'ޑިޖިޓަލް ފްލޮކް'ގެ ނަމުގައި މިއުޒިކް ޕްރޮޑިއުސް ކުރާ މިރާހު އަލީ.
ޑިޖިޓަލް ފްލޮކްގެ މި އިސްނެގުން އަންހެން ލަވަކިޔުންތެރިން ނެރުމަށް
މިއުޒިކް ކުޅެމުން، މިއުޒިކް ޕްރޮޑިއުސް ކުރަމުން އަންނަ 'ޑިޖިޓަލް ފްލޮކް' ނުވަތަ މިރާހު އަލީ މި ދެނީ ލަވަކިޔާ ހިތްވާ އަންހެނުންނަށް ރަނުގެ ފުރުސަތެކެވެ.
މިރާހު އޭނާގެ ސްޕޮޓިފައި ޕްލޭލިސްޓެއް ކަމުގައިވާ 'މިއުޒިކް އޮފް މޯލްޑިވްސް'ގެ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކުރަމުން ބުނީ އެ ޕްލޭލިސްޓުގައި ވެސް ދިވެހި އަމިއްލަ ރާގުގެ ލަވަކިޔުންތެރިންގެ ގޮތުގައި ހިމެނެނީ އެންމެ ފަސް އަންހެން އަޑު ކަމުގަ އެވެ.
އެހެންކަމުން، މިރާހު ވަނީ އަންހެން އާޓިސްޓުން މިއުޒިކް ދާއިރާއަށް ނެރުމަށް އިސްނަގައިފަ އެވެ. އަލަށް ނިކުންނަން ބޭނުންވާ އަންހެން އާޓިސްޓުންގެ އޮރިޖިނަލް ލަވަތައް ޑެމޯ ފޮނުވީމަ ޕްރޮޑިއުސްކޮށްދިނުމަށް މިރާހު ހުރީ ތައްޔާރަށެވެ.
ލަވަލިޔާ އަދި ލަވަކިޔާ މީހުންނަށް މިއީ ރަނުގެ ފުރުސަތެވެ.
އަމިއްލަ ރާގުގެ މިއުޒިކް އުފައްދާ ކޮރެލިއަމް ބޭންޑްގައި މަސައްކަތްކުރާ އަދި އަމިއްލައަށް މިއުޒިކް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ މިރާހު އޭނާގެ މިއުޒިކް ޕްރޮޑަކްޝަން ހުނަރު ބޭނުންކޮށްގެން ހިލޭ މިއުޒިކް އުފައްދައިދޭނެ އަންހެން އާޓިސްޓުންނަށް ޝަރުތުތަކެއް އޭނާގެ އެބަ އޮތެވެ. މިރާހު ބުނިގޮތުގައި އެ އާޓިސްޓަކު ވާންވާނީ:
-
މީގެ ކުރިން ސްޕޮޓިފައިއަށް ލަވައެއް ރިލީޒްކޮށްފައިނުވާ މީހަކަށް.
-
ޑެމޯއެއް ތައްޔާރުކޮށްފައިވާ މީހަކަށް.
-
އަމިއްލައަށް ޕްރޮޑިއުސް ކުރުމަށް ތައްޔާރުވެފައިވާ މީހަކަށް
އަންހެން ހަ އާޓިސްޓަކު މިހާރު ވެސް އޭނާއަށް ގުޅާފައިވާ ކަމަށް މިރާހު ބުންޏެވެ. މީގެ މާނައަކީ މި ދާއިރާއަށް ނިކުންނަން ބޭނުންވާ އެކަމަކު ކުރިއަށް ދާންވީ މަގެއް ނެތިފައި ތިބި އަންހެން އާޓިސްޓުން އުޅޭ ކަމެވެ.
އުއްމީދަކީ މި ފުރުސަތުގެ ސަބަބުން ރާއްޖޭގެ މިއުޒިކް ސީނަށް އާ އަންހެން ލަވަކިޔުންތެރިން އުފެދިގެން ދިޔުމެވެ.
ޝައުގުވެރި މި ޕްރޮޖެކްޓަށް އޯޑިއަންސްގެ ގޮތުގައި އަހަރެމެން މި ތިބީ ބަލާށެވެ. އާ އަޑުތަކެއް އަހަން ތައްޔާރަށެވެ.