ޝާހު ރުކް ހާން އާއި އާލިއާ ބަޓް އެކުގައި ފެންނަ އިޝްތިހާރުގެ މަންޒަރުތަކެއް

ބޮލީވުޑް

ޝާހު ރުކް އާއި އާލިއާގެ 'ފިލްމީ' އިޝްތިހާރެއް

އެ ދެތަރިން އެކުގައި އަނެއްކާވެސް ސްކްރީނުން ފެނުމުން ބޮލީވުޑް ފޭނުން އަންނަނީ ސޯޝަލް މީޑިއާގައި އުފާފާޅުކުރަމުން
20 އޯގަސްޓު 2023

ޝާހު ރުކް ހާން އާއި އާލިއާ ބަޓްގެ ޖޯޑު ސްކްރީނަށް އެނބުރި އަތުވެއްޖެ އެވެ.

ފިލްމު 'ޑިއާ ޒިންދަގީ' އިން 2016 ގައި ފެނުނު ދެ ތަރިން އެކުގައި މިފަހަރު ކުޅުނީ އިޝްތިހާރެކެވެ.

ފޮތި ބްރޭންޑެއްގެ އެ އިޝްތިހާރުން ޝާހު ރުކް އާއި އާލިއާ ފެނިގެން ބޮލީވުޑް ފޭނުން އަންނަނީ ސޯޝަލް މީޑިއާގައި އުފާފާޅުކޮށް ޝުއޫރު ފާޅުކުރަމުންނެވެ.

އެއް ބަޔަކު މި ވީޑިއޯ ސިފަކުރަނީ ވަރަށް "ފިލްމީ" އިޝްތިހާރެއްގެ ގޮތުގަ އެވެ. އަދި މި އިޝްތިހާރުގައި ޝާހު ރުކް އުޅެނީ އޭނާ ކުޅެފައިވާ މަޝްހޫރު ޑޮންގެ ކެރެކްޓާއެކޭ އެއްގޮތަށް ކަަމަށް ވެސް ބައެއް މީހުން ދެކެ އެވެ.

އިޝްތިހާރު ފަށަނީ ކަޅުކުލައިގެ ސޫޓެއް ލައި ނަލަހެދިގެން ޝާހު ރުކް ގޭގެ ސިޓިން ރޫމުގައި ޕާޓީއަކަށް ތައްޔާރުވާން ހުއްޓާ، ދައުވަތުނުދޭ ބަޔަކު އައިސް ވަދެގަންނަ ހިސާބުންނެވެ. ފިލްމެއްގެ ބަތަލެއް ފަދައިން ޝާހު ރުކް އެ ގުންޑާއިންނާ ކުރިމަތިލައި ތަޅާލުމަކަށް ދެ އެވެ. ނަމަވެސް ވަކި ހިސާބަކުން އޭނާގެ ސަމާލުކަން ހުއްޓެނީ އެ ތަނުގައި ހުރި ސޯފާ އަށެވެ. ސޯފާ ހަޑިނުކުރުމަށް ގުންޑާއިން ގާތު އޭނާ ބުނެ އެވެ. އަދި އެ މީހުން ބޫޓާ އެކު ސޯފާ މައްޗަށް ކޮޅަށް އަރައި ފުންމަން ފެށުމުން އެކަން މަނާކުރުމަށް ވެސް މަސައްކަތްކުރެ އެވެ.

އާލިއާ ފެންނަނީ އެ ހިސާބުންނެވެ. އާލިއާ ޝާހު ރުކްގެ ވާހަކަ ހުއްޓުވައި، "ތި ކުރަނީ ކީއް"ހޭ ސުވާލުކުރެ އެވެ. ޖަވާބުގައި ޝާހު ރުކް ބުނަނީ ސޯފާ ރައްކާތެރިކުރަނީ ކަމަށެވެ. ނަމަވެސް އާލިއާގެ ރައްދަކީ ސޯފާގެ ރީތި ގޮދަޑިތަކަށް ރައްކާތެރިކަމެއް ބޭނުންނުވާ ކަމާއި އޭނާއަށް ނިކަން ފަސޭހައިން ސޯފާ ސާފުކޮށްލެވޭނެ ކަމެވެ. އަދި ޝާހު ރުކް ގުންޑާއިންގެ މައްސަލައާއިގެން އުޅުމަށް ނަސޭހަތްދެ އެވެ.

މި އިޝްތިހާރު ޑައިރެކްޓްކޮށްފައިވަނީ 'މޮނިކާ، އޯ މައި ޑާލިން'ގެ ޑައިރެކްޓަރު ވަސަން ބާލާ އެވެ.

ހަޔާތުގެ ގޮންޖެހުންތަކަކުން އަރައިގަންނަން މަސައްކަތްކުރާ ޒުވާން އަންހެނެއްގެ ރޯލުން އާލިއާ އަދި އޭނާއަށް އެހީތެރިވާ ތެރަޕިސްޓެއްގެ ގޮތުގައި ޝާހު ރުކް ފެނުނު 'ޑިއާ ޒިންދަގީ' ކްރިޓިކުންގެ ބޮޑު ތައުރީފެއް ހޯދި އެވެ.

އާލިއާ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނުނީ ރަންވީރް ސިންގްއާ އެކު 'ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ' އިންނެވެ. އަދި އޭނާގެ އަލަތު ހޮލީވުޑް ފިލްމު 'ހާޓް އޮފް ސްޓޯން' މިދިޔަ ހުކުރު ދުވަހު ނެޓްފްލިކްސް އިން ވަނީ ނެރެފަ އެވެ.

ބޮލީވުޑްގެ މި އަހަރުގެ އެންމެ ބޮޑު ބްލޮކްބަސްޓާ 'ޕާޓާން'ގެ ބަތަލު ޝާހު ރުކް ދެން ފެންނާނީ އޭނާ ޑަބަލް ރޯލު ކުޅެފައިވާ 'ޖަވާން' އިންނެވެ. އެ ފިލްމު 1 ސެޕްޓެމްބަރުގައި ރިލީޒްކުރާނެ އެވެ. ރާޖްކުމާރު ހިރާނީގެ 'ޑަންކީ' އަކީ ވެސް ޝާހު ރުކްގެ އަންނަން އޮތް ފިލްމެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް