އިލްޔާސް ވަހީދުގެ 'ނީނާ' ޝޫޓް ކުރިތާ ދެ އަހަރަށް ފަހު ރޭ ވަނީ އޮލިމްޕަހުގައި އަޅުވާފައި
ނީނާ: ފޫހިކަމެއް ނެތި ބަލާލެވުނު މޮޅު އުފެއްދުމެއް
އިލްޔާސް ވަހީދު (އިއްލެ)ގެ 'ނީނާ' ފަަށައިގެން ނިމެންދެން ވެސް ފޫހިކަމެއް ނެތި ބަލާލެވުނެވެ. ތުރިލާއަކަށް ވެފައި، އެ ޖޮންރާގެ ފިލްމްތަކުން ޝައުގު ދަމައިގަނެ މުށް ބާރުކޮށްލައިގެން ދޫނުކޮށް ހުންނަ ބީދައިން، ރޭގައި އޮލިމްޕަހުގައި އިންދާ ޖެހުނީ ހަމަ އެކަހަލަ ހާލެކެވެ.
ޝޫޓްކުރިތާ ދެ އަހަރު ފަހުން ރިލީޒްކުރި 'ނީނާ'ގެ ބައެއް މަންޒަރުތަކުން ފިލްމަށް އޮތް ސަމާލުކަން ދޫވާން އުޅުނަސް، ވާހަކަ ކުރިއަރަމުން ގޮސް ނިމުނީ އަހަރެންގެ ޝައުގުވެރިކަން ބީވެގެން ނުގޮހެވެ.
ފުރަތަމައަށް، ވާހަކަ އެވެ. 'ނީނާ' ބޮޑު ސްކްރީންގައި އެޅުވުމުގެ ކުރިން، ފިލްމު ލިޔެ ޑައިރެކްޓަރު ކުރި އިލްޔާސް، ފިލްމު އުފެދުނު ގޮތާ ބެހޭގޮތުން ބުންޏެވެ: "ވަރަށް ގިނައިން އަޑުއިވެނީ އަދި ބަލާ ފިލްމަކުން ވިޔަސް ފެންނަނީ އަންހެނުންނަކީ ވަރަށް ފިނޑި، ވަރަށް ދަށް ބައެކޭ ކިޔާފައި ދައްކާ ވާހަކަ. އެހެންވެ ހިތަށް އެރީ ގަދަ އަންހެނަކާ ބެހޭގޮތުން ފިލްމެއް ހަދާލަން."
"އެކަމަކު، މީގައި އުޅެނީ އާދަޔާހިލާފަށް ގަދަ މީހެއް ނޫން. ރިއަލިސްޓިކްކޮށް މީގައި ގެނެސްދީފައި އޮންނާނީ، ގަދަ އަންހެނެއްގެ ވާހަކަ. ދެން ބަލާލީމަ އެނގޭނެ މިހެން މި ބުނީ ކީއްވެކަން."
މުޅި ފިލްމުހެން ދައުރުވަނީ، މިހާރު އެކަކަށް ވެސް ބީރައްޓެހި ނުވާނެ އަދި ގިނަ ބައެއްގެ ތައުރީފު ލިބެމުން އަންނަ ނުޒުހަތު ޝުއެއިބު ކުޅެފައިވާ ނީނާގެ ހަޔާތް ވަށަ އެވެ. ކުޑައިރުގައި ނީނާގެ ބައްޕަ އޭނާ ދޫކޮށް ދިއުމުގެ ހިތާމަޔާއި ރުޅި އާއި ބޮޑުވުމަށް ފަހުގައި ގޭތެރޭގައި ކުރާ ޒުވާބާއިި ގެވެށި އަނިޔާގެ ސަބަބުން ނީނާގެ މިޒާޖު ބައްޓަން ވެފައި އޮތީ އެކަނިވެރިކަމާއި ނައްސި އިހުސާސްތަކެއްގެ މައްޗަށެވެ. ނަތީޖާއެއްގެ ގޮތުން، އުފާވާނެ ކަމެއް، ހިނިތުންވެލާނެ ސަބަބެއް ނީނާގެ ހަޔާތުގައެއް، ފިލްމު ފެށި އިރަކު، ނެތެވެ.
ނުޒުހަތު ނީނާގެ ރޯލް އަދާކުރީ ފުރިހަމައަށެވެ. ފަށައިގެން ނިމެންދެން ވެސް، ނީނާގެ މިޒާޖާއި ޝަހުސިއްޔަތުގައި އަދި އެ ކަންކަން ދައްކައިދިނުމުގައި އައިބު ކަމެއް ފާހަގައެއް ނުވެ އެވެ. ރުޅިގަދަ، ގައްޑާ މީހެއްގެ ގޮތުގައި ފިލްމު ފެށި ނީނާގެ ވާހަކަ ފުޅާވެގެންދިޔަ އިރު ވެސް އޭނާގެ އަސްލު ޝަހުސިއްޔަތު ދެމިހުއްޓެވެ. މީހަކާ އިނދެގެން ލޯބީގެ ހަޔާތެއް ފެށުމުގެ ފަހުން ވެސް ނީނާގެ ހުރި ފަސްނުޖެހޭ މިޒާޖާއި ރުޅިގަދަކަމާއިި ގައްޑާކަމެއް ނުފިލަ އެވެ. އުފާވާނެ ސަބަބެއް ލިބުމަށް ފަހު، ނީނާގެ މޫނުމަތިން ކުރިން ފެންނަ ރުޅިގަނޑު ބަދަލުވީ އަބަދާއިއަބަދު ދަތްޕިލަ އަތަށް ލައިގެން އިންނަ މީހެއްގެ ބަދަލުގައި، ސީރިއަސް ނަމަވެސް އުފަލާއި ލޯބި އިހުސާސް ކުރަން ބީރައްޓެހި ނޫން މީހަކަށެވެ.
ފިލްމުގެ ލީޑްގައި ދެން އުޅެނީ ހަމްދު އެވެ. ހަމްދުގެ ބައި ކުޅުނު ޝަރަފް އަބްދުﷲގެ އެކްޓިން ވެސް ރަނގަޅެވެ. ވަރަށް ސަޅިއޭ ނުބުނެވެނީ އޭނާގެ ކެރެކްޓާގެ މަގުސަދާއި ޑައިލޮގްތަކުގެ ސަބަބުންނެވެ. އެއީ، އަހަރެންގެ ވިސްނުމުގައި، ހަމްދުގެ ކެރެކްޓާ ލިޔެފައި އޮތް ގޮތުން ކަމަށް ވެދާނެ އެވެ. ޖުމްލަކޮށް ފިލްމުގެ ވާހަކައިގައި އޭނާގެ ކެރެކްޓާގެ ފަރާތުން މާ ބޮޑު ނުފޫޒެއް ނެތީމަ އެެވެެ. ހަމައެހެންމެ، ހަމްދުގެ ކެރެކްޓާ އެންމެ ބޮޑަށް ރެލެވެންޓްވީ ވެސް ފިލްމުގެ މެދު ތެރެއިންނެވެ.
'ނީނާ'ގެ ކާސްޓްގައި ރާއްޖޭގެ ފުންނާބުއުސް ދެ އެކްޓްރެސުން ވެސް ހިމެނެ އެވެ. އެއީ މަރިޔަމް ޝަކީލާ އާއި މަރިޔަމް ރަޝީދާ އެވެ. އެ ދެ މީހުން ކުޅެނީ މައި ދެ ކެރެކްޓާގެ މައިންގެ ރޯލެވެ. ނީނާގެ މަންމަގެ ރޯލް ޝަކީލާ އަދާކުރި އިރު، ހަމްދުގެ މަންމަ ލަތީފާގެ ރޯލް އަދާކުރީ ރަޝީދާ އެވެ. ޖުމްލަކޮށް ދެ މީހުންގެ އެކްޓިންގައި ވެސް، އެމީހުން ކުޅޭ ރޯލާ ގުޅޭ އިހުސާސްތަކާއި މިޒާޖުތައް ގެނެސްދިނެވެ.
ޝަކީލާގެ މާ ގިނަ ސީންތަކެއް ފިލްމުގައި ނެތްއިރު، ރަޝީދާ ކުޅުނު ލަތީފާ ވެގެންދިޔައީ މުޅި ފިލްމުގައި ވެސް، ނީނާ ފިޔަވައި، އެންމެ މުހިއްމު އެކަކަށެވެ. ލަތީފާގެ ރޯލް އެހާމެ ސަޅި ވެގެން ދިޔަ އެއް ސަބަބަކީ ފަހުުން ނީނާގެ ހިތުގައި ރޯވި ބަދަލުހިފުމުގެ އަލިފާންގަނޑު، އާންމުގޮތެއްގައި އެކަހަލަ ފިލްމެއްގައި ފެނިދާނެހެން ފަނޑުކުރުމުގެ ބަދަލުގައި، ދަރުއަޅާ ބޮޑުކުރުމުންނެވެ. އެ ރޯލުގެ ޑައިލޮގުތައް ވެސް ރަޝީދާ ގެނެސްދިނީ އޯޑިއަންސްގެ އެންމެން ކަހަލަ ގޮތަކަށް ތައުރީފާއި ފޯރީގެ ބަސްބަސް ރައްދުކޮށްލި ބީދައަކުންނެވެ.
ފިލްމުގެ މައި ކާސްޓުގައި ދެން ހިމެނުނު ހަމްދޫން ފާރޫގްގެ ފަރާތުން ފެނިގެންދިޔައީ ފިލްމުގެ ނުބައިބައި މީހާ އަލްބޯގެ ރޯލެވެ. އޭނާގެ ކެރެކްޓާ ލިޔެފައި އޮތީ ވަރަށްވެސް ނުލަފާ، ރަހުމުކުޑަ މީހެއްގެ ގޮތުގަ އެވެ. އެ ބައި ހަމްދޫން ގެނެސްދިންލެއް ސަޅިިކަމުން އަސްލު ވެސް އޭނާ ދެކެ ރުޅި އާދެވުނެވެ.
ފިލްމުގެ ކުދިކުދި ރޯލުތަކުން ނަތާޝާ ޖަލީލް، އަލީ ޔޫޝައު، އަލީ އިނާޒް، ހުސައިން ޝިނާން، އިންރާހިމް ޝާއިފް، ހުސައިން ޝާމިހް، އައިޝާ އަލީ، އަދި އަހްމަދު ރަޝީދު ވެސް ފެނެ އެވެ.
ފިލްމުގެ ވާހަކައާ މެދު މާ ބޮޑު ޝަކުވާއެއް ނެތެވެ. އަހަރެންނަށް ހަމައެކަނި އެހާ ކަމުނުދިޔައީ ނީނާ އާއި ހަމްދުގެ ކައިވެނި ކުރަން އެއްބަސްވިލެއް އަވަސްކަމެވެ. އެކަން ފިޔަވައި، އެ ވާހަކައިން ކުރިފަޅައިގެން ގޮސް ނިމުނު އިރު ވެސް، ފޫހިނުވެ ބަލާލެވުނެވެ. ނީނާގެ ބަދަލުހިފުމުގެ މަރުހަލާ ދިވެހި ފިލްމަކުން އެ ގޮތަށް ފެނުމުންނެވެ. އެކަން ގެނެސްދީފައިވާ ގޮތް ޒަމާނީވެފައި ސަޅި އެވެ.
އިބްރާހިމް ވިސާންގެ (ކަނޑި) ސިނެމަޓޮގްރަފީ އާއި އޯކޭޒްގެ އެޑިޓިން ކޮލިޓީ ވެސް ފާހަގަކޮށްލެވެ އެވެ. ސިނެމެޓިކް ޝޮޓުތަކަކުން ލާމު އަތޮޅުގެ ނަލަކަން ފެނެ އެވެ.
ތަޅާފޮޅުން ދައްކައިދޭ ބައެއް އެކްޝަން ސީންތަކުގައި އެކްޓަރުން ކުޑަކޮށް ޖެހިލުންވާކަން ފާހަގަވި އެވެ.
ޖުމްލަކޮށް، އިލްޔާސް ވަހީދު ލިޔެ ޑައިރެކްޓްކޮށް އައިފިލްމްސްއިން ޕްރޮޑިއުސްކޮށްފައިވާ 'ނީނާ' ބަލާލަން ދާން ސަޅި އެވެ. މާ ފުން މާނަތަކެއް ހުރި ވާހަކައަކަށް ނުވިޔަސް، ފަސްނުޖެހޭ އަންހެނެއްގެ ވާހަކަ އެކެވެ.
ފިލްމު ނިމޭ ފަހުން ކުޑަކޮށް މަޑުކޮށްލާށެވެ. ރަވީ ފާރޫގް އާއި އައިޝަތު ރިޝްމީގެ ގެސްޓް ދައްކާލުމަކުން އުންމީދީ ހަަބަރެއް ގެނެސްދޭނެ އެވެ.