އޮލިމްޕަހުގައި މިހާރު ދައްކަމުން އަންނަ ޑާކް ކޮމެޑީ ފިލްމު 'ފްރީ ޑެލިވަރީ' ޕްރިމިއާ ކުރުމަށް 4 ނޮވެމްބަރު 2023ގެ ރޭ އޮލިމްޕަސް ސިނަމާގައި ބޭއްވި ރެޑް ކާޕެޓް ހަފްލާގެ ތެރެއިން (ފޮޓޯ/ކަޒްމިކް އިންޓަނޭޝަނަލް)

ފްރީ ޑެލިވަރީ: އަސްލުވެސް ހެއްވާލާނެ ދިވެހި ފިލްމެއް

އިލްޔާސް ވަހީދު މި ދައްކާލީ އޭނާއަށް ޑާކް ކޮމެޑީ ޖޮންރާ ވެސް މީހުން ގަޔާވާ ގޮތަށް ގެނެސްދެވިދާނެކަން
12 ނޮވެމްބަރު 2023

މުހިންމު ނުކުތާތައް

ފިލްމު ނިއުޅުވިގެންދަނީ ކެފޭއެއްގައި މަސައްކަތް ކުރާ އަންހެނަކު ހުޅުމާލެއަށް ޑެލިވަރީއަކަށް ދާ އިރު ފެންނަ ހާދިސާއަކުން

ފިލްމުގެ ހެއްވާ ބައި އޮންނަނީ ވަރަށް ބޮޑަށް ވާހަކައިގެ ތެރެއަށް ލާމެހިފައި

ފިލްމުގައި ހިމެނެނީ ވަރަށް ޒުވާން ފަންނުވެރި ކާސްޓެއް

އޮލިމްޕަހުގައި މިހާރު ދައްކަމުންދަނީ 'ފްރީ ޑެލިވަރީ' އެވެ. ޑާކް ކޮމެޑީ ޖޮންރާގެ މި ފިލްމު ބަލަން ދިޔައިރު ހިތުގައި އޮތީ ޝަައްކެވެ. ހިޔާލު ދެކަފި އެވެ. ދިވެހި ކޮމެޑީ މަޖައެއް ނުވާނެ ކަމެވެ. ފެންނާނީ އަމިއްލައަށް މަަޖާވުން ކަމުގަ އެވެ.

ލިޔުންތެރިޔާ އަދި ޑައިރެކްޓަރު އިލްޔާސް ވަހީދުގެ ފިލްމްތައް މޮޅުކަމާއި ތަފާތުކަމުގެ ވާހަކަ އަހަރެންގެ ކަންފަތުގައި ޖެހެ އެވެ. މީގެ ކުރިން އޭނާގެ ކުރު ސީރީޒްތައް ނޫނީ ނުބަލަމެވެ. ކްރައިމް ތުރިލާ ޖޮންރާގެ އެ ސިލްސިލާތަކުގެ ސްޓޯރީޓެލިން ރަނގަޅުވުމުން، ހިތް ނުތަނަވަސްކަމާއި ބިރުވެރިކަން އަދި ރުޅި ފަދަ ޖަޒުބާތުތައް މީހާއަށް ވެރިވެ އެވެ. އެކަމަކު އިލްޔާސްއަށް ޑާކް ކޮމެޑީން އޯޑިއަންސްގެ ހިތް އަތުލެވޭނެ ބާވައޭ އެއީ ހިތުގައި އޮތް ސުވާލެކެވެ.

'ފްރީ ޑެލިވަރީ'ގެ ޑައިރެކްޓަރު އިލްޔާސް ވަހީދު (ކ) އާއި އެކްޓަރު ވާޝިޔާ މުހައްމަދު 4 ނޮވެމްބަރުގައި އެ ފިލްމުގެ ޕްރިމިއާ ހަފްލާގެ ރަތް ދޫލައިގައި (ފޮޓޯ/ކަޒްމިކް އިންޓަނޭޝަނަލް)

ހުކުރު ދުވަހު ރޭގަނޑު 8:30ގެ ޝޯ އެވެ. ފިލްމް ފަށާ ގަޑި އަދި ނުޖެހެ އެވެ. ސިނަމާގެ މެދެއްހާ ހިސާބުން ގޮނޑީގައި ހަމަޖެހިލައި ޕޮޕްކޯން ކަމުން އަހަރެންނަށް ބެލެނީ ފަހަތެވެ. ކިހާ މީހުންނެއް އާދޭތޯ އެވެ.

އަންހެނުން ގުރޫޕް ގުރޫޕަށް ވަދެގެން އައިސް އެމީހުންގެ ގޮނޑިތަކުގައި އިށީނެވެ. ދިވެހި ފިލްމް ބަލަން ސިނަމާއަށް ގިނައިން އަންނަނީ އަންހެނުން ބާވައޭ ހިތަށް އެރި އެވެ. ނަމަވެސް، އަހަރެން ދިޔައީ ތިން ފިރިހެން ރަހުމަތްތެރިންނާ އެކު ކަމުން، ފިރިހެނުން ދިވެހި ފިލްމް ނުބަލާ ކަމަށް ނިންމާލެވޭކަށް ވެސް ނެތެވެ.

ފިލްމްގެ ޕްލޮޓް

ވަރަށް ޒުވާން ކާސްޓެއް ހިމެނޭ 'ފްރީ ޑެލިވަރީ' އިން ދައްކަނީ ކެފޭއެއްގައި މަސައްކަތް ކުރާ ތިން މީހެއްގެ ވާހަކަ އެވެ. ލީޑުން ފެންނަނީ މައީޝާ އާދަމް (ތާތި) އާއި ރައުފަތު ސޯދިގު އަދި އައިޝާ އަލީ އެވެ. 

 އާދަމް (ތާތި) 4 ނޮވެމްބަރުގައި 'ފްރީ ޑެލިވަރީ'ގެ ޕްރިމިއާގައި މައީޝާ އާދަމް (ތާތި) ރަތް ދޫލައިގައި: ފިލްމުގައި މޮޅު އެކްޓިންއެއް ދައްކައިދޭ (ފޮޓޯ/ކަޒްމިކް އިންޓަނޭޝަނަލް)

ތާތި އާއި އައިޝާގެ ކެރެކްޓާއަށް ކިޔަނީ އެއް ނަމެކެވެ. ސަނާ އެވެ. ކެރެކްޓާތަކުގެ ފުރަތަމަ ފެނިލުމަށް ފަހު ފިލްމްގެ މައިގަނޑުގައި ދައްކަނީ ހުޅުމާލޭގެ އެޕާޓްމަންޓަކަށް ޑެލިވަރީއަކަށް ސަނާ (ތާތި) ދާ ތަނެވެ. އެ އެޕާާޓްމަންޓަށް އޭނާ ދާއިރު ފެންނަނީ މަރާލާފައި އޮތް ޒުވާން އަންހެން ކުއްޖެއްގެ ހަށިގަނޑު ކައިރިއަށް  މީހަކު ގުދުވެގެން އޮންނަ މަންޒަރެވެ. މި ބައި ކުޅެފައިވަނީ ނުބައިބައި ރޯލު ކުޅެގެން ވިދުން ހޯދާފައިވާ އެކްޓަރު އަހުމަދު ޝާރިފް އެވެ.

މަންޒަރު ފެނުމާ އެކު ސަނާ އެތަނުން އަވަހަށް ދުއްވައިގަނެ އެވެ. ދެން ފިލުމުން ފެނިފެން ދަނީ ސަނާއަށް ފެނުނު މަންޒަރުގެ ސަބަބުން، ކެފޭގައި މަސައްކަތް ކުރާ މީހުންނަށް ކުރިމަތިވާ ނުރައްކަލެވެ. 

އެމީހުން މި މަރުގެ ހަގީގަތް ހޯދައި މިކަމުން އެމީހުން އަރައިގަންނަން އުޅޭ ގޮތް ފިލްމުގައި ދައްކަ އެވެ.

ފިލްމީ ތަރި އައިޝާ އަލީ 4 ނޮވެމްބަރުގައި 'ފްރީ ޑެލިވަރީ'ގެ ޕްރިމިއާ ހަފްލާގެ ރަތް ދޫލައިގައި: ފިލްމުގައި މުހިއްމު އަދި މަޖާ ރޯލެއް ކުޅެފައިވޭ (ފޮޓޯ/ކަޒްމިކް އިންޓަނޭޝަނަލް)

އޮލިމްޕަހުން ހުނުމުގެ އަޑު ނުކެނޑޭ

ދެން އުފެދޭނެ ސުވާލަކީ މި ފިލްމްގެ މަޖާ ބައި ކޮބާ ހެއްޔެވެ؟ ކޮމެޑީ އަކަށް ވީ ކިހިނެއް ހެއްޔެވެ؟ ފިލްމްގެ މަޖާގަނޑު އޮންނަނީ ވަރަށް ބޮޑަށް އެންމެ ސީރިއަސް ވަގުތާ ވެސް ގުޅިލާމެހިފަ އެވެ. ނުރައްކާތެރި ހާދިސާއެއް ހިނގައިގެން އުޅޭ އިރު ކުރިމަތިވާ ނުރައްކަލަށް ވުރެ ބޮޑަށް އެހެން ކަންކަން މުހިއްމުވެގެން ކެރެކްޓަރުން އުޅުންވީ މަޖާ ކަމަކަށެވެ.

ދިވެހި ފިލްމް 'ފްރީ ޑެލިވަރީ'ގެ ތަރި ރައުފަތު ސޯދިގު (މ) އާއި އިފްނާޒް ފިރާގް (ވ) އެ ފިލްމުގެ ޕްރިމިއާގައި ފޮޓޯއަކަށް ހުއްޓިލައިގެން (ފޮޓޯ/ކަޒްމިކް އިންޓަނޭޝަނަލް)

ފިލްމް މަޖާވާ އެހެން ސަބަބަކުތަކަށް ބަލާއިރު، އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ހާއްސަ ޖޯކުތައް ނުސީދާކޮށް ކިޔަ އެވެ.

އަހަރެމެންގެ މުޖުތަމައުގައި ހާލު ކިހިނެއްތޯ އެހުމުގެ ކުރިން "ހާދަ ފަލަޔޭ" ބުނެ އެވެ. މި ފިލްމް ފެށިގެން އަންނަ އިރު ހަށިގަނޑުގެ ބޮޑުމިނާ ގުޅޭ ލަވައެއް ފެނެ އެވެ. އަދި އައިޝާ ބިލީގެ ވަނަމަކަށް "ބީބީ" ކިޔާ އަސްލު ސަބަބު ވެސް އޮންނަނީ ހަށިގަނޑުގެ ސައިޒާ ގުޅިފަ އެވެ. ނަމަވެސް ފަލަވުމުގެ ފައިދާތަކެއް ވެސް އޮވެ އެވެ. ނުރައްކަލަކަށް ހުށަހެޅިގެން އުޅޭއިރު، ހެއްވާ މަޖާ ގޮތަކަށް އެކަން ގެނެސްދެ އެވެ.

'ފްރީ ޑެލިވަރީ'ގެ ޕޯސްޓަރެއް

އެކުވެރިންގެ މި ގުރޫޕުގައި އެކަކީ އަބަދުވެސް ހެޔޮވިސްނޭ މީހާ އެވެ. ތާތިގެ ކެރެކްޓާ އަކީ ހުރިހާ ކަމެއް ހަމަޖައްސާ މީހާ އެވެ. 

ފިލްމްގެ ތަރިންގެ އެކްޓިން މޮޅެވެ. ވަކިން ހާއްސަކޮށް ތާތި އޭނާގެ ބައި ގެނެސްދޭ ގޮތް ފާހަގަވި އެވެ. އޭނާގެ ކެރެކްޓާ ހުންނަ ހާލަތުން ބަދަލުވެގެން އަމިއްލަ ނަފްސުގެ ދިފާއުގައި ކެރުންތެރިކަން ދައްކާލަ އެވެ.

މިއީ މީގެ ކުރިން ސީރިއަސް ރޯލްތަކުން ފެނިފައިވާ ތާތިގެ ތަފާތު ރޯލެއް ފެންނަ ފިލްމެކެވެ. ރަނގަޅު އެކްޓިންއެއް ދެއްކި ރައުފަތުގެ ކެރެކްޓާ އަކީ ވެސް އޯޑިއަންސްގެ ފެވަރިޓެއްކަން އެނގެ އެވެ. ވާޝިޔާ މުހައްމަދު އޭނާގެ ބައި ކުޅެފައިވާ ގޮތް ވެސް ފުރިހަމަ އެވެ. 

'ފްރީ ޑެލިވަރީ'ގެ އެއް ތަރި އަހުމަދު ޝާރިފް އެ ފިލްމުގެ ޕްރިމިއާ ހަފްލާގައި 4 ނޮވެމްބަރުގައި ފޮޓޯއަކަށް ހުއްޓިލައިގެން (ފޮޓޯ/ކަޒްމިކް އިންޓަނޭޝަނަލް)

ފިލްމުން އަހަންނަށް ކަމުނުދާ އެއް ކަމަކީ، ޕާޓީއެއްގެ ތެރެއިން ކިޔާ ލަވަ އެވެ. ލަވައިގެ ޅެން ބަސްތައް ހަމައެއްނުޖެހެ އެވެ. ދެން، ހުޅުމާލޭ ސެންޓްރަލް ޕާކްގައި ނަގާފައިވާ ތަޅާލުމެއްގެ ބައި ތަންކޮޅެއް ދިގުވާހެން ހީވި އެވެ. 

އޮލިމްޕަސް ސިނަމާއަށް މީގެ ކުރިން ދިވެހި ފިލްމެއް ބަލަން ގޮސް ތިބެ މިވަރަށް ހޭ އަޑެއް ދުވަހަކު ވެސް ނާހަމެވެ. އިލްޔާސް މި ފިލްމުން މި ދައްކާލީ އޭނާއަށް މި ޖޮންރާ ވެސް މީހުން ގަޔާވާ ގޮތަށް އުފެއްދިދާނެ ކަމެވެ.

'ފްރީ ޑެލިވަރީ'ގެ ލިޔުންތެރިޔާ އަދި ޑައިރެކްޓަރު އިލްޔާސް ވަހީދު (ކ) އާއި އެކްޓަރު އަހުމަދު ޝާރިފް އެ ފިލްމުގެ ޕްރިމިއާ ހަފްލާގައި (ފޮޓޯ/ކަޒްމިކް އިންޓަނޭޝަނަލް)

ކަޒްމިކް އިންޓަނޭޝަނަލްގެ މި ފިލްމް މި ހަފްތާގައި ވެސް އޮލިމްޕަހުގައި ދައްކާނެ އެވެ. ނުބަލާ މީހުން ކޮންމެހެން ވެސް ދާން ޖެހެ އެވެ. ހީލާ، ސްޓްރެސް ފިލުވާލާށެވެ. އަދި ދިވެހި އުފެއްދުންތަކަށް ތަރުހީބު ދިނުމަށް ވެސް މެ އެވެ.

ރާއްޖޭގައި ފަންނުތައް ކުރިނާރާ ވާހަކަ އަހަރެމެން ދައްކަމެވެ. ފިލްމު ބަލައި ލަވަ އަޑުއަހައި ޅެމާއި ވާހަކަ ކިޔައި ނޫޅޭ ބަޔަކަށް އެ ކުރިއަރާފައިވާ މިންވަރު ބުނެދޭކަށް ނޭނގޭނެ އެވެ. އަހަރެންގެ ހިތުގައި އޮތް ޝައްކުތައް ފިލައިގެން ހިނގައްޖެ އެވެ.

އެންމެން ހީ ނިމުނު އިރު ވެސް ބައެއް މަންޒަރުތައް ބަލާފައި އަހަރެންނަކަށް ހުނުން ހުއްޓައެއް ނުލެވުނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް