނާ ފިރިހެނަކީ ވެސް އޭނާ އެވެ. އަދި ވައަތަށް ހުޅިޖެހި އަންހެނަކީ ވެސް އޭނާ އެވެ.

ފެނި ޔަގީންވި މަންޒަރުން ހިތަށް ވެއްދި ބިރުވެރިކަމާ އެކު މަލީޝާ ދެނަކާދެނެއް ނެތި ތެޅިގަތީ އެތަނުން ސަލާމަތްވެ ރައްކާވާށެވެ. އެކަމަކު ވެއްޓިގެން ގޮސް ޖެހުނު ގޮތަށް އޭރު ވެސް އޭނާގެ ދެ ފައިގެ ކުޑަހުޅަށް ވަނީ އަނިޔާވެފަ އެވެ. އަދި ފުންމައިގެން އައިސް ޗަމަރާ ހިފީ މަލީޝާގެ އެ ދެ ފައިގަ އެވެ. އަދި މޫނުމަތީގައި އަޅުވާލި އެތިފަހަރާ އެކު އޭނާ ދަންމާލި އެވެ.

ނަބީލާ ނަފީސުގެ މަރަކީ ޗަމަރާއަށް ހެދުނު ގޯހެކެވެ. ބަލަންވާވަރަށް ނުބަލައި ކަތިލެވުނު ކުއްޖެކެވެ. އެކަމަކު މިފަހަރު އޭނާ ހޮވާފައި އެ ވަނީ ކުމާރީންގެ ސުވަރުގޭގެ ދޮރުތައް ހުޅުވޭވަރުގެ ފުރާނައެކެވެ. މަލީޝާގެ ހޫނު އެ ހަށިގަނޑުގައި ދެމެމުން އެ ދަނީ އޭނާ ފެންބޮވައިގެންފައިވާ ގިރާވަރުގެ ސާފު ލެ އެވެ.  

މަލީޝާއަށް ހޭވެރިކަންވީ އެތައް އިރެއްވީ ފަހުންނެވެ. މުޅި ހަތަރެސްފަޔާއި ހަށިގަނޑުގައި ވޭން އަޅައިގެންނެވެ. އޭރު އޭނާ އޮތީ އޮރިޔާންކޮށް އަށިމަތީގައި އަނދަގޮނޑި ޖަހައިފަ އެވެ. ހަށިގަނޑުގެ އެތަން މިތަނުން ވަނީ ލޭކޮށާލައިފަ އެވެ. ނަންނުގައްޗާއި ބޮކާއި ސޫފާސޫފިތައް ގައިމަތިން ދުވެ ފުމެނީ އެވެ. އަދި ނަބީލާގެ ބޮލުގެ އިސްތަށިގަނޑުން ވާތަށް ހުޅިއެއް ޖަހައިގެން ހުރެ ޗަމަރާ ކިޔެވެލިތައް ކިޔަވައި ތާރަޖަހަމުން ވަޖިދުއަރުވަނީ އެވެ.

އެހީއަށް އެދި ގޮވާނެ ހިތްވަރެއް އަދި ބާރެއް ވެސް މަލީޝާގެ ނެތެވެ. އޭނާގެ އަނގަ ވަނީ ދެ ތުންފަތް ޖައްސައި ކަންވާރު ރޮދިން ފަހައިފަ އެވެ. އަރުތެރޭގައި ތެޅެމުން ދަނީ ނަންނުގައްޗެކެވެ. މަލީޝާ އޮތީ ބަނަފުސާމަލުގެ ދާނެއްގަ އެވެ. އޭނާގެ ބަނޑާ ދިމާލުގައި ފުންކޮށް ހެދިފައިވީ ޒަހަމަކުން ދެމެމުން އޮހޮރެމުން ދިޔަ ލޭތައް ދަނބުކުލައިގެ އެ މާތަކުގެ ތެރެއަށް މަޑުމަޑުން ފޭދެނީ އެވެ.

ޗަމަރާގެ ހެޔެއް ނެތެވެ. މަލީޝާގެ ހޭވެރިކަން އަނެއްކާވެސް ގެއްލިއްޖެ އެވެ.

މަލީޝާގެ ހަބަރެއް ނުވެގެން އޭނާ ހޯދަން ރަސްމީކޮށް އިއުލާނުކުރީ އޭގެ ދެ ހަފުތާ ފަހުންނެވެ. ދައުރު ނޫހުގެ ތަހުގީގީ ނޫސްވެރިޔާ ގެއްލުނު ހަބަރު ފޯނުން ކިޔަން ބަކުރީ އިނީ އެއާޕޯޓުގަ އެވެ. ބަކުރީ އެ ފުރަނީ ހުވަދުއަށެވެ. އޭނާގެ މަންޒިލަކީ ބަނާޓުގަލާ އެވެ. ކުމާރީންގެ ސުވަރުގެ އެވެ.

އެޑިޓަރުގެ ނޯޓް:

ޖުމްލަ 12 އެޕިސޯޑުގެ މައްޗަށް އެކުލެވޭ މި ވާހަކައިގެ އާ ބައިތައް ގެނެސްދޭނީ ކޮންމެ ހަފުތާއެއްގެ ހޯމަ، ބުދަ އަދި ހުކުރުގަ އެވެ.

ކޮމެންޓް (4)

ޕަރސަން

24 މާރިޗު 2024
އަޅެ މަލީޝާ މަރާލީތަ ތި؟
0 0

ހަކުރާ

23 މާރިޗު 2024
ކުރުހެން ހީވަނީ މާ ރީތިވީމަ ކަމަށް ވެސް ވެދާނެ. މި ވާހަަކަ މީ އަސްލުވެސް ފެށިގެންނިމެންދެން މެދުނުކެނޑި ކިޔަން ހުރެވޭހާ ރީތި މޮޅު ވާހަކައެއް
7 0

ސަން

23 މާރިޗު 2024
މިބައި މާ ބޮޑައްވެސް ކުރު🥲
2 0

ކުރުކުރު

22 މާރިޗު 2024
ހާދަ ހާ ކުރޭ މި ބައި
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް