ވިން ޑީސަލް (ކ) އަދި ޑްވޭން ޖޯންސަން
'ފާސްޓް އެންޑް ފިއުރިއަސް' ސިލްސިލާއަށް ޑްވޭން އެނބުރި އަންނަން ވިން ޑީސަލް އެދިއްޖެ
'ފާސްޓް އެންޑް ފިއުރިއަސް' ފްރެންޗައިޒްގައި ޑޮމިނިކް ޓޮރެޓޯގެ ރޯލުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ވިން ޑީސަލް، މި ފްރެންޗައިޒްގައި އޭނާގެ ކުރީގެ ކޯ-ސްޓާ ޑްވޭން ޖޯންސަން އެނބުރި އައުމަށް އެދިއްޖެ އެވެ.
މި ފިލްމު ފްރެންޗައިޒްގެ ފުރަތަމަ އަށް ފިލްމުން ވިން ޑީސަލް އާއެކު ޑްވޭން ފެނުނު ނަމަވެސް، މި ދެ ތަރިންގެ ދެމެދުގައި ޖެހުނު މައްސަލައަކާ ގުޅިގެން 2017ގެ ފިލްމަށް ފަހު ޑްވޭން ވަނީ ފްރެންޗައިޒްއާ ވަކިވެފަ އެވެ. 'ދަ ފާސްޓް ސާގާ'ގެ ފިލްމުތަކުން ޑްވޭން ވަކިވި ފަހުން މިހާތަނަށް މި ފްރެންޗައިޒްގެ އެއް ފިލްމު މި އަހަރު ރިލީޒް ކޮށްފައިވެ އެވެ.
ނަމަވެސް މި ފްރެންޗައިޒްގެ ސްޕިންއޯފް ފިލްމެއް ކަމަށްވާ 'ފާސްޓް އެންޑް ފިއުރިއަސް ޕްރެޒެންޓްސް: ހޮބްސް އެންޑް ޝޯ' އިން ޑްވޭން ފެނިގެން ގޮސްފައިވެ އެވެ. އަދި 2020ގައި އިއުލާނު ކުރި މި ސްޕިންއޯފް ފިލްމުގެ ސީކުއަލް ފިލްމުގައި ވެސް ޑްވޭން ފެންނާނެ އެވެ.
'ފާސްޓް އެންޑް ފިއުރިއަސް' ފްރެންޗައިޒްގެ 10 ވަނަ ފިލްމު 2023 ގައި ރިލީޒް ކުރާނެ ކަމަށް ވަނީ އިއުލާންކޮށްފަ އެވެ.
އިންސްޓަގްރާމް ޕޯސްޓެއްގައި ވިން ޑީސަލް ވަނީ މި ފްރެންޗައިޒްގެ ފަހު ފިލްމަށް (10 ވަނަ ފިލްމު) އެނބުރި އައުމަށް ޑްވޭން ގާތު އެދިފަ އެވެ. ޑްވޭން މި ސީރީޒްގައި ކުޅޭ ކެރެކްޓަރު 'ހޮބްސް' އަކީ އިތުރު އެކްޓަރަކަށް އަދާކުރެވޭނެ ރޯލެއް ނޫން ކަމަށާއި މި ފްރެންޗައިޒް ދޫނުކޮށް، ފިލްމު ފުރިހަމަ ކުރުމަށް އެދޭ ކަމަށް ވިން ޑީސަލް ބުންޏެވެ. އޭނާ ބުނީ 'ޕަބްލޯ' އަށް ވީ ވައުދު ފުއްދުމަށް މި ފްރެންޗައިޒްއަށް ރަނގަޅު ނިންމުމެއް ގެންނަން ބޭނުންވާ ކަމަށެވެ.
'ޕަބްލޯ'އަކީ 2001 ގައި ފެށި މި ފްރެންޗައިޒްގައި ޕޯލް ވޯކާ ކުޅުނު ކެރެކްޓަރެވެ. ވޯކާ ވަނީ 2013 ވަނަ އަހަރު ހިނގި ކާރު އެކްސިޑެންޓެއްގައި ލިބުނު ޒަހަމްތަކަކާ ގުޅިގެން މަރުވެފަ އެވެ. އޭނާ މަރުވި އިރު މި ފްރެންޗައިޒްގެ ހަތްވަނަ ފިލްމުގެ ޝޫޓިން ނުނިމެ އެވެ.
ވިން ޑީސަލްގެ ހުށަހެޅުމަށް ޑްވޭން އަދި ޖަވާބެއް ނުދެ އެވެ.