ކޮރެލިއަމް ބޭންޑްގެ މެމްބަރުން

މިއުޒިކް

ކޮރެލިއަމް ބޭންޑުގެ ފުރަތަމަ ލައިވް ޝޯއަށް 'ނޮއިސް'ގެ ތެރެއިން ނުކުންނަނީ

މިދިޔަ އަހަރު އުފެއްދި ކޮރެލިއަމްގެ ފުރަތަމަ ލައިވް ޝޯ އޮންނާނީ އަންނަ ހުކުރުދުވަހު ނޮއިސްގެ ބައެއްގެ ގޮތުގައި
14 މާރިޗު 2023
1

މުހިންމު ނުކުތާތައް

މިދިޔަ އަހަރު ކޮރެލިއަމް އިން ވަނީ އެ ބޭންޑްގެ ފުރަތަމަ އަލްބަމް 'ވެށި' ނެރިފައި

ކޮރެލިއަމްގެ ބޭނުމަކީ ފުންކޮށް ވިސްނާލަން ޖެހޭ ލަވަތަކެއް އާންމުންނާ ހަމައަށް ގެނެސްދިނުން

އޮރިޖިނަލް މިއުޒިކް އުފެއްދުމުގައި ގޮންޖެހުން ހުއްޓަސް އެކަން ދޫކޮށްލާކަށް ބޭނުމެއް ނުވޭ

އަންނަ ހުކުރު ދުވަހުގެ ރޭ އޮލިމްޕަހުގައި އޮންނަ ނޮއިސް މިއުޒިކްޝޯގައި އޯޑިއަންސަށް މުޅިން އަލަށް ލައިވްކޮށް ފެންނާނެ އެއް ބޭންޑަކީ ކޮރެލިއަމް އެވެ. 

މިދިއަ އަހަރު ދިވެހި މިއުޒިކަށް އަލަށް އުފަންވި ކޮރެލިއަމްގެ ފަހަތުގައި ތިބީ  ހުނަރުވެރި، ތަޖުރިބާހުރި އަދި އޮރިޖިނަލް މިއުޒިކަށް ލޯބި އޮތް ފަންނާނުންތަކެވެ. 

ކޮރެލިއަމް އުފެދުމުގެ ކުރިން ވެސް މިއުޒިކް ދާއިރާގައި އެ ހުނަރުވެރިން އައީ ހަރަކާތްތެރިވަމުންނެވެ. 

ބޭސް ގިޓަރިސްޓް މިރާހު އަލީ، ޑްރަމަރު އަދި  ވޯކަލް ޔާނީ މުއާދު، ރިދަމް ގިޓަރިސްޓް އަދި ލީޑް ވޯކަލް އިގްޔާން ރަފީއުގެ އިތުރުން ހިމެނެނީ ގިޓާ އާއި ބެކިން ވޯކަލްގެ ބައި ވެސް ފުރިހަމަކުރާ ހަސަން އަޔާޒް އެވެ.

މިރާހު އަލީ: ކޮރެލިއަމްގެ ބޭސިސްޓް

ބޭންޑަށް ވަކި ޖޮންރާއެއް ހާއްސަކޮށްލާ ނަމަ ދޭނީ ޕްރޮގްރެސިވް ރޮކް އެވެ.

ބޭންޑްގެ އެކަކު އަނެކަކު ދަންނަތާ ވެސް ދުވަސް ވެއްޖެ އެވެ. އެކުގައި މަސައްކަތްތަކެއް ވެސް ކޮށްފައި އެބަ ހުއްޓެވެ. މިގޮތުން ފާހަގަކޮށްލެވެނީ މިރާހު ޕްރޮޑިއުސްކޮށް، މިކްސް އެންޑް މާސްޓަރިން ހަދާ އިގްޔާން ކިޔާފައިވާ 'މާލިލީ' އެވެ. މިއީ ހއ. ހޯރަފުށީ މީހުން ލަނގިރިޖަހާއިރު ކިޔާ އުޅުނު ކަމަށް ބުނާ ލަވައެކެވެ.

މިރާހު އުފައްދާފައިވާ މާލިލީ ލަވަ

"އެންމެންނަކީ ވެސް ވަކިވަކި ސޯލޯ އާޓިސްޓުން،" މިދިޔަ އަހަރު ބައިސްކޯފުން އިންތިޒާމްކުރި 'ޗަނާޗާ'ގައި ހަމްބަލް ބަކަރިގެ ލައިންއަޕުން ފެނުނު ޒުވާން ޑްރަމަރު ޔާނީ ބުންޏެވެ.

ޔާނީ މުއާދު ވަނީ ހަމްބަލް ބަކަރިއާ އެކު 'ޗަނާޗާ'ގައި ޕާފޯމްކޮށްފައި (ފޮޓޯ/ބައިސްކޯފު)

ބޭންޑްގެ ދެން ހުރި މެންބަރު އަޔާ ވަނީ އީމާންސް ކޮންސްޕިރެސީން ފެނިފަ އެވެ. އެހެންކަމުން އެއީވެސް ދިވެހި މިއުޒިކު ފޭނުން ފަރިތަ މޫނެކެވެ.

 މިދިޔަ އަހަރު ސައިޑް ޕްރޮޖެކްޓެއްގެ ގޮތުގައި ފެށި ކޮރެލިއަމްއަށް އެ އަހަރަކީ  ކާމިޔާބު  އަހަރެކެވެ. ސަބަބަކީ ބޭންޑްގެ ފުރަތަމަ އަލްބަމް (އީޕީ) 'ވެށި' ރިޒީލްކޮށްފައިވާތީ އެވެ.

އަލްބަމްގައި ހިމެނެނީ ހަތަރު ލަވަ އެވެ. އެއީ ވިނަވި، ކުވާ، ވެށި އަދި އަހުރަ އެވެ. 

"އަލްބަމްގައި ހިމެނޭ ލަވަތަކަކީ އަމިއްލަ އުފެއްދުންތަކެއް. ބޭންޑްގެ ޖޭމް ސެޝަންތަކުގައި ކުޅެމުން އައި ރާގުތަކަކަށް މަޑުމަޑުން ޅެންތައް އަމުނާ ފުރިހަމަކޮށްފައިވާ ލަވަތަކެއް،" އިގްޔާން ބުންޏެވެ. 

'ވެށި' އަލްބަމް އާޓް

"ވެށި"އޭ ބުނީމާ ފަހަރެއްގައި އެއީ ތިމާވެއްޓާ ގުޅުން ހުރި ލަވަތަކެއް ކަމަށް ހިީވެފައި އޮވެދާނެ އެވެ. ނަމަވެސް އެ ލަވަތައް ބިނާކޮށްފައި ހުރީ މުޖުތަމައުގެ އެކި ކަންކަމުގެ މައްޗަށެވެ.

"ސޮސައިޓީއާ ގުޅޭ ތޯޓް ޕްރޮވޮކޭޓިވް ލަވަތަކެއް މިއީ،" އިގްޔާން ބުންޏެވެ.

އަޑުއަހާލާ އިރު ތިލަ އިބާރާތްތަކަކުން ބުނަން އުޅޭ އެއްޗެއް ސާދާ ސީދާކޮށް ބުނުމަކީ ކޮރެލިއަމްގެ ސްޓައިލެއް ނޫނެވެ. އެމީހުން ލަވަތައް ހަދާފައިވަނީ، ކޮންމެ މީހަކަށް ވެސް ދޭހަވާ މާނައަކާ މެދު ވިސްނާލަން ޖެހޭ ކަހަލަ ގޮތަކަށް، ފުންކޮށެވެ.

ވެށި އަލްބަމް އާޓް: ލަވަތަކާ މެދު ފުންކޮށް ވިސްނާލައިގެން މާނަ ނެގުން ރަނގަޅު 

"ބެހި ދެ އޮށް ކަދުރަށްޓަކާ

ވެށި މުޅިން ދޫކޮށްނުލާ"

މިއީ 'ވެށި' ލަވައިގެ ކަޑިއެކެވެ. ބުއްދިވެރި ވާހަކައެއް ނޫން ހެއްޔެވެ؟ ކަންފަތަށް ހެޑް ސެޓް ރަނގަޅަށް ހެޔޮވަރުކޮށްލާފައި 'އަހުރަ' ލަވަ އަޑުއަހާލައިފިއްޔާ އަހަރެމެންގެ މި މުޖުތަމައުގައި ކުދިންނަށް ކުރާ އަނިޔާގެ ވާހަކަ ކޮރެލިއަމް ސްޓައިލްގައި ބުނެދޭކަން ދޭހަވި އެވެ.

"ވޮއިސްއެއް އިންކަން އަންގާލަން ބޭނުންވަނީ، ވީ ހޭވް ސަމްތިން ޓު ސޭ، ޓެބޫ ވާހަކަތަކެއް ދައްކަނީ،" އިގްޔާން ބުންޏެވެ.

އަޔާ ގިޓާ ކުޅެނީ: އޭނާ ވަނީ އީމާންސް ކޮންސްޕިރަސީއިން މަގުބޫލުކަން ހޯދާފައި

އަޔާޒް ބުނި ގޮތުގައި ފުރަތަމަ އަލްބަމްގެ އޯވަރޯލް ފީޑްބެކް ރަނގަޅެވެ.

"މިރާހުގެ އައިޑިއާތަކެއް، މިއުޒިކް ޕީސްތަކެއް ހަދާ އެއަށް ދެން ލިރިކްސް ހަދާފަ މިހިރީ. އަލްބަމަށް ފީޑްބެކް ވަރަށް ރަނގަޅު،" އޭނާ ބުންޏެވެ.

ބޭންޑްގެ އެންމެންނަށް އިއްތިފާގު ނުވެވެނީ އެންމެ ރީތީ ކޮން ލަވައެއް ކަމާ މެދުގަ އެވެ. އެކި މީހުން އެކި ލަވަތަކަށް ބުރަވެ އެވެ. އެންމެ ފުރިހަމަ މަސައްކަތެއް ކޮށްފައިވަނީ 'ކުވާ' އާއި 'އަހުރަ' އަށް ކަން ބޭންޑުން ފާހަގަކުރެ އެވެ.

އޮރިޖިނަލް ލަވަތައް ހެދުމުގެ ގޮންޖެހުން

އޮރިޖިނަލް މިއުޒިކް ހެދުމަކީ ބުރަ އަދި އެހާމެ ބޮޑު މަސައްކަތެއް ކަމަށް ކޮރެލިއަމްގެ މެމްބަރުން ގަބޫލުކުރެ އެވެ. 

ކޮރެލިއަމްގެ މިހާރު މި އޮތް ލައިންއަޕާ މެދު އެމީހުން ފަހުރުވެރި އެވެ.

"ތަފާތު ސައުންޑެއް މި ނިކުންނަކީ މި ހަތަރު މީހުން އެއްވީމަ. ކޮންމެ މީހަކީ ވެސް ކޮންމެވެސް އާ ހުނަރެއް، އާ ހުށެހެޅުންތަކެއް އަދި އާ ހިޔާލު ގެންނަ މީހެއް،" ބޭންޑްގެ އުފެއްދުންތެރިކަމާ ގުޅޭ ގޮތުން މިރާހު ބުންޏެވެ.

މިރާހު އަލީ: ކޮރެލިއަމްގެ ފުރަތަމަ އަލްބަމް 'ވެށި' ނެރުމުގައި އޭނާގެ ދައުރު ބޮޑު

ރާއްޖޭގައި އޮރިޖިނަލް މިއުޒިކް ކުރިނާރާ އެއް ސަބަބެއް ކަމަށް އިގްޔާން ފާހަގަކުރީ އެ ކަމަށް ކުރަން ޖެހޭ މަސައްކަތް ނުކުރެވުމެވެ. ފެއިލް ވެދާނެތީ އޮންނަ ބިރެވެ. މީގެ އިތުރުން އިންޑަސްޓްރީ ބައްޓަންވެފައި އޮންނަ ގޮތުން މިއުޒިޝަނުންނަށާއި ބޭންޑްތަކަށް އާމްދަނީ ހޯދޭނެ މަގުތައް ހަންޏެވެ.

"ވަގުތު ދާ ބޮޑު ބުރަ މަސައްކަތެއް މިއީ. މިކަން ކުރަނީ މިއުޒިކަށް އޮންނަ ލޯތްބެއްގެ ސަބަބުން. ކުރާހިތުން،" އޭނާ ބުންޏެވެ. 

އިގްޔާން ރަފީއު ހިތްގައިމު އަޑުން އިއްވައިދެނީ މުޖުތަމައުގެ ވާހަކަ

އިގްޔާން އެކޭ އެއްގޮތަށް އޮރިޖިނަލް މިއުޒިކް ހެދުން ދޫކޮށްލުމުގެ ރޫހެއް ބޭންޑްގެ ނެތެވެ. އެންމެން ވެސް ތިބީ އެއް ރޫހެއްގައި ކުރިއަށް ދިއުމަށެވެ. 

ނޮއިސްއަކީ ރަނގަޅު ޕްލެޓްފޯމެއް

އަންނަ ހަފްތާ ބަންދުގައި އޮންނަ ނޮއިސް ޝޯގައި ކޮރެލިއަމް ހަތް ލަވަ ކުޅޭނެ އެވެ. އެމީހުންގެ އަލަބަމްގަ ހިމެނޭ ހަތަރު ލަވަ އާއި ތިން ކަވާ ސޯންގެވެ.

ޔާނީ ބުނާ ގޮތުން ނޮއިސް އަކީ ކޮރެލިއަމްގެ ފުރަތަމަ ޝޯކަމުން ބޭންޑްގެ އެންމެން ވެސް ތިބީ ޝޯގެ އިންތިޒާރުގަ އެވެ.

"އަލްބަމް ރިލީޒްކުރުމަށް ފަހު ޝޯއެއް ކުޅެން ބޭނުންވެފައި ތިއްބާ ލިބުނު ފުރުސަތެއް ނޮއިސްއަކީ. ވަރަށް އެކްސައިޓެޑް،" އޭނާ ބުންޏެވެ.

ޔާނީ ޗަަނަޗާގައި ޕާފޯމް ކުރަނީ

ދިވެހި މިއުޒިކް ތަރައްގީވެ ކުރިއަރާނީ ބޭންޑްތަކުގެ ހުނަރު ދައްކާލަން ނޮއިސް ފަދަ ޕްލެޓްފޯމްތަކެއް ލިބިގެންނެވެ. ކޮރެލިއަމްގެ ލައިންއަޕްގައި ދާއިމީ ހަތަރު މެންބަަރުންގެ އިތުުރުން، އެހެން އާޓިސްޓުންތަކެއް ވެސް ފެންނާނެ ކަމަށް ޔާނީ ބުންޏެވެ.

ޔަގީންވަނީ އެއް ކަމެކެވެ. ސްޕޮޓިފައިން މި ބޭންޑްގެ ލަވަތައް އަހާލުމުން، ބޭންޑުން ފައްކާކޮށްފައިވާ ލަވަތައް ލައިވްކޮށް ކުޅޭ އިރު އިތުރަށް ހިތްގައިމުވާނެ ކަމެވެ.

ނޮއިސްގެ ޓިކެޓްގެ އަގަކީ 150 ރުފިޔާ އެވެ. ޓިކެޓް ލިބެން ހުންނާނީ އޮލިމްޕަސް، ފެމިލީ ރޫމް، މެރާކީ ކޮފީރޯސްޓާސް، ޖޭޒްކެފޭ، ކާޔާ ކެފޭ އަދި ކޮފީ ސްޓޭޓް އެމްވީ އިންނެވެ.

ކޮރެލިއަމް އިން ކުރިއަށްގެންދާ ގިވްއަވޭ

ކޮރެލިއަމުން އެމީހުންގެ ތިން ފޭނުންނަށް ޓިކެޓު ދޭ ގިވްއަވޭއަށް ވެސް މިހާރު އެބަ ކުރިއަށް ގެންދެ އެވެ. އެމީހުންގެ އިންސްޓަަގްރާމުން މި ޕޯސްޓް ބަލާލެވޭނެ އެވެ.

ކޮމެންޓް (1)

ބަލާހިތުން

14 މާރިޗު 2023
ކޮރެލިއަމް ބަލާހިތުން ހުރެވެނީއްނޫން
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް