ދިވެހި ފިލްމު 'ނޮވެމްބަރ' ގެ މަންޒަރެއްގައި މަރިޔަމް މަޖުދާ އާއި މުހައްމަދު ޖުމައްޔިލް (ޑާކް ރެއިން އެންޓަޓެއިންމަންޓް ފޮޓޯ)

ފިލްމު ރިވިއު

ނޮވެމްބަރުގެ ލޯތްބެއް ނޫން، ނޮވެމްބަރުގެ ރޯގާ

ފިލްމުގައި ދައްކަން އުޅުނު އަސަރު ބެލުންތެރިންނާ ހަމައަށް އެހާ ބޮޑަށް ގެނެސްދެވިފައެއް ނެތް. އެހެންވެ ބޮޑަށް އިހުސާސްވީ ފޫހިކަން
21 ޑިސެމްބަރު 2023
3

ތިން ޓިކެޓު ގަނެގެން ދިޔައީ ކަމެއް ވީމަ އެވެ. އެންމެ ބޮޑު ސްޓޫޑިއޯގެ އެންމެ ބޮޑު ފިލްމަށް ވީމަ އެވެ. ވީހާ ވެސް ބޮޑަކަށް މި ފިލްމެއް އެންޖޯއިކުރާ ހިތުންނެވެ. ދެ ފަރާތުގެ ގޮނޑިތައް ގަނެލައިގެން ގޮސް ދެ ފައި ދަމާލައިގެން އޮއްވައި އިންޒާރުތައް ދެމުން ގޮސް އިންތިޒާރު ނިމުމަކަށް އަތުވެއްޖެ އެވެ. ފިލްމު އެންމެ ފަހުން ފަށައިފި އެވެ. އިސްތަށިތައް ކޮޅަށް ޖެހިއްޖެ އެވެ. އެ ހިސާބުން އެ ފެށުނީ ހަގީގަތުގައި ވެސް ދިވެހި ސިނަމާގެ އެންމެ 'އާދަޔާހިލާފު' އެއް ތަޖުރިބާ އެވެ. އެއްގޮތަކަށް ވެސް ޑިސެމްބަރުގައި ނޮވެމްބަރަށް ދެވުނީމައެއް ނޫނެވެ.

އާދަޔާ ހިލާފީ މި ހިސާބަށް އައުމަށް 'ނޮވެމްބަރު' ކަޑައްތުކުރި ގަދަ ކަނޑެވެ.

'މީޓޫ މޫވްމަންޓް' ގެ ގަދަ ކަނޑަށް ވެއްޓި 'ކެންސަލްވި' ހަމައެކަނި ދިވެހި ސެލެބްރިޓީއަކީ މި ފިލްމުގެ ލީޑު ރޯލު ކުޅެފައިވާ އެކްޓަރު މުހައްމަދު ޖުމައްޔިލް ނިމާލެވެ. އެކަމަކު ޖުމައްޔިލް އަށް ވުރެ ބޮޑު ގެއްލުމެއް ލިބުނީ ޔަގީނަށް ވެސް ޑާކް ރެއިން އެންޓަޓެއިންމަންޓަށެވެ. އެމީހުން 'މާވަހަރެއްހެން ހޮވައިގެން' ގެންގުޅުނު އެކްޓަރަށް ކުރިމަތިވީ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތެވެ. ދައުވާކުރި ނަމަވެސް ފަހުން އެ ދައުވާ ވަނީ އަނބުރާ ގެންގޮސްފަ އެވެ. އެ މައްސަލަގަނޑުގެ ތެރެއަށް ޖުމައްޔިލް ވެއްޓުނު އިރު ފިލްމުގެ މަސައްކަތް ނިމި 'ހަފުތާއެއްގެ ތެރޭގައި' އޮލިމްޕަހުގައި އަޅުވަން ވެސް އައީ ތައްޔާރުވަމުންނެވެ.

އެންމެ ފަހުން މި ފިލްމު އޮލިމްޕަހުގައި އަޅުވައިފި އެވެ. ޕްރޮޑިއުސަރުގެ އެތައް ލައްކަ ރުފިޔާ އާއި އެތައް ރެއެއްގެ ނިދި ނަގާލި ފިލްމު ބޮޑު ސްކްރީނަށް އައިސް ކޮންމެ ރެއެއްގެ އެންމެ ބޮޑު ޝޯއަށް މި އޮތީ ބަދަލުވެފަ އެވެ. އޮލިމްޕަހުގެ ފިނި އަރާމު އެ މާހައުލުގައި، ރިހި ބޮޑު ސްކްރީނުގައި، މި ފިލްމުގެ މަންޒަރުތައް ނިއުޅެމުން ބަދަލުވަމުން ދިޔައިރު ފިލްމަށް ޖެހުނު ހާލަކާއި ވެއްޓުނު އަނދަވަޅެއް މަތިން ހަނދާން ހުރި ހަމަ އެކަކު ވެސް މިހާރު ނެތެވެ.

އެކަމަކު 'ނޮވެމްބަރު'ގެ މި ތަޖުރިބާ ހަމަ އެންމެ ހާއްސައީ އޭގެ ޓީމަށެވެ. ވަކިން ހާއްސަކޮށް މި ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ އަށެވެ.

ކޮވިޑްގެ ކުރިން މަސައްކަތް ފެށި ފިލްމު ބޮޑު ސްކްރީނަށް ގެނެސްދިނުމަށް ޕްރޮޑިއުސަރު ކުރި މި ދަތުރަކީ ނޭވާ ހިފަހައްޓާލާ ޒާތުގެ 'ތްރިލާއެއް' ހަދާލެވޭ ވަރުގެ ސްޓޯރީއެކެވެ.

އެކަމަކު 'ހާސަރު' މިހައި ހިސާބުން ނިމުނީ އެވެ. – 'ނޮވެމްބަރު' ކިހިނެއް ހެއްޔެވެ؟ 'ނޮވެމްބަރު' ސަޅި ހެއްޔެވެ؟ 'ނޮވެމްބަރު' ކަޑަ ހެއްޔެވެ؟ 'ނޮވެމްބަރު' ދެން ހަމަ އެ ބުނާހާ ބޮޑު ހެއްޔެވެ؟ 'ނޮވެމްބަރު' ގެ އާދަޔާހިލާފު ކަމަކީ ކޮބައި ހެއްޔެވެ؟

ކުރުކޮށް ފޮނިކޮށް ބުނަނީ ނަމަ، ޑިސެމްބަރެއްގައި 'ނޮވެމްބަރެއް' އައުމަކީ ހަމަ އަސްލަށް ވެސް އާދަޔާހިލާފު ކަމެކެވެ.

ޕްރޮޑަކްޝަން ކްރެޑިޓްސް:

  • ޑައިރެކްޓަރު: އަލީ ޝިފާއު އަދި އައިޝަތު ފުއާދު

  • ސްކްރީންޕްލޭ: އައިޝަތު ފުއާދު އަދި އަހުމަދު ތޮލާލް

  • ޕްރޮޑިއުސަރު: މުހައްމަދު އަލީ އަދި އައިޝަތު ފުއާދު

  • ސިނެމެޓޯގްރެފީ: އަލީ ޝިފާއު އަދި އަހުމަދު ޝިނާން

  • އެޑިޓިން: އަލީ ޝިފާއު

  • މިއުޒިކް: ހުސެއިން ތައުފީގު

ދިވެހި ފިލްމު 'ނޮވެމްބަރ' ޝޫޓިން ތެރެއިން (ޑާކް ރެއިން އެންޓަޓެއިންމަންޓް ފޮޓޯ)

އެކްޓިން ކްރެޑިޓްސް:

  • މުހައްމަދު ޖުމައްޔިލް އަކީ ޔަމާން

  • މަރިޔަމް މަޖުދާ އަކީ އަމީރާ

  • އިސްމާއިލް ވަޖީހު އަކީ ސޭމް

  • އައިޝަތު ޔާދާ އަކީ ޒޭބާ

މި ފިލްމުގައި ވާ ގޮތް އަދި ވީ ގޮތް

ޔަމާން އާއި އަމީރާ ބައްދަލުވަނީ މުސާފިރުންގެ ގޮތުގައި ވަނިކޮށެވެ. މަތިންދާބޯޓެއްގައި ސިންގަޕޫރަށް ކުރާ ދަތުރެއްގައި ފޫހިވެފައި ވަނިކޮށެވެ. ޔަމާން ދަނީ މަތީ ތައުލީމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށެވެ. އަމީރާ ދަނީ އޮސްޓްރޭލިއާގައި އޮންނަ ކޮންފަރެންސެއްގައި ބައިވެރިވުމަށެވެ. އޭނާ އަކީ ދިވެހި ލިންގުއިސްޓިކްސް ޓީޗަރެކެވެ.

މި ދަތުރުމަތީގައި އަނގަތަޅައި އައިސް ބްރޭކްވެ ޔަމާން އާއި އަމީރާއާ ދެމެދު ޝައުގުވެރިކަމެއް އުފެދެ އެވެ. ނަމަވެސް ދެ މީހުންގެ ހުވަފެނާއި މަންޒިލް ވެސް އޭރު މުޅިން ތަފާތެވެ. އަމީރާގެ މަންޒިލަށް އޭނާ ގެންގޮސްދޭން ޖެހޭ ފްލައިޓް 'ކެންސަލްވުމުން' ދެ މީހުންގެ ދެމެދުގައި އުފެދުނު ޝައުގުވެރިކަން މި ދެ ހިތް މަޑުމަޑުން ދަމައިގެން ގެންދަން ފަށަނީ އެއް މަންޒިލަކަށެވެ.

ދަތުރު އަލުން ހަމަޖެހެންދެން އަމީރާ، ޔަމާންގެ ދައުވަތު ގަބޫލުކޮށް އޭނާއާ އެކުގައި 'ދުވަހެއް' ހޭދަކުރެ އެވެ. ސިންގަޕޫރުގެ ހިތްގައިމުކަން ބަލަމުން ޔަމާންގެ ބޮޑުބޭބެ، ސޭމްގެ ލޯބީގެ އަސަރުގަދަ ހަޔާތުން އިބްރަތްތެރި ވާހަކަތައް އަޑުއަހަމުންނެވެ. ލޯބީގެ އެ ސަފުހާތައް އެއްލައި ހުސްކޮށް ބުރު ގޮސް ހަމަވެ އަމީރާގެ ފްލައިޓް ފުރަން ތައްޔާރުވާއިރު މި ދެ ޒުވާނުންގެ ހިތް އެކަކު އަނެކެއްގެ އުނގަށް ބަންޑުންވެ ނިމެނީ އެވެ. ލޯބި އުފެދި އުތުރިއަރައިގަނެ އެވެ.

ދެ މީހުންގެ އެ އަލަތު ބައްދަލުވުން ވަދާއީ ސަލާމަކުން ނިމިގެން ދަނީ ދެ މީހުންގެ ހިތުގައި އުތުރިއަރަމުން ދިޔަ އެ އިހުސާސްތައް 'ލޯބީގެ ލެބޯޓަރީއެއް' ގައި ތަހުލީލުކުރަން އެއްބަސްވެގެންނެވެ. ދެ މީހުން އަލުން އެއްތަންވެ، ބައްދަލުވެ، އޮޅުލައި ބައްދައި ނަފުސީ ދެ ބައިވެރިންގެ ގޮތުގައި ގުޅިލާމެހި ނިމުމެއް ނެތް ލޯބީގެ ދުނިޔެއެއްގައި ވަޒަންވެރިވުމުގެ އުއްމީދުގަ އެވެ.

އެކަމަކު ލޯތްބަކީ ކޮބައި ހެއްޔެވެ؟ ސާފު ތެދުވެރި ލޯތްބަކީ ހަގީގަތެއް ހެއްޔެވެ؟ ނަފުސީ ބައިވެރިންނަކީ ހަމައެކަނި ހިޔާލީފޮލާއެއް ހެއްޔެވެ؟ ދެ ހިތެއް އެކަކު އަނެކަކަށް ފައްކާވެފައިވާކަން ޔަގީންކުރާނީ ކިހިނެއް ހެއްޔެވެ؟ އަދި ހަގީގީ ލޯބި ކަށަވަރުކުރާނީ ކިހިނެއް ހެއްޔެވެ؟ އަމުދުން ލޯބި ހާސިލުކުރާނީ ކިހިނެއް ހެއްޔެވެ؟

އަލީ ޝިފާއު އާއި އައިޝަތު ފުއާދު ޑައިރެކްޓްކޮށްފައިވާ މި ރޮމޭންޓިކް ޑްރާމާގައި ގާތްގަނޑަކަށް ދެ ގަޑިއިރާއި ބައިވަންދެން މަސައްކަތްކޮށްދެނީ މި ހުރިހާ ސުވާލަކަށް ޖަވާބުދޭށެވެ. ނުވަތަ އެ ޖަވާބު ހޯދާށެވެ. ޔަމާން އާއި އަމީރާގެ ހިތް ގުޅުވައި ލޯބިން ގަތާނެ އެ ފުރިހަމަ ފޯމިއުލާ ކެއްކުމުގަ އެވެ.

އެކަން ފިލްމުގެ ސްކްރިޕްޓް މެދުވެރިކޮށް އެމީހުން ކާމިޔާބުކުރެ އެވެ. އެކަމަކު އެ 'ސްޕެޝަލް ކަނެކްޝަން' އާއި 'ސޯލްމޭޓު' ގެ ވައިބް، ގޮނޑީގައި އިން ބެލުންތެރިޔާއަށް އިހުސާސުވީ ކިހާ މިންވަރަކަށް ހެއްޔެވެ؟ ހިތާއި ހިތުގެ ގުޅުމެއް މި ފިލްމާއި އޭގެ ބެލުންތެރިންނާ ދެމެދު އުފަންކުރުވި އެއްވެސް ސަބަބެއް ފިލްމު ފެށިގެން ގޮސް ނިމުނުއިރު އިހުސާސު ކުރެވުނު ހެއްޔެވެ؟

ދެން މި އޮތީ މި ހުރިހާ ސުވާލެއްގެ ޖަވާބެވެ.

ދިވެހި ފިލްމު 'ނޮވެމްބަރ' ގެ މަންޒަރުތަކެއް (ޑާކް ރެއިން އެންޓަޓެއިންމަންޓް ފޮޓޯ)

މި ފިލްމުގައި ވާ ގޮތް ކިޔައިދީފައި އެ އޮތީ އަދި އޭގެ ކުރިމަރައިނުލަ އެވެ. އެކަމަކު ކުރިމަރާލައިގެން ކިޔައިދިނަސް މި ފިލްމުގައި އޮތީ ހަގީގަތުގައި ވެސް ދެންމެ ކިޔައި އެ ނިމުނުހާ 'ރޮމޭންޓިކް' އަދި އެހާމެ އަސަރުގަދަ ޕްލޮޓެކެވެ. މި ޕްލޮޓް އެންމެ އޮރިޖިނަލް ޕްލޮޓަކަށް ނުވެދާނެ އެވެ. ނުވަތަ ބަލައި ފޫހިވެފައި އޮތް ޕްލޮޓަކަށް ވެސް ވެދާނެ އެވެ. އެކަމަކު ވެސް މިއީ ރޮމޭންޓިކް ޑްރާމާއަކަށް ފައްކާވެފައި އޮތް ލޯބީގެ ފުރިހަމަ ޕްލޮޓެކެވެ.

'ނޮވެމްބަރު'ގައި ވަނީ "އެހެންނޭ، މިހެންނޭ" ކިޔައިގެން މީހަކު އޭގެ ޕްލޮޓް ކިޔައިދޭއިރު މިއީ ހަމަ އަސްލަށް ވެސް ހަތް ވަނަ އުޑަށް ގެންދާވަރުގެ އަސަރުގަދަ ފިލްމެއްހެން ހީވެ އެވެ. އެކަމަކު އޮލިމްޕަހުގެ އެ ރިހި ސްކްރީނުގައި ބަލާއިރު ހީވަނީ 'އަލީ އެކްސްޕްރެސް' އިން އޯޑަރު ކުރެވިގެން މި އުޅެނީ މުޅިން އެހެން ފިލްމެއް ހެންނެވެ. – ޑާކް ރެއިން އެންޓަޓެއިންމަންޓްގެ ފިލްމަކަށް އޯޑަރު ޖެހީމަ އޭގެ އެތައް ދަރަޖައެއް ދަށުން އުފައްދާފައިވާ ފިލްމެއް ބަލަން އިނދެވުނު ކަމުގެ އިހުސާސް ނުވާ މިނެޓެއް ފާއިތުވެ ނުދެ އެވެ.

ޕްލޮޓް ކިތަންމެ ލޯތްބަސް އަދި އޭގައި ކިތަންމެ އަސަރެއް ހުއްޓަސް އެ ފޮތިގަނޑުން ކަނޑައިގެން ފަހައިފައި މި އޮތް ހެދުން ވަރަށް ހުތުރެވެ. ދެން ބަލަންވީ، އެހައި ރީތި ފޮތިގަނޑަކުން ފެހި ހެދުމެއް މިހައި ހުތުރުވީ ކޮން ސަބަބަކާ ހެދިގެންތޯ އެވެ؟ ވަކިން ހާއްސަކޮށް، ޑާކް ރެއިންގެ އެހެން ހުރިހާ ފިލްމަކާ އަޅާބަލާއިރު މި ފިލްމުގެ ކޮލިޓީ ގޮސް މަގުމައްޗަށް ވެއްޓުނީ ކޮން ސަބަބަކާ ހެދިގެންތޯ އެވެ؟

އެ ސަބަބަކީ އެއްގޮތަކަށް ވެސް ޖުމައްޔިލް އާއި ބަތަލާ މަޖުދާއެއް ނޫނެވެ. މި ޖޯޑަކީ ބޮޑު ސްކްރީނުގައި ޓެސްޓުކޮށް، ޑާކް ރެއިން އިން ތަކުރާރުކޮށް ކާމިޔާބުކޮށްފައިވާ ކެމިސްޓްރީއެކެވެ.

ފިލްމު ބަލަން އިންއިރު އަހަންނަށް ވިސްނުނީ މިހެންނެވެ؛ ފިލްމު މާ ކޫލްކުރަން ހަދައިގެން ގޮސް އެއޮތީ ދުންގެންފަ އެވެ.

ހަނދަށް އަމާޒުކުރުމަކީ ހަމަ އެއްވެސް މައްސަލައެއް ނޫނެވެ. އެކަމަކު އަދި ކޮންމެ ކަހަލަ ހެދުމެއް ލައިގެން ހަނދަށް ނުދެވޭނެކަން ވެސް ގަބޫލުކުރަން ޖެހެ އެވެ.

ދިވެހި ފިލްމު 'ނޮވެމްބަރ' ގައި ލީޑް ރޯލު ކުޅެފައިވާ އެކްޓަރު މުހައްމަދު ޖުމައްޔިލް (ޑާކް ރެއިން އެންޓަޓެއިންމަންޓް ފޮޓޯ)

ޖޯކް ޖެހީ މުޅިން ގޯސްކޮށް

ފިލްމުގައި ކައްކައި ރޯފިލުވަން އޮތް ޕްލޮޓް ރޯނުފިލައި އޮތްއިރު ވަރަށް ޒާތްޒާތުގެ އެހެން ކަންކަން ވެސް ފާހަގަކުރެވުނެވެ. އެގޮތުން ފާހަގަވި އެންމެ ބޮޑު މައްސަލައަކީ ދިވެހިންގެ ލައިފްސްޓައިލާ ބީރައްޓެހި 'ލޯބީގެ ކޮންސެޕްޓެއް' އޯޑިއެންސަށް ވިއްކަން ސްކްރީންޕްލޭގައި ވަރަށް ބޮޑަށް މަސައްކަތްކޮށްފައި އޮތްއިރު އެކަން ހަމަ އެއްގޮތަކަށް ވެސް ކާމިޔާބުވެފައި ނެތުމެވެ. އަދި އެ މަސައްކަތުގައި ތާކުންތާކުނުޖެހޭ ނުވަތަ ވަރަށް ބޭކާރު ޒާތްޒާތުގެ ސިފަތައް ސްކްރީންޕްލޭގައި ޖައްސާފައިވާކަމެވެ.

މިސާލަކަށް، ޔަމާން އާއި އަމީރާ ބައްދަލުވާ ސިންގަޕޫރު ފްލައިޓް ދަތުރުގެ ފޫހިކަން ފިލުވަން، މޫނުބުރުގާ އެޅި އަންހެނަކަށް ޖޯކު ޖެހުމެވެ.

ފިލްމުގައި ޔަމާން އާއި އަމީރާ އަކީ ޒަމާނީ ދެ ޒުވާނުންނެވެ. އަދި ކިޔަވައިގެން ތިބި ތަންދޮރު އެނގޭ ތަންދޮރު ދަންނަ، ދުނިޔެއަށް ރަނގަޅަށް ލޯ ހުޅުވިފައިވާ ތިންވަނަ ދަރަޖައިގެ ތަހުޒީބު ދެ ޒުވާނުންނެވެ. މިވަރަށް ތަރައްގީކޮށްފައިވާ ކެރެކްޓާތަކެއް ތިބި ތަނަކަށް މޫނުބުރުގާ އެޅި މީހެއްގެ ކެރެކްޓާ އުފަން ކުރުވައިގެން އެ ކެރެކްޓާ އެވަރަށް ކުޑައިމީސްކޮށް، އެ ކެރެކްޓާ ބޮޑު ޖޯކެއްގެ ގޮތުގައި ސިފަކޮށް އެންމެން ހެއްވާލާން ބޭނުންކޮށްފައި އެވާ ސަބަބު ވަރަށް ވެސް ސާފެވެ.

ތަހުޒީބުގެ ދުނިޔެއަކަށް އުދުހިގަތުމަށް ކަމަރު ބަނދެގެން ތިބި އެ އެންމެންގެ ތެރޭގައި މޫނު ބުރުގާ އަޅައިގެން އެ އިނީ އެންމެ ނާތަހުޒީބު މީހާ އެވެ. މުޅި އެ ސީން އިން ސިފަވެގެން އައި މާނައަކީ މި އެވެ.

ސްކްރީންރައިޓަރުން މި ފެންވަރުގެ 'ޖޯކު' ލިޔެގެން ބޮޑު ސްކްރީނަށް ގެނައުމަކީ ހަގީގަތުގައި ވެސް ވަރަށް ނާތަހުޒީބު އަމަލެކެވެ. އަދި އެއްވެސް އަސާސެއް ނެތް ހާލަތެއްގެ ތެރެއިން މޫނުބުރުގާ އެޅި އަންހެން މީހަކު 'ޖޯކަކަށް' ހަދާލުމުން އެ ދެވެނީ ވަރަށް ނުބައި މެސެޖެކެވެ.

ސަބަބަކީ ފިލްމާއި ސިނަމާގައި ކަމުގައިވިޔަސް ގަލަމާއި މިނިވަންކަން ދަރަޖަވެގެން ދަނީ އެބައެއްގެ މެދުގައި ކަނޑައެޅިފައި އޮންނަ މިންގަނޑަކަށް ވަރަށް ބޮޑަށް އިހުތިރާމުކުރެވިގެން ކަމެވެ.

ދިވެހި ފިލްމު 'ނޮވެމްބަރ' ގެ މަންޒަރެއް (ޑާކް ރެއިން އެންޓަޓެއިންމަންޓް ފޮޓޯ)

އަސަރު ގަދަވިޔަސް އަސަރެއް ނެތް

ފިލްމެއް ކަމުގައިވިޔަސް، ވާހަކައެއް ކަމުގައިވިޔަސް ނުވަތަ އަދި ކޮންމެ ޒާތެއްގެ އެއްޗެއް ކަމުގައިވިޔަސް އެ އެއްޗަކަށް ނުވަތަ ކަމަކަށް އިންސާނެއްގެ ޝައުގުވެރިކަން ދަމައިގެން ދަނީ ވަރަށް މުހިންމު ސަބަބެއް އެ ދެމެދުގައި އުފަންވެގެންނެވެ؛ އެއަށް އަހަރެމެން މިކިޔަނީ ގުޅުމެވެ. ވަކިން ހާއްސަކޮށް ނަފުސާ ގުޅުވައިދޭ އިހުސާސްތަކެވެ.

މި ކަނެކްޝަން އުފަން ނުވާހާ ހިނދަކު ދެ އެއްޗެއްގެ ދެމެދުގައި ހަގީގީ ޝައުގުވެރިކަމެއް ނުއުފައްދާނެ އެވެ. ހަނދާނުގައި ހަރެއް ވެސް ނުލާނެ އެވެ. ހާއްސައެއް ވެސް ނުވާނެ އެވެ. ކަމު ވެސް ނުދާނެ އެވެ.

'ނޮވެމްބަރ' ބަލަން އިންއިރު އެ ކަނެކްޝަން އުފެދުނު ކަމުގެ އެއްވެސް އިހުސާސެއް ނުވެ އެވެ. އެކަމަކު ކުރިން ވެސް ފާހަގަކުރި ފަދައިން މި ފިލްމަކީ ގަނޑެއްގައި ލިޔެލާއިރު ވަރަށް ވެސް އަސަރުގަދަ ޕްލޮޓެއް އޭގައި އޮތް ފިލްމެކެވެ. އެ އަސަރު އުފަންނުވި ސަބަބުތައް ލިޔަން ފަށައިފި ނަމަ މި ރިވިއު ދިގުދެމިގެންދާ ބަޔާނަކަށް ބަދަލުވުމުގެ ފުރުސަތު އެބަ އޮތެވެ.

އެކަމަކު ވެސް އަދިވެސް ދެ ތިން ކަމެއް ފާހަގަކޮށްލާނަމެވެ. އެގޮތުން ބަލާއިރު ފިލްމުގެ 'ޓޯން' ލޮލުގައި އަޅައިގަތީ ފިލްމުގެ ވަރަށް ގިނަ އިހުސާސްތައް ބޭރުވިޔަނުދީ ހިފެހެއްޓި ސަބަބެއްގެ ގޮތުގަ އެވެ. ކުރުކޮށް ބުނަނީ ނަމަ ކަލާގްރޭޑިން އޮތީ ބޮއްސުންލައިފަ އެވެ. ޑާކް ރެއިންގެ ފިލްމެއްހެން ހީވެސް ނުވާ ވަރަށެވެ.

ޑާކް ރެއިންގެ ފިލްމެއްހެން ހީނުވުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. މައްސަލައަކަށް ވީ ފިލްމުގެ ރަހަތަކާއި އޭގެ ތީމްތަކާއި އިހްސާސްތައް އެ އަނދިރި ކުލަތަކުގެ ތެރޭގައި ބަންދުވި ބަންދުވުމެވެ. އަނެއްކޮޅުން މިއުޒިކާއި ގިނަ ލަވަތަކުން ވެސް ފިލްމުގެ ވައިބާއި މޫޑް ވަރަށް ބޮޑަށް ހަރާބުކޮށްލި އެވެ.

ބަތަލާ މަޖުދާ އަދި އިސްމާއިލް ވަޖީހު: އިސްމާއިލް ވަޖީހަކީ އެކްޓަރަކަށް ވުރެން ބޮޑު ޝަހުސިއްޔަތެއް. (ޑާކް ރެއިން އެންޓަޓެއިންމަންޓް ފޮޓޯ)

ދެން ކޮން ކަމެއް ހެއްޔެވެ؟ އިސްމާއިލް ވަޖީހު ކުޅެފައިވާ ކެރެކްޓާ ސޭމްގައި އެކަށީގެންވާ ޑެޕްތެއް ނެތްކަމެވެ. މިސާލަކަށް، ސޭމްގެ އެ ކެރެކްޓާ ހަމައެކަނި ފާރުގައި ހަރުކޮށްލާފައި ހުރި ފޮޓޯގަނޑެއްގެ ގޮތުގައި ފެނުނަސް މާ ބޮޑު ތަފާތެއް އަންނާނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. އެ ކެރެކްޓާ ބޮޑަށް ސިފަވީ ސީދާ އިސްމާއިލް ވަޖީހު ބޮޑު ސްކްރީނުން ދައްކާލަންވެގެން ފިލްމުގެ ވަކި ހިސާބެއްގައި އުފަންކުރުވާފައިވާ ކެރެކްޓާއެއްގެ ގޮތުގަ އެވެ.

މި ބުނިހެން، އަހަރު ނިމުނަސް މި ލިސްޓު ލިޔެ ހުސްނުވެދާނެ އެވެ.

"އެހެންވީމަ ފިލްމުން ދެން ކަލެޔަށް ކަމުދިޔައީ ކޮން ކަމެއް ހެއްޔެވެ؟" – އެންމެ ކަމުދިޔައީ ފިލްމުގައި ކުޑަކުޑަ ރޯލެއް ކުޅެފައިވާ ބަތަލާ އައިޝަތު ޔާދާގެ ހުނަރުވެރިކަމެވެ. ޔާދާގެ އެކްޓިން ފާހަގަކުރެވުނީ ފިލްމުގެ އެހެން ހުރިހާ ތަރިންނަށް ވުރެ މާ މަތިންނެވެ. އޭނާ މުޅި ފިލްމު ގޮވައިގެން ދާން އުޅޭހެން ހީވާ ވަރަށެވެ.

މީގެ އިތުރުން ފިލްމުގައި 'ރޭޕިސްޓެއް' ގެ ރޯލު ކުޅެފައިވާ އާދަޔާހިލާފު ކެރެކްޓާ 'ނަދީމް' ގެ ބައިން ވެސް ފެނުނީ ހަނދާނުގައި ހަރުލާ ކަހަލަ ޓެލެންޓެކެވެ.

މި ފިލްމު ބަލަމުން ދިޔައިރު ވަރަށް 'އޯކްވަޑް' މަންޒަރެއް ވެސް ބެލުންތެރިންނާ ބައްދަލުކުރި އެވެ. އެއީ 'ނަދީމް'ގެ ކެރެކްޓާ މީހަކު ރޭޕްކުރާ ސީންއެއް ނޫނެވެ. ރޭޕިސްޓުންނާއި އަނިޔާއާ ދެކޮޅަށް ތެދުވާ އަންހެންކުދިންނަށް ފުރައްސާރަކޮށް ވާހަކަ ދައްކާ ސީންއެއްގައި ޔަމާންގެ ކެރެކްޓާ ދައްކާ ވާހަކަ އެވެ.

ޔަމާން ބުނަނީ އަނިޔާ ލިބޭ އަންހެންކުދިންގެ ވާހަކަ ދޮގުކޮށް އެމީހުންނަށް ފުރައްސާރަކޮށްގެން ނުވާނެ ވާހަކަ އެވެ. އެ ވާހަކަތައް ގަބޫލުކޮށް އެމީހުންގެ ހައްގުގައި ތެދުވަން ޖެހޭ ވާހަކަ އެވެ. މި ސީންއަށް ބަންޑުންކުރާނެ އިހުސާސެއް ނޭނގުނީ ޔަމާންގެ ރޯލުން ޖުމައްޔިލް ފެންނަން ހުރުމުންނެވެ.

ކޮންމެއަކަސް 'ނޮވެމްބަރ'ގެ ރޯގާ އަދިވެސް ދަނީ ވަރަށް ބާރަށް ފެތުރެމުންނެވެ. ސަތޭކަ ފަންސާސް ރުފިޔާ ދީފައި ގޮސް ފޫހިނުވާންވީ ހަމަ އެއްވެސް ސަބަބެއް ނެތެވެ. އަހަރެން ދިޔައީ ތިން ޓިކެޓު ގަނެގެންނެވެ. ފިލްމު ބަލައި ނިމުނުއިރު 'ފޫހިކަމަކީ' އަހަރެންގެ ބެސްޓްފްރެންޑެވެ.

މިއީ ޑާކް ރެއިންގެ ތާރީހުގައި ވެސް އެމީހުން ގެނެސްދިން އެންމެ ހުތުރު ފިލްމެވެ. ފިލްމުގެ 1.6 މިލިއަން ރުފިޔާގެ ބަޖެޓު ދިޔައީ ކޮން ތާކަށް ބައެއް މީހުން ސުވާލުކޮށްފާނެ އެވެ.

ކޮމެންޓް (3)

ޡޫމާ

22 ޑިސެމްބަރު 2023
ދެން ނެތް ބަލާ ހިތެއް
1 0

ގޮހޮރު

21 ޑިސެމްބަރު 2023
އިސްމާއިލް ވަޖީހު އަދިވެސް އެބައުޅޭދޯ؟ ސިންގަޕޫރު މީހެކޯ އެއީ. މީނާމީ ހުރިހާ ޕުރިންސިޕަލުންނަށް ގުރި ހުތުރެއް.
0 1

ސަނައްޓޭ

21 ޑިސެމްބަރު 2023
މީ މަށަށް ކަލޭ ކަމުދާ ސަބަބަކީ ނަދީމޫ. ހަމަ ހަގީގަަތަށް ހުރިހާ އެއްޗެއްވެސް ލިޔާނީ، މީހަކު ބަޔަކު ރުޅި އަތުވެދާނެތީ ބިރެއް ނުގަންނާނެ، ވަރަށް ފައްކާ، ދެން ވާހަކައެއް ލިޔެލަބަލަ، ފީލް ގުޑް ނޫރާ ކަހަލަ. ހާދަ މިސްވެޔޭ ނަދީމްގެ ވާހަކަތައް
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް