ޑާކް ރެއިންގެ ފިލްމު 'ފުރޭތަ'އިގެ ބައެއް ތަރިން

ދިވެހި ފިލްމު

ފުރޭތަ: ބިރުވެރި ފިލްމެއް ނޫން، އެކަމަކު ބިރުން ފިތްކަނޑައިގެން

މި މަަހުގެ 23ގެ ނިޔަލަށް އޮލިމްޕަހުގައި އަޅުވާފައިވާ މި ފިލްމުން ދައްކަނީ ގޭންގު ކުށްތައް ހައްލުނުވެ، ކަމާނުބެހޭ މީހުންނަށް އޭގެ އަސަރު ކުރާ ގޮތް
17 މާރިޗު 2024

މިވަގުތު އޮލިމްޕަހަށް އަރާ އޮތީ 'ފުރޭތަ' އެވެ. ޑާކް ރެއިން އެންޓަޓެއިންމަންޓް އިން ގެނެސްދޭ މި 'ފުރޭތަ' އަކީ ބިރުވެރި ފިލްމެއް ނޫނެވެ. ނަމަވެސް މި ނަން މި ފިލްމަށް ހެޔޮވަރެވެ.

"ފުރޭތަ" ޑައިރެކްޓަރު ޝިފާއު(ކ) މެދުގައި ލީޑް ތަރި ޝަރަފު އަދި ޕްރޮޑިއުސާ މުހައްމަދު އަލީ(ވ) ފިލްމްގެ ރެޑްކާޕެޓް އިވެންޓް ތެރެއިން

 މުހައްމަދު އަލީ (މޮގާ) ޕްރޮޑިއުސްކޮށް އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ 'ފުރޭތަ' އިން ބުނެދެނީ އެކި މީހުންނަށް ފުރޭތަ ސިފަވަނީ އެކި ގޮތްގޮތަށް ކަމެވެ.

ނިދަން އެނދަށް އަރައި ނުނިދިގެން އުޅޭ ކުޑަކުއްޖެއްގެ ސިކުނޑީގައި ފުރޭތަ ސިފަވާ ގޮތާއި ބޮޑު މީހެއް އޭނާ ލޯބިވާ މީހަކަށް އަނިޔާ ދޭ މިހަކީ ފުރޭތައެއް ގޮތަށް ސިފަކުރުމެވެ. ކައިވެންޏެއް ކުރަން އުޅޭ މީހަކަށް އޭނާ އިންނަން އުޅޭ މީހާގެ 'އެކްސް' ފަހަރުގައި ފުރޭތައެއްހެން ސިފަވެދާނެ އެވެ. ވިޔާނުދާ އުޅުމުގެ ސަބަބުން، ދަރިންނާއި ދަރިންގެ މުސްތަގުބަލަށް ފަރުވާތެރިނުވެވުނު މަޔަކު، އޭނާއަށް ތަރުބިއްޔަތެއް ނުދެވުމުގެ ސަބަބުން ގޯސް މަގުން ހިނގަމުންދާ، އަމިއްލަ ބަނޑުން ވިހޭ ދަރިފުޅު ފުރޭތައެއްގެ ގޮތުގައި ސިފަ ކޮށްފާނެ އެވެ. ގޭންގެއްގައި އުޅޭ މީހަކަށް އޭނާގެ މައްޗަށް ހުންނަ މީހާ ފުރޭތައެއްގެ ގޮތުގައި ފެނިދާނެ އެވެ. ގޭންގު ކުށުގެ ސަބަބުން އިންސާފު ހޯދަން އިދާރާތަކަށް ހިނގާހިނގާ ވަރުބަލިވެގެން އުޅޭ މީހާއަށް، ފެއިލްވެ ދެ އަތް ބަނދެވިފައިވާ މުއައްސަސާތަކަކީ ވެސް ފުރޭތައެއްގެ ގޮތުގައި ފެނިދާނެ އެވެ. އަދި މީހަކު އޭނާގެ ހާލަތުގެ ގޮތުން، އިންސާފު ހޯދަން ފުރޭތައަކަށް ބަދަލުވާން ވެސް މެދުވެރިވެދާނެ އެވެ.

ފިލްމުން ދައްކައިދެނީ މި ހުރިހާ ފުރޭތަތަކެވެ. ފިލްމުން ދެ ލޯ ހުޅުވުނީ އަހަރެމެންގެ މުޖުތަމައުގައި ގޭންގުތައް ވަކިހިއްޕާލާފައިވާ މިންވަރަށެވެ. ޅަ އުމުރުން ފެށިގެން ކުދިން ގޭންގުތަކަށް ވަންނަ ގޮތާއި ޖީލުތަކެއް ނެތިގެންދާ ގޮތެވެ. އަދި ކިތަންމެ ރަނގަޅު މީހެއް ވެސް ކުރެވޭ ކުޑަ ކަމަކުން އެފަދަ ގޭންގެއްގެ ޝިކާރައަކަށް ވެދާނެ ކަމެވެ. މިކަމާ ދެކޮޅަށް މަސައްކަތް ކޮށް، އާއްމުން ރައްކާތެރިކޮށް ހިމާޔަތް ކުރުމަށް އުފައްދާފައިވާ އިދާރާތައް އެމީހުންގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ނުކުޅެދިފައިވާ މިންވަރެވެ.

ބިރުވެރި ފިލްމެއް ނޫނެވެ. އެކަމަކު މަންޒަރުތަކާއި ފިލްމުގެ ޕްލޮޓް ތަރުތީބުވެގެން އައިސްފައިވާ ގޮތުން، ފިލްމު ބަލަން އިން އިރު މީހާ އިންނަން ޖެހުނީ މުޅިން ހާސްކަމެއްގެ ތެރޭގަ އެވެ. އަމިއްލަ ގައިގައި އޮޅުލައިގެންނެވެ. ދެ އަތުގެ އިނގިލިތައް މުށު ތެރެއަށް ލައި ބާރުކޮށްގެންނެވެ. އެހާ ވެސް ބޮޑަށް ހަގީގަތެއްހެން ހީވާތީ އެވެ.

ފިލްމުގެ އެކްޓަރުން އެ މީހުންގެ ޑައިލޮގް ގެނެސްދީފައިވާ ގޮތް ފުރިހަމަ އެވެ. ހާއްސަކޮށް ލީޑް ބައި ކުޅޭ ޝަރަފުއްދީން އަބްދުﷲ، ސޫޒަން އިބްރާހިމް ފުޅު، ރަވީ ފާރޫގު އަދި ގޭންގުގެ މެންބަރެއްގެ ގޮތުގައި ހަރަކާތްތެރިވާ އަހުމަދު ނާޝިތު އެ މީހުންގެ ބައިތައް ކުޅެފައިވާ ގޮތް މޮޅެވެ.

ފިލްމު 'ފުރޭތަ'އިގައި ގޭންގު މެންބަރެއްގެ ބައި ކުޅޭ ނާޝިތު ދައްކާފައިވާ އެކްޓިން ފާހަގަކޮށްލެވޭ

ބިރުވެރި ފިލްމެއް ނޫނަސް ބިރުން ފިތްކަނޑައިގެންދިޔަ ސަބަބަކީ، އަހަރެމެން ދިރިއުޅޭ މި ކުޑަ މާލޭގައި ނުބައި ކުލައެއްގެ ގަމީހެއް ލައިގެން ހުރީމަ އެހެން މީހެއް ކަމަށް ހީކޮށް ވަޅިޖަހާ ހިސާބަށް ކަންކަން ގޮސްފައި އޮތް މިންވަރު ދައްކައިދޭ ގޮތެވެ. ފިލްމުން ދައްކާ ކަންކަން ހަމަ ހަގީގަތުގައި ވެސް ހިނގާފާނެކަން ގަބޫލު ކުރެވޭ މިންވަރު ބޮޑެވެ.

'ފުރޭތަ' ރެޑް ކާޕެޓް އިވެންޓްގެ ތެރެއިން ރަވީ ފާރޫގު: ފިލްމުގެ ފައިޓް ކޮރިއޮގްރަފީ ހެދީ ރަވީ.

ތަޅާފޮޅުން ގިނަ މި ފިލްމުގެ އެފަދަ ބައެއް މަންޒަރުތައް ބަލަން ވެސް އުނދަގުލެވެ.

ގަބޫލު ކުރަން އުނދަގޫ، ހަމަނުޖެހޭ އެއް މަންޒަރަކަށް ވީ ބަހެއްގެ ތެރޭގައި ހިނގާ މާރާމާރީއަކަށް ފަހު ކަން ހިނގާ ގޮތެވެ. އެކަމަކު ބަހުގައި ހިނގާ ކުރިމަތިލުމުގައި ވެސް، ހަގީގަތާ އެއްގޮތް އެއް ކަމެއް ފާހަގަކުރެވުނެވެ. މާރާމާރީ ހިނގާ ވަގުތު ބަހުގައި ތިބޭ މީހުން ބަހުން ފައިބައިގެން ވެސް އިސްކަންދެނީ ފޯނުން އެ މަންޒަރުތައް ރެކޯޑު ކުރުމަށެވެ. 

ފިލްމުގައި ޗައިލްޑް އެކްޓަރެއް، ޝަރަފުގެ ދަރިފުޅުގެ ބައި ގެނެސްދެ އެވެ.  އޭނާގެ މިޒާޖުގައިވާ ކުދިކުދި ކަންކަން ދެކެ ލޯބިވެ އެވެ. އޭނާ ކުޑަކުއްޖެއްގެ މައުސޫމްކަން މޮޅަށް ގެނެސްދެ އެވެ.

'ފުރޭތަ'އިގައި ނީލްގެ ބައި ކުޅޭ އެކްޓަރު މެދުގައި

ފާހަގަ ކުރެވޭ އަނެއް ކަމަކީ މުޅި ފިލްމުން ވެސް ދެ އަންހެން އެކްޓަރުން ފެންނަ އިރު، އެ މީހުންގެ ބައި ގެެނެސްދީފައިވާ ގޮތް ފުރިހަމަ އެވެ. ސޫޒަން އަކީ ގޭންގުގައި އިސް ދައުރެއް އަދާ ކުރާ ރަވީގެ މަންމަ އެވެ. ރަވީގެ ބަހުގެ ހަމަލާތަކެއް ސޫޒަންއަށް އަމާޒުވާ އިރު ރައްދުގައި އަމިއްލަ ދިފާއުގައި އޭނާ އެއްޗެއް ނުބުނުން އަހަންނަށް ކަމަކުނުދިޔަ އެވެ. މުޖުތަމައުގައި ހިނގާ ހުރިހާ ގޯސްކަމެއް އެއީ އަންހެނުންގެ ސަބަބުން މެދުވެރިވާ ކަންކަން ނުވަތަ އެއީ އަންހެނުން އެ މީހުންގެ ޒިންމާ އަދާނުކުރުމުގެ ސަބަބުން ކަމަށް ދޭހަވާ ގޮތަށް މި މަންޒަރުން ފެނުމުންނެވެ.

'ފުރޭތަ'އިގައި ސޫޒަން ކުޅެނީ ރަވީގެ މަންމަގެ ރޯލް

ޓެކްނިކަލް ކަމަކަށް އަލިއަޅުވާލާ ނަމަ، ފިލްމުގެ މުހިއްމު އެއް މަންޒަރަކީ އެޕާޓްމަންޓެއްގައި ރޯކޮށްލާ މަންޒަރެވެ. އޭގައި މުޅި ތަން ގޮވައިގެންދާ ގޮތުގެ ވިޝުއަލް އިފެކްޓްސް ވަރުގަދަ އެވެ. 

ފިލްމުގެ ވާހަކަ އާއި ސްކްރީންޕްލޭ ލިޔުންތެރިޔާ އަހުމަދު ތޮލާލް ބުނީ "މިއީ ވަރަށް ސިމްޕަލް ސްޓޯރީއެއް" ކަމަށެވެ. އޭނާ ދައްކައިދޭން ބޭނުންވީ، ގޭންގު މާރާމާރީ އާއި ގޭންގު ކުށްތައް ހައްލުނުވުމުގެ ސަބަބުން، އެކަމާ ގުޅުން ނެތް މީހުންގެ ދިރިއުޅުމަށް އެ ކުށްތަކުގެ އަސަރު ކުރާ ގޮތެވެ.

އަހުމަދު ތޮލާލް 'ފުރޭތަ'އިގެ ރަތް ދޫލައިގައި

މީގެ އިތުރުން، ގޭންގުތަކުގެ އަޑީގައި ތިބެނީ ވަކި ބަޔެކޭ ސީދާކޮށް ފިލްމުގައި ނުބުންޏަސް، ގޭންގުތައް ބާރުވެރިވާ ގޮތާއި އަޑީގައި ތިބޭ ބޮޑުންގެ ސަބަބުން ގޭންގުތަކަށް އަދަބުން ރެކިގަނެގެން އުޅެވޭނެ ކަމުގެ ޔަގީންކަން އޮންނަކަން ފިލްމުން ބުނެދެ އެވެ.

ތޮލާލް ހުރީ 'ފުރޭތަ'އާ މެދު ހިތްހަމަޖެހިގެންނެވެ. ހާއްސަކޮށް ފިލްމުގެ ފައިޓް ސީންތަކުގެ ކޮރިއޯގްރަފީ ހަދާފައިވާ ގޮތް އޭނާ ފާހަގަކުރި އެވެ.

އާއްމުކޮށް ފިލްމެއްގައި ހިމެނޭ ތަޅާފޮޅުންތަކަކީ މީހުންނަށް އެ ކަމުދާ ގޮތަށް، މޮޅުކޮށް، ސަޅި ކަމެއްގެ ގޮތުގައި ގެންނަން މަސައްކަތް ކުރާ މަންޒަރުތަކެކެވެ. ނަމަވެސް، ތޮލާލް ބުނީ، 'ފުރޭތަ'އިގައި މާރާމާރީތައް ގެނެސްދީފައިވަނީ ސްކްރިޕްޓްގައި އޮތް ގޮތަށް، އަސްލު ހާލަތެއްގައި ތަޅާފޮޅުމެއް ހިނގާ ގޮތަށް ކަމަށެވެ.

"ޝިފާއުގެ ޑައިރެކްޝަން އެއީ. ރަވީ ހެދީ ފައިޓް ކޮރިއޮގްރަފީ. ރަވީ އެ މަސައްކަތް ކޮށްފައިވަނީ ފުރިހަމައަށް. ބަލާލާއިރު ސިމްޕަލްވިޔަސް ކޮންމެ ސީން އަކީ ވެސް ވަރަށް މަޝްވަރާކޮށް، ވަރަށް ގިނަ ޕްލޭނިން އޭގައި ހިމެނިފައިވާ ކަންކަން،" އޭނާ ބުންޏެވެ.

ތޮލާލްގެ އަމާޒަކީ ފިލްމުގައި ހިމެނޭ ތަޅާފޮޅުންތަކަކީ ބަލަން އުނދަގޫ އެއްޗެއް ކަމުގައި ހެދުމެވެ. އެ މަގުސަދު ހާސިލްވެއްޖެ އެވެ. އަހަންނަށް ބައެއް ސީންތައް ބަލަން އުނދަގޫވެގެން ކުޑަކޮށް ލޯ މަރާލަން ޖެހުނެވެ.

"ވަޔަލަންސް ކޮންމެހެން އެއީ ސެލްބްރޭޓްކުރާ އެއްޗެއްގެ ގޮތުގައި ހެދުމުގެ ބަދަލުގައި ނުވަތަ ސްޓައިލް ކުރުމެއް ނެތި، އޭގެ އަސްލު، އޭގެ ޒާތުގައި ގެނެސްދިނުން މުހިއްމު،" ތޮލާލް ފާހަގަކުރި އެވެ.

'ފުރޭތަ'އިގެ ލީޑް ތަރި ޝަރަފު އެ ފިލްމުގެ ރެޑް ކާޕެޓް އިވެންޓުގައި: މޮޅު އެކްޓިންއެއް ދައްކައިދޭ.

އަހަންނަށް ކަމުނުދިޔަ ޒުލާލް (ރަވީ) އާއި ޒުލާލްގެ މަންމަގެ (ސޫޒަން) ބަހުގެ ކުރިމަތިލުމާ ގުޅޭގޮތުން ތޮލާލް ބުނީ މަންމަ ރައްދެއް ނުދެނީ ހެދިފައިވާ ގޯސްތައް ކޮންމެވެސް ވަރަކަށް ގަބޫލުކުރާތީ ކަމަށެވެ. 

"ޒުލާލްގެ މަންމަ ޒުލާލްއާ އޮންނަ ގުޅުން އެހާ ރަނގަޅެއް ނޫން. ބިރު ވެސް ގަނޭ. އޭނާއަށް ކުރިން އުޅެވިފައިވާ ގޮތާއި އަމަލުތަކާ މެދު ގިލްޓީ ވެސް ވޭ،" ތޮލާލް ބުންޏެވެ.

ދެން އަންނާނީ 'މަރަށް މަރު'

'ފުރޭތަ' އަކީ ސިލްސިލާއެއ.ް ދެން ގެނެސްދޭނީ 'މަރަށް މަރު' 

'ފުރޭތަ' ނިމިގެންދަނީ "މަރަށް މަރު" ހިފާނެ ކަމަށް ބުނެ، އެކަން ކުރަން ކެތްމަދުވެފައިވާ މަންޒަރަކުންނެވެ.

ތޮލާލް ބުނިގޮތުގައި މިއީ މި ތުރިލާ ސީރީސްގެ ދެން ނިކުންނަން އޮތް ބަޔެވެ. އޭނާ މިހާރު އެ ދަނީ 'މަރަށް މަރު'ގެ ސްކްރިޕްްޓް ލިޔަމުންނެވެ. އަންނަ އަހަރު ފަހުކޮޅު އޮލިމްޕަހަށް އެ ފިލްމް ގެނެވޭ ވަރު ވާނެ ކަމަށް އޭނާ އުއްމީދުކުރެ އެވެ.

ގޭންގުތައް ހިނގާ ގޮތް ބަދަލުވެފައިވާ މިންވަރަށް ވެސް އަލިއަޅުވާލަން ތޮލާލް ގަސްދުކުރެ އެވެ. އެއް ކަމަކީ ކުށުގެ ވެށީގައި ހަރަކާތްތެރިވާ އަންހެނުން ގޭންގުތަކުގައި އިސް ދައުރެއް އަދާ ކުރާ ކަމެވެ.

"'ފުރޭތަ' މިއީ ދެ ފިރިހެނެއްގެ ދެމެދުގައި ހިނގާ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ސްކްރިޕްޓެއް. އެކަމަކު އަންހެން ކެރެކްޓާއެއް 'މަރަށް މަރު' ގައި ލާން މި ވިސްނަނީ. ރާއްޖޭގައި ތުރިލާއެއް ހަދާ ނަމަ ރާއްޖޭގެ މާހައުލުން ފެންނަ ކަންކަން ހިމަނަންވޭ،" އޭނާ ބުންޏެވެ.

'ފުރޭތަ' އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް އޮލިމްޕަހުގައި ބަލާލެވޭނެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް