'ޖީ ލޭ ޒަރާ'ގެ ޑައިރެކްޓަރު ފަރްހާން އަހްތަރް (ކ) އަދި ލީޑް ރޯލް ކުޅޭނެ ކަމަށް އިއުލާންކޮށްފައިވާ ތިން ތަރިން

ޕްރިޔަންކާ، އާލިއާ އަދި ކެޓްރީނާގެ 'ޖީ ލޭ ޒަރާ' ހައްތަހާ ލަސްވަނީ

ހަބަރުތައް ބުނާގޮތުގައި އެ ފިލްމުގެ ޑައިރެކްޓަރު ފަރްހާން އަހްތަރު މިހާރު އުޅެނީ އާމިރު ހާން ޕްރޮޑިއުސްކުރާ ފިލްމެއް ކުޅެން
24 ޖޫން 2023

ފަރްހާން އަހްތަރު 12 އަހަރުގެ މެދުކެނޑުމަކަށް ފަހު ޑައިރެކްޓްކުރަން އުޅޭ ފުރަތަމަ ފިލްމު 'ޖީ ލޭ ޒަރާ'ގެ މަސައްކަތް ހިނގައިގަންނަ ގޮތެއް ނުވެ އެވެ. 

އާލިއާ ބަޓް އާއި ޕްރިޔަންކާ ޗޯޕްރާ އަދި ކެޓްރީނާ ކައިފް ކުޅެން ހަމަޖެހިފައިވާ މި ފިލްމު މިދިޔަ އަހަރު ވަނީ އާލިއާ ބަލިވެއިނުމާ ގުޅިގެން ފަސްކޮށްފަ އެވެ. އޭގެ ފަހުން އެ ތިން ތަރިން އެހެން މަސައްކަތްތަކުގައި އަވަދިނެތި އުޅެމުންދާ އިރު، ރިޕޯޓްތައް ބުނާ ގޮތުގައި، މިހާރު ފަރްހާން ވެސް ވަނީ އެހެން ކަމަކަށް ސަމާލުކަން ދޭން ގަސްދުކޮށްފަ އެވެ. އެއީ އެކްޓިންއަށް އެނބުރި ދިޔުމެވެ.

ޕިންކްވިލާގެ ހަބަރެއްގައި ބުނެފައިވާ ގޮތުގައި ފަރްހާން މިހާރު އަންނަނީ އާމިރް ހާންގެ ކުންފުނިން ޕްރޮޑިއުސްކުރާ ފިލްމެއް ކުޅުމަށް އާމިރުއާ ވާހަކަދައްކަމުންނެވެ. އެއީ ސްޕެނިޝް ފިލްމު 'ކަމްޕެއޯނެސް'ގެ ރީމޭކެވެ.

އެ ފިލްމުގެ ލީޑް ރޯލަށް ސަލްމާން ހާން ނަގަން އާމިރު ކުރިން ވިސްނި ނަމަވެސް ތާރީހު ފުށުއަރާތީ ސަލްމާންގެ ބަދަލުގައި ފަރްހާންއާ ވާހަކަދައްކަން އާމިރު ނިންމީ ކަމަށް ވެ އެވެ. ފަރްހާން އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި ނަމަވެސް އަދި ވަކި ގޮތެއް ނިމިފައިނުވާ ކަމަށް ޕިންކްވިލާއިން ބުންޏެވެ.

ފަރްހާންއަކީ ސައިފް އަލީ ހާން އާއި އަކްޝޭ ކަންނާއާ އެކު އާމިރު ކުޅުނު ބްލޮކްބަސްޓާ ރޮމޭންޓިކް ކޮމެޑީ 'ދިލް ޗާހްތާ ހޭ'ގެ ޑައިރެކްޓަރެވެ.

ޕިންކްވިލާއިން ބުނީ 'ކަމްޕެއޯނެސް' ކުޅުމަށް ފަހު ފަރްހާން ޑައިރެކްޝަން އަށް އެނބުރި ދާނެ ކަމަށާއި އެކަމަކު އޭނާ 'ޖީ ލޭ ޒަރާ'ގެ މަސައްކަތް ފެށުމަށް ވުރެ ގާތީ އޭނާގެ މަޝްހޫރު އެކްޝަން ތުރިލާ ފްރެންޗައިޒްގެ ތިންވަނަ ފިލްމު 'ޑޮން 3' ޑައިރެކްޓްކުރުން ކަމަށެވެ. 'ޑޮން'ގެ ފުރަތަމަ ދެ ފިލްމު ކުޅުނު ޝާހު ރުކް ހާންގެ ބަދަލުގައި ތިންވަނަ ފިލްމުން ފެންނާނީ ރަންވީރު ސިންގް ކަމަށް އަޑުއަރާފައިވެ އެވެ.

ޕިންކްވިލާއިން ބުނިގޮތުގައި 'ޖީ ލޭ ޒަރާ'އާ މެދު ގޮތެއް ނިންމާނީ ލީޑް ރޯލުތައް ކުޅޭ ތިން ތަރިންނަށް އެއްފަހަރާ ވަގުތު ލިބޭ ތާރީހެއް އެނގުމުންނެވެ. ކާސްޓިންއަށް ބަދަލެއް ގެނައުން ވެސް އެކަށީގެންވާ ކަމަށް އެ ހަބަރުގައިވެ އެވެ.

ތިން ރަހުމަތްތެރިންގެ ރޯޑް ޓްރިޕެއްގެ ގޮތުގައި 'ޖީ ލޭ ޒަރާ' އިއުލާންކުރީ 2001 ގައި ރިލީޒްކުރި ފަރްހާންގެ އަލަތު ޑައިރެކްޝަން 'ދިލް ޗާހް ތާ ހޭ' އަށް 20 އަހަރު ފުރުމާ ދިމާކޮށެވެ. 'ޖީ ލޭ ޒަރާ' ލިޔަނީ ޒޯޔާ އަހްތަރް އާއި ފަރްހާން އަދި ރީމާ ކަގްތީ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް