މުހައްމަދު ފައިސަލް: 'ޤަރީނާ' ސިލްސިލާ ޑައިރެކްޓު ކުރުމުގެ އިތުރުން އެ ސިލްސިލާގެ މައިގަނޑު ރޯލެއް ވެސް ކުޅޭ

'ޤަރީނާ'ގެ ރިވިއު: ފުރަތަމަ ތިން އެޕިސޯޑުން ބޮޑު ޝައުގުވެރިކަމެއް

ކުޑަކުއްޖެއްގެ މަރުގެ މައްޗަށް ބިނާކޮށްފައިވާ ސިލްސިލާގެ ވާހަކަ އެނބުރެމުން އަންނަ ގޮތުން ކުރިއަށް ހުރި އެޕިސޯޑްތަކަށް ސަމާލުކަން ހުއްޓޭނެ
10 އޮކްޓޯބަރު 2023

'ޤަރީނާ'ގެ ފުރަތަމަ ތިން އެޕިސޯޑު ޕްރިމިއާކުރީ ވަރަށް ކުލަ ގަދަކޮށް 4 އޮކްޓޯބަރުގައި އޮލިމްޕަސް ސިނަމާގަ އެވެ. އެއްކާފް އިން މީޑިއާނެޓު ވީޑިއޯ ކްލަބަށް ޕްރޮޑިއުސްކުރި ތުރިލާ ސިލްސިލާގެ އިންތިޒާރުގައި ތިބި ގިނަ ބައެއްގެ ހިތް އެ ރޭ ފުރާލިކަމާ މެދު ޝައްކެއް ނެތެވެ. 

ދިވެހި ފިލްމީ ތަރި އަދި ޑައިރެކްޓަރު މުހައްމަދު ފައިސަލް ޑައިރެކްޓުކޮށް، އެއްކާފްގެ އަހުމަދު ޒަރީރު (ޒައްރަ) ލިޔެ، އިބްރާހިމް ސުޖާއު (ޖަންކީ)ގެ ސިނެމަޓޮގްރަފީއާ އެކު އުފެއްދި 'ޤަރީނާ'ގެ މިހާތަނަށް ބެލި ތިން އެޕިސޯޑުން އެ ވާހަކައިގެ ތެރެއަށް ދަމައިގަތެވެ. ޓްރެއިލާއިންނާއި ޓީޒާއިން ފެނުނު ހިތްގައިމު، ނަމަވެސް ސަސްޕެންސް ގަދަ މަންޒަރުތަކުގެ ފަހަތުގައިވާ ވާހަކަ ކުރިއަށްދާ ގޮތް ފެނުމުން، އެ ސިލްސިލާ ބިނާވެފައިވާ 5 އަހަރުގެ ކުޑަކުއްޖާގެ މަރުގެ އަސްލަކީ ކާކު ކަމާ މެދު ގިނަ ސުވާލުތަކެއް ބޮލު ތެރޭގައި އުފެދެ އެވެ.

މިއުޒިކާއި އެކި އަޑުތަކުން ސަމާލުކަން ހިފަހައްޓާލި 

އެންމެ ފުރަތަމަ ވެސް ފާހަގަކޮށްލަން ޖެހެނީ ސިލްސިލާގެ މަންޒަރުތަކާއި އެ މަންޒަރުތަކުގެ އަސަރު އެންމެ ފުރިހަމައަށް ގެނެސްދޭން ގުޅުވާފައިވާ އަޑުތަކާއި މިއުޒިކްގެ ރޭވުންތަކުގެ ސަޅިކަމެވެ. ތުރިލާ ސިލްސިލާއަކަށް ވެފައި ދައްކާ ހިތްއަވަސްކުރުވަނިވި މަންޒަރުތަކުގެ އަސަރު އެންމެ ފުރިހަމައަށް ކުރަން މަގުފަހިވާ އެއް ކަމަކީ ކުއްލި ކުއްލިއަށް އިވޭ، ނުވަތަ ބެކްގްރައުންޑްގައި ކުޅޭ މިއުޒިކް، އެ މަންޒަރުތަކާ ގުޅޭ މިންވަރެވެ. އެ ނަޒަރުން ބަލާއިރު އެ ސިލްސިލާގެ ސައުންޑް މިކްސިން އާއި މާސްޓަރިން ހެދި އަހުމަދު އިޝާނާއި މިއުޒިކް ހެދި މުނާޒް ޒުބެއިރުގެ މަސައްކަތް ވަރަށް ފުރިހަމަ ކަމަށް ބުނެވިދާނެ އެވެ.

ވާހަކަ ކުރިއަށް ދާ ގޮތުން ޝައުގު އުފައްދާލި

ފަސް އަހަރުގެ އީނާ، އިހާނެތިކޮށް މަރާލަ އެވެ. ތަހުގީގުން އެނގެނީ މަރާލުމުގެ ކުރިން ރޭޕު ވެސް ކޮށްފައި އޮތް ކަމެވެ. މި ސިލްސިލާގެ ވާހަކަ އެނބުރެނީ އެ މަރުގެ ވަށައިގެންނެވެ. 

އެ މައްސަލަ ތަހުގީގުކުރަން މައި މީހަކަށް ހަމަޖައްސަނީ ފައިސަލް ކުޅޭ އިންވެސްޓިގޭޓިވް އޮފިސަރު ރިލްވާނެވެ. ސީރިއަސް، ހަރުދަނާ ތަބީއަތެއް ހުރި މީހެކެވެ.  

'ޤަރީނާ' ސިލްސިލާގައި މަރިޔަމް މަޖުދާ ކުޅެނީ އިންވެސްޓިގޭޓިވް ޖާނަލިސްޓު ޝިމްލާގެ ބައި

އީނާގެ މަރުގެ މައްސަލައިގެ ހަބަރު ހޯދަން، އެ ކުއްޖާ ފެނުނު ރަށަށް ދާ ނޫސްވެރިޔަކީ މަރިޔަމް މަޖުދާ ކުޅޭ އިންވެސްޓިގޭޓިވް ޖާނަލިސްޓު ޝިމްލާ އެވެ. އެ ސިލްސިލާގައި އޭނާއަކީ ރާއްޖޭގެ ފާހަގަކޮށްލެވޭ ނޫސްވެރިއެކެވެ. ޖެހިޖެހިގެން އެންމެ މޮޅު އިންވެސްޓިގޭޓިވް ޖާނަލިސްޓްގެ އިނާމު ވެސް އޭނާއަށް ލިބުނެވެ. ޝިމްލާގެ ކެރެކްޓާ ގެނެސްދީފައި ވަނީ ވަރަށް އަމިއްލަވަންތަ، ކުރާ މަސައްކަތުގައި ކެނޑިނޭޅި އުޅޭ މީހެއްގެ ގޮތުގަ އެވެ.  

އީނާގެ ވާހަކަ އެނގުމުން ކުއްލި ގޮތަކަށް އޭނާގެ ހިޔާލަށް އަނދިރިކަން ވެރިވެގަނެ، މާޒީގެ ހިތި ހަނދާންތަކެއްގެ ތެރެއަށް ވަދެވެ އެވެ. އެކަމުގެ ފަހަތުގައި އޮތް ސަބަބު ހާމަވުމުން ޝިމްލާގެ ކެރެކްޓާ އިތުރަށް ޝައުގުވެރިވެ އެވެ.

'ޤަރީނާ'ގެ މައި ރޯލުތަކުގައި ދެން އުޅެނީ އަލީ ފާރޫގު، އަންޝާމް މުހައްމަދު އަދި ރާފިއު މުހައްމަދެވެ. މީގެ އިތުރުން، އެ ސިލްސިލާއިން ބިދޭސީ އެކްޓަރުންތަކެއް ވެސް، މުހިއްމު ރޯލުތަކުން ފެނެ އެވެ.  އެ ބައިތައް ކުޅެފައި ވަނީ ރަބިއުލް، އާމިން އަދި ޖަމާލެވެ. 

އަންޝާމް މުހައްމަދު (މ) 'ޤަރީނާ' އިން ފެންނަނީ މައި ކެރެކްޓާއެއް ކަމަށްވާ ސަނާގެ ގޮތުގައި
'ޤަރީނާ' ސިލްސިލާގައި ހުސްނީގެ ބައި ކުޅޭ ރަބިއުލް 

އަލީ ފާރޫގު ކުޅެނީ އީނާ ބަލަމުން އަންނަ ގާސިމްގެ ރޯލެވެ. ކުޑަކުދިންނަށް ވަރަށް އަޅާލައި ކުދިން ދެކެ ލޯބިވާ މީހެކެވެ. ގާސިމްގެ އަނބިމީހާއަކީ ސަނާ އެވެ. އެ ރޯލް އަދާކުރަނީ އަންޝާމް މުހައްމަދެވެ.  

އީނާގެ ގާތިލަކީ ކާކު ކަމެއް ފުރަތަމަ ތިން އެޕިސޯޑު ބަލާ ނިމުނު އިރު އަދި ނޭނގެ އެވެ. އެހެންވެ އިތުރު އެޕިސޯޑުތައް ބަލަން ކެތްމަދުވާނެ އެވެ. މަޖުދާ އާއި ފައިސަލްގެ ޖޯޑު ތަހުގީގާ ކުރިމަތިލާ ގޮތް ބަލާލަން ވެސް ޝައުގު އުފެދެ އެވެ. 

'ޤަރީނާ'ގެ އާ އެޕިސޯޑެއް މީޑިއާނެޓު ވީޑިއޯ ކްލަބަށް އަންނާނީ ކޮންމެ ހަފްތާއަކު ބުރާސްފަތި ދުވަހު އެވެ. ފާހަގަކޮށްލެވޭ އެއް ކަމަކީ އެ ސިލްސިލާ ދައްކަން ފެށި ފަހުން މީޑިއާނެޓުގެ 'މޯސްޓް ޓްރެންޑިން' އިން ކަޓައިގެންނުދާ ކަމެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް