ސްކުއިޑް ގޭމް: ދަ ޗެލެންޖްގެ މަންޒަރެއް
'ސްކުއިޑް ގޭމް'ގެ ރިއަލިޓީ ޝޯ: ސީރީޒްއާ އެއްފަދަ ގޭމްތަކެއް
ދެކުނު ކޮރެއާގެ ހިޓް ސިލްސިލާ 'ސްކުއިޑް ގޭމް'އަށް ބިނާކޮށްފައިވާ ރިއަލިޓީ މުބާރާތް 'ސްކުއިޑް ގޭމް: ދަ ޗެލެންޖް'ގެ ޓްރެއިލާ ނެރެފި އެވެ.
ނެޓްފްލިކްސް އިން 2021 ވަނަ އަހަރު ނެރުނު 'ސްކުއިޑް ގޭމް'އާ ހިލާފަށް، ހަގީގީ މުބާރާތުގައި ހިމެނެނީ ދިރިހުރުމާއި މަރާ ގުޅިފައިވާ ކަންކަމެއް ނޫނެވެ. ނަމަވެސް ޝޯގެ ޓްރެއިލާ އިން ފެންނަ ތަންތަނާއި ކުޅިވަރުތައް ސިލްސިލާއާ މުޅިންހެން އެއްގޮތެވެ.
'ސްކުއިޑް ގޭމް' އިން ފެނުނު ބިރުވެރި ބުދު، ޔަންގް-ހީ ވެސް ޓްރެއިލާގައި ދައްކާލަ އެވެ.
މުބާރާތުގެ ބައިވެރިން އުޅެނީ 'ރެޑް ލައިޑް، ގްރީން ލައިޓް' ކުޅުމުގަ އެވެ. އަދި ސިލްސިލާ އިން ފެނުނު ނުރައްކާތެރި ބިއްލޫރި ބްރިޖާއި މެޓާގަނޑާއި ފަސްއޮށުގެ ކުޅިވަރުގެ އިތުރުން، ގޭމްތައް ހިންގައި މުބާރާތުގެ ބައިވެރިންނަށް އަމުރުކުރަން ފިޔާތޮށި ސޫޓުގައި ތިބޭ މީހުން ވެސް ފެނެ އެވެ.
ޝޯގެ ތައާރަފްގައި ބުނެފައިވާ ގޮތުގައި އެ މުބާރާތުގައި ދައްކާނީ އިނާމެއްގެ ގޮތުގައި ހުށަހަޅާފައިވާ 4.56 މިލިއަން ޑޮލަރު ހޯދަން 456 މީހަކު އުޅޭ ގޮތެވެ.
'ސްކުއިޑް ގޭމް' ސިލްސިލާގައި ދައްކައިދިނީ އަތްމަތިދަތިވެ ދަތި ހާލުގައި ދިރިއުޅެމުންދިޔަ ބަޔަކު، ކުޑައިރު ކުޅުނު ގޭމްތައް ކުޅެގެން ފައިސާގެ ބޮޑު އިނާމެއް ހޯދަން މަސައްކަތްކުރާ ގޮތެވެ. އެވޯޑްތައް ހޯދާފައިވާ އެ ސިލްސިލާއަކީ ނެޓްފްލިކްސް އިން ލޯންޗުކުރި އެންމެ މަގުބޫލު ސީރީޒްއަށް ވެ، ދެވަނަ ސީޒަނެއް ވެސް ވަނީ ހަދަން ފަށައިފަ އެވެ. އެ ސީޒަން ނެރޭނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
'ސްކުއިޑް ގޭމް: ދަ ޗެލެންޖް' 22 ނޮވެމްބަރުގައި ނެޓްފްލިކްސް އިން ރިލީޒްކުރަން ފަށާނެ އެވެ. އާ އެޕިސޯޑެއް ނެރޭނީ ހަފްތާއަކު އެއްފަހަރު އެވެ.