ޝާހު ރުކް ހާން ޑޮންގެ ގޮތުގައި: ފްރެންޗައިޒްގެ ތިންވަނަ ފިލްމަށް އެހެން އެކްޓަރަކު ނަގާފައިވާކަން ޑައިރެކްޓަރު މިހާރު ވަނީ ޔަގީންކޮށްދީފައި
'ޑޮން 3' އުފެއްދުމުގެ އިޝާރާތެއްގެ ގޮތުން ފަރްހާން އަހްތަރް ޓީޒާއެއް ނެރެފި އެވެ. އަދި އޭނާ ވަނީ ޑޮންގެ ގޮތުގައި މި ސިލްސިލާގެ ކުރީ ދެ ފިލްމުން ފެނުނު ބަތަލު ޝާހު ރުކްގެ ބަދަލުގައި އާ ފިލްމުން ފެންނާނީ އެހެން އެކްޓަރެއްކަން ވެސް ޔަގީންކޮށްދީފަ އެވެ.
'ޑޮން'ގެ ތިންވަނަ ފިލްމު އިއުލާންކުރުމަށް ފަރްހާން ސޯޝަލް މީޑީއާގައި އާއްމުކުރި ކުޑަ ވީޑިއޯކޮޅާ އެކު އެއްވެސް ތަފްސީލެއް ނުދެ އެވެ. ވީޑިއޯއިން ހަމައެކަނި ދައްކަނީ ނަމްބަރު 3 އެޅިގެންދާ މަންޒަރެވެ. ނަމަވެސް އެ އެނިމޭޝަންގެ ފޮންޓާއި ޑިޒައިން 'ޑޮން' ސިލްސިލާއާ ވައްތަރުވެފައި، ބެކްގްރައުޑް މިއުޒިކް ހުރީ 'ޑޮން'ގެ ޓައިޓްލް ލަވަ 'މެއި ހޫނ ޑޮން'ގެ ރާގު އެކުލެވޭ ކަހަލަ ގޮތަކަށެވެ.
ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ ވީޑީއޯއިން ދައްކާލާ ލިޔުންކޮޅު، "އަ ނިއު އެރާ ބިގިންސް" އަށެވެ. އެއާއެކު މީހުން ވަނީ ތިންވަނަ ފިލްމުން ޝާހު ރުކް ނުފެންނަ ގޮތަށް ނިންމީތޯ އަހައި އެތައް ސުވާލެއް ކޮށްފަ އެވެ.
ކުރިންސުރެ ބައެއް ހަބަރުތައް ބުނާގޮތުގައި އާ ޑޮންގެ ރޯލު ރަންވީރް ސިންގަށް ވަނީ ދީފަ އެވެ.
ޓީޒާ ނެރުމާ ގުޅިގެން މީހުން ސުވާލުކުރަން ފެށިތާ ގަޑިއިރުތަކެއް ފަހުން ޓުވިޓާގައި ނެރުނު ތަފްސީލީ ބަޔާނެއްގައި ފަރްހާން ވަނީ އަމީތާބު ބައްޗަން އާއި ޝާހު ރުކް އަށް ފަހު ޑޮންގެ "ލެގަސީ" ކުރިއަށް ގެންދިޔުމަށް އެހެން އެކްޓަރަކު ހަމަޖެއްސިކަން އިއުލާންކޮށްފަ އެވެ. ނަމަވެސް އެއީ ކާކުކަމެއް ހާމައެއް ނުކުރެ އެވެ.
"އެއީ އެ މީހެއްގެ ހުނަރާއި ތަފާތު ރޯލުތައް ދައްކައިދިނުމުގެ ގާބިލްކަމަށްޓަކައި ދިގު މުއްދަތަކަށް އަހަރެންގެ އިހުތިރާމް ހޯދާފައިވާ އެކްޓަރެއް،" ތިންވަނަ ފިލްމުން ފެންނާނެ ތަރިއާ ބެހޭގޮތުން ފަރްހާން ހަމައެކަނި ބުނީ އެހެންނެވެ.
— Farhan Akhtar (@FarOutAkhtar) August 8, 2023
ޑޮންއަކީ ސަލީމް ހާން އާއި ޖާވިދު އަހްތަރް އުފެއްދި ކެރެކްޓާއެކެވެ. ޑޮންގެ ގޮތުގައި އެންމެ ފުރަތަމަ އަމީތާބު ފެނުނު 1978ގެ ފިލްމުގެ ޖާދޫގައި އެތައް ބަޔަކު ޖެއްސިތާ ޒަމާންގަނޑެއް ފަހުން 2006 ގައި ޝާހު ރުކް ޑޮންގެ އާ ވާހަކައަކަށް ދިރުން ގެނެސްދިނެވެ. އަދި 2011ގެ 'ޑޮން 2'ގެ ބަތަލަކީ ވެސް އޭނާ އެވެ. ޕްރިޔަންކާ ޗޯޕްރާ ވެސް ފެނުނު އެ ދެ ފިލްމު ވެސް ލިޔެ ޑައިރެކްޓްރީ ފަރްހާން އެވެ.
'ޑޮން 3' ނެރޭނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
ކޮމެންޓް (1)
ެެއެސް އާރު ކޭ